ޤުރުއާނުގެ އަލީގައި ދަރިން ތަރުބިޔަތުކުރުން 2

ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން:

ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ދެއްވާ ނިޢުމަތެއްކަމާ މެދު ޝައްކެއްނެތެވެ. ދަރިންގެ ނިޢުމަތަކީ އެއާއެކު އެތަކެއް ގިނަގުނަ ޒިންމާތަކެއް އެކުލެވިގެންވާ ނިޢުމަތެކެވެ. އެކަތަކެއް މަސްއޫލިއްޔަތެއް ހިމެނިގެންވާ ނިޢުމަތެކެވެ. ހަމަކަށަވަރުން އެ ނިޢުމަތަކީ އަމާނާތެކެވެ.

އެހެންކަމުން، އެ ދަރިންނާމެދު ކަންތައް ކުރަންވީ އެންމެ ރަނގަޅު ހެޔޮ ގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައެވެ. އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ދެއްވި އިރުޝާދުތަކުގައި ހިފުމަށް އަޅުގަނޑުމެންނަށް ވަނީ އަމުރުކުރައްވާފައެވެ. ދަރިންގެ ޙައްޤުގައެވެ. އެ ދަރިންނަކީ އުއްމަތުގެ މުސްތަޤުބަލު ކަމުގައިވާތީއެވެ. އުއްމަތުގެ ކުރިމަގު ބިނާވެގެންވަނީ އެ ދަރިންގެ އަތް މައްޗަށް ކަމަށްވާތީއެވެ. އުއްމަތަށް ނަޞްރު ލިބޭނީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމުގައި ވާތީއެވެ.

ކީރިތި ޤުރުއާނުގައި ދަރިން ސިފަކުރައްވާފައިވަނީ ދުނިޔެ މަތީގެ ޒީނަތެއްގެ ގޮތުގައެވެ.

{ الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا } الكهف :46

އާޔަތުން ދޭހަވާ މާނަ: ( މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. )

ހަކަށަވަރުން ދަރިންނަކީ އަމާނާތެކެވެ. މަސްއޫލިއްޔަތެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަޞައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ.

كُلُّكُمْرَاعٍوَكُلُّكُمْمَسْئُولٌعَنْرَعِيَّتِهِ،الْإِمَامُرَاعٍوَمَسْئُولٌعَنْرَعِيَّتِهِ،وَالرَّجُلُرَاعٍفِيأَهْلِهِوَهُوَمَسْئُولٌعَنْرَعِيَّتِهِ،وَالْمَرْأَةُرَاعِيَةٌفِيبَيْتِزَوْجِهَاوَمَسْئُولَةٌعَنْرَعِيَّتِهَا،وَالْخَادِمُرَاعٍفِيمَالِسَيِّدِهِوَمَسْئُولٌعَنْرَعِيَّتِهِ(صحيحالبخاري) 

ޙަދީޘުން ދޭހަވާ މާނަ: ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީވެސް ބަލަދުވެރިއެކެވެ. އޭނަގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ސުވާލުވެވޭނެ މީހެކެވެ. ވެރިމީހާއަކީ ބަލަދުވެރިއެކެވެ. އޭނަގެ ރައްޔިތުންނާމެދު އޭނައާ ސުވާލުވެވޭނެ މީހެކެވެ. ފިރިމީހާއަކީ ބަލަދުވެރިއެކެވެ. އޭނަގެ އަހުލުންނާ މެދު އޭނައާ ސުވާލުވެވޭނެ މީހެކެވެ. އަނބިމީހާއަކީ ބަލަދުވެރިއެކެވެ. އޭނަގެ ފިރިމީހާގެ ގޭގެ ކަންތަކާމެދު އޭނައާ ސުވާލުވެވޭނެ މީހެކެވެ. އަދި އަޅުމީހާއަކީ އޭނަގެ ޞާޙިބުމީހާގެ މުދަލުގެ ބަލަދުވެރިއެކެވެ. އޭނައާ ހަވާލުކުރެވިފައިވާ ތަކެއްޗާމެދު ސުވާލުވެވޭނެ މީހެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

{ وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ } الطور: 21

އާޔަތުން ދޭހަވާ މާނަ: (އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.)

އާޔަތުގެ ތަފްސީރަށް ބަލާއިރު، އާޔަތުން ދޭހަކޮށްދެނީ، ދަރިންނަކީ މުސްލިމުން ކަމުގައި ވެފައި، އެބައިމީހުންގެ ދަރަޖަ ސުވަރުގޭގައި މައިންބަފައިންނަށްވުރެ ދަށްވެއްޖެނަމަ، ﷲ ގެ ރަޙްމަތުން އެބައިމީހުންގެ ދަރަޖަ މައްޗަށް އުފުލި، އެބައިމީހުންގެ މައިންބަފައިންނާ އެކުގައި ލައްވާނެކަމެވެ. އެއީ ދުނިޔޭގައިވެސް އެބައިމީހުން އީމާންވެ އެކުގައި އުޅުނުގޮތަށް އާޚިރަތުގައިވެސް އެބައިމީހުންގެ އެއްތަން ކުރެވިގެން ދިއުމެވެ. ﷲ ގެ ރަޙްމަތްވަނީ ތަނަވަސްވެގެންނެވެ.

އިމާމު ޣަޒާލީ ރަޙިމަހު ﷲ އެކަލޭގެފާނުގެ ފޮތް “އިޙްޔާއުލް ޢުލޫމިއްދީން” ގައި ވިދާޅުވެފައިވެއެވެ. ( ތުއްތު ދަރިފުޅަކީ އޭނަގެ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. އޭނަގެ ހިތަކީ ސާފު ތާހިރު އެއްޗެކެވެ. އޭގައި އެއްވެސް ރޮނގެއް ނުވަތަ ކުރެހުމެއް އެޅިފައެއް ނުވާނެއެވެ. ނަމަވެސް އެއީ ބޭނުން ރޮނގެއް އެޅިދާނެ އެއްޗެކެވެ. އަދި އެއީ ލެންބި ކޮންމެ ކޮޅަކަށް ލެނބޭނެ އެއްޗެކެވެ. އެހެންކަމުން، ހެޔޮ ކަންތަކަށް އާދަކުރުވައިފިނަމަ އެގޮތުގައި ބޮޑުވާނެއެވެ. އަދި އޭނަގެ މައިންބަފައިންނަކީ ދުނިޔެއާއި އާޚިރަތުގެ ވެސް ބާއްޖަވެރިން ގޮތުގައި ވާނެއެވެ. ނަމަވެސް ނުބައި ކަންތަކަށް އާދަކުރެވި، ކަންބަޅި ބަކަރި ފަދައިން އިހުމާލުކުރެވިއްޖެނަމަ، އަބާއްޖަވެރިވެ ހަލާކުވާނެއެވެ. އަދި އެކަމުގެ ފާފަ އޭނަ ބަލައިބޮޑުކުރި ބައެއްގެ ބޮލުގައި އެޅޭނެއެވެ.)

ދަރިން ތަރުބިއްޔަތުކުރުމުގެ ލަނޑުދަނޑި:

  1. ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއަކީ، ދަރިފުޅު އެންމެ ކުޑައިރުން ފެށިގެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވާން ދަސްކޮށްދިނުމެވެ. އެ އަމުރުފުޅުތަކަށް އިޙްތިރާމު ކުރަން ދަސްކޮށްދިނުމެވެ. އަދި ނަހީތަކުން ދުރުވާން ދަސްކޮށްދިނުމެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އެންމެ ކުޑައިރުން ފެށިގެންވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ ތަޝްރީޢީ އަދި މަންހަޖީ އެއްޗެއްކަން ކުއްޖާއަށް ދަސްކޮށްދިނުމެވެ.
  2. އިސްލާމްދީނުގެ މަތިވެރި އަގުކުރުންތަކާއި އަޚްލާޤިއްޔާތަށް ދަރިން އިޚްތިރާމު ކުރަން ދަސްކޮށްދިނުން.
  3. ދަރިންނަކީ ބާއްޖަވެރި ކުދިންކަމުގައި ހެދުން.
  4. މީސްތަކުންނަށް އޯގާތެރި ދަރިންތަކަކަށް އެކުދިން ހެދުން.
  5. އިޖުތިމާޢީ ކަންކަމުގައި ޙަރަކާތްތެރިވާ ދަރިންތަކެއް ކަމުގައި އެކުދިން ހެދުން.
  6. އަމިއްލަ ނަފްސުގައިވާ ޤާބިލިއްޔަތު ދަނެ، އެ ޤާބިލިއްޔަތު އިތުރަށް ތަރައްްޤީކުރުމަށް އެކުދިންނަށް ދަސްކޮށްދިނުން.
  7. ދަރިންނަކީ ހިތްވަރުގަދަ ކެރޭ ބަޔަކަށް ހެދުން.

މި ލަނޑުދަނޑިތަކަށް ޖުމްލަ ގޮތެއްގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ޢިޝާރާތް ކުރައްވާފައިވެއެވެ. އެއީ ” قرة أعين ” މިކަލިމައެވެ.

{ وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَأَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا } الفرقان : 74

އާޔަތުން ދޭހަވާ މާނަ: ” އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނގެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”

އިމާމު ބަޣަވީ ރަޙިމަހު ﷲ ،އެކަލޭގެފާނުގެ ތަފްސީރުގައި މިކަލިމައާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ. ” (( قرة أعين )) މަނައީ، ރަނގަޅު ކިޔަމަންތެރި ތަޤްވާވެރި ދަރިންނެވެ. އެބައިމީހުން (ﷲ) އަށް ދަންނަވަތެވެ. އެ ދަރިން ޞާލިޙުން ކަމުގައިލައްވާ އަޅަމެންގެ ލޮލުގެ ފިނިކަން ކަމުގައި ލައްވާފާނދޭއެވެ. ޤުރުޠުބީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. މުއުމިނުންނަށް އެބައިމީހުންގެ އަނބިދަރިން ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާތަން ފެނުމަށްވުރެ ވަކީން ބޮޑަށް އެބައިމީހުންގެ ލޮލަށް ފިނިކަން ލިބޭނެ އެހެން ކަމެއް ނުވެއެވެ.”

(ނުނިމޭ)

ޚިޔާލު ފައުޅުކުރުން