ޤުރުއާނުގެ އަލީގައި ދަރީން ތަރުބިއްޔަތު ކުރުން 4

އިސްމާޢީލު ޢަލަހިއްސަލާމް:

އަދި ހަމަ އެހެންމެ، އިސްމާޢީލު ޢަލަހިއް ސަލާމް، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

((وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا )) مريم : 55

އާޔަތުން ދޭހަ ވާ މާނަ: (އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުން ލައްވާފައި ވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ.)

އާޔަތުގައި ވާ ފަދައިން، ނަމާދަށާއި ޒަކާތް ދިނުމަށް އަމުރު ކުރުމަކީ ތަރުބިއްޔަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ބާބެކެވެ. އެހެނީ، ނަމާދަކީ ހުރިހާ ނުބައި ފާޙިޝް ކަންތަކުން އިންސާނާ ދުރުކޮށް ރައްކައުތެރި ކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ނަމާދަކީ، ޖިސްމާނީ ގޮތުން ވެސް އިންސާނާ ސާފު ތާހިރުކަން މަތީގައި ބަހައްޓާ ކަމެކެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އަދި ދިރިއުޅޭ ތަން ވެސް ސާފު ތާހިރުކޮށް ބެހެއްޓުމަށް ނަމާދު ބާރު އަޅާނެއެވެ. ހަމައެއާއެކު، ޒަކާތް ދިނުމުގެ ސަބަބުން އޭނާގެ މުދާ ތާހިރު ވެގެން ދެއެވެ. އަދި ﷲ ސުބުޙާނަހޫ ވަ ތަޢާލާ އެ މުދަލުގައި ބަރަކާތް ލައްވައި އޭނާއަށް މުދާ އިތުރު ކޮށްދެއްވައެވެ. މި ދެންނެވި ހެޔޮ އަދި ރަނގަޅު ސިފަތަކުގެ އަހުލުވެރިޔަކަށް އިންސާނާ ވުމުން، ނަތީޖާއެއްގެ ގޮތުން، މާތް ﷲ ގެ ޙަޟްރަތުގައި އޭނަގެ ދުޢާއަކީ މަޤްބޫލު ދުޢާއަކަށް ވެގެން ދެއެވެ. އެއީ އިސްތަޖާބަ ކުރެއްވޭ ދުޢާއަކަށް ވެގެން ދެއެވެ.

ޔަޢުޤޫބު ޢަލަހިއްސަލާމް:

ޔަޢުޤޫބު ޢަލަހިއް ސަލާމްގެ އެންމެ ފަހު ނޭވާފުޅުގައި ވެސް އެކަލޭގެފާނުގެ ބޭފުޅުންނަށް މަތިވެރި އިރުޝާދާއި ތަޢުލީމު ދެއްވިއެވެ. ޙަޔާތުގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދޭން ޖެހޭ ކަންތަކުގެ ވާހަކަ ތަކުރާރު ކުރައްވައި ބަޔާން ކުރެއްވިއެވެ. އެއީ ﷲ އެއްކައުވަންތަ ކުރުމާ އެކު އެކަލާނގެ ރަސްކަންފުޅަށް އަޅުކަން ކުރުމެވެ. އަޅުކަމުގައި އެކަލާނގެއާ އެކު އެއްވެސް ޝަރީކަކު ނުގެންގުޅުމެވެ. އެކަލާނގެއަށް ކުރާ އަޅުކަމެއް ޚާލިޞް ކުރުމެވެ. ފަހެ، މިއީ އިންސާނާ އުފެއްދެވި އެންމެ މަތިވެރި މަޤްޞަދެވެ. އުޑާއި ބިން އުފެއްދެވި މަޤްޞަދެވެ. ވުމާއެކު، ތަރުބިއްޔަތުގެ އެންމެ ފުރަތަމަ ފިޔަވަޅު ވެސް ބިނާ ކުރެވެން ވަނީ ﷲ އެއްކައުވަންތަކޮށް ހަމައެކަނި އެފަރާތަށް އަޅުކަން ކުރުމުގެ މައްޗަށް ދަރިފުޅުގެ ނަފުސު ތައްޔާރު ކުރުމަށެވެ. އަދި ތަރުބިއްޔަތުގެ އެންމެ ފަހު ފިޔަވަޅަކަށް ވެސް ވާން ޖެހޭނީ މި ކަމުގެ މައްޗަށް ދަރިފުޅަށް ވަޞިއްޔަށް ކޮށް، ހަނދާން ކޮށްދީ، ނަސޭހަތްތެރި ވުމެވެ. އެ ދެމެދުގައި ހިމެނޭ ފިޔަވަޅުތަކުގައި މާތް ﷲ ގެ ޝަރީޢަތުން އަންގަވައި ބަޔާން ކޮށްދެއްވައިފައި ވާ ރިވެތި ޚުލުޤުތަކާއި، ހެޔޮ މުޢާމަލާތުގެ ފިލާވަޅުތައް ދަރީންނަށް ދަސް ކޮށްދިނުމެވެ. ދަރިންނަކީ ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި ދަރިންތަކެއް ކަމުގައި ހެދުމެވެ. އެކުދިންނަކީ ދެ ދުނިޔޭގެ ބާއްޖަވެރިން ކަމުގައި ހެދުމެވެ.

ޔަޢުޤޫބު ޢަލަހިއް ސަލާމްގެ އެންމެ ފަހު ނޭވާފުޅުގައި އެކަލޭގެފާނުގެ ބޭފުޅުންނަށް ބާރު އެޅުއްވި ކަންތަކުގެ ވާހަކަ މާތް ﷲ ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. އަޅުގަނޑުމެން އެކަމުން ޢިބްރަތް ލިބިގަތުމަށެވެ. އެ މަތިވެރި ތަރުބިއްޔަތުން އަޅުގަނޑުމެން މިސާލު ލިބިގަތުމަށެވެ. މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

((أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَٰهَكَ وَإِلَٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ )) البقرة : 133

އާޔަތުން ދޭހަ ވާ މާނަ: (ނުވަތަ ޔަޢުޤޫބުގެފާނުގެ އަރިއަހަށް މަރު އައިސް ޙާޟިރު ވި ހިނދު ތިޔަބައިމީހުން ޙާޟިރު ވެ ދެކެން ތިބީމު ހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރު ވެދިޔުމަށް ފަހު ތިޔަބައިމީހުން އަޅުކަން ކުރާނީ ކޮން ފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ތިމަންމެން އަޅުކަން ކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުނަވި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުގެ އިލާހަށެވެ. އެއީ، އެއްކައުވަންތަ ކަލާނގެއެވެ. ތިމަންމެން މިތިބީ، އެކަލާނގެއަށް ކިޔަމަން ވެ މުސްލިމުން ކަމުގައި ވެގެންނެވެ.)

މި އާޔަތުން އެނގިފެނިގެން ދާ ގޮތުގައި، ޔަޢުޤޫބު ޢަލަހިއް ސަލާމްގެ ޙަޔާތްޕުޅުގެ އެންމެ ފަހު ވަގުތުގައި ވެސް ބޭފުޅުންނަށް ވަޞިއްޔަތް ކުރެއްވީ ﷲ އެއްކައުވަންތަ ކުރުމަށެވެ. މުދަލާއި ތަރިކައާއި އަދި އެ ނޫން ވެސް އެއްޗަކާ ބެހޭ ގޮތުންނެއް ނޫނެވެ.

ޔޫސުފް ޢަލަހިއްސަލާމް:

ޔޫސުފް ސޫރަތަށް އަޅުގަނޑުމެން ނަޒަރު ހިންގައި ވިސްނައިލާ އިރު، ޔަޢުޤޫބު ޢަލަހިއް ސަލާމް އެކަލޭގެފާނުގެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވުމުގައި ބޭނުން ކުރެއްވި ތަފާތު އުސްލޫބުތައް ފެނިގެން ދެއެވެ. އެ އުސްލޫބުތަކަކީ ޢިބުރަތުގެ ހިމަނައިނުގަނެވޭ ފަދަ އަގުހުރި ފިލާވަޅުތަކެކެވެ. އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަދައިން، ޔޫސުފުގެފާނުގެ ތުއްޕުޅު ޢުމުރުފުޅުގައި، އެކަލޭގެފާނާ މެދު އެކަލޭގެފާނުގެ އަޚުން ކޮންމެވެސް ވަރެއްގެ ހަސަދަވެރިކަމެއް ގެންގުޅުނެވެ. މީގެ ސަބަބުން އެ ޢާއިލާއަށް ބޮޑެތި ހިތާމަތަކެއް ވެސް ލިބުނެވެ. ނަމަވެސް ޔަޢުޤޫބުގެފާނުގެ ތަރުބިއްޔަތުގެ މަންފާ އެންމެ ފަހު ވަގުތު ލިބުނީ ފުރިހަމަ ގޮތުގައެވެ. އެހެނީ، އެކަލޭގެފާނުގެ ހުރިހާ ބޭފުޅުންވެސް ޔޫސުފުގެފާނާ މެދު ކަންތައް ކުރެވުނު ގޮތާމެދު ދެރަ ވެ، ﷲ ގެ ޙަޟްރަތުން އިސްތިޣުފާރަށް އެދި ދެންނެވިއެވެ. އެހެންކަމުން، އާޚިރުގައި ޔަޢުޤޫބުގެފާނުގެ ހުރިހާ ބޭފުޅުންނަކީ ވެސް ރަނގަޅު ޞާލިޙު ދަރިންތަކެއް ކަމުގައި ވެގެން ދިޔައެވެ.

މާތް ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ބަސްފުޅުގެ ތެދުކަމާއެވެ. ((لَّقَدْ كَانَ فِي يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ )) يوسف : 7

އާޔަތުން ދޭހަ ވާ މާނަ: (ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި، ސުވާލު ކުރާ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ.)

މީގެ އިތުރުން، ޔޫސުފް ސޫރަތުގެ ފަހު އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(لَقَدْ كَانَ فِي قَصَصِهِمْ عِبْرَةٌ لِّأُولِي الْأَلْبَابِ ) يوسف : 111

އާޔަތުން ދޭހަ ވާ މާނަ: (ހަމަ ކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ އަހުލުވެރިންނަށް ޢިބްރަތެއް ވާ ކަން ކަށަވަރެވެ.)

ޔޫސުފް ސޫރަތުގައި ވާ މަތިވެރި ބަސްފުޅުތަކަށް ބަލައިލައި، ޔަޢުޤޫބުގެފާނުގެ ތަރުބަވީ އުސްލޫބުތަކުގެ ތެރެއިން ބައެއް ކަންކަމާ މެދު ނަޒަރު ހިންގައިލަމާތޯއެވެ!

ބައްޕަ އާއި ދަރިފުޅާ ދެމެދުގައި އޮންނަން ޖެހޭ ވަރުގަދަ ގުޅުން

ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ބޭފުޅުންގެ ޙަޔާތްޕުޅުގައި ދިމާ ވި ކަންކަމާ ބެހޭގޮތުން ޔޫސުފް ސޫރަތުގައި ވަޙީ ކުރައްވައިފައި ވާ، ބަސްފުޅުތަކުން ލިބިދޭ އެއް ފިލާވަޅަކީ، ބައްޕަޔާއި ދަރީންނާ ދެމެދުގައި ވަރަށް ގާތް، ބަދަހި ގުޅުމެއް އޮންނާން ޖެހޭ ކަމުގެ ފިލާވަޅެވެ. ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން ޔޫސުފުގެފާނާ ދެމެދުގައި އޮތީ ނުހަނު ވަރުގަދަ ގާތް ގުޅުމެކެވެ. އެ ގާތް ގުޅުމުގެ ސަބަބުން ޔޫސުފުގެފާނު ވަރަށް ތުއްޕުޅު އިރުގައި ވެސް، އެކަލޭގެފާނާ މެދު ހިނގާ ހުރިހާ ކަމެއް ބައްޕާފުޅަށް ދަންނަވައެވެ. ބައްޕާފުޅުގެ އަރިއަހުގައި އެ ވާހަކަތައް ދައްކަވައެވެ. އެހެންކަމުން، ޔޫސުފުގެފާނަށް ފެނިވަޑައިގަންނަވާ ހުވަފެންތަކަށް ދާންދެން ބައްޕާފުޅު ޔަޢުޤޫބުގެފާނަށް ކިޔައިއަރުއްވައެވެ.

(إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ) يوسف: 4

އާޔަތުން ދޭހަ ވާ މާނަ: (ޔޫސުފުގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވި ހިނދު، ހަނދުމަ ކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަން ކަލޭގެފާނަށް ސިޖިދަކުރާތީއެވެ.)

ޔޫސުފްގެފާނު، އެކަލޭގެފާނަށް ދިމާ ވެވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ބައްޕާފުޅަށް ދަންނަވާ ފަދައިން، ދަރިކަލުންގެ ވާހަކަފުޅު، ޔަޢުޤޫބުގެފާނު ކަނުލައްވައި އައްސަވައެވެ. އެކަން ވެސް ކީރިތި ޤުރްއާނުގައި މި ޙާދިސާގެ ވާހަކަ ބަޔާން ކުރެއްވި އާޔަތްތަކުން އަޅުގަނޑުމެންނަށް ސާފު ވެގެން ދެއެވެ.

މިއިން އަޅުގަނޑުމެންނަށް ލިބިގެންދާ ޢިބްރަތަށް ބަލައިލަމާތޯއެވެ!

ބައްޕަ އާއި ދަރިފުޅާ ދެމެދު ވަރުގަދަ ގުޅުމެއް އޮވެއްޖެ ނަމަ، ދަރިފުޅަށް ޙަޔާތުގައި ދިމާވާ އެންމެހައި ކަންކަމުގެ ވާހަކަ އެއްވެސް ޖެހިލުމެއް ނެތި ބައްޕައަށް ކިޔައިދޭނެއެވެ. ދަރިފުޅަށް އޭނާގެ ބައްޕަޔަށް އިތުބާރު ކުރެވޭނެއެވެ. އޭނާގެ ވާހަކަތައް ބައްޕަ އަޑުއަހާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮންނާނެއެވެ. ބައްޕަ އޭނާގެ ކަންކަމާ މެދު ފުރިހަމަ ސަމާލުކަން ދޭނެކަން ދަރިފުޅަށް އެނގޭނެއެވެ. އެހެންކަމުން، އެ ދަރިފުޅަށް ކޮންމެ ފަދަ ކަމެއް ދިމާ ވިޔަސް އެ ވާހަކަތައް އޭނާގެ ބައްޕަޔާ ހިއްސާ ކުރާނެއެވެ. މިފަދަ ގާތް ގުޅުމެއް ދެބަފައިންގެ ދެމެދުގައި އުފެދިއްޖެ ނަމަ، ބައްޕައަށް އޭނަގެ ދަރިފުޅަށް ދުވަހުން ދުވަހަށް ދޭންޖެހޭ އިރުޝާދުތައް އެނގޭނެއެވެ. އަދި ކަންކަން ދިމާ ވީމާ، އެ ކަންކަމުގައި ދަރިފުޅު އަމަލު ކުރާންވީ އެންމެ މޮޅު ގޮތް ބުނެދެވޭނެއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ބަފައިންނާއި ދަރީންގެ ގުޅުން ކުޑަ ވުމުގެ ސަބަބުން، ގިނަ ފަހަރު ދަރިފުޅުގެ ޙަޔާތުގައި ހިނގާ ކަންތައް ބައްޕައަކަށް ނޭނގެއެވެ. މި ގޮތަށް ދަރިފުޅުގެ ތުއްތު އުމުރު ނިމި، ޒުވާން ފުރައަށް ދާ އިރު، ބައްޕަ އާއި ދަރިފުޅުގެ ގުޅުން އިތުރަށް ހީނަރު ވެއެވެ. ދުވަސްކޮޅަކުން، ބައްޕައަށް އިވިގެން ދަނީ ދަރިފުޅު ކޮންމެވެސް ނުބައި އަމަލެއްގެ ދަންތުރަޔަށް މެހިގެން އުޅޭ ވާހަކައެވެ. މި ހުރިހާ ކަމެއްގެ ެއް ސަބަބަކީ ތުއްތު އިރުން ފެށިގެން ދަރިފުޅާ އެކު ބައްޕަ އުފައްދާން ޖެހޭ ގާތް ގުޅުން އުފެއްދިފައި ނެތުމެވެ. ބައްޕައަށް އޭނާގެ ދަރިފުޅަށް، އެ ދަރިފުޅުގެ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން ދެވިފައި ނުވުމެވެ.

ޢަދުއްވުންގެ ފަރާތުން އަތުވެދާނެ ގޯނާއަކާ މެދު ފަރުވާތެރި ވެ ރައްކައުތެރިވުމަށް ދަސް ކޮށްދެއްވުން

މިކަމަށް ޢިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

(( قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ )) يوسف : 5

އާޔަތުން ދޭހަ ވާ މާނަ: (އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔާ މެދު ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަ ކަށަވަރުން، ޝައިތާނާ އަކީ، އިންސާނާއަށް ހުރި، ފާޅު ވެގެން ވާ ޢަދާވާތްތެރިއެކެވެ.)

ދަރީންގެ މެދުގައި ޢަދުލުވެރި ވުން

ދަރީންގެ މެދުގައި ޢަދުލަށް ކަންތައް ކުރުމަކީ ޢާއިލާގެ ތެރޭގައި މަސްލަޙަތު ދެމެހެއްޓުމަށް ޓަކައި ކޮންމެހެން މުހިއްމު ކަމެކެވެ. އަދި އެއް ކުއްޖަކު އަނެއް ކުއްޖަކާ މެދުގައި ހަސަދަވެރިކާއި ރުޅިވެރިކަން އުފެދުން ހުއްޓުވުމަށް ޓަކައި ކޮންމެހެން ވެސް ޢަދުލުވެރިކަން އިސް ކުރާން ޖެހެއެވެ.

ސޫރަތު ޔޫސުފްގައި ޔަޢުޤޫބު ޢަލަހިއް ސަލާމްގެ ދަރިދަރިކަލުންގެ މެދުގައި އުފެދުނު ޙަސަދަވެރިކަމަށް ޢިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

((إِذْ قَالُوا لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِي ضَلَالٍ مُّبِينٍ اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ )) يوسف: 9-8

އާޔަތުން ދޭހަ ވާ މާނަ: (އެ އަޚުންތައް، ބުނި ހިނދު، ހަނދުމަ ކުރާށެވެ! ތިމަންމެންނީ، ގަދަފަދަ ޖަމާޢަތެއް ކަމުގައި ވާ ހިނދު ވެސް، ޔޫސުފާއި އޭނާގެ އަޚް (ބިންޔާމީން) ތިމަންމެންގެ ބައްޕާގެ އަރިހުގައި ލޮބުވެތިކަން މާބޮޑެވެ. ހަމަ ކަށަވަރުން، ތިމަންމެންގެ ބައްޕާ ވަނީ، ފާޅު ވެގެން ވާ މަގުއޮޅުމެއްގައެވެ. ތިޔަބައިމީހުން ޔޫސުފް ޤަތުލު ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (ތައުބާ ވެ) ޞާލިޙު ރަނގަޅު ބައެއް ކަމުގައި ވާނީއެވެ.)

ބައެއް ކިޔުންތެރީންގެ ހިތްތަކުގައި ސުވާލު އުފެދިދާނެއެވެ. ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ތަފާތު ކުރެއްވިއެވެ. އެކަމުގެ ސަބަބުން އެކުދިންގެ ހިތުގައި ޔޫސުފްގެފާނާ މެދު ޙަސަދަވެރިކަން އުފެދުނީއެވެ. ނަމަވެސް ޙަޤީޤަތަކީ ޔަޢުޤޫބުގެފާނަކީ މަތިވެރި ނަބިއްޔެއް ކަމެވެ. އެފަދަ ކަމެއް އެކަލޭގެފާނުގެ ކިބައިން ފެނިގެނެއް ނުދާނެއެވެ. އެއާ ޚިލާފަށް، އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ބޭފުޅުންގެ މެދުގައި ޢަދުލުން ކަންތައް ކުރައްވައިފައެވެ. ހުރިހާ ބޭފުޅުންނާ މެދުގައި ވެސް އޯގާތެރިކަމާ އެކު މުޢާމަލާތު ކުރައްވައިފައެވެ. ނަމަވެސް، ލޯތްބަކީ އިންސާނީ ފިޠުރީ ކަމަކަށް ވުމުން ލޯބި ވުމުގައި އެންމެން ހަމަހަމަ ކުރުމީ އިންސާނަކަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާނު ދެކެ އިންތިހާޔަށް ލޯބި ކުރެއްވިއެވެ. އެހެން ބޭފުޅުންނަށް ވުރެ ވެސް ބޮޑަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޔޫސުފްގެފާނަކީ މަތިވެރި ނަބިއްޔެއް ކަމުގައި ﷲ އިޚްތިޔާރު ކުރައްވާނެ ދަރިއެއްކަން ޔަޢުޤޫބުގެފާނަށް އެނގިވަޑައިގަނެއެވެ. އެކަލޭގެފާނުގެ ހެޔޮފުޅުކަމާއި ނިޔަނެތިކަމާއި މަޢުޞޫމުކަން، އެހެން ބޭބޭފުޅުންނަށް ވުރެ އެތައް ދަރަޖައެއް މަތިވެރިއެވެ. އެހެންކަމުން، ޔޫސުފްގެފާނުގެ ޤަދަރު، ޔަޢުޤޫބުގެފާނުގެ އެހެން ހުރިހާ ބޭފުޅުންނަށް ވުރެ މަތިވެރިއެވެ. ހަމައެހެންމެ، ޔޫސުފްގެފާނާއި ބިންޔާމީނަކީ އެހެން ބޭފުޅުންނަށް ވުރެ ތުއްޕުޅު ދެ ބޭފުޅުންނެވެ. އެހެންކަމުން، އެ ބޭފުޅުންނާ އެކަލޭގެފާނު މުޢާމަލާތު ކުރައްވާނީ ބޮޑެތި ވެވަޑައިގެންފައި ތިއްބެވި ބޭފުޅުންނާ ކުރައްވާ ގޮތަށް ނޫން ކަމީ އޮޅުމެއް ނެތް ކަމެކެވެ.

ކަން މިހެން ހުރި ނަމަވެސް، ޔަޢުޤޫބުގެފާނު، އެކަލޭގެފާނުގެ ބޭފުޅުންނާ މުޢާމަލާތު ކުރެއްވުމުގައި، ޔޫސުފްގެފާނާ އެހެން ބޭފުޅުންނާ ޙައްޤު ނޫން ގޮތުގައި ތަފާތެއް ނުކުރައްވައެވެ. ބައްޕައެއްގެ ޙައްޤު އަދާ ކުރެއްވުމުގައި، ބޭފުޅުންގެ މެދުގައި އެކަލޭގެފާނު ތަފާތެއް ނުކުރައްވައެވެ. ހުރިހާ ބޭފުޅުންނާ މެދުގައި ވެސް ޢަދުލަށް، ހަމަހަމަކަމާ އެކު ކަންތައް ކުރެއްވިއެވެ. އެހެންކަމުން، އެކަލޭގެފާނުގެ ބޭފުޅުން އެކަލޭގެފާނާ މެދު ކުރި ޝަކުވާއަކީ، ހަމަ ކަށަވަރުން، ނޭއްގާނި ޝަކުވާއެކެވެ. ބައްޕާފުޅުގެ ޙައްޤުގައި އެ ބޭފުޅުންނަށް ވެވަޑައިގެންނެވުނު އަނިޔާއެއް މެއެވެ.

ޝައްކެއް ނެތެވެ. ދަރީންގެ މެދުގައި ޢަދުލުވެރިކޮށް ކަންތައް ކުރުމަކީ ގިނަ ދަރީންތަކެއް ތަރުބިއްޔަތު ކުރުމުގައި ބަލަން ޖެހޭ އެއް އަސާސެވެ. ލޯތްބަކީ ހިތުގައި އުފެދޭ އިޙްސާސަކަށް ވުމުން، އެކި ދަރިން ދެކެ ލޯބި ވާ މިންވަރު ތަފާތު ވެދާނެއެވެ. ނަމަވެސް، ލޯބި ދިނުމުގައި، އަޅައިލުމުގައި، އަދި ޙައްޤުތައް އަދާ ކުރުމުގައި، ދަރީންގެ މެދުގައި ތަފާތު ކޮށްގެން ނުވާނެއެވެ. ވަކި ކުއްޖަކު ދެކެ މާ ބޮޑަށް ލޯބި ވާކަން އެ ކުއްޖާއަށް އަދި އެހެން ކުދީންނަށް ދައްކައި، އަންގައި ހެދުމަކީ އަނިޔާއެކެވެ. ނަބީރަސޫލުންގެ ސުންނަތާ ޚިލާފު، އިސްލާމް ދީނުގެ ތަޢުލީމުން ބޭރު ވެގެން ވާ ބޮޑު ގޯހެކެވެ. އެހެންކަމުން، ދަރީންނާ މުޢާމަލާތުގައި އެއްވެސް ކަހަލަ ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެއެވެ. ދަރީން އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިޙުތިރާމު ކުރާ، އުޚްވަތުގެ ލޯބީގެ ޗޭނުން ބަނދެވިފައި ތިބި ކުދީންތަކެއްގެ ގޮތުގައި ބޮޑެތި ވެގެން ދާނީ އެއިރުންނެވެ.

ކުޅިވަރު ކުޅެ ސަމާސާ ކުރަން ދަރީންނަށް ފުރުޞަތު ދިނުމުގެ މުހިއްމުކަން

މުނިއަވަސް ފިލުވުމުގެ ގޮތުން، ކުޅިވަރު ކުޅެލައި ހެދުމަށް ދަރީންނަށް ފުރުޞަތު ދިނުމަކީ އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ޓަކައި ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ. ޔަޢުޤޫބު ޢަލަހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާނާއި ޔޫސުފުގެފާނުގެ އަޚުންނަށް، އެކީގައި ކުޅިވަރު ކުޅުއްވުމަށް ޓަކައި ވަޑައިގަތުމަށް ފުރުޞަތު ދެއްވީ ވެސް މި ދެންނެވި ޟަރޫރަތު ފުއްދުމަށް ކަމަށް ދަންނަވާން ޖެހެއެވެ.

ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

{ أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ } سورة يوسف :12

އާޔަތުން ދޭހަ ވާ މާނަ: (ކައިބޮއި އުފާކޮށް، ކުޅެހެދުމަށް ޓަކައި، ތިމަންމެންނާ އެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކައުތެރި ކުރާ ހުށީމުއެވެ.)

ކުޅިވަރު ކުޅެން ދަރީންނަށް ފުރުޞަތު ދިނުމަކީ އެކުދީންގެ ޅަ ސިކުނޑިތައް ހެދި ބޮޑުވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޖިސްމާނީ ގޮތުން އެ ކުދީން ހެދި ބޮޑުވުމަށް ވެސް ބާރު އަޅާ ކަމެކެވެ. ތަފާތު ކަންތަކާއި ތަފާތު ވިސްނުންތަކަށް ކުއްޖާގެ ސިކުނޑި ހުޅުވިގެން ދާނެ ކަމެއް މެއެވެ. އެހެންކަމުން އަޚްލާޤީ ގޮތުންނާއި ސުލޫކީ ގޮތުން ހެޔޮ ގޮތްތައް ފަހަނައަޅައި ނުދާނޭ ގޮތުގެ މަތީން، ޙުދޫދެއްގެ ތެރޭގައި ކުޅިވަރު ކުޅެން ފުރުޞަތު ދިނުމަކީ ޟަރޫރާތުއްތަރުބިޔަތުގެ ތެރެއިން ހިމެނޭ ކަމެކޭ ދެންނެވިދާނެއެވެ.

(ނުނިމޭ)

ޚިޔާލު ފައުޅުކުރުން