ދީނަށްކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އިބޫގެ ޒިންމާއެއް!

23 ސެޕްޓެމްބަރު 2018 ގައި ނެގުނު އިންތިޚާބުން އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞޯލިޙު ކާމިޔާބުކުރެއްވުމާއެކު، ތަފާތު ކުލަތަކުގެ ތާފާތު ފިކުރުތަކުގެ މީހުން އުފާކުރިއެވެ. އަދިވެސް ދަނީ އުފާކުރަމުންނެވެ. އޭގެ ތެރޭގައި، ޢަދާލަތާއި ދީނީފިކުރުގެ ބައެއްމީހުން އުފާކުރާއިރު، އެވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް، ލާދީނީސެކިއުލާ ފިކުރުގެމީހުން ދަނީ އުފާކުރަމުންނެވެ. އަދި ލާދީނީސެކިއުލާ ފިކުރުގެމީހުން އުފާކުރަމުންދާއިރު، އެއްވެސް ދީނެއް ޤަބޫލުނުކުރާ މުލްޙިދުންވެސް ދަނީ އުފާކުރަމުންނެވެ. އެއްވެސް ދީނެއްޤަބޫލުނުކުރާ މުލްޙިދުން އުފާކުރަމުންދާއިރު، އިސްލާމްދީންނޫން އެހެން ދީންތައް ޤާބޫލުކޮށްގެންތިބި މީހުން ނުވަތަ އެކަމަށް ވަކާލާތުކުރާ މީހުންވެސް އެބައުފާކުރެއެވެ. މިބައިމީހުން އުފާކުރާއިރު، “އެލްޖީބީޓީ ރައިޓްސް”، “ހިޔުމަން ރައިޓްސް”، މިހެންގޮސް އެއްވެސް ހައްދެއްނެތްގޮތުގައި ހުރިހާ “ރައިޓްސް”އަށް ވަކާލާތުކުރާ މީހުން އެބައުފާކުރެއެވެ. މިއެންމެންނަށްވެސް އައިސްގެން މިއުޅެނީ އުފާވެރިކަމުގެ މޫސުމެކެވެ.

އަދިކިއެއްތޯއެވެ. އިންޑިޔާ، އެމެރިކާ، އީޔޫވެސް އެބަ އުފާކުރެއެވެ. އެމްނެސްޓީއާއި ދެންވެސް ނަންކިޔަން ނޭނގޭ ހުރިހާ ވައްތަރެއްގެ އެންޖީއޯސް އެބަ އުފާކުރެއެވެ. މިއީ އިބޫގެ މޮޅުކަމެއްގެ ގޮތުގައި ބައެއްމީހުން ބުނެފާނެއެވެ. ބުނެފާނެއެއްނޫނެވެ. ދަނީ ބުނަމުންނެވެ. އަދި ކިއެއް، ކެމްޕެއިނުގައި އެންމެ ބޮޑަށް ވިއްކި އެއްކަމަކީވެސް މިއީއެވެ. އެންމެނާ ގުޅިގެން އުޅެވޭ ބޭފުޅެއްކަމެވެ. ތަފާތު ފިކުރުތަކާއި، ތަފާތު ޚިޔާލުތަކުގެ މީހުން ގޮވައިގެން އުޅުއްވޭނެ ބޭފުޅަކަށް އިބްރާހީމް މުޙައްމަދު ޞޯލިޙު ވެވަޑައިގަންނަވާނެކަމެވެ. ޚާރިޖީ ސިޔާސަތު “ރަނގަޅު”ކުރައްވައި، ބޭރު ދުނިޔެއާ ގުޅުން ޤާއިމުކުރައްވާނެ ބޭފުޅެއްގެގޮތުގައެވެ. އެހެންކަމުން، ކޮންމެބަޔަކުވެސް އުފާފާޅުކުރަމުން އެދަނީ، އެބައިމީހުންގެ އުއްމީދުތައް ގުޅިފައިވާ ބޭފުޅެއްގެގޮތުގައި އިބްރާހީމް މުޙައްމަދު ޞޯލިޙު އެބައިމީހުންނަށް ފެންނާތީއެވެ.

އެބައިމީހުންގެ އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. ރައީސް ޔާމީނުގެ އެބުނާ އަނިޔާވެރިކަމާހެދި ވިޔަސް ނުވަތަ އެނޫން ސަބަބަކާހެދިވިޔަސް، ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއްގައި ތިބި ލާދީނީ ސެކިއުލާ މީހުންތައް އުތުރި އަރަނީއެވެ. ފޭސްބުކާއި ޓްވިޓާގައެވެ. އަނެއްކާވެސް، ދީނަށް ފުރައްސާރަކުރުން މިދެތިންދުވަހު ތެރޭގައި މިއިން ޒަމާނަކުވެސް އިތުރުނުވާހާ މިންވަރަށް އިތުރުވެއްޖެއެވެ. ފާޅުގައި، އިސްލާމްދީނާއި، މާތް ﷲގެ ޒާތުފުޅަށް ނިސްބަތްވާގޮތަށް ފުރައްސާރާކޮށް ޕޯސްޓުތައް ކުރަން ފަށައިފިއެވެ. އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ބަދުބަސްތައް ބުނަން ފަށައިފިއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ތިދަންނަވާ، “އިންސާނީ ޙައްޤު”ތަކާއި، ޚިލާޔުފާޅުކުރުމުގެ މިނިވަންކަމަކީ މިއީތޯއެވެ؟ އެވެސް އެތަނެއްގެ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، އަމާންކަމާއި، ވަޙުދަތު، އެތަނެއްގެ ދީނީވަޙުދަތާ ގުޅިފައިވާ މިދިވެހި ފަސްގަނޑުގައިތޯއެވެ؟

އާދެ، އިބްރާހީމް މުޙައްމަދު ޞޯލިޙު ވެރިކަމަށް ހޮވިވަޑައިގަތުމާއެކު، ދީނީ ފިކުރުގެ ބޭފުޅުންގެ ތެރެއިން އެބޭފުޅާއަށް ތާއީދުކުރެއްވި ބޭފުޅުން މިހާރުއްސުރެ ފަށައިގެން “ރިޒަވޭޝަން” ނަންގަވަން ފައްޓަވައިފިއެވެ. ވެރިމީހާގެ (ނުވަތަ ވެރިކަމުގެ) ފަރާތުން ކަމެއް ގޯސްކޮށްދާނަމަ، ތިމަންނަމެން މަޑުންނުތިބޭނެކަމަށް ވިދާޅުވާން ފަށައިފިއެވެ. އެކަންކަމަށް ގަދަފަދައަށް އިންކާރުކުރައްވާނެކަމަށް ވިދާޅުވާން ފައްޓަވައިފިއެވެ. ލާދީނީ ބޯތައް ނުކުމެ، ފާޅުގައި ދީނަށް ފުރައްސާރަކޮށް، ވެރިކަމުގެ ކަންކަމުގެ ތެރެއިން ކަންކަން އިސްލާމްދީނާ ފުށުއަރާގޮތަށް ކޮށްފާނެކަމަށް، އެބޭފުޅުންގެ ހިތުގައިވެސް ބޮޑުބިރެއްގެ ގޮތުގައި އެބައޮތްކަން މިއިންވެސް ސާބިތުކޮށްދެއެވެ.

އާދެ، އިބްރާހީމް މުޙައްމަދު ޞޯލިޙު ގޯސްވާހަކައެއް ނުދައްކަމެވެ. އަދި މިހިނގާ ކަންކަމަށް އިބްރާހީމް މުޙައްމަދު ޞޯލިޙު އެއްބާރުލުން ދެއްވާނެކަމަށްވެސް އަޅުގަނޑުގެ ހިތެއްނުބުނެއެވެ. އިބްރާހީމް މުޙައްމަދު ޞޯލިޙާމެދު އަޅުގަނޑުގެ އޮތީ ހެޔޮހިތެކެވެ. އެހެންކަމުން، މިހާރު ހިނގަމުންމިދާ ހަޑިމުޑުދާރު ކަންކަން ހުއްޓުވަމަކީ އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ޒިންމާއެކެވެ. މިވަޤުތުން ވަޤުތަށް އެކަން ނުކުރެއްވިދާނެއެވެ. ނަމަވެސް، ވެރިކަމުގެ ހުވާކުރެއްވުމާއެކު، މިފަސްގަނޑުގައި މިއިން އެއްވެސް ކަމަކަށް ޖާގަދެއްވައިގެން ނުވާނެއެވެ. ކެމްޕެއިނު ދުވަސްވަރު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގައި އިސްލާމްދީނާއި، އިސްލާމީ ވަޙުދަތު ނެގެހެއްޓެވުމަށް އެތައްފަހަރު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެވަޢުދުތައް ފުއްދަވާދެއްވާތަން ޢަމަލީގޮތުން ދައްކަވަންޖެހިވަޑައިގަންނަވާނެއެވެ. މިއީ ފަސޭހަ ކަންކަމެއްނޫނެވެ. މިއީ އުދަނގޫ ޗެލެންޖިން ކަންކަމެވެ. ނަމަވެސް، މިއީ ނުކުރެއްވޭނެ ކަންކަމެއްނޫނެވެ. މިއީ ފުއްދެވޭނެ ވަޢުދުތަކެކެވެ. އެހެނީ، މިހާރު ހިނގަމުން މިދާ ކަންކަމަކީ އެއްވެސް ގޮތަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. މިކަން ވަނީ އިސްލާމީ ވަޙުދަތާއި، ޤައުމުގެ އަމަންއަމާންކަމާ ގުޅިފައެވެ. އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލަން އިބްރާހީމް މުޙައްމަދު ޞޯލިޙަށް ތާއީދުކުރާބަޔަކު އުޅޭކަމަށްވާނަމަ، އެކަން ހުއްޓުވުމަކީ އިބްރާހީމް މުޙައްމަދު ޞޯލިޙުގެ އެންމެ އިސް އެއްވާޖިބެވެ. މިއީ ޤާނޫނުވެސް ބުނާގޮތެވެ. އެހެންވީމާ، މިޒިންމާއިން އިސްތަށިފުޅު ދައްމަވައިގަނެވޭނެ އެއްވެސް ގޮތެއް އިބްރާހީމް މުޙައްމަދު ޞޯލިޙަކަށް ނޯންނާނެއެވެ. ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ފިޔަވަޅުއަޅަން ޖެހޭނެއެވެ. މިކަމުގައި ކަމާބެހޭ ފަރާތްތަކުން، އެކަން ހުއްޓުވަން އުޅުމުން، ވެރިމީހާ ކަމާބެހޭ ފަރާތްތައް ހުއްޓުވައިގެންނުވާނެއެވެ. އަދި މިކަން ހުއްޓުވަން، އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ޕާޓީގެ ތެރެއިން ބަޔަކުމީހުން އުޅެފިނަމަ، އެބައިމީހުން މައިރިތިކުރެއްވުމަކީވެސް ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ވާޖިބަކަށްވާންވާނެއެވެ. އެހެންނޫނީ، މިކަމުގެ ފިތުނަ މުޅި ދިވެހި ފަސްގަނޑަށް ފެތުރި، މުޅި ޤައުމު ފަސާދަވެގެން ހިނގައިދާނެއެވެ.

އިބްރާހީމް މުޙައްމަދު ޞޯލިޙު ވެރިކަމަށް ގެންނަން މަސައްކަތްކުރެއްވި، ދީނީ ފިކުރުގެ ބޭފުޅުންގެވެސް ޒިންމާ ވަކި ކުޑައެއްނުވާނެއެވެ. ތިމަންނަމެން، ގޯސްކަމެއްވަންޏާމު، އެކަމަކާ ދެކޮޅަށް ބަސްބުނާނެކަމަށް ވިދާޅުވުމަކުން އަދި ނުފުދޭނެއެވެ. މިފަދަ ޚުޠޫރަތްތެރިކަމެއް ކުރިމަތިވެދާނެކަމުގެ ބިރުއޮތްހިނދު، ތިބޭފުޅުން އިބްރާހީމް މުޙައްމަދު ޞޯލިޙަށް ތާއީދުކުރެއްވި ވަޤުތުން ފެށިގެން ތިބޭފުޅުންގެ ޒިންމާ ބޮޑުވެ އިތުރުވެއްޖެއެވެ. ދެން މިކަމުން ރެކިވަޑައެއްނުގެންނެވޭނެއެވެ. މިކަމުގެ ފުރިހަމަ ޒިންމާ ނެންގެވުމަށްފަހު، މިވެރިކަން ވީހާވެސް އަމާންކޮށް ދީނީ އުޞޫލުތަކާއި މިންގަނޑުތަކުން ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުވެސް އެޅުނީއެވެ. އެކަމަށް ކުރެވުނު ހުރިހާ ކަމެއްކުރަންވާނެއެވެ. އެއްވެސް ޙާލެއްގައި މިހިސާބުން ތިމަންމެންގެ ޒިންމާ ނިމުނީއޭ، ތިމަންމެންވެސް ތިބޭނީ ކުޅިބަލަންށޭ ވިދާޅުވެގެން ފަރަކުނުޖެއްސޭނެއެވެ. މިހާރުން މިހާރަށް މިހިނގާ ހަޑިމުޑުދާރުކަން ތިމަންމެން ބޭނުންނުވާކަން، އިބްރާހީމް މުޙައްމަދު ޞޯލިޙަށް ސާފުޞަރީޙަ ބަހުން އެބަ އަންގަވަންޖެހެއެވެ. މިލާދީނީ ބޯތަކަށް މިޤައުމުގައި ޖާގަދެވިގެންނުވާނެ ކަމަށް ވިދާޅުވާން އެބަޖެހެއެވެ. ލަސްވުމުން، މޫތައް ހަރުލުމުން، ދެން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން ދަންނާށެވެ. މަސައްކަތްފަށަންވީ މިހާރުން މިހާރަށެވެ. އެހެންނޫނީ، މާލަސްވެދާނެއެވެ.

ދެން ޚާރިޖީ ސިޔާސަތަށް ދަމާތޯއެވެ. މިވެސް ރައްކާތެރިވާންޖެހޭ ކަމެކެވެ. ފާރަލައިގެން ތިބެންޖެހޭ ކަމެކެވެ. އެހެނީ، އެމްޑީޕީގެ ޚާރިޖީ ސިޔާސަތަކީ މިޤައުމަށް އޮތް އެންމެ ބޮޑު އެއްނުރައްކާކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަމެވެ. ފަހަރެއްގައި އަޅުގަނޑަށް ޚާރިޖީ ސިޔާސަތަކީ ކޮބައިކަން ނޭނގެނީކަމަށްވެސް ވެދާނެއެވެ. އެކަމަކު، އަޅުގަނޑަށް އެނގޭ އެއްޗެއް އެބައޮތެވެ. އެއީ، އިންޑިޔާއަކީ ދިވެހިންނަށް ހެޔޮބައެއްނޫންކަމެވެ. ދިވެހިން ތަރައްްޤީވެ ކުރިއަރައިދިޔުމަށް އެބައިމީހުން ނޭނދޭކަމެވެ. ސަބަބުތައްވެސް ވަރަށް ސާފެވެ. އެއީ ދިވެހިންނަކީ އެބައިމީހުންނަށް ބަރޯސާވެފައިވާ މިސްކީނުންތަކެއް ފަދައިން ސަލާންޖަހަޖަހައި ތިބޭ ބައެއްގެ ގޮތުގައި އެބައިމީހުން ދިވެހިންނާމެދު ދެކޭދެކުމެވެ. އެފަދަ ޙާލަތެއްގައި ދިވެހިން ތާއަބަދު ތިބުމަށް އެބައިމީހުން އެދޭ އެދުމެވެ. އެހެނީ، ޤައުމު ތަރައްޤީވެ، ރައްޔިތުންނަށް ފުދުންތެރިކަން އައުމަކީ، ރާއްޖޭގައި އެބައިމީހުން ކުޅެމުން އަންނަ މޮނޮޕޮލީއަށް ނިމުމެއް އައުމެވެ. އެބައިމީހުންގެ ޚާރިޖީ ސިޔާސަތު މިއަވަށްޓެރި ޤައުމުތަކާމެދު އެތުރިފައިވަނީ އެފަދަ ގޮތަކަށެވެ. މިއީ ވަންހަނާވާންނެތް ޙަޤީޤަތްތެކެކެވެ. ތިމަންނަމެން ދިނީމައި، ކައިގެން، ނުދިނީމަައި ނުކައި ތިބެންޖެހޭ ބައެއްގެ ގޮތުަގައެވެ. މިއީ އިންޑިއާގެ ޚާރިޖީ ސިޔާސަތު ދިރާސާކޮށްހަދާ މީހަކަށް މޭރުންކުރަން މާއުދަނގޫކަމަކަށްނުވާނެއެވެ.

ދެންއޮތީ، އީޔޫއާއި ޔޫއެސްގެ ވާހަކައެވެ. މިބައިމީހުންގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ހަންފެތުރުމުގެ ސިޔާސަތާ އެއްގޮތަށެވެ. ފިކުރީގޮތުން އިސްތިޢުމާރުކުރުމަށެވެ. އެބައިމީހުންގެ “ވެލިޔުސް”އޭ މިކިޔާ، ޑިމޮކްރަސީއޭ މިކިޔާ، އެއްޗެއް މުޅި ދުނިޔޭގައި ފެތުރުމުގެ ޖައްބާރު ސިޔާސަތެކެވެ. އެއްވެސް ގޮތަކަށް ހެޔޮ އެދޭތީއެއްނޫނެވެ. އަފްޣާނިސްތާނާއި އިރާޤަށް ބަލައިލީމައި، މިކަން ވަރަށް ބޮޑަށް ދޭހަވާނެއެވެ. ފަލަސްޠީނާއި ބަރުމާއަށް މިބައިމީހުންގެ ހިތުގައި އޮތް “ހެވާއި އޯގާތެރިކަމު”ގެ ވާހަކަ ރަނގަޅު ވާނީ މިތަނުގައި ނުދެކިއްޔާއެވެ. އެއީ ދައްކައި ނުނިމޭނެ ވާހަކައެކެވެ. ދެން ކޮން ސިޔާސަތެއްތޯއެވެ؟ އާދެ، އެސިޔާސަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ޑިމޮކްރަސީއާއި ހިޔުމަން ރައިޓްސްގެ ނަމުގައި، ކުދިކުދި ޤައުމުތަކާއި، ފަޤީރު ޤައުމުތަކާއި، ކުރިއަރަމުންއަންނަ ޤައުމުތަކުގައި މިބައިމީހުންގެ ގޮޑިކޮއްކޮ ސަރުކާރުތަކެއް ޤާއިމުކުރުމެވެ. ޚާރީޖީ ސިޔާސަތުގެ ދަށުން، މިފަދަ ކުދި ޤައުމުތަކުގެ ދާޚިލީ ސިޔާސަތާ ކުޅެލުމަކީ މިބައިމީހުންގެ އެންމެ ބޮޑު އެޖެންޑާއެވެ.

ހިތާމައަކީ، އެމްޑީޕީގެ ޚާރިޖީ ސިޔާސަތު އަބަދުވެސް އެންމެ ގުޅެނީ، މިދެންނެވި ހަންފެތުރުމުގެ ސިޔާސަތު ގެންގުޅޭ އިސްލާމްދީނުގެ ޢަދުއްވުންނާއެވެ. އެބައިމީހުންގެ ރުހުން ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަންޖެހޭފަދަ ގޮތަކަށެވެ. އެމްޑީޕީ ސަރުކާރުގައި ދިވެހިންގެ ނުރުހުމުގައިވެސް އިސްރާއީލާ ގުޅުން ޤާއިމުކުރުމަށްފަހު، އިސްރާއީލުގެ ތަޢުލީމީ ވުޒާރާއަށް ދިވެހި ތަޢުލީމީ މުޤައްރަރާ ކުޅެވޭގޮތަށް އެއްބަސްވުން ހެދުމަށްފަހު، ހޮލޮކޯސްޓުފަދަ ޙަދީސާތައް މުޤައްރަރުގައި ހިމަނައި، ޔަހޫދިންނަށް ހަމްދަރުދީ ހޯދައި، ފަލަސްޠީނު ބިމަކީ ޔަހޫދީންގެ ޙައްްޤެއްކަމަށް ޅަސިކުނޑިތަކަށް ވިސްނައިދޭން ރޭވި ރޭވުން އެއީ މިޚާރިޖީ ސިޔާސަތުގެ ދަށުން ހިނގަން އުޅެފައިހުރި ޖަރީމާތަކެވެ. މިކަންކަން ތަކުރާރުވިޔަ ނުދިނުމަށް ދިވެހި ރައްޔިތުން ތިބެންވާނީ ހުށިޔާރެއްގައެވެ.

މިފަދަ މައުޟޫޢުތަކުގައި ދައްކަން ހުންނަ ވާހަކަ ގިނަގުނައެވެ. ނަމަވެސް، މިލިޔުން މިހިސާބުން ނިންމާލަން ގަސްދުކުރަމެވެ. ދުޢާއަކީ، މާތް ﷲ އަޅަމެންގެ މިޤައުމަށް އުފާފާގަތިދުވެސްތަކެއް މިންވަރުކޮށްދެއްވުމެވެ. އަދި މިވެރިކަމަކީ އިސްލާމީ ތަރަހައިގެ ތެރެއިން ކުރިޔަށްދާނޭ ވެރިކަމެއްކަމުގައި ލެއްވުމެވެ. އާމީން!

ޚިޔާލު ފައުޅުކުރުން