ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރުން 3

ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ޚުޠޫރަތްތެރިކަން:

ދަރިންނާމެދު އިހުމާލުވެ، ޤުރުއާނާއި ސުންނަތުގައިވާ ގޮތަށް، އެދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ނުދެވިއްޖެނަމަ، އެދަރިންގެ ސުލޫކަށް ފޫނުބެއްދޭނެފަދަ ބޮޑު ގެއްލުމެއް އުކުދިންގެ މުސްތަޤުބަލަށް ކުރިމަތިވުން އޮންނާނީ ދާދި ކައިރީގައެވެ. ސުލޫކީގޮތުން އެދަރިންނަކީ ގޯސް ސުލޫކެއްގެ މަތީގައި ބޮޑުވާ ކުދިންކަމުގައި ވެދެއެވެ. އެގޮތުގައި އެދަރިން ބޮޑުވެއްޖެނަމަ، މާތް ﷲ ޙަރާމްކުރެއްވި ކަންތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަ ޒުވާނުންކަމުގައި އެދަރިން ވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، އެމައިންބަފައިންނަށް ނިކަމެތިކޮށް ހިތުމާއި، އެބައިމީހުންގެ ހިތުގައި ޖެއްސުމަކީ އެފަދަ ޒުވާނުންނަށް މާބޮޑު ކަމަކަށް ނުވާނެއެވެ. އަދި މީގެ އިތުރުން މުޅި މުޖުތަމަޢަށް ހުރި ގެއްލުމެއް ކަމަށް އެ ޒުވާނާ ވެދެއެވެ. އަދި އޭނައާމެދު މުޅި މުޖުތަމަޢުގެ އަފުރާދުން ޝަކުވާ ކުރާ ޒުވާނެއްކަމުގައި އޭނަވުން އޮންނާނީ ވަރަށް ގާތުގައެވެ. އޭނައަކީ އެއްވެސް ރަނގަޅު ތަރުބިއްޔަތެއް ދެވިފައިނުވާ ޒުވާނެކޭ ބުނެ، އޭނައަށާއި އޭނަގެ މައިންބަފައިންނަށް ބަދުބަސް ބުނެ، ލަޢުނެތް ދޭނެ ހިސާބަށް ދާނެއެވެ. އޭނައާ މެދު އޭނަގެ މައިންބަފައިން އިހުމާވެފައިވާކަމަށް މީސްތަކުން ބުނަން ފަށާނެއެވެ. އެބައިމީހުންނަށް ކައިވެނީގެ މަޤްޞަދަކީ ކޮބައިކަން ނޭނގޭއޭ ބުނާނެއެވެ. އަދި ދަރިންބަލާ ބޮޑުކުރުމުގެ ޒިންމާއަކީ ކިހާބޮޑު ޒިންމާއެއްކަންވެސް ނޭނގޭ ކަމަށް ބުނާނެއެވެ.

ދަރިންގެ ތަރުބިއްޔަތާމެދު އިހުމާލުވުމުގެ ސަބަބުން އިންނާސާ ނަރަކައަށް ދިއުމަކީވެސް އެކަށީގެންވާކަމެކެވެ. އަދި އެކަމުން ރައްކާތެރިވެ ތިބުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވާފައެވެ.

((يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ )) التحريم : 6

އާޔަތުން ދޭހަވާ މާނާ: ( އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.)

ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރުން

ހަމަކަށަވަރުން ޤުރުއާނުގައި ހުރިހާ ޢާލަމްތަކަށް ހިދާޔަތް ލިބިގަންނާނެ ގޮތްތައް ވަނީ ބަޔާންކުރައްވާފައެވެ. އެ ހިދާޔަތް ލިބިގަންނަން ބޭނުން މީހަކަށް އެ ހިދާޔަތް ލިބޭނެއެވެ. އަދި އެ ހިދާޔަތުން މޫނު އަނބުރާލައި، ޖަހާލަތުގެ އެންމެ އަނދިރީގެ ތެރެއަށް ދާން ބޭނުން މީހަކަށް، އަނދިރީގެ އެންމެ ފުނަށް ދިއުމުގެ އިޚްތިޔާރުވެސް މާތް ﷲ ވަނީ އެމީހަކަށް ދެއްވާފައެވެ.

އިންސާނާ މަންމަގެ ބަންޑުން މިދުނިޔެއަށް އުފަންވުމާއެކު އޭނަ ތަރުބިއްޔަތު ކުރާނެ އެންމެ މޮޅު ގޮތްތައް ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ކިއެއް، އޭނަ ވުޖޫދު ވުމުގެ ކުރިން، އޭނަ ތަރުބިއްޔަތު ކުރަންވާ ގޮތް ވަނީ އެ ޤުރުއާނުގައި ބަޔާންކޮށްދެއްވާފައެވެ. މައިންބަފައިންނަށް ވަނީ އެބައިމީހުންނަށް ދަރިން ލިބުމުގެ ކުރިން ހެޔޮ ޞާލިޙު ދަރިފަސްކޮޅެއް ދެއްވުމަށް އެދި ﷲ އަށް ދުޢާ ދެންނެވުމަށް އިރުޝާދު ދެއްވާފައެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަބީބޭކަލުންނާއި ޞާލިޙު ތަޤްވާވެރިންގެ މިސާލު ލިބިގެން، އެބައިމީހުންގެ މަގުން ހިނގުމަށް މައިންބަފައިންނަށް ވަނީ އިރުޝާދު ދެއްވާފައެވެ.

އެހެންކަމުން، ޤުރުއާނުގައި ބައެެއް ނަބީބޭކަލުންނާއި ޞާލިޙު ތަޤްވާވެރިންގެ މިސާލު ޖައްސަވާފައިވެއެވެ. އެބައިމީހުން އެބައިމީހުންގެ ދަރިން ތަރުބިޔައްތު ކުރެއްވި ގޮތުގެ މިސާލެވެ. އަޅުގަނޑުމެން އެއިން ޢިބްރަތް ލިބިގަތުމަށެވެ. އެބޭކަލުންގެ މަންހަޖުގައި ފައިތިލަ ސާބިތުކުރުމަށްޓަކައެވެ. އެގޮތުން، ޤުރުއާނުގައި މިސާލު ޖައްސަވާފައިވާ ބޭކަލުންގެ ތެރޭގައި އިބްރާހީމުގެ ފާނައި، އިސްމާޢީލުގެފާނާއި، ޔަޢުޤޫބުގެފާނާއި، ލުޤުްމާނުގެފާނުގެ މިސާލުތައް ފާހަގަކޮށްލެވެއެވެ.

  • އިބްރާހީމުގެފާނު އެކަލޭގެފާނަށް ޞާލިހު ހެޔޮ ދަރިފަސްކޮޅެއް ދެއްވުމަށް އެދި މާތް ﷲ އަށް ގިނަގިނައިން ދުޢާ ދަންނަވާ އުޅުއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާ ޒިކުރުކުރައްވާފައިވެއެވެ.

((رَبِّ هَبْ لِي مِنَ الصَّالِحِينَ )) الصافات : 100

އާޔަތުން ދޭހަވާ މާނަ: (އަޅުގެ ވެރިރައްބެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! )

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލޭގެފާނުގެ މި ދުޢާ އިޖާބަކުރައްވާ އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲ ގެ މި ނިޢުމަތަށް ޝުކުރުވެރިވާ ޙާލުގައި އިބްރާހިމުގެފާނު، މި ދެ ދަރިކަލުން ފިސާރި ރިވެތި އަދި މަތިވެރި ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރެއްވިއެވެ. އަދި މާތް ﷲ ގެ ރަޙުމަތުން މި ދެ ދަރިކަލުންނަކީވެސް ނަބީންކަމުގައި ލެއްވިއެވެ. އަދި ނޫޙުގެފާނަށްފަހު، އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ، ނަބީންގެ ދަރިފަސްކޮޅު ކަމުގައި މާތް ﷲ އިޚްތިޔާރުކުރެއްވިއެވެ. އެހެންކަމުން، އެންމެ ގިނަ ނަބީން އައިސްފައިވަނީ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެންމެ މަތިވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމަ ވަޑައިގެންނެވީ އިސްމާޢީލު ޢަލަހިއްސަލާމުގެ ދަރިފަސްކޮޅުންނެވެ.

އަދި އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެނުގެ ވާހަކައިން، އެކަލޭގެފާނު އިސްމާޢީލު ޢަލަހިއްސަލާމު ތަރުބިއްޔަތު ކުރައްވާފައިވާ ތަރުބިއްޔަތުގެ މަތިވެރިކަން ހާމަވެގެންދެއެވެ. އިސްމާޢީލު ޢަލަހިއްސަލާމް ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބަން ދަސްކޮށްދެއްވާފައިވާ ވަރުގަދަކަން މި ޙާދިސާއިން ހާމަވެގެން ދެއެވެ. ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި، އެންމެ މަތިވެރި ދަރަޖާގައި ކިޔަމަންގަތުމަށް އެކަލޭގެފާނު އިސްމާޢީލު ޢަލަހިއްސަލާމަށްވަނީ ފުރިހަމަ އަށް ދަސްކޮށްދެއްވާ ތަރުބިއްޔަތު ކުރައްވާފައެވެ.

މާތް ﷲ ޤުރުއާނުގައި އިބްރާހީމް ޢަލަހިއްސަލާމްގެ ހުވަފެނުގެ ވާހަކަ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.

(( فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ )) الصافات : 102

އާޔަތުން ދޭހަވާ މާނަ: (ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްލާމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރެއްވިގެންވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.)

ނަބީބޭކަލުންގެ ހުވަފެންފުޅަކީ ތެދު ހުވަފެންފުޅުތަކެކެވެ. ﷲ ގެ ޙަޟްރަތުން އަންނަ ވަޙީއެކެވެ. ވުމާއެކު، އިބްރާހީމުގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ޤުރުބާންކުރައްވަނިކޮށް ހުވަފެނުގައި ފެނިވަޑައިގެންނެވިހިނދު އެއީ ﷲ ގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގެންނެވިއެވެ. ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާނެއްކަން ޔަޤީންވެވަޑައިގަތެވެ. އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެކަމާ ދެކެވަޑައިގަންނަވާ ގޮތެއް ދަނެގަތުމަށްޓަކައެވެ. ﷲ ގެ ރަޙްމަތުން، އެކަލޭގެފާނު އެދަރިކަލުން، ތަރުބިއްޔަތުކޮށްފައިވަނީ އެންމެ މަތިވެރި އެންމެ ފުރިހަމަ ތަރުބިއްޔަތުގައެވެ. ވުމާއެކު، އެދަރިކަލުންގެ ބަސްފުޅަކަށްވީ ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށެވެ. އިރާދަކުރެއްވިއްޔާ ބައްޕަގެ މިދަރިފުޅަކީ ﷲ އަށް ކިޔަމަންތެރި ދަރިފުޅެއްކަމުގައި ބައްޕައަށް ފެނިލައްވާނެއެވެ. ﷲ ގެ އަމުރުފުޅުތަކަށް ކެތްތެރިކަމާއެކު ބޯލަނބައި މީހެއްކަމުގައި މިދަރިފުޅު އިރާދަކުރެއްވިއްޔާ ބައްޕައަށް ފެނިލައްވާނެއެވެ. އިބްރާހީމް ޢަލަހިއްސަލާމްގެ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ. އިސްމާޢީލު ޢަލަހިއްސަލާމްގެ އަޚްލާޤުފުޅު މަތިވެރިކަމާއެވެ.

ޚިޔާލު ފައުޅުކުރުން