ކަރުދާސްކޮޅު ބަލާނުލާ އެއްލާ ނުލާށެވެ!

قال الله تعالى: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (އަލްޙައްޖު: 32)

މާނައީ: “އަދި اللَّه ގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ”.

ޝައްކެއްނެތް ގޮތުގައި، މާތް ﷲ ގެ ޝިޢާރުތަކަށް ރައްކައުތެރިވާނީ ފުރިހަމަ މުއުމިނެކެވެ. މުނާފިޤަކަށް އެކަމެއް ނުކުރެވޭނެއެވެ. އެގޮތުން، މުއުމިނު މިހާ އޭނަގެ އަތުގައިވާ ކަރުދާސްކޮޅެއް ބަލައިނުލާ އެއްލައެއް ނުލާނެވެ. އެހެނީ، އޭގައި ޖައްބާރުވަންތަ ﷲ ގެ މަތިވެރި އިސްމުފުޅެއް ލިޔެފައި އޮވެދާނެތީއެވެ.

ނަމަވެސް، މިހާރަކަށް އައިސް ފެންނަމުން ދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އެއީ މާތް ﷲ ގެ އިސްމުފުޅުތަކާއި ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ބައެއް ލިޔުންތައް އެއްވެސް ބެލުމެއްނެތި އުކާލެވިފައިވާ މަންޒަރެވެ. ބައެއް ފަހަރު ކިޔާ ނިމުނީމައި ގޭގެ ކުނިވަށިގަނޑަށެވެ. ނުވަތަ މަގު މައްޗަށެވެ. އެކަމުގެ ސަބަބުން މަތިވެރިވަންތަ، ޠާހިރުވަންތަ ﷲ ގެ އިސްމުފުޅުތަކާއި އެ އިލާހުގެ ކަލާމްފުޅުގެ އާޔަތްތައް، ނަޖިސްތަކާއި އެކުވެގެންދެއެވެ. މިއީ އަޅުގަނޑުމެން ހައްދަވާ، އަޅުގަނޑުމެންނަށް ވިސްނާ ފިކުރުކުރަން ފުރިހަމަ ބުއްދި ދެއްވި ﷲ ގެ ހައްޤުގައި ވެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި މިއީކީ އެއްވެސް މުއުމިނެއްގެ ހިތައް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.

އެހެންކަމުން، ނަޞޭޙަތަކީ، އެއްވެސް ކަރުދާހެއް ބަލާނުލާ އެއްލާ ނުލާށެވެ. އެއީ ނޫސް މަޖައްލާއަކަށް ވިޔަސް އަދި ސިޓީއަކަށް ވިޔަސްމެއެވެ. ސަބަބަކީ، ޠާހިރުވަންތަ ﷲ ގެ މަތިވެރި އިސްމުފުޅުގެ މައްޗަށް މީސްތަކުން ފައިން އެރުމަކީ ވަރަށް ބޮޑު ޖަރީމާއެކެވެ. އަދި ކުނިވަށިތަކުގެ ތެރޭގައި ހުންނަ ހަޑި މުޑުދާރު ނަޖިހާ އެކުވުމަކީ އަނިޔާއެކެވެ. އެހެންކަމުން، ނޭނގިހުރެގެން ތިބާ އެފަދަ ޖަރީމާއަކަށް އެރުމަކީ އުޒުވެރިވެވޭނެ ކަމެއް ނޫނެވެ. އެއީ ތިބާގެ ފަރުވާ ކުޑަ ކަމެވެ. އެހެނީ، ކަރުދާސްކޮޅު އެއްލުމުގެ ކުރިން، އެންމެ ފަހަރަކު ބަލާލިނަމަ، އެކަމުން ސަލާމަތްވީހެވެ. ވީމާ، އެކަމަށް މާތް ﷲ ސަޒާ ދެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، މާތް ﷲ ގެ އިސްމުފުޅު ނުވަތަ ޤުރުއާނުގެ އާޔަތްތައް ލިޔެވިފައި ހުންނަ ކަރުދާސްކޮޅެއް، ކޮންމެހެން އެއްލާލަން ބޭނުންވެއްޖެ ހިނދެއްގައި ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ، އެ ކަރުދާސްކޮޅު އަންދާލުމެވެ. އޭރުން، އެއްވެސް މީހެއްގެ ފައިގެ ދަށުވެ، ބޭއިޚްތިރާމްކޮށް ހިތިގެނެއް ނުދާނެއެވެ. އަދި މުދަލާއި ދަރިންގެ ފައިދާ ނުކުރާނެ ދުވަހުން، ތިބާގެ މީޒާނުލް ޙަސަނާތުގައި، ބޮޑެތި ފަރުބަދަތައް ވަރުގެ، ހެޔޮކަމެއްގެ ގޮތުގައި ފެނިގެންދާނެ ކަމެކެވެ.

ވާހަކަކޮޅު ނިންމާލާ ހިތްއޮތީ ހިނގާފައިވާ ވަރަށްވެސް ޢިބްރަތްތެރި ވާހައަކުންނެވެ. އިބްރާހީމް އިބްނު އަދްހަމަކީ މިހާތަނަށް އުއްމަތް ދެކެފައިވާ ޒުހުދުވެރި ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ނަމަވެސް، އެކަލޭގެފާނުގެ ޙަޔާތުގެ ފުރަތަމަ ދުވަސްކޮޅަކީ ފާފާއިގެ ތެރޭގައި ހޭދަވި ދުވަސްކޮޅެކެވެ. އެގޮތުން އޭނަ ވަނީ ފާފަތަކުން އަމިއްލަ ނަފްސުގެ މައްޗަށް އިސްރާފުކޮށްފައެވެ.

އެއް ދުވަހަކު، އިބްރާހީމް އިބްނު އަދްހަމް ބަޒާރަށް ދިޔައެވެ. އޭނަގެ ޚިޔާލުހުރީ ކޮންމެވެސް ނުބައި ކަމެއް ކުރުމާ މެދުގައެވެ. އެހެން އުޅުމުގެ ތެރޭގައި، ބިން މައްޗަށް އެއްލާލައިފައި އޮތް ކަރުދާސްކޮޅެއް އޭނާއަށް ފެނުނެވެ. އޭގައި މާތް ﷲ ގެ މަތިވެރި އިސްމުފުޅެއް ލިޔެފައި އޮތެވެ. އެ ކަރުދާސްކޮޅު މައްޗަށް، ނޭނގި ނަމަވެސް، އެމަގުން ހިނގާ މީހުން އަރަމުންދެއެވެ. މި މަންޒަރު ފެނުމުން އިބްރާހިމް އިންބު އަދްހަމަށް ކެތް ނުކުރެވުނެވެ. ގިސްލާ ރޮވުނެވެ. އަދި ބުންޏެވެ. سبحان ﷲ، އިބަ ﷲ ގެ އިސްމުފުޅަށް އިހާނެތިކޮށް މިތާ ހިތެނީތޯއެވެ؟ ދެން އެ ކަރުދާސްކޮޅު ބިން މަތިން ނެގިއެވެ. އަދި އެ ކަރުދާސްކޮޅު ރީތިކޮށް، އަތަރު އޭގައި އުގުޅާ، ގޭގެ ފާރުގައި އެލުވިއެވެ.

ދެން ރޭ ވުމުން، އަޑެއް އިވުނެވެ. މިއީ އެކަލޭގެފާނުގެ ކިބައިން ސާބިތު ރިވާޔަތެކެވެ. ތޯތޯ ވާހަކައެއް ނޫނެވެ. އާދެ، އަޑެއް އިވުނެވެ. ” އޭ ﷲ ގެ އިސްމުފުޅުގައި އަތަރުލައި އޭތި ރީތިކުރި މީހާއެވެ. އޭ ﷲ ގެ އިސްމުފުޅު މަތިވެރި ކުރި މީހާއެވެ. ހަމަކަށަވަރުން، މާތް ﷲ ތިބާގެ ނަން މަތިވެރިކުރައްވާނެއެވެ”. މިހެން ގޮވާލި އަޑެވެ.

ދެން، މާތް ﷲ ގެ ހިދާޔަށް އެކަލޭގެފާނަށް ލިބުނެވެ. އަދި ފުރިހަމަ ތައުބާއަކުން ތައުބާވިއެވެ. އަދި، އުއްމަތް ދުށް، މަތިވެރި ޒުހުދުވެރި، އަޅުވެރި ބޭކަލަކަށް ވެވަޑައިގަތެވެ. އެހެންކަމުން، އެކަލޭގެފާނު އަވަހާރަފުޅުވުމުން، މުޅި އެރަށުގެ އެންމެން އެކަލޭގެފާނުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތެވެ. އަދި އެތައް ހާސް ބަޔަކު އެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވިކަން އެއީ ތާރީޚް ދެކެފައިވާ ތެދު ޙަޤީޤަތެކެވެ. އޭގެތެރޭގައި އަމީރުންނާއި ވަޒީރުންނާއި މުޖާހިދުންނާއި ފާޤީރުންނާއި މިސްކީނުން ހިމެނެއެވެ.

ބައްލަވާށެވެ. މިހާރު އެކަލޭގެފާނުގެ ނަމަކީ އިސްލާމީ ތާރީޚުގައި މަތިވެރިވެގެންވާ ނަމެކެވެ. ކީއްވެތޯއެވެ؟ އެއީ މާތް ﷲ ގެ އިސްމުފުޅު މަތިވެރި ކުރުމުގެ ސަބަބުންނެވެ.

އެހެންކަމުން، ދަންނާށެވެ. މާތް ﷲ ގެ އިސްމުފުޅު މަތިވެރިކޮށް ކަމޭހިތައިފި މީހަކުނަމަ އެކަމުގެ ބަދަލު ލިބޭނެއެވެ. އަދި ބަދަލު ދެއްވުމުގައި އެ އިލާހަށްވުރެ ވަކިން ދީލަތި ފަރާތަކީ ކޮބައިތޯއެވެ؟ އަދި ހަމަ އެފަދައިން ދަންނާށެވެ. މާތް ﷲ ގެ އިސްމުފުޅުތަކަށް އިހާނެތިކޮށް ހިތައިފި މީހަކުގެ ނަމާއި ޤަދަރު ވެއްޔާއި މޮޑެވިގެންދާނެއެވެ. އަދި މީސްތަކުންގެ މެދުގައި ފަޟީހަތްތެރިވާ މީހަކުކަމުގައި އެމީހަކުވާނެއެވެ.

(ނޯޓް: ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ލިޔެފައި ހުންނަ ކަލަންޑަރުތައް އަހަރު ނިމުމުން އެއްލާނުލުމަށް ވަޞިއްޔަތްކޮށް އައްޝެއިޚް ފިކުރީ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ލިޔުމެއް ރާއްޖެއިސްލާމް ސައިޓްގައި ޝާއިޢުކޮށްފައެވެ. ވީމާ، މިއީ އަހަރު ނިމި ކަލަންޑަރުތައް މީހުން އެއްލާ ދުވަސްވަރު ކަމަށްވުމުން، އެއާއި މެދު ޙާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑުވެސް އިލްތިމާސްކުރަމެވެ.)

ޚިޔާލު ފައުޅުކުރުން