ސުންނަތުގެ ދިފާޢުގައި -1

މި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން އުޅޭކަމަށް ދަޢުވާކުރެވޭ ރާއްޖެއެކެވެ. ނަމަވެސް، މި ރާއްޖޭގައި، ކީރިތި ރަސޫލާ صلى الله عليه و سلمގެ ސުންނަތް ވެފައިވަނީ ވަރަށް ބީރަށްޓެހި އެއްޗަކަށެވެ. މިއީ ހައިރާންވާންޖެހޭ ފަދަ ކަމެއް ނޫނެވެ. އިސްލާމީ ހުރިހާ ޤައުމެއްގައި ވެސް މިކަން އޮތީ މިހެންނެވެ. މުސްލިމުންގެ ތެރޭގައި މިކަން އޮތީ މިހެންނެވެ. އެހެންކަމުން، އެކަލޭގެފާނު صلى الله عليه و سلمގެ ސުންނަތާ ބެހޭ ގޮތުން ތަފާތު ގިނަގުނަ ކުށްހީތަކެއް ކުރެވޭ ފަހަރުފަހަރު އާދެއެވެ.

އެގޮތުން އެކަލޭގެފާނު صلى الله عليه و سلمގެ ސުންނަތަކީ އެހާ މުހިއްމު އެއްޗެއް ނޫން ކަމަށް ބުނެވެމުން ދެއެވެ. ހަމައެކަނި ޤުރުއާން ފުދޭނެ ކަމަށް ބުނަމުން ދެއެވެ. މިފަދަ ދަޢުވާ ކުރާ މީހުން ބެހިގެންވަނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ އިސްލާމްކަން ފާޅުކޮށްގެން ތިއްބަސް ނިފާޤުކަން ފޮރުވައިގެން ތިބި މުނާފިޤުންނެވެ. ދެވަނަ ބަޔަކީ، މުސްލިމުންގެ ތެރެއިންވާ ބައެއް ޖާހިލުންނެވެ.

އެހެންކަމުން، މި ލިޔުމާގެން ކުރިޔަށް މިދަނީ މިދެންނެވި ސަބަބުތަކާ ހުރެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ، ސުންނަތުގެ ދިފާޢުގައެވެ. ދިވެހިންގެ މެދުގައި ސުންނަތާއި ބެހޭގޮތުން އުފެދިފައިވާ ނުވަތަ ބަޔަކު މީހުން އުފައްދާފައިވާ- ކުށްހީތަކަށް ކޮންމެވެސް ރައްދެއް ދިނުމުގެ ގޮތުންނެވެ. މި ކުށްހީތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެހިތަކެއް ކަން ވެސް އެނގިހުރެއެވެ. ނަމަވެސް، އެ ކުށްހީތަކުގެ އަވާގައި ޢާންމު މުސްލިމުން ތަކެއް ޖެހެމުންދާތީ، ކަމުގެ ޙަޤީޤަތް ބަޔާންކުރުމަކީ ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ދެކޭތީއެވެ.


**************

ދަޢުވާ 1 : ” ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ހުރިހާ އެއްޗެއް ހިމަނުއްވާފައެވެ. އެއީ ފުރިހަމަ ފޮތެއް ކަމަށް އެ އިލާހު ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން، ސުންނަތުގެ ބޭނުމެއް ނުވަތަ ސުންނަތުން ޤުރުއާން ތަފްޞީލުކުރުމެއް ނޯންނާނެއެވެ. ޤުރުއާނަށް ޢަމަލުކުރީމަ ނިމުނީއެވެ”.

ރައްދު1 : ތެދެކެވެ. މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ހުރިހާ ކަމެއް ވެސް ބަޔާންކުރައްވާފައެވެ. އެހެންކަމުން، އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމްދީން ބިނާވެގެން އަންނަނީ ދެ މަޞްދަރެއްގެ މައްޗަށެވެ. އެއީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތެވެ. މި ދެ މަޞްދަރުން ޖަވާބު ނުހޯދޭނެ އެއްވެސް މައްސަލައެއް އިސްލާމްދީނުގައި ނޯންނާނެއެވެ.

އެގޮތުން، أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ( ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވާށެވެ. އަދި ރަސޫލާއަށް ކިޔަމަންތެރިވާށެވެ) މިފަދައިން ވަނީ އެތަކެއް އާޔަތެއްގައި ވަޙީކުރައްވާ ފައެވެ. އެހެންކަމުން، މި އާޔަތުގައި ވާގޮތުން، މާތް ﷲ އަށް ކިޔަމަންތެރިވުމަކީ ޤުރުއާނަށް ތަބާވުމުވެ. އަދި ރަސޫލާ صلى الله عليه و سلم އަށް ކިޔަންމަންތެރިވުމަކީ އެކަލޭގެފާނު صلى الله عليه و سلمގެ ސުންނަތަށް ތަބާވުމެވެ. މިއީ ވަރަށް ޞަރީޙަކޮށް ފެންނަން އޮތް ޙަޤީޤަތެކެވެ.

އެގޮތުން މި ބަސްފުޅު ހަމަ މިގޮތަށް ތަކުރާރު ކުރައްވާ ވަޙީކުރައްވާފައިވާ އާޔަތްތަކަކީ؛ މުޙަންމަދު: 33 ވަނަ އާޔަތް، އައްތަޣާބުން 12 ވަނަ އާޔަތް، އަލްމާއިދާ 92 ވަނަ އާޔަތް، އައްނޫރު 54 ވަނަ އާޔަތް، އައްނިސާ 59 ވަނަ އާޔަތް މިއެވެ. މީގެ އިތުރުންވެސް އެހެން ޢިބާރާތްތަކުން އެތަކެއް އާޔަތެއްގައި މާތް ﷲ ވަނީ އެ އިލާހުގެ ރަސޫލާ صلى الله عليه و سلم އަށް ތަބާވުމަށް އަންގަވާފައެވެ.

އަދިވެސް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ ﴿الحشر: ٧﴾ މާނައީ: ” އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ޢުޤޫބާތު ގަދަފަދަވެގެންވާ އިލާހެވެ”.

އިސްވެ ބަޔާންވެދިޔަ ފަދައިން، މާތް ﷲ ވަނީ ޤުރުއާނުގައި ތަފްޞީލު ނުކުރައްވާ އެތައް ކަމެއް ސުންނަތް މެދުވެރިކޮށް ތަފްޞީލުކުރައްވާފައެވެ. އެގޮތުން، ނަމާދު ކުރުމަށް އަމުރު ކުރެއްވީ ޤުރުއާނުގައެވެ. އަދި ކުރާނެ ގޮތާއި، އަދަދާއި، ވަޤުތާއި ބަޔާންކުރެއްވީ ސުންނަތް މެދުވެރިކުރައްވައެވެ. މިފަދަ ކިތަންމެ މިސާލެއް ދެއްކި ދާނެއެވެ.

އެހެނީ، ޤުރުއާނަކީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ. އަދި ސުންނަތުގައިވާ ތަފްޞީލުތަކަކީވެސް އެ އިލާހުގެ ވަޙީއެވެ. ތަފާތަކީ، ޤުރުއާނުގައި ވަނީ މާތް ﷲ ގެ ބަސްފުޅާއި މާނައެވެ. ނަމަވެސް، ސުންނަތުގައިވާ މެސެޖަކީ  އަމުރުތަކާއި ނަހީތަކަކީ- މާތްﷲ ގެ ވަޙީއެވެ. ތަފާތަކީ، ސުންނަތުގައިވާ ބަސްފުޅުތަކަކީ ނުވަތަ ޢިބާރާތްތަކަކީ މާތް ނަބިއްޔާ صلى الله عليه و سلمގެ ބަސްފުޅުތަކާއި ޢިބާރާތްތަކެއް ކަމެވެ. އޭގައިވާ މުރާދަކީ ނުވަތަ މާނައަކީ މާތް ﷲ ގެ ވަޙީއެވެ. އެހެންކަމުން، ޤުރުއާނާއި ސުންނަތަކީ މާތްﷲ ގެ ވަޙީއެވެ. މިކަމާ މެދު އެއްވެސް ޝައްކެތްނެތެވެ. އެހެނީ މާތް ﷲ ވަޙީ ކުރައްވަނީ، وَمَا يَنطِقُ عَنِ الْهَوَىٰ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ މާނައީ: ” އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ”.

އެހެންކަމުން، ހަމައެކަނި އެކަނި ޤުރުއާނަށް ތަބާވުމަކީ، ހުދު ޤުރުއާނާއި ޚިލާފުވުން ނޫން އެހެން ކަމެއް ނޫނެވެ. ޤުރުއާނަށް ތަބާވެވެނީ މާތް ނަބިއްޔާ صلى الله عليه و سلمގެ ސުންނަތަށްވެސް ތަބާވެގެންނެވެ. މިކަމަށް ޢިޝާރާތް ކުރައްވާ މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا [٤:٨٠] މާނައީ: “ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަން ﷲ ކަލޭގެފާނު ނުފޮނުއްވަމެވެ”.

ޚިޔާލު ފައުޅުކުރުން