އަހަންނާ ކައިރި ނުވޭ! އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެއް!

މި ރާއްޖެއިން ހަފްތާ ބަންދު ހޭދަކޮށްލަން އަވަށްޓެރި ސްރީލަންކާއި ބެންކޮކާއި އަދިވެސް މިނޫން މިފަދަ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު މަދެއްނޫނެވެ. ތެދެކެވެ. ހިތްހަމަ ޖައްސާލަން ދަތުރުކުރުމަކީ ގޯސްކަމެއް ނޫނެވެ.

ނަމަވެސް، ގިނަ ޢަދަދެއްގެ މީހުން މިކަން ކޮށްއުޅެނީ މާތްﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަތުމުގެ ޢީދެއްގެ ގޮތުންނެވެ. މިރާއްޖެއިން މިބައިމީހުންގެ މުޑުދާރު ޝަހުވާނީ އެދުންތަކަށް ހިތްއެދޭވަރުގެ ފުރުޞަތްތަކެއް ލިބެން ނޯންނާތީއެވެ. ބައެއްފަހަރު އަނބިމީހާއަށް ފަޅާއަރާފާނެތީއެވެ. އެހެންކަމުން، އަތުނުޖެހޭ ހިސާބަކަށް ދަނީއެވެ. އެގޮތުން މިޤައުމުތަކަށް ގޮސް ނައިޓްކުލަބްތަކަށްދެއެވެ. ޑިސްކޯޑީޖޭފަދަ ތަންތަނުގައި އެމީހުންގެ އަބުރު ވެއްޔާ މޮޑެލައެވެ. އަދި ކަސްބީ އަންހެނުން ގޮވައިގެން، ރާބޮއެ، އެނދު ދާންމަތިތައް މުޑުދާރުކުރެއެވެ.

އެހެންކަމުން، މިލިޔުމުގެ މަޤްސަދަކީ، މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރާ މީހުންނަށް އިންޒާރުކުރުމެވެ. ކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ހަޤީޤީ ޢިބްރަތްތެރި ވާހަކައެއްގެ ޒަރީއާއިންނެވެ.

*******************

މި ވާހަކައަކީ ސަޢޫދީ ޢަރަބިޔާގެ ވަރަށް މަޝްހޫރު ޝެއިޚެއްކަމުގައިވާ، އައްޝެއިޚް މުޙައްމަދު އަލްޢަރީފީ ވިދާޅުވެފައިވާ ވާހަކައެކެވެ. އެބޭފުޅާގެ މުޚާޞަރާއެއްގައެވެ.

” އެއްދުވަހަކު އަޅުގަނޑުގެ ދަރުސެއް ނިމުނުތަނާހެން ޒުވާން ފިރިހެން ކުއްޖެއް ތެދުވެ، އޭނާއަށް ކުރިމަތިވި ވަރަށް ޢިބްރަތްތެރި ވާހަކައެއް ކިޔާދޭން ފެށިއެވެ.

އެ ޒުވާނާ ކިޔައިދިނެވެ. ތިމަންނައަކީ މާދީންވެރި ކުއްޖެއްނޫނެވެ. ނަމަވެސް، މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް އަރައިގަތުމަށް އަބަދުވެސް ތިމަންނާ ބިރުގަނެއެވެ. އެއްދުވަހަކު ތިމަންނަގެ އެކުވެރިން، އަވަށްޓެރި ޤައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ނިންމިއެވެ. ތިމަންނަވެސް އެމީހުންނާއެކު ދާން އެއްބަސްވީމެވެ.

މި ދަތުރުގައި ތިމަންނަގެ ރައްޓެހީން ވަރަށް ބޮޑަށް މަޖާނަގާ ހެދިއެވެ. ޙަރާމެއް ޙަލާލެއް ނުބަލައެވެ. އެގޮތުން، މިބައިމީހުން ކުރާ މިފަދަ ބޮޑެތި ޖަރީމާތަކުގައި ތިމަންނަށްވެސް ބައިވެރިކުރަން ވަރަށް މައްސަކަތްކުރިއެވެ. ނަމަވެސް، ތިމަންނަ އެކަންކަމުގައި ބައިވެރިނުވަމުއެވެ.

އާދަކާދައިގެމަތިން، އެއްރެޔަކު ތިމަންނަގެ އެކުވެރިން ބޭރަށް ދިޔައެވެ. މިބައިމީހުން ބޭރަށް ދިޔުމާއެކު ތިމަންނަ ހުންނަ ކޮޓަރިޔަށް ވަދެ ތަޅުލީމެވެ. އިރުކޮޅަކުން، މިބައިމީހުން އެނބުރިއަތުވެއްޖެއެވެ. ކަސްބީ އަންހެނުންތަކެއް ގޮވައިގެންނެވެ. މިބައިމީހުންގެ ހީސަމާސާކުގެ އަޑު ވަރަށް ބާރަށް ކޮޓަރިއަށް އިވެމުންދިޔައެވެ. މިބައިމީހުން ތިމަންނަ އެމަޅީގައި ޖައްސަން އުޅޭނެކަން ރަނގަޅަށް ދަނެހުރީމެވެ. އެހެންކަމުން، ކޮޓަރީގެ ތަޅުލުމަށްފަހު، ދޮރުނުހުޅުމަށް ޢަޒުމުކަނޑައެޅީމެވެ. އިރުކޮޅަކުން މި މީހުން ދޮރުގައި ތަޅަން ފެށިއެވެ. ހުޅުވުމަށްއެދި ގޮވަން ފެށިއެވެ. ތިމަންނަ ދޮރެއް ނުހުޅުވާނަމޭ ތަކުރާރުކޮށް ބުނަމުން ދިޔައީމެވެ. ނަމަވެސް، ދެން އެމީހުން ބުނަން ފެށީ، ކޮޓަރީގަ އޮތް މޯބައިލް ޗާޖަރު ދިއްކޮށްލަބަލާށެވެ. އެހެންކަމުން، އޭތި ދިނުމަށް ދޮރުހުޅުވީމެވެ. ހަމައެހިނދު، އެމީހުން އެތަނުން ކަސްބީ އަންހެނެއް ކޮޓަރި ތެރެއަށް ވެއްދިއެވެ. އަދި ބޭރުން ކޮޓަރީގެ ދޮރުތަޅުލާ ބަންދުކުރިއެވެ. އެހެންކަމުން، ކޮޓަރިތެރޭގައި ތިމަންނަ މިއަންހެނާއެކު ތާށިވީއެވެ. ނުކުމެވޭނެ ގޮތެއްނެތެވެ. ތިމަންނަ އެމީހުން ކައިރީގައި ދޮރުހުޅުވުމަށްއެދި އާދޭސްކުރީމެވެ.

ދެން މިކަސްބީ އަންހެނާ، އަޅުގަނޑު ގާތުގައި ހަޑިމުޑުދާރު ޢަމަލުހިންގަން އެދެމުންދިޔައެވެ. ޒުވާނަކަށްވުމުން، ޒުވާންކަމުގެ ޖޯޝުހުރުމުން، ތިމަންނަގެ ހިތަށްވެސް ޝައިޠާނާ ދިޔައީ ތަފާތު ވަސްވާސްތައް ވައްދަމުންނެވެ. އެއަންހެނާގެ ގޮވާލުމަށް އިޖާބަދިނުމަށް ހިތްއެދެންފެށިއެވެ. ނަމަވެސް، ﷲ ގެ ޢަޒާބަށް ބިރުވެތިވީމެވެ. އެކަސްބީ އަންހެނާ ގާތުގައި ތިމަންނައާ ކައިރި ނުވުމަށް އިންޒާރުކުރީމެވެ. ހިތާހިތުން ﷲގެ ޙަޟްރަތުން މިޝައިޠާނީ ވަސްވާސްތަކުން ރައްކާތެރިކަމަށް އެދެން ފެށީމެވެ. ނަމަވެސް، މިކަސްބީ އަންހެނާގެ ހިތަށް އެއްވެސް އެއްޗެއް އަރާކަމަކަށް ނުވިއެވެ. އެންމެ ފަހުން، ދޮގެއްހަދައިގެން ވިޔަސް، މި އަންހެނާގެ ވަކިތަކުން ސަލާމަތްވެވޭތޯ ބެލީމެވެ. އެގޮތުން އޭނަޔާ ދިމާލަށް ބުނީމެވެ. “އަހަންނާ ދުރަށް ދޭ! އަހަރެން މިހިރީ އެއިޑްސް ޖެހިފައެވެ”.

ނަމަވެސް، މިއަންހެނާއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. ތިމަންނަ އެކަމާ ހައިރާންވިއެވެ. އަނެއްކާވެސް ތިމަންނަ ތަންކޮޅެއް ހަރުކަށި ރާގެއްގައި ބުނީމެވެ. “އަހަންނަކީ އެއިޑްސް ޖެހިފައިވާ މީހެކެވެ. ކަލެއަށް އެއިޑްސް އެއީ ކޯންޗެއްކަން އެނގޭ ހެއްޔެވެ؟”. އޭނަ ވަރަށް ހަމަޖެހިލައިފަ އަހާލިއެވެ. ” ކަލެއަށް އެއިޑްސް ޖެހުނުތާ ކިތައް އަހަރުވެއްޖެ ހެއްޔެވެ؟”. ތިމަންނަ ބުނީމެވެ. އެއިޑްސްގެ އެންމެ ފަހުމަރުހަލާގައެވެ. އެނާ ބުންޏެވެ. ” ހާސްނުވާށެވެ. އަހަރެންނަކީވެސް އެއިޑްސް ޖެހިފައިވާ މީހަކީމެވެ. މިހާރު އެބަލި ޖެހުނުތާ ދެއަހަރުވެދާނެއެވެ.”

ހަމައެހިނދު މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއި ކަށަކުޅަދުންވަންތަކަން ތިމަންނަގެ ހިތަށް އެރިއެވެ. އެއިލާހު ތިމަންނައަށް މިކުރިމަތި ކުރެއްވީ ވަރަށްވެސް ބޮޑު އިމްތިޙާނެއްކަން ކަށަވަރުވިއެވެ. ތިމަންނައަށް އެހަޑިމުޑުދާރު ފާޙިޝްކަމަށް އަރައިގަނެވުނުނަމަ، ތިމަންނައަށް ދެދުނިޔޭގެ އަޒާބުވެސް ލިބުނީހެވެ. ތިމަންނަ އެފާހިޝްކަންތައް ކުރަން މާތްﷲ އަށް ލަދުވެތިވެ ބިރުވެތިވުމުގެ ސަބަބުން، މާތްﷲ ތިމަންނައަށް ދެދުނިޔޭގެ ރައްކާތެރިކަން ދެއްވިއެވެ.

ދެން ހަމަވަޤުތުން، ތިމަންނަގެ އެކުވެރީންނަށް، މީނާ މިއީ އެއިޑްސް ޖެހިފައިވާ އަންހެނެކޭ ކިޔައިގޮވަންފެށީމެވެ. އެމީހުން އެއަޑު އިވުމުން އަވަސްއަވަހަށް ދޮރު ހުޅުވިއެވެ. ކަންދިމާވިގޮތް ކިޔައިދިނުމުން އެމީހުންވެސް އެހުރިހައި ކަސްބީން އެގެއިން ބޭރުކުރިއެވެ.

**************

މިއީ ހަޤީޤީ ހާދިސާއެކެވެ. މާތްﷲ އިންސާނާ އިމްތިޙާނުކުރައްވާނެ ގަޑިއެއް އެކަކަށްވެސް ނޭނގޭނެއެވެ. އެ އިމްތިޙާނުން ފޭލުވެއްޖެނަމަ މުޅި އުމުރަށް އެ ކުރެވުނު ކަންތަކަށް ހިތާމަކުރަން ޖެހިދާނެއެވެ. އެހެންކަމުން، މިފަދަ ފާޙިޝް ޢަމަލުތައް ހިންގައި “މަޖާކުރުމަށްދާ” މީހުންނަށް ގޮވައިލަމެވެ. މާތް ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކަށް ބިރުވެތިވާށެވެ. އެއިލާހުގެ ކޯފާއަކަށް ބިރުވެތިވާށެވެ. ވަޤުތީ ލައްޒަތުގެގޮތުގައި، ދާއިމީ ބޮޑު ޢަޒާބެއް އައިސްދާނެއެވެ. ތިކަން ހަމަ ވަޤުތުން ހުއްޓާލާށެވެ. ތައުބާވާށެވެ. ﷲގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. މާތް ﷲ ގެ ރަޙްމަތުގެ ދޮރުތައްވަނީ ހުޅުވާލެވިފައެވެ. އެދޮރުން ވަންނާށެވެ. ފުއްސެވުމާއި ރުއްސެވުން ލިބިގަންނާށެވެ.

(ނޯޓް: މިއީ 2010 ވަނަ އަޅުގަނޑު ލިޔެފައިވާ މަޒުމޫނެކެވެ. ތަފާތު މަޖައްލާތަކާއި ވެބްސައިޓުތަކުގައި މި މަޒުމޫނު ޝާއިޢުކުރެވިފައިވާނެއެވެ. ވާހަކަ ލިޔުމުގައި ކުޑަކުޑަ އުނިއިތުރުކަމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ވާހަކާއިގެ މައިގަނޑާއި ޙާދިޡާތައް އެވަނީ ޝައިޚް ކިޔާދެއްވިގޮތަށް ބަދަލެއް ނުގެނެސް ގެނެސްދީފައެވެ).

ޚިޔާލު ފައުޅުކުރުން