ބަރަކާތުން ފުރިގެންވާ މައްސަރެއް!

ފެށުން

ރަމަޟާންމަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ފާފަތަކުން ތަތްތެޅިފައިވާ އަޅުންނަށް ބޮޑު ނަޞީބެކެވެ. ތައުބާވުމުގެ މައްސެރެވެ. ނަފްސު މުހާސަބާ ކުރެވޭ މައްސަރެވެ. ސީދާ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ޢަޒުމް އާލާކުރެވޭ މައްސަރެވެ. ޞާލިޙު ތަޤްވާވެރިންނަަށްް ޣަނީމާއެކެވެ. ޢަމަލުގެ ފަތް އިތުރަށް ބަރުކޮށްދޭ މައްސަރެވެ. އެތަކެއް އަޅުންނެއް ނަރަކައިން މިންޖުކުރެވޭ މައްސަރެވެ. ސުވަރުގެ އިތުރަށް ޒީނަތްތެރި ކުރެވޭ މައްސަރެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މައްސެރެވެ.

މި ބަރަކާތުގެ މައްސަރުގެ މަތިވެރިކަމާއި، މާތްކަމުގެ ވާހަކަތައް ބަޔާންކޮށް ނުނިމޭނެއެވެ. އެއަށްވުރެ ގިނަ ގުނައެވެ.

ބަރަކާތްތެރި ރަމަޟާންމަހަށް ލިބިގެންވާ އެންމެ ބޮޑު ޝަރަފަކީ އެމަހުގައި ޤުރުއާން ބާވައިލެއްވުމެވެ. އަދި އެމަހުގެ ރޭތަކުގައި ލައިލަތުލް ޤަދްރިލެއްވުމެވެ. އަދި އެމަހުގައި އިސްލާމްދީނުގެ ހަތަރުވަނަ ރުކުންކަމުގައިވާ ފަރުޟުރޯދަ އަދާކުރުން ލެއްވުމެވެ.

ރޯދަ ފަރުޟުކުރެއްވުމާއި ޤުރުއާން ބާވައިލެއްވުން

އަދިވެސް މާތް ﷲ ބަޤަރާ ސޫރަތުގެ 185 ވަޙީކުރައްވަނީ މިފަދައިންނެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ) މާނައީ: ” ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. (އެއީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއިި، ހައްޤާއި، ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މަހާ ބައްދަލުވެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ.”

ލައިލަތުލް ޤަދްރި އެމަހުގައި ލެއްވުން

ރަމަޟާންމަހަކީ އެމަހެއްގެ ރޭތަކުގެ ތެރޭގައި، އެންމެ މާތް ރޭ ލައްވާފައިވާ މަހެވެ. އެއީ ޤަދްރިވިލޭ ރެއެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ހަމައެކަނި އެރޭގެ ހެޔޮކަން ބޮޑު ރެއެކެވެ.

މިކަން މާތްﷲ ޤަދްރު ސޫރަތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.

(إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ. وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ. لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ. تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ. سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ). (القدر 1-5)

މާނައީ: “ހަމަކަށަވަރުން ތިމަންﷲ އެޤުރުއާން ބާވައިލެއްވީ ޤަދްރިވިލޭރޭގައެވެ. އަދި ޤަދްރިވިލޭރެއަކީ، ކޮންރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟. ޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރައްބުގެ އިޒްނަފުޅާއެކު، ހުރިހާ އަމްރުފުޅުތަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖެއުމަށްދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.” (ޤަދްރު 1-5)

މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. ( لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ,مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )

މާނައީ: “މާތްﷲގެ ޙަޟްރަތުގައި އެމަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ، ފަހެ ހަމަކަށަވަރުންވެސް އެމީހެއް މަޙްރޫމްވެއްޖެއެވެ.”

އިސްވެގޮސްފައިވާ ފާފަ ފުއްސެވުން

މިމަހަށް ލިބިގެންވާ އަނެއް މަތިވެރިކަމަކީ، މިމަހުގައި ޘަވާބާއި ދަރުމައަށް އެދިގެން ދުވާލުގައި ރޯދަހިފައި ރޭގަނޑުގައި ޤިޔާމްކޮށްފި މީހެއްގެ އިސްވެގޮސްފައިވާ ފާފަތައް މާތްﷲ ފުއްސަވާދެއްވާ ދެއްވުމެވެ.

އެގޮތުން މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްކުރައްވާފައިވެއެވެ. (من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه)

މާނައީ:” އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމްޟާންމަހުގެ ރޯދަހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ.”

ނަރަކައިން މިންޖުކުރެއްވުން

މިމަހުގެ ކޮންމެ ރައަކު ނަރައިން އެތައް ބަޔަކު މާތް ﷲ މިންޖުކުރައްވާ ސަލާމަތްކުރައްވައެވެ.

މާތްﷲ ގެ މި ރަޙްމަތުގެ ވާހަކަ ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްފުޅުކުރެއްވިއެވެ.

(لله عند كل فطر عتقاء)

މާނައީ: “ރަމަޟާންމަހުގެ ރޯދަ މީސްތަކުން ވީއްލާ ކޮންމެ ރެއަކު މާތް ﷲ ނަރަކައިން މީހުން މުއްތިކުރައްވައެވެ.”

ކައްފާރާއެއް

ރޯދަމަހުގެ ރޯދައަކީ، ދެރޯދަމަސް ދެމެދުގައި އަޅާއަށް ކުރެވޭ ފާފަތައް ފުހެލަދޭ ކައްފާރާއެކެވެ. ނަމަވެސް، އެއީ ބޮޑެތި ފާފަތަކުން ދުރުހެލިވެގެން ހުރިނަމައެވެ. ބޮޑެތި ފާފަތަކުން ޖެހޭނީ ތައުބާންވާންށެވެ.

ރޯދަމަހުގެ ރޯދައަކީ ކައްފާރާއެއްކަމަށް ޢިޝާރާތްކުރައްވަމުން މާތް ޞާޙިބާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޙަދީޘްކުރެއްވިއެވެ. (ورمضان إلى رمضان , مكفرات ما بينهن إذا اجتنبت الكبائر)

މާނައީ: “ބޮޑެތި ފާފަތަކުން ދުރުވެގެން ހުރެއްޖެނަމަ، ދެ ރޯދަމަސް ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ރޯދަ ވާނެއެވެ”.

އިމާމު ފަހަތުގައި ރޭ އަޅުކަން ކުރުން

ރަމަޟާންމަހުގެ ރެއެއްގައި، އިމާމެއްގެ ފަހަތުގައި، އެ އިމާމު މީހާ ނިމެންދެން ތަރާވީސްކޮށްފި މީހަކު މުޅިރޭގައި ޤިޔާމްކުރި މީހެއްގެ ގޮތުގައި ލިޔެވޭނެއެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) މިކަމަށް ޙަދީޘްކުރައްވާފައިވެއެވެ. (إنه من قام مع الإمام حتى ينصرف كتب له قيام ليلة)

މާނައީ: ހަމަކަށަވަރުން، މީހަކު އިމާމާ ފަހަތުގައި އިމާމާ ނިމެންދެން ޤިޔާމްކޮށްފިނަމަ، މުޅި ރޭގެ އަޅުކަން ކުރިކަމަށް އޭނާގެ މައްޗަށް ލިޔެވޭނެއެވެ.”

ޙައްޖާ އެއްފަދަވެގެންވާ ޢުމްރާ

ރޯދަމަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދަ ވެގެންވެއެވެ. ޤަބޫލުކުރެއްވިގެންވާ ޙައްޖެއްގެ ޘަވާބާއި ދަރުމައަކީ ސުވަރުގެއެވެ.

އެހެންމަކުން މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަންޞާރިއްޔަ ބޭކަނބަލަކަށް އިރުޝާދުދެއްވަމުން ޙަދީޘްކުރެއްވިއެވެ.

(فإذا جاء رمضان فاعتمري , فإن عمرة فيه تعدل حجة ” , وفي رواية لمسلم :” حجة معي)

މާނައީ: ” ރަމަޟާން މަސް އަތުވެއްޖެ ކަމުގައިވާނަމަ، ކަމަނާ ޢުމްރާވާށެވެ. އެހެނީ ހަމަކަށަވަރުން، އެމަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދައެވެ.” ދެން މުސްލިމްގެ ރިވާޔަތެއްގައި ވަނީ:” އެއީ ތިމަންކަލޭގެ ފާނާއި އެކު ޙައްޖެއްވުން ފަދައެވެ.”

ފާފަނުފޮހެވުނު މީހާ ނިކަމެތިވެއްޖެ

މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް އެއްދުވަހަކު މިންބަރަށް އަރައިވަޑައިގަންނަވަމުން ތިން ފަހަރު “އާމީން” ޙަދީޘްފުޅުކުރެއްވިއެވެ. އަސްޙާބު ބޭކަލުން ހައިރާންވެ ވަޑައިގެން އެކަމާ ސުވާލުކުރެއްވިއެވެ. ޙަދީޘްފުޅުކުރެއްވިއެވެ.

(أتاني جبريل فقال يا محمد رغم أنف امرئ ذكرت عنده فلم يصل عليك فقل آمين فقلت : آمين ثم قال رغم أنف امرئ دخل عليه شهر رمضان ثم خرج ولم يغفر له قل آمين فقلت : آمين ثم قال رغم أنف امرئ أدرك أبويه أو أحدهما فلم يدخلاه الجنة قل آمين فقلت : آمين )

” ޖިބްރީލު (ޢަލަހިއްސަލާމް) ވަޑައިގެން ވިދާޅުވިއެވެ. އޭ މުޙައްމަދު ކަލޭގެފާނެވެ. ކަލޭގެފާނުގެ ނަން ގަނެވޭ ހިނދު ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާ މީހަކު ނިކަމެތިވާހުއްޓެވެ. އާމީން ވިދާޅުވާށެވެ. އެހެންކަމުން، އެކަމަށް ތިމަންކަލޭގެފާނު އާމީން ވިދާޅުވީމެވެ. ދެން ޖިބްރީލް (ޢަލަހިއްސަލާމް) ވިދާޅުވިއެވެ. ރަމަޟާންމަސް އެމީހަކާ ބައްދަލުވެ އެމަސް ނިމިގެންދިޔައިރުވެސް އެމީހެއްގެ ފާފަ ނުފޮހެވުނު މީހަކު ނިކަމެތިވާހުއްޓެވެ. އާމީން ވިދާޅުވާށެވެ. އެހެންކަމުން، އެކަމަށް ތިމަންކަލޭގެފާނު އާމީން ވިދާޅުވީމެވެ. ދެން ޖިބްރީލު (ޢަލަހިއްސަލާމް) ވިދާޅުވިއެވެ. ޙަޔާތުގައި އެމީހެއްގެ މަންމައާއި ބައްޕައާ އެކުގައި އުޅެން ނުވަތަ އެއިން އެކަކާއެކުގައި އުޅެން ފުރުޞަތު ލިބި (ޚާއްޞަކޮށް އެމީހުންގެ މުސްކުޅި ޢުމުރުގައި) ސުވަރުގެއަށް އެކަމުގެ ސަބަބުން ނުވަދެވިއްޖެ މީހަކު ނިކަމެތިވާހުއްޓެވެ. އާމީން ވިދާޅުވާށެވެ. އެހެންކަމުން، އެކަމަށް ތިމަންކަލޭގެފާނު އާމީން ވިދާޅުވީމެވެ.

އުޑުގެ އަމީން، އެންމެ މާތް މަލާއިކަތާ، ޖިބްރީލުލް އަމީން، ކުރެއްވި ދުޢާއަށް ބިމުގެ އަމީން، މުޙައްމަދު އަލްއަމީން (ޞައްލަﷲ ޢަލަހިވަސައްލަމް) އާމީން ވިދާޅުވެފައިވުމުން، އެ ދުޢާގެ ވަރުގަދަކަން ނިކަން ހިތަށް ގެންނަވާށެވެ. ދުޢާ އިޖާބަވުމާމެދު އެއްެވެސް ޝައްކެއް އުފެދޭތޯއެވެ؟ ހަމަޔަޤީންނުންވެސް ދުޢާ އިޖާބަވުމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން، ރަމަޟާންމަހުގެ ވަޤުތުގެ މުހިއްމުކަމާއި، އެ ވަޤުތު ޣަނީމާކޮށް، މާތް ﷲ ގެ މަޣްފިރަތު ލިބިގަތުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން ހަމައެކަނި މި ޙަދީޘްފުޅުންވެސް ދޭހަވެގެންދެއެވެ.

ރަމަޟާންމަހަށްޓަކައި ސުވަރުގެއާއި ނަރަކަ

އަދިވެސް މާތް ނަބިއްޔާ ޞައްލަﷲ ޢަލަހިވަސައްލަމަށް މިމަހުގެ މަތިވެރިކަމާ ބެހޭގޮތުން ޙަދީޘްފުޅު ކުރެއްވިއެވެ. ( تفتح فيه أبواب الجنة وتغلق فيه أبواب النار وتصفد فيه الشياطين وينادي مناد في كل ليلة يا باغي الخير هلم ويا باغي الشر أقصر ) 

މާނައީ: ” އެމަހުގައި (ރަމަޟާންމަހުގައި) ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި އެމަހުގައި ޝައިތާނުންތައް ކަސްތޮޅު އެޅުވާލެވެއެވެ. އަދި ނިދާ އިއްވާ މުނާދީއަކު ކޮންމެ ރެއަކު ނިދާ އިއްވަވާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. ހެޔޮކަމާ ކުރިމަތިލާށެވެ. އަދި އޭ ނުބައި ކަމަށް އެދޭ މީހާއެވެ. ނުބައިކަމުން ދުރުހެލިވާށެވެ.”

އެހެންކަމުން، މި މަހަށް އިސްތިޤްބާލު ކުރުމުގެ ގޮތުން ސުވަރުގެ ތައްޔާރުކުރެވެއެވެ. ނަރަކަ ބަންދުކުރެވެއެވެ. ޝައިތާނުންތައް ކަސްތޮޅު އެޅުވެއެވެ. ނިދާ އިއްވެވެއެވެ. މިއީ ވެރި ރައްބުގެ ފަރާތުން ރަމަޟާންމަހަށް ދެވިފައިވާ ޤަދަރެވެ. ވެރި ރައްބަކީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ އިލާހެވެ. އަޅުގަނޑުމެންނަކީ އެކަލާނގެ ރަޙްމަތަށް މުޙްތާޖުވެގެންވާ ފަޤީރުންނެވެ.

ފަހުބަސް

ވުމާއެކު، އަޅުގަނޑުމެންނަށް މިމަހަށް ތައްޔާރުވެވޭތޯއެވެ؟ މަތިވެރި ބަރަކާތްތެރި، މާތް ﷲ ގެ ޙަޟްރަތުގައި ހައިބަތު އުފުލިގެންވާ މަހެއް އަޅުގަނޑުމެނާ ބައްދަލުކުރާކަން އިޙްސާސު އެބަކުރެވޭތޯއެވެ؟

މި ބަރަކާތްތެރި މަހުގެ ވާހަކަތައް މިހިސާބުން ނިންމާލިޔަސް މިމަހުގެ ބަރަކާތްތެރިކަމުގެ ނިމުމެއް ނުވެއެވެ. އަޅުގަނޑުމެންނާ ކުރިމަތިވަމުން އަންނަ މި ބަރަކާތްތެރި މަހަކީ، އެމަހުގެ ވަޤުތުތައް ހެޔޮގޮތުގައި ޣަނީމާ ކުރާ ބަޔަކު ކަމުގައި އަޅަމެންލައްވާ، އަދި އެމަހަކީ އަޅަމެންގެ ފާފަތައް ފުހެވި، ނަރަކައިން މުއްތިކުރެވި، ސުވަރުގެވަންތަ ވެރިން ކަމުގައި އަޅަމެން ހިމެނިގެންދާނޭ މަހެއްކަމުގައި ލައްވާފާދޭއެވެ.

سبحانك اللهم وبحمدك لا إله إلا أنت أستغفرك وأتوب إليك وصلى اللهم على محمد وعلى آله وصحبه وسلم تسليما كثيرا والحمد لله رب العالمين. آمين

ޚިޔާލު ފައުޅުކުރުން