އިސްލާމީ ޝަރީޢަތް ޤާއިމުކުރުމާ ބެހޭގޮތުން އުސްތާޛުލްޖީލު މުޙައްމަދު ޖަމީލުދީދީގެ ބަސްފުޅެއް (މަޖިލީސް މެމްބަރުންނަށް ޚާއްޞަ)…

ދިވެހިރާއްޖެ އަކީ އެއްދުވަސްވަރެއްގައި ވަރަށް އޯގާތެރި އެކަކު އަނެއްކަކަށް އިޙްތިރާމާއި ކުލުނާއެކު ދިރިއުޅެމުން އައި ރައްޔިތުންތަކެއް އުޅުނު ދީބެކެވެ. ވައްކަމާއި ފޭރުމާއި މާރާމާރީއަކީ ދިވެހިންނާ ވަރަށް ބީރަށްޓެހި ކަންކަމެވެ.

ނަމަވެސް ޒަމާނުގެ ޞަފުޙާތައް ފުރޮޅެމުން އައިސް އެ ރީތި އަމާން އޮމާން ދިވެހިރާއްޖެ ފެންނާން އޮތީ ތާރީޚުގެ ފަތްފުށްތަކުން އެކަންޏެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ކަޅު ވިލާތަކުން މި ދީބުވަނީ ބަނަވެފައެވެ. ވައްކަމާއި ފޭރުމާއި މާރާމާރީއާއި ޤަތުލު ޢާންމު ގިނަވެއްޖެއެވެ. އަމަން އަމާންކަން ވަނީ ގެއްލިފައެވެ.

އިސްވެ ދެންނެވިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައެވެ. ޤާނޫނު ހަދާ މަޖިލީސްވަނީ ކޯޅުމެއްގެ ތެރޭގައެވެ. ޝަރުޢީ ދާއިރާ އޮތީ ފުންމިން ނޭނގޭ ވަޅުގަނޑެއްގައެވެ.

ހަނދާނަށް އަންނަނީ، މިދިޔަ އަހަރު (2011 މާރިޗު) ގައި މާފުކޮށްދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނަށް މެމްބަރަކު ހުށަހެޅި އިސްލާހުގެ ވާހަކައެވެ. މަރަށް މަރުގެ އަދަބު ދިނުމަށް ހުށައެޅުނު އިސްލާހެވެ.

ދިވެހި ރައްޔިތުން ތިބީ އެބައިމީހުންގެ މުޖުތަމަޢުގައި ނުރައްކާތެރި ޖަރީމާތައް ހިންގާ މީހުންނަށް އެކަށީގެންވާ އަދަބުތަކެއް މަޖިލީހުގެ މެންބަރުން ފާސްކޮށްދެއްވާނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ޚިޔާލަށްވެސް ނުގެނެވޭހާ ދުރުންނެވެ. ﷲ ގެ ޝަރީޢަތުގެ ޙުކުމްތަކާއި ޙައްދުތަކަށް ޞަރީޙަ ބަހުން މަޖިލީހުގެ މެންބަރުންގެ ތެރެއިން، މަދު މެންބަރުން ކޮޅެއް މެނުވީ، ހަމަ އެންމެންހެން ދަނީ ގޮން ޖައްސަވާ ދެކޮޅު ހެއްދެވިއެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ތަފާތު އެތަކެއް ބަހަނާއެއް ދެއްކެވިއެވެ. އެއްބަޔަކު، ޝަރުޢީ ދާއިރާ ނިކަމެތި ކަމުން ކަމަށް ބުނަމުންދެއެވެ. އަނެއް ބަޔަކު، ޒަމާނާ ނުގުޅޭ ކަމެއް ކަމަށް ބުނަމުންދެއެވެ. އަނެއް ބަޔަކު، އަދި މާ އަވަހީކަމަށް ބުނަމުންދެއެވެ. އެންމެ ފަހުން، އިޞްލާޙު ހުށަހެޅި މެންބަރުވަނީ ތިން ގަޑި އިރުގެ ބަހުސް ނިމުމާއެކު އިޞްލާޙު އަނބުރާ ގެންދަވާފައެވެ.

މަޖިލީހުގެ މެންބަރުން އެކަމާ ދެކޮޅު ހެދިފަހުން، މާ ގިނަ ދުވަސްތަކެއް ނުވަނީސް، އަނެއްކާވެސް ޒުވާނަކަށް ވަނީ ވަޅިން ހަމަލާދީ ފޮތިފޮތިކޮށްލާފައެވެ. އަދި އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވަނީ އެކަހަލަ ކިތަންމެ މަރެއް އަޅުގަނޑުމެންގެ ދީބު ދެކެފައެވެ.

އަޅުގަނޑަށް އެންމެ ހައިރާންކަމެއް ލިބުނީ، އޮންލައިން ނޫސްތަކަށް ޙިޔާލު ހުށަހަޅުއްވާފައިވާ ހުރިހާ ކިޔުންތެރީންވެސް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޤިޞާޞް ހިފުމަށް ތާއީދުކުރައްވާފައިވާތީއެވެ. އެހެންކަމުން ދިވެހި ރައްޔިތުން ތިބީ ﷲ ގެ ޝަރީޢަތް މިދީބުގައި ތަންފީޛުވެގެންދާތަން ދެކެން ކެތްމަދުވެފައިކަމަށް ޤަބޫލުކުރެވެއެވެ. އެބައިމީހުންގެ މުޖުތަމަޢުތައް ނުރައްކާތެރި ބޮޑެތި ޖަރީމާތަކުން ސަލާމަތްވާނެ ދުވަހަކަށް އެދިއެދިއެވެ. ހައްލަކީ ހަމައެކަނި އިސްލާމީ ޝަރީޢަތްކަމަށް އެންމެނަށް ޤަބޫލުކުރެވެން ފަށައިފިއެވެ. ނަމަވެސް، މިކަމަށް އެކިއެކި ބަހަނާ ދައްކަމުން ދެކޮޅު ހަދަމުން ދަނީ ރައްޔިތުންގެ މަޖިލީސް އެކަންޏޭވެސް ބުނެވިދާނެއެވެ.

މިހާ ހިސާބުން، މިލިޔުމުގައި ބަލާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އުސްތާޛުލް ޖީލު އޮނަރަބަލް އަލްއުސްތާޛު މުޙަންމަދު ޖަމީދުދީދީގެ ބައެއް ބަސްފުޅުތަކަށެވެ. މަރަށް މަރުގެ ޢުޤޫބާތު ދިނުމުގެ ވާހަކަކޮޅެއް ނޫނެވެ. ނަމަވެސް، ޝަރީޢަތް ހިންގުމުގެ މުހިންމުކަމާއި ވައްކަން ކުރާ މީހުންގެ ޙައްދުގެ ވާހަކަ ކޮޅެކެވެ. މައުޟޫޢާ މުނާސަބުކަމަށް އަޅުގަނޑަށް ފެންނާތީ ނަޤަލުކޮށްލަނީއެވެ. މަޖިލީހުގެ މެންބަރުންނަށް ދޭ މެސެޖެއްގެ ގޮތުގައެވެ. އެބައިމީހުން މިއަށް ވިސްނެވުން ހުއްޓެވެ.

އެގޮތުން، ވައްކަމުގެ ޙައްދު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤާއިމުކުރަން ޖެހޭނެކަމަށް އުސްތާޛު ޖަމީލުދީދީ ލިޔުއްވައިފައިވެއެވެ. ” ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ. ” ވައްކަން ކުރާ ފިރިހެނުންނާއި ވައްކަންކުރާ އަންހެނުންގެ އަތްތައް ތިޔަބައިމީހުން ކަނޑާށެވެ.” މިއީ ވައްކަން ކުރާ މީހުންގެ އުޤޫބާތާއިމެދު، ﷲގެ ޙުކުމެވެ. އެމީހުންގެ އަތްތައް ކެނޑުމެވެ. މިއީ މައިދާ ސޫރަތުގެ 38 ވަނަ އާޔަތުން ބައެކެވެ. އެކަނި މިތަންކޮޅު ކިޔާމީހެއްގެ ހިތަށް އަރާނެއެވެ. ހާދަހައިބޮޑު ޢުޤޫބާތެކެވެ. މީހެއްގެ ދެއަތް ކަނޑައިލުމަކީ ހާދަބޮޑުކަމެކެވެ.

މުސްލިމުންގެ ތެރެއިން ރަނގަޅު ވިސްނުން ހިންގާން ނޭނގޭ މީހުންނާއި މުސްލިމުންނަށް ނުވާ ބޭރުގެ ބައެއް މީހުން މިވާހަކަ ހަމަމިގޮތަށް ކުރިމަތިކުރެއެވެ.

ނަމަވެސް އެއުރެންގެ ހިތަށް ގެނެވެނީ ކަމުގެ އެއްފަރާތެވެ. މީހަކު ދުނިޔޭގައި އުޅޭން ކުޅަހައި މަސައްކަތުން ހޯދި އެއްޗެއް އެއްފަހަރާ ގެންދިޔުމުން ކުރާނެ އަސަރާއި ވާނެ އުނދަގުލުގެ މައްޗަށް ކުޑަކޮށްވެސް ވިސްނައިލުމެއްނެތެވެ. ހުރިހައި ހަމްދަރުދީއަކާއި އޯގާވެރިކަމެއް މިދެވުނީ ވަގުކަލޭގެއަށެވެ. މުދަލުގެވެރިޔާ އަނގަބޮއިލައިފައި ހުންނަންވީއެވެ. ﷲ ގެ އިރާދަފުޅުތާއޭބުނެ ރޮއިލަ ރޮއިލައި ހުންނަންވީއެވެ.

ނަމަވެސް ﷲ އެހެނެއް އިރާދައެއް ނުކުރެއްވިއެވެ. ވަގުކަލޭގެ ކުޅަކުށާ އެކަށޭނެ ޢުޤޫބާތެއް ކަނޑައަޅުއްވައިފިއެވެ. އެހެންމީހުންނަށްވެސް ޢިބްރަތެއް ކަމުގައި ފުދޭވަރުގެ ޢުޤޫބާތެއް ކަނޑައަޅުއްވައިފިއެވެ.”… (މިހިސާބުން އުސްތާޛުގެ ވާހަކަފުޅު ކުރުކޮށްލާނަމެވެ.)

އުސްތާޛުގެ ވާހަކަފުޅުގައިވާ ފަދައިން އަޅުގަނޑުވެސް ދަންނަވާނީ، މަރުވި މީހާއަށް ހަމްދަރުދީ ވުމުގެ ބަދަލުގައި ހުރިހައި އޯގާވެރިކަމެއް އަޅުގަނޑުމެން މިބަހައްޓަނީ ޤާތިލަށެވެ. އޭނާއަށް މަރުގެ ޙުކުމްކޮށްގެން ނުވާނެކަމުގެ ދަޢުވާއެވެ. ބޯކަނޑަން ފަށައިފިނަމަ، އެއްވެސް މީހެއްގެ ބޯ ކަނދުރާގައި ނުހުންނާނެ ކަމުގެ ތަޞައްވަރުތަކެވެ.

މާތް ﷲ ޤިޞާޞް ހިފުމަށް ހަމައެކަނި އަމުރު ކުރެއްވީކީއެއް ނޫނެވެ. އެކަމުގެ ޙިކުމަތްވެސް ބަޔާންކޮށްދެއްވިއެވެ. އެއީ ޤިޞާޞް ހިފުމުގައި ޙަޔާތެއްވާކަމެވެ. ﷲ ގެ ބަސްފުޅަކީ ޙައްޤެވެ. ” އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ.” (ބަޤަރާ 179)

އަނެއްކާވެސް އުސްތާޛުލް ޖީލުގެ ނުނިމި އޮތް ވާހަކަފުޅަށް ބަލައިލަމާތޯއެވެ. ލިޔުއްވާފައިވެއެވެ. ” މިކަން މިމަގަށް ކަނޑައެޅުއްވިއިރު އެތައް ޝަރުތުތަކަކާއި އެތައް ހަމަތަކެއްގެ ތެރެއަށް ލައްވައިފައިވެއެވެ. އެތައް ހޭއެރުއްވުވުންތަކަކާއި ހަނދާންކޮށްދެއްވުންތަކެއް ލައްވައިފައިވެއެވެ. ވައްކަން ކުރުމުގެ ޢުޤޫބާތުގެ ވާހަކަ، ޤުރުއާނުން އެންމެ ތަނެއްގައި އޮތްއިރު ބާޠިލުގޮތުގައި އެކެއްގެމުދައު އަނެކަކު ކައިނޫޅުމަށް އެތައްފަހަރަކު ތަކުރާރުކުރައްވައި އަންގަވައިފައި އެބައޮތެވެ. އެގޮތަށް މުދައު ކައިއުޅޭ މީހުން އަނދައަނދައިހުންނަ ނަރަކަށް ދާނެކަން އަންގަވައިފައި އެބައޮތެވެ.

ދެން މިކަމާބެހޭގޮތުން ވިސްނައިލާންވީ އެހެންކަމެއް އެބައޮތެވެ. އެއީ ކުށްކުޅަމީހާގެ އިޖްތިމާޢީޙާލު ހުރި ގޮތެވެ. އެމީހަކީ ޟަރޫރަތްތެރިކަމުގެ ގޮތުން ފުދިފައިހުރި މީހެއްތޯ ނުވަތަ ނޫންތޯއެވެ. ތިމާގެ ފުރާނަ މުއްތިކުރާނެ ގޮތެއްނެތިގެން ވައްކަންކުރާ މީހާއާމެދު، ޚާއްޞަ ޙުކުމެއް އޮންނަކަން ފިޤްހުވެރީން ދޭހަކޮށްދެއްވާފައިވެއެވެ. މިކަމުގައި ފިޤްހުވެރީން ބައްލަވާފައިވަނީ سيدنا عمر رضي الله عنهގެ ޢަމަލަކަށެވެ. ކޮންމެއަކަސް، އަތް ކެނޑުމުގެ ޢުޤޫބާތް ހިންގޭން އޮންނަނީ ވަރަށް ހަނި ގޮޅިއެއްގެ ތެރެއިންނެވެ.”

އަދިވެސް ލިޔުއްވާފައިވެއެވެ. ” އިސްލާމްދީނުގެ ނޫރު ފެށިގެން އައީއްސުރެން، ދެކޮޅުވެރިވާ މީހުން ތިބެއެވެ. އެމީހުންގެ ނަޒަރުގައި އިސްލާމްދީނުގައި ރަނގަޅު އެއްކަމެއްވެސް ނެތެވެ. އިނދެވަރި ކުރުމުގެ ޤާނޫނުތައްވެސް ގޯހެވެ. ޢުޤޫބާތުގެ ޤާނޫނުތައްވެސް ގޯހެވެ. މުދައުބެހުމުގެ ޤާނޫނު އަދި މާގޯހެވެ. އެކަން އެހެންވާންވީ ކިހިނަކުންތޯއެވެ؟ އާދަމުގެ ދަރީންނާއި އެއުރެންގެ އެންމެހައި ކަންތައް ހެއްދެވި ފަރާތުން އެއުރެނަށްޓަކައި އުހައްދަވައި ދެއްކެވި ޤާނޫނުތަކާއި ހަމަތަކަށްވުރެ މޮޅު ޤާނޫނެއް ހެދިދާނެތޯއެވެ؟ ނުހެދޭނެކަން ކަށަވަރެވެ. ބޭނުންވެފައިވަނީ އެޤާނުނު ހިނގުމެވެ. އެއާ އެއްގޮތަށް ޢަމަލުކުރުމެވެ.”

މި ލިޔުން ނިންމާލާ ހިތްއޮތީވެސް އުސްތާޛުލް ޖީލުގެ އަގުހުރި ބަސްފުޅަކުންނެވެ. މަޖިލިސް މެންބަރުން ފިސާރި ރަނގަޅަށް ވިސްނައިވަޑައިގެން ކިޔުއްވުން އެދޭހާލުގައެވެ. ލިޔުއްވިއެވެ. ” ޝައްކެއްނެތެވެ. މާތް ﷲ ގެ ޝަރީޢަތަކީ ޙުކުމްކުރަނިވި ޝަރީޢަތެކެވެ. އޭގެ މައްޗަށް ޙުކުމް ހިންގޭނެ ޝަރީޢަތެއް ނޫނެވެ. ﷲ ގެ ޝަރީޢަތް ކީރިތި ޤުރުއާނުގައި އެބައޮތެވެ. އެހެންކަމުން “އަލްމިންބަރު”ގެ އުސް ހަރުފަތްތަކަށް އަރާހުރެ ހަރުއަޑުން ގޮވައި ހަޅޭއްލަވަމެވެ. ހަމަކަށަވަރުން ޤުރުއާން މިއޮތީއެވެ. ސީދާކަން އެންމެ ބޮޑު މަގަށް މި ޤުރުއާން މަގުދައްކައެވެ.”

(ނޯޓް: މި ލިޔުމުގައިވާ އުސްތާޛު ޖަމީލުދީދީގެ ބަސްފުޅުތަކަކީ “އަލްމިންބަރު”ގެ ވޮލިއުމް 1 ގެ ނަންބަރު 9 (ޛުލްޙިއްޖާ 1406ހ) އަށް ލިޔުއްވާފައިވާ މަޟުމޫނު ” މިއޮތީ ޤުރުއާނެވެ.” އިން ނަގައިފައިވާ ބަސްފުޅުތަކެކެވެ.)

ޚިޔާލު ފައުޅުކުރުން