އިސްލާމީ ޝަރީޢަތަކީ ބޯދާ، ކަޓު، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއްތޯ؟

ހުޅަނގުގެ މީޑިއާއިން ފަތުރާ ޕްރަޕަގަންޑާގެ ތެރެއިން އިސްލާމްދީނާ ދެކޮޅަށް އެބައިމީހުން އެންމެ ފަރުވާތެރިކަމާއެކު ފަތުރާ އެއްކަމަކީ، އިސްލާމީ ޝަރީޢަތު ހައިބަތު ނަގައިލުމެވެ. މިކަން އެބައިމީހުން ކުރަނީ އިސްލާމީ ޝަރީޢަތަކީ، ބޯދާ، ކަޓު، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއް ހިމެނޭ ޝަރީޢަތެއްގެ ގޮތުގައި އިންސާނީ ބުއްދިތަކަށް ތަޞައްވަރުވާނެ ގޮތަށް އެ ޝަރީޢަތުގެ ވާހަކަތައް ގެނެސްދީގެންނެވެ. އެ ޝަރީޢަތަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި އަންހެނުންގެ ޙައްޤުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބުނަމުން އަދި އެގޮތަށް ދޭހަވާ ފަދަ ގޮތަކަށެވެ.

ނަމަވެސް، ޙަޤީޤަތަކީ، އެބައިމީހުން، އިންސާނީ ސިކުނޑިތަކަށް ވައްދާދޭ ގޮތާއި މުޅިން އިދިކޮޅެވެ. އިސްލާމީ ޝަރީޢަތުގެ އެންމެ އަސާސީ މަޤްސަދުތަކުގައި ހިމެނިގެންވަނީ މުޖުތަމަޢުގެ މަޞްލަޙަތާއި، ފަރުދުންގެ މިނިވަންކަމާއި، އަބުރާއި ޢިއްޒަތާއި، ދޭދޭ މީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި މުޢާމަލާތުގެ އެކިއެކި ޙައްޤުތައް ކަށަވަރުކޮށްދޭ އަސާސުތަކެކެވެ.

އިސްލާމީ ޝަރީޢަތަށް ހުޅަނގުން އަރުވާ ހިރަފުހަކީ ނުވެނުދާނެ ކަމެކެވެ. ޤިޔާމަތާ ޖެހެންދެން އެކަން ކުރާނެ މީހުން ތިބޭނެއެވެ. ނަމަވެސް ދެރަކަމަކީ، އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާމެދު ޣާފިލުވެފައިވާ މުސްލިމުންތަކެއް ހުޅަނގުގެ މި ޕްރޮޕަގަންޑާގައި ޖެހިފައިވާތީއެވެ. އަދި ޖެހެމުންދާތީއެވެ. އަދި އިސްލާމީ ފޭރާމުގައި ތިބޭ މުނާފިޤުންނަކީ މިސަފުގެ އެންމެ ކުރީގައި ތިބެ އަންބާ ކިޔަމުން ފުމެ އަރަމުން ދާނޭ ބައެކެވެ. އިސްލާމީ ކޮންމެ މުޖުތަމަޢަކުންވެސް މި މަންޒަރު ދަނީ ފެންނަމުންނެވެ.

މާތް ﷲގެ ރަޙްމަތްފުޅުން، ކޮންމެ ޒަމާނެއްގައިވެސް އިސްލާމީ ޝަރީޢަތަށް ކާފަރުންނާއި މުނާފިޤުން އަރުވަމުންދާ ހިރަފުސް ފޮޅުއްވާ، އެ ޝަރީޢަތުގެ މަތިވެރިކަމާއި، އެ ޝަރީޢަތުގެ އަސްލު މަންޒަރު މީސްތަކުންނަށް ހާމަކުރައްވާނޭ ޢިލްމުވެރިންނާއި މުފައްކިރުން ލައްވާނެއެވެ.

އިސްލާމީ ޝަރިޢާތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އެ ފަރާތަކީ އިންސާނާގެ ވެރި ރައްބުއެވެ. އިންސާނާއަށް އެންމެ ފައިދާ ހުރި އަދި އެންމެ މަސްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ.

އިސްލާމީ ޝަރީޢަތުގައިވާ ހުރިހާ ޙުކުމްތަކަކީވެސް އެންމެ ފުރިހަމަ ޙުކުމްތަކެވެ. އެންމެ ޝާމިލު އެންމެ ރިވެތި ޙުކުމްތަކެވެ. ޙިކުމަތުން ފުރިގެންވާ ޙުކުމްތަކެވެ. އުނި ސިކުނޑިތަކަށް މި ޙުކުމްތަކުގައި އެކުލެވިގެންވާ މަތިވެރިކަމާއި ޙިކްމަތް ވިސްނައި ނުގަނެވިދާނެއެވެ. އެއީ ޝަރީޢަތުގައިވާ އުނި ކަމެއް ނޫނެވެ. އެއީ އިންސާނީ އުނި ބުއްދީގައިވާ ބަލިފައެކެވެ. ނަމަވެސް، މުއުމިނުންގެ އަޤީދާއަކީ ކޮބައިތޯއެވެ. މުއުމިނުންގެ އަޤީދާއަކީ، މަތިވެރިވަންތަ ކަލާނގެ ބާވައިލައްވާ ކޮންމެ ޙުކުމަކީވެސް އެންމެ މުނާސަބު އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެހެނީ، ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވަނީ އެ ފަރާތަށެވެ. އިންސާނުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްވެސް އެނގެނީ އެ ފަރާތަށެވެ. މިއީ މުއުމިނުންގެ އަޤީދާއެވެ. އެއީ ވެރިރައްބާ މެދު މުއުމިނުންގެ އިތުބާރެވެ.

ވަޟުޢީ ޤާނޫނުތައް ހެދުމުގައި ވެސް އިންސާނާ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުންނާނެކަން ކަށަވަރެވެ. ކުށް ކުރުން މުޖުތަމަޢުން ހުއްޓުވުމާއި، މުޖުތަމަޢަކީ އަމާން ތަނެއް ކަމުގައި ހެދުމާއި، އަމިއްލަ ފަރުދުންނަށް އެބައިމީހުންގެ ހައްޤުތައް ހޯދައި ދިނުން ފަދަ، މިހިރަ މިހިރަ އެތައް މަސްލަޙަތުތަކަކަށް ރިޔާޢަތް ކުރެވެއެވެ. ނަމަވެސް އެންމެ އެދެވޭ ނަތީޖާ މި ޤާނޫނުތަކުން ނެރެދޭތޯއެވެ؟ އިންސާނީ ތާރީޚަށް ބަލާފައި ބުނެވޭނީ ނުދެވޭކަމުގައެވެ. އެހެންކަމުން، ދުވަސް ދުވަސް ކޮޅުން އެއް ކަމަކަށް އެތަކެއް ޤާނުނެއް ހަދާ، އިސްލާޙުކޮށް، އުވާލާ، އަނެއްކާ އައު ޤާނޫނެއް ހަދާ އުޅެތެވެ. އިންސާނީ ބުއްދިއާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ. އެކަކަށް ބުއްދި ކުރެވޭ އެންމެ މޮޅު ގޮތަކީ އަނެކަކަށް އެންމެ ކަޓު ގޮތަކަށް ވެދެއެވެ. މިފަދަ ބުއްދިތަކުން ހަދާ ޤާނޫނުތަކުގައި އަބަދުވެސް އުނިކަންތައް ހުންނާނެއެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތް އެހެންތޯއެވެ؟ ކެރިހުރެގެން ބުނެވޭނީ ނޫނެކެވެ. އިސްލާމީ ޝަރީޢަތަކީ ޘާބިތު ޝަރީޢަތެކެވެ. އިންސާނީ މަސްލަޙަތާއި އިންސާނީ ހައްޤުތަކާއި މުޖުތަމަޢުގެ އަމަންއަމާން ކަމާއި ސުލްޙަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއެވެ. ޒަމާން ބަދަލު ވެދާނެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަކަށް ބަދަލެއް ނާންނާނެއެވެ. ޒަމާން ބަދަލުވެދާނެއެވެ. ނަމަވެސް ނަތީޖާ ބަރާބަރަށް ނެރެދޭނެއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އިސްލާމީ ޝަރީޢަތަކީ ސިއްރާއި ފާޅު މޮޅަށް ދެނެ ވޮޑިގެންވާ ފަރާތުން ބާވައިލެއްވި މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ މަޟީއާއި މުސްތަޤްބަލް މޮޅަށް ދެނެ ވޮޑިގަންނަވާ އައްލާމުލްޣުޔޫބުގެ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތަކީ އިސްވެ ގޮސްފައިވާ އިންސީންނާއި، ޤިޔާމަތާ ޖެހެންދެން އަންނާނެ ހުރިހައި އިންސީންގެ ވެރި ރައްބުގެ މަތިވެރި ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ މަސްދަރަކީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ނިންމާލަމުން ދަންނަވާލާނީ، އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާއި ފޮނިކަން އެނގިގެން ދާނީ މުޅި އިސްލާމީ ޝަރީޢަތުގެ ނިޒާމަށް ވިސްނާ ފިކުރުކޮށްލުމުންނެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މި ޝަރީޢަތުގައިވާ ފުރިހަމަކަން ވަންހަނާއެއް ނުވާނެއެވެ.

ޚިޔާލު ފައުޅުކުރުން