ޤުރުއާނުގެ އަލީގައި ދަރިން ތަރުބިޔަތުކުރުން 1

الحمد لله رب العالمين, والصلاة والسلام على سيد المرسلين, وعلى آله وصحبه أجمعين أما بعد

އިސްލާމީ މުޖުތަމަޢުތަކުގައި ތަފާތު ގިނަގުނަ ގޮންޖެހުންތަކާއި ވަބާތަކާއި އިޖުތިމާޢީ ބަލިމަޑުކަން މިހާރު ގޮސްފައިވަނީ މިއިން ޒަމާނަކުވެސް ނުދެކޭފަދަ ހިސާބަކަށެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖެވެސް މިކަމުން އިސްތިސްނާވެގެނެއް ނުވެއެވެ. މި އިޖުތިމާޢީ ބަލިމަޑުކަމުގެ ތެރޭގައި ހިމެނޭ އެންމެ އިސް އެއްކަމަކީ ދަރިން ތަރުބިޔަތުކުރުމުގައި އިހުމާލުވެ ފަރުވާކުޑަކުރެވުމެވެ. އޭގެ ސަބަބުން ބޮޑުވަމުން އަންނަ އިސްލާމީ ޖީލު ވަނީ މުޅިން ފަސާދަވެފައެވެ. ޒުވާނުންވަނީ މިއިން ޒަމާނަކު ނުދެކޭފަދަ ހިސާބަކަށް ހަލާކުވެގެން ގޮސްފައެވެ.

ތިމާއަށްޓަކައި ޤުރުބާންވެ ތިމާ ބަލާބޮޑު ކުރި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މަސްތުވާތަކެތީގެ ބިރުވެރި މަޅީގައި ޖެހުމާއި، ބޮޑެތި މަރާމާރީއާއި، ބަދުއަޚުލާޤީ ޢަމަލުތަކާއި، ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުމާއި މިހިރަ މިހިރަ އެތަކެއް ފަސާދައެއް ވަނީ އުއްމަތުގެ ޙާލާމެދު ވިސްނާ ފިކުރު ކުރާ ބަޔަކު ލޭކަރުނަ އަޅާވަރަށް ޢާންމުވެފައެވެ.

މިހިރަ މިހިރަ ހިތާމަވެރި ކަންކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ހައްލަކަށް ބޭނުންވެފައިވަނީ ނުހަނު އިންތިހާ ދަރަޖައަކަށެވެ. ނަމަވެސް ސުވާލަކީ، މިކަންކަން ހައްލު ކުރެވޭނީ ކިހިނަކުންތޯއެވެ؟ މިކަމުގެ ފަރުވާ ވަނީ ކޮން ބޭހެއްގައިތޯއެވެ؟ އެބޭސް ބޭނުން ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތަކަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެން ކީރިތި ޤުރުއާނާމެދު ޙައްޤުގޮތުގައި ވިސްނާ ފިކުރުކޮށްލައިފިނަމަ، މިކަންކަމުގެ ޙައްލު ފެންނަން ހުންނާނެ ކަމާމެދު ޝައްކެއްނެތެވެ. އެ ޤުރުއާނަކީ މިބަލިތަކަށް ބޭނުންވެފައިވާ ޙަޤީޤީ ފަރުވާއެވެ. ޙަޤީޤީ ބޭހެވެ. އެހެނީ ޤުރުއާނަކީ ރައްބުލްޢާލަމީންގެ ކަލާމްފުޅެވެ.

އެ އިލާހު ޚަލްޤުކުރެއްވި މަޚްލޫޤުންގެ ކަންތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވަނީ އެ އިލާހެވެ. އެބައިމީހުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެ އިލާހެވެ. އެ މަޚްލޫޤުންތައް ތަރުބިޔަތުވާނެ އެންމެ މޮޅު ގޮތްތަކަކީ ކޮބައިކަންވެސް އެނގިލައްވަނީ އެ އިލާހަށެވެ. ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު ފުރާފުރިހަމަ މުކައްލަފަކަށް ވަންދެން އޭނާ އެންމެ ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރާނެ ގޮތް ﷲ ގެ ޝަރީޢަތުގައިވާނެ ކަމާމެދު ޝައްކެއްނެތެވެ.

ހެޔޮ ލަފާ ދަރިންތަކެއް ތަރުބިޔަތުކުރެވުމަކީ ހެޔޮލަފާ މުޖުތަމަޢެއްގެ އެންމެ ފުރަތަމަ ފިޔަވަޅެވެ. މި ދެކަމީ ގުޅިލާމެހިފައިވާ ދެކަމެކެވެ. ކީރިތި ޤުރުއާން ވަނީ ޢަމަލީގޮތުން އިސްލާމީ ފުރިހަމަ މުޖުތަމަޢެއް ބިނާކޮށް ދައްކާފައެވެ. ޢަރަބިން ޖާހިލިއްޔަތުގެ ކަނުއަނދިރީގައި ތިއްބާ، އަލިކަމުގެ ތެރެއަށް ގެނެސްދިނީ އެ ޤުރުއާނެވެ. ތާރީޚު ބަދަލުކޮށްލި، ވަރުގަދަ ޖީލެއް އެ ޤުރުއާން ވަނީ ބިނާކޮށްދެއްވާފައެވެ.

އެހެންކަމުން، މި ލިޔުމުގެ މައިގަނޑު ފަށައިގަތުމުގެ ކުރިން، ތަރުބިޔަތު މި ލަފުޒުގެ މަފްހޫމާއި، ޖުމްލަގޮތެއްގައި ތަރުބިޔަތުގެ މުހިއްމުކަމާއި އަދި ޚާއްސަކޮށް ދަރިން ތަރުބިޔަތުކުރުމުގެ މުހިއްމުކަމާއި ދަރިން ތަރުބިޔަތު ކުރުމުގައި އިހުމާލުވެ ފަރުވާކުޑަކުރެވުމުގެ ނަތީޖާއާ ބެހޭގޮތުން، މާތް ﷲ ގެ ތައުފީޤާއެކު، ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.

ތަރުބިޔަތު މިލަފުޒުގެ މަފްހޫމު:

ތަރުބިޔަތު ނުވަތަ ތަރުބިއްޔަތު މި ލަފުޒަކީ ޢަރަބި ލަފުޒެކެވެ. ނަމަވެސް، އަޅުގަނޑުމެން ދިވެހިން ދަނީ މިލަފުޒު ދިވެހި ލަފުޒެއްގެ ގޮތުގައި، ޢަރަބި ބަހުގައި ބޭނުން ކުރާ މަފުހޫމަށް އެއްވެސް ބަދަލެއް ނުގެނެސް ބޭނުންކުރަމުންނެވެ. އެހެންކަމުން، މިއީ ދިވެހިވެފައިވާ ޢަރަބި ލަފުޒެކޭ ބުނެވިދާނެއެވެ.

ޢަރަބި ބަހުގައި، ތަރުބިއްޔަތުގެ މާނައަކީ، އެއްޗެއް އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ފުރިހަމަ ޢިނާޔަތްތެރިކަން ދީގެން ބަލައި ބޮޑުކުރުމެވެ. މިއީ ދިވެހި ބަހުގައިވެސް ތަރުބިޔަތު މާނަ ކުރެވިފައިވާ ގޮތެވެ.

ދިވެހި ރަދީފުގައި ތަރުބިޔަތު މާނަކޮށްފައިވާގޮތް މިތަނުގައި ނަކަލުކޮށްލާނަމެވެ.

ތަރުބިޔަތު:

1- ރަނގަޅު ގޮތްތަކަށް ހާނުވައި ބޮޑުކުރާ ބޮޑު ކުރުން.

2- އަށަގެންފައިވާ ރީތި އަޚްލާޤާއި މާތް ސިފަތައް.

3- ގެންގުޅެ ބޮޑުކުރާ ގޮތް.

ޚިޔާލު ފައުޅުކުރުން