ތިބާގެ އަގުހުރި ވަޤުތުތައް ބޭކާރުވިޔަ ނުދޭށެވެ.

ރެއަކާއި ދުވާލު އޮންނަނީ ސައުވީސް ގަޑިއިރެވެ. ހުރިހާ އެންމެންނަށްވެސް ދުވާލެއްގެ މައްޗަށް ވަޤުތު ލިބެނީ ހަމަ އެއްވަރަކަށެވެ. ނަމަވެސް، ބައެއްމީހުން އެމީހުންގެ އެންމެ އަގުހުރި ވަޤުތުތައް ބޭކާރުވެގެންދާއިރުވެސް ބަލަހައްޓައިގެން ތިބޭތަން ފެނެއެވެ. އެމީހުންގެ ވަޤުތު ލީކުވާ ބާތައް ވަރަށްވެސް ގިނައެވެ.

އިންސާނެއްގެ ހަޔާތުގައި ކާމިޔާބީއާއި ނާކާމިޔާބީ ކަނޑައެޅިގެންދަނީ ޒަމާން ފާއިތުވެގެންދާ ވަރަކަށެވެ. އެންމެ މިނިޓެއްގެ ތެރޭގައި ތިބާ ކުރާ ކަމަކުންވެސް، ތިބާއަށް އެކަމުގެ އަސަރު މިހާރާއި ކުރިއަށް އަންނަން އޮތް ތަނުގައި ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ބައެއް މީހުންނަކީ އެމީހުންނަށް ލިބިފައިވާ ވަޤުތާމެދު ވަރަށް ފަރުވާތެރިވާ ބައެކެވެ. އެވަޤުތުގެ ބޭނުން ޙަޔާތަށް އެންމެ ފައިދާހުރި ގޮތުގައި ހިފޭތޯ އެމީހުން މަސައްކަތްކުރެއެވެ. ޙަޔާތުން ބޭކާރުވެގެންދާ ވަޤުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ.

އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑުމެންގެ ވަޤުތުތައް ބޭކާރުވެގެންދާ ބައެއް ސަބަބުތަކާއި އެކަމުން ސަލާމަތްވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކަށް ބަލައިލާނަމެވެ.

  • އެންމެ މުހިއްމު ކަންތަކަށް އިސްކަންދޭށެވެ:

މުސްލިމުންނަށްވީތީ އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭނީ ދީނީ ކަންކަމަށެވެ. ދީނީ ކަންކަމުގެ ތެރެއިން ނަމާދަށެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ވަނީ ނަމާދަށް ފަރުވާތެރިވުމުގައެވެ. އެހެންކަމުން، އަބަދުވެސް ތިބާގެ ތާވަލު އަތުރާލާއިރު އެންމެ ފުރަތަމަ ނަމާދު ހިމަނާލާށެވެ. އެއަށްފަހު ނަމާދަށް ބުރޫ ނާރާގޮތަށް އެހެން ކަންތައް އަތުރާލާށެވެ.

ވަޒީފާގައި އުޅޭ އިރުވެސް އެންމެ މުހިއްމު ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންކަމަށް އިސްކަންދޭށެވެ. އަބަދުވެސް ވިސްނަންޖެހޭނީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ އެންމެ މުހިއްމު ކަންތަކާމެދުގައެވެ. އެއަށްފަހު، ދެން އެންމެ މުހިއްމު ކަންތަކާމެދުގައެވެ. އަބަދުވެސް ދުވަހުން ދުވަހަށް ނިންމަން ޖެހޭ މުހިއްމު މަސައްކަތްތައް ނިންމާލެވޭތޯ ބަލާށެވެ.

އާދައިގެ ކަންކަމާ އުޅެން ހަދައިގެން ކުރަން ހުންނަ މުހިއްމު ކަންތައްތައް އަތުން ދޫވެގެން ދިއުމަކީ އެންމެ ގިނައިން ދިމާވާ ކަންތަކެވެ. މިކަން ތަކުރާރުވާކަމުގައި ވަނީނަމަ މިއީ ތިބާގެ އުފެއްދުންތެރިކަން ނެތިކޮށްލާފަދަ ކަމެކެވެ.

– ފޯނުން ބޭކާރު އަނގަތެޅުން:

ފަހަރެއްގައި ތިބާއަށް ބޭކާރުގޮތުގައި ގުޅާއުޅޭ އެކުވެރިން ތިބާގެ ތިބެދާނެއެވެ. ހަމައެކަނި އަނގަތަޅާލަންވެގެންނެވެ. އެހެންކަމުން، އަބަދުވެސް ފޯނު ކޯލު ނިމުމުން އަމިއްލަ ނަފްސާ ސުވާލެއް ކޮށްލާށެވެ. މި ކޯލުން ދެކެވުނު ފައިދާހުރި ވާހަކަތަކަކީ ކޮބާތޯއެވެ. ފައިދާހުރި ރަނގަޅު ވާހަކަތަކެއް ދެކެވިފައިވާނަމަ އެ ކޯލަކީ އަގުހުރި ކޯލެއް ކަމުގައި ބަލާށެވެ. ނަމަވެސް، ނަތީޖާ އެއާ އިދިކޮޅަށް ދައްކާނަމަ ދަންނާށެވެ. ތިބާ ބޭކާރު އަނގަތެޅުމުގެ ޝިކާރައަކަށްވީއެވެ. އެހެންކަމުން، އެފަދަ ފަރާތްތަކަށް ތިބާގެ އަގުހުރި ވަޤުތު ނަގާލުމުގެ ފުރުޞަތު ނުދޭށެވެ. އަދި އެމީހުންގެ އިހުސާސްތަކަށް އަސަރުނުކުރާނެ ފަދަ ގޮތަކަށް އެމީހުންގެ ކޯލުތަކާ ދުރުވެވޭތޯ ބަލާށެވެ.

  • ބޭކާރުގޮތުގައި އޮންލައިން ޗެޓްކުރުން:

މިއީ ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެ. އެހެނީ އިންޓަރނެޓް ފަދަ މުހިންމު އަދި ބޭނުންތެރި އެއްޗެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމުގެ ބަދަލުގައި ގިނަ މީހުން އެބައިމީހުންގެ އަގުހުރި ވަޤުތުގެ ނުވަދިހަ އިންސައްތަ ވަޤުތު އިންޓަރނެޓުގައި އެއްވެސް ބޭނުމެއްނެތި ބޭކާރުގޮތުގައި ދުއްވާލައެވެ. ބައެއްފަހަރު، ހަމައެކަނި އެކުވެރީންނާއި ނުދަންނަ ބީރަށްޓެހިންނާ ޗެޓްކުރުމުގައެވެ.

ޙަޤީޤަތަކީ، އިންޓަރނެޓް ޗެޓިންގ ޕްރޮގުރާމްސްތަކަކީ ބޭކާރު ޕްރޮގްރާމްތަކެއް ނޫންކަމެވެ. އެ އެއްޗެއްސަކީ ވަރަށް ފައިދާ ހުރިގޮތުގައި ބޭނުންކުރެވިދާނެ ބޭނުންތެރި އެއްޗެއްސެވެ. ޚާއްޞަކޮށް ޢާއިލާއާއި އެކުވެރިންނާ ވަކިން އަމިއްލަ ވަޠަނާ ދުރުގައި ދިރިއުޅޭ މީހުންނަށް މިއީ ވަރަށް ބޭނުންތެރި ކަމެކެވެ. ފޯނު ކުރުމުގެ ބަދަލުގައި ޗެޓް ޕްރޮގްރާމްސްތައް ބޭނުން ކުރުމުން ގިނަ ފައިސާތަކެއް ސަލާމަތްކުރެވެއެވެ.

  • ރޭވުންތެރިކަމެއްނެތި އެކުވެރިންނާއެކު ހޭދަކުރާ ވަޤުތުތައް:

ގާތްތިމާގެ މީހުންނާއި އެކުވެރިންނަކީ ތިބާގެ ހަޔާތުގެ ވަރަށް މުހިންމު ބައެކެވެ. ތިބާގެ ހަޔާތުގެ ވަރަށް ބޮޑު ހިއްސާއެކެވެ. އެހެންކަމުން، އެމީހުންނާއެކު ވަޤުތު ހޭދަކުރަން ޖެހޭނެއެވެ. ތަންތަނަށް ދާން ޖެހޭނެއެވެ. ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ، އެމީހުންނާއެކު ހޭދަކުރަން ޚާއްޞަ ވަޤުތުތަކެއް ކަނޑައެޅުމެވެ. ބަންދު ދުވަސްތަކާއި ޗުއްޓީ ދުވަސްތަކަކީ ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށް އެމީހުންނާއެކު ވަޤުތު ހޭދަކޮށްލަން އެންމެ ރަނގަޅު ދުވަސްތަކެވެ.

މައްސަލަޖެހޭ ހިސާބަކީ، ތިބާގެ އޮފީސް ދުވަސްތަކުގައި ނުވަތަ ކިޔަވާ ދަރިވަރެއްނަމަ، ކިޔެވުން އޮންނަ ދުވަސްތަކުގައި ރައްޓެހިންނާއެކު ގިނަ ވަޤުތުތަކެއް ހޭދަކުރުމެވެ. މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ނިންމަން ޖެހޭ އޮފީސް މަސައްކަތްތައް އަތުން ދޫވެގެން ދާފަހަރު އާދެއެވެ. ދުވަހުން ދުވަހަށް ނިންމަން އޮންނަ ފިލާވަޅު ނިންމަން ވަޤުތު ނުދެވޭ ފަހަރު އާދެއެވެ. މިގޮތަށް ބޭކާރުވެގެންދާ ވަޤުތަކީ، ތިބާގެ ވަޒީފާގެ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އަންނަ ލޮޅުމަކަށް ނޫނީ ނުވާނެއެވެ. އަދި ދަރިވަރެއްނަމަ، މިއީ އޭނަގެ ތަޢުލީމީ ޙަޔާތަށް އެޅިގެންދާ ކަޅުވިލާތަކަކަށް ނޫނީ ނުވާނެއެވެ.

  • މޮޔައިންނާ ޒުވާބުކުރުން:

މިއީ ވަރަށް ގިނަފަހަރު އަޅުގަނޑުމެންނާ ދިމާވާ ކަމެކެވެ. ޒުވާބުކުރުމާއި ޖަދަލުކުރުމަކީ އިންސާނީ ފިޠުރަތުގައިވާ އާދައެކެވެ. މިހާރު އަޅުގަނޑުމެންގެ މާހައުލުގައި އެންމެ ގިނައިން ޒުވާބުކުރެވޭ އެއްކަމަކީ ސިޔާސީ ކަންކަމާއެވެ. ޙައްޤެއް ބާޠިލެއް ނުބަލާ އެމީހަކު ނިސްބަތްވާ ކުލައަކަށް ވަކާލާތުކޮށް ޒުވާބުކުރުމަކީ އާންމު ކަމެކެވެ. އެއްވެސް ފައިދާއެއް ނެތް ބޭކާރު ބަހުސްތަކަކާއި ޒުވާބުތަކެއް ކުރެވޭ ކަމެކެވެ.

މީގެ އަނެއްކޮޅަށް ބަލާއިރު، ހެޔޮ ވިސްނޭ ހައްޤަށް ތަބާވާ އެކުވެރިއަކާއެކު ކަންކަމުގައި ބަހުސްކުރެވިދާނެއެވެ. ހިޔާލު ފާޅުކުރެވިދާނެއެވެ. ޙައްޤަށް ތަބާވުމެއްނެތި، ތިމަންނަ ނިސްބަތްވާ ކުލަޔަށް ވަކާލާތު ކުރާ މީހަކާއެކު އެއްވެސް ބަހުސެއްގައި ބައިވެރިނުވާށެވެ. އެއީ ބޭކާރު ކަމެކެވެ. ތިބާގެ އަތުން ދޫވެގެންދާ ވަޤުތުތަކެކެވެ. އެއަށްވުރެ ތިބާގެ މުސްތަޤުބަލަށް ފައިދާކުރާނެ ކަމަކަށް އެވަޤުތު ހޭދަކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ޚާއްޞަކޮށް ތިބާގެ ވަޒީފާގެ މާހައުލުގައި އެއްވެސް ކަހަލަ ޒުވާބަކަށް ނުދާށެވެ. ވަޒީފާއާ ނުގުޅޭ ކަންކަމަށް ވަޤުތު ހޭދަނުކުރާށެވެ. ވަޒީފާ އަދާކުރުމުގައި ތިބާއަކީ ތަހުޒީބީ މީހަކަށްވާށެވެ. އޭރުން، ތިބާގެ އުފެއްދުންތެރިކަން އިތުރުވެ، ތިބާއަށް އެހެންމީހުން ކުރާ އިހްތިރާމާއި ޤަދަރު އިތުރުވެގެންދާނެއެވެ.

މީގެ އިތުރުންވެސް އަޅުގަނޑުމެންގެ އަގުހުރި ވަޤުތުތައް އެއްވެސް ފައިދާއެއް ނެތްގޮތުގައި ބޭކާރުވެގެންދާ ކަންކަން ބައިވަރު އެބަހުއްޓެވެ. ބުއްދިވެރިއަކީ އެމީހާގެ ވަޤުތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ މީހާއެވެ. އެހެނީ، ވަޤުތަކީ ހަޔާތެވެ. ބޭކާރުވެގެންދާ ކޮންމެ ސިކުންތަކީ، ހަޔާތުން އުނިވެގެންދާ ބައެކެވެ.

ޚިޔާލު ފައުޅުކުރުން