ދަރީންގެ މެދުގައި ހަމަހަމަ ކުރުން!

މާލެއަކީ ދުނިޔޭގައި ބިމުގެގޮތުން އެންމެ ބޮޑަށް ތޮއްޖެހިފައިވާ ވެރިކަންކުރާ ރަށެވެ. އެހެންކަމުން، މިމާލޭގައި ޢާއިލާތައް އުޅެނީ ކުޑަކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިންހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއްގެއެއްގައި އުޅުމަކީ އާންމުކަމެކެވެ.

ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ތަފާތު ގިނަގުނަ މައްސަލަތަކެއް ފެންމަތިވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަރީންގެ މެދުގައި ތަފާތު ކުރުމެވެ. ނޭނގި ނަމަވެސް އެއްދަރިއަކަށް ނުވަތަ ދަރީންތަކަކަށް އިސްކަންދެވުމެވެ. މިއީ ހަޤީޤަތުގައި ވަރަށްބޮޑު މައްސަލައެކެވެ. އެހެނީ، އެއްބެއެއްގެ ހިތް އަނެއްބެއެއްގެ މައްޗަށް ކިނލަބުވެގެންދާކަމެކެވެ. ނަމަވެސް، ޢާއިލީ ގުޅުމަށް ބަލާފައި އެކަން ފާޅުނުކޮށްފާނެއެވެ. އެކަމުގެ ސަބަބުން އެދަރިފުޅު އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކޮށްފާނެއެވެ. މަންމަ ނުވަތަ ބައްޕަ ވަކިދަރިފުޅަކަށް މާބޮޑު އިސްކަމެއްދެނީ، ދެންތިބި ދަރީން ގޯސްވީމަކަމަށް އެކުދިންނަށް އިޙްސާސްކުރެވެން ފަށާނެއެވެ. އަދި މަންމަގެ ނުވަތަ ބައްޕަގެ ތަފާތު ކުރުމުގެ ސަބަބުން އެއްކުއްޖަކު އަނެއްކުއްޖެއްގެ މައްޗަށް ހިތްކިލަނބުވާ ގޮތްވެދެއެވެ. އަދި ހަސަދައާއި ނަފުރަތުގެ ހުޅުގަނޑު ކުދިންގެ މެދުގައި އަނދަންފަށައެވެ.

ލޯތްބަކީ ހިތުގައި އުފެދޭ ޝުޢޫރެކެވެ. އެޝުޢޫރު އުފެދޭނީ އެކިމީހުންގެ މައްޗަށް އެކިވަރަށެވެ. ސަބަބުތައް ހުރެދާނެއެވެ. ވުމާއެކު، ވަކިދަރިފުޅަކަށް މައިންބަފައިން މާބޮޑަށް ލޯބިވެދާނެއެވެ. މިއީ މައްސަލައެއްނޫނެވެ. ނަމަވެސް، މައްސަލައަކަށްވާނީ، އެލޯބީގެ ސަބަބުން، މައިންބަފައިން، ދަރީންގެ މެދުގައިި، މުޢާމަލާތްކުރުމުގައި ތަފާތުތަކެއް ގެންގުޅެން ފެށުމުންނެވެ. އެލޯބީގެ ސަބަބުން މައިންބަފައިން ވަކިދަރިއަކަށް މާގިނަ ވަޤުތު ދިނުމެވެ. މިއީ އިސްލާމްދީން ކަނޑައެޅިގެން މަނާކުރާކަމެކެވެ. ތިމާ ވަކިކުއްޖެއްދެކެ މާބޮޑަށް ލޯބިވާކަން، އެހެންކުދިންނަށް އިޙްސާސްވިޔަ ދީގެންނުވާނެއެވެ. މުޢާމަލާތްކުރުމުގައި ހަމަހަމަކުރަންވާނެއެވެ. އަދަބު އެއްކުއްޖެއްކައިރީގައި ވަޤުތުހޭދަކޮށްގެންނުވާނެއެވެ. އަބަދު އެއްކުއްޖަކަށް ކަންތައް ކޮށްދީގެންނުވާނެއެވެ. އެހެން ކުދިންނަށްވެސް ސަމާލުކަންދޭންވާނެއެވެ. އެހެންކުދިންގެ ކޮޓަރިއަށްވެސް ޒިޔާރަތްކުރަންވާނެއެވެ. ހަމަހަމަ ގޮތެއްގައެވެ.

މަންމަގެ ވަކިންޚާއްޞަ ރަންދަރިއެއް ނުވަތަ މާމަގެ ވަކިންޚާއްޞަ ރަންމާމަ ދަރިއެއް ހުރުމުގެ ސަބަބުން، ހިތްހަމަނުޖެހުމާއި، ޢާއިލީގުޅުމަށް ބުރޫއެރުމަކީ ވަރަށް ގާތުގައިވާކަމެކެވެ. ގިނަފަހަރަށް މިކަހަލަ ރަންދަރީންނަށް ވިސްނިފައި އޮންނަނީ، މަންމަގެ ނުވަތަ ބައްޕަގެ މައްޗަށް ތިމަންގެ ހައްޤު މާބޮޑުވާނެ ކަމަށެވެ. ނަމަވެސް ހައްޤަކީ އިސްލާމްދީނުގައި ކޮންމެދަރިއަކަށްވެސް އެއްވަރަކަށް ދީފައިވާ އެއްޗެކެވެ. ތަފާތަކީ ޢުމުރުގެ ތަފާތާހެދި އަންނަ އެއްޗެކެވެ. މިސާލަކަށް، ފަނަރައަހަރުގެ ދަރިފުޅަށް ގަނެދޭ ބޫޓުގެ އަގު ތުއްތުކުއްޖަކަށް ގަނެދޭ ބޫޓުގެ އަގަށްވުރެ މާބޮޑުތަންވެސް އަގުބޮޑު ވެދާނެއެވެ. މިއީ އެކަން އޮންނަން ޖެހޭގޮތެވެ. ނަމަވެސް، ދެކުދިންގެ ފެންވަރުން، ބޫޓު ދިނުމަކީ ވާޖިބެކެވެ. ދެކުދިންގެވެސް ހައްޤެކެވެ. އެކަކަށްދީފައި އަނެކަކަށްނުދީ ހުރެގެންނުވާނެއެވެ.

ދަރިންނަކީ ޢަމާނާތެކެވެ. އެމީހުންގެ މެދުގައި ހަމަހަމަކުރަން ޖެހޭނެއެވެ. ނޭދެވޭ އެތައްކަމަކުން ސަލާމަތްވާނެއެވެ. ޢާއިލާއަށް ހަމަޖެހުންގެނުވައިދޭނެކަމެކެވެ. ހުރިހާކުދިންގެ ހިތުގައި މައިންބަފައިންނަށް އޮންނަލޯތްބާއި އިހްތިރާމް ދެމިއޮންނާނެއެވެ. ހުރިހާކުދިންނަކީވެސް، މައިންބަފައިންގެ ގާތުގައި، މުހިންމު ކުދިންކަމުގައި، އެކުދިންނަށް ޤަބޫލުކުރެވޭނެއެވެ.

ދަރިންގެ މައްޗަށްވެސް ހައްޤުތަކެއްވެއެވެ. ދަރިންގެ ހައްޤުތައް ދަރިން ބަރާބަރަށް އަދާކުރަންޖެހޭނެއެވެ. މައިންބަފައިންގެ ފަރާތުން ފެންނަ ތަފާތުކުރުމަކީ، އެއްގޮތަކަށްވެސް، ތިމަންގެ މައްޗަށްވާ ހައްޤު ނަފީވެގެންދާނޭ ކަމެއްނޫނެވެ. އިޙްތިރާމާއި ޤަދަރު އެބައިމީހުންނަށް އަބަދުވެސް ކުރަންވާނެއެވެ.

(ނޯޓު: 2010 ގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. މިމަޒުމޫނުވަނީ އޭރުގެ ބައެއްވެބްސައިޓުތަކުގައިވެސް ޝާއިޢުކުރެވިފައެވެ.)

ޚިޔާލު ފައުޅުކުރުން