ސުންނަތުގެ ދިފާޢުގައި -2

ދަޢުވާ2 ؛ ” މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. مَّا عَلَى الرَّسُولِ إِلَّا الْبَلَاغُ  މާނައީ: ” ތަބްލީޣުކުރުން (އިއްވެވުން) މެނުވީ، ރަސޫލާގެ މައްޗަކަށެއް ނުވެއެވެ”. (المائدة: 99)

” އަދިވެސް ވަނީ މިފަދައިންނެވެ. وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ لَأَخَذْنَا مِنْهُ بِالْيَمِينِ މާނައީ؛ ” އަދި އެކަލޭގެފާނު ތިމަން އިލާހަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން އިންތިޤާމް) ހިއްޕެވީމުހެވެ.” (الحاقة:44-45)

” އެހެންކަމުން، އެކަލޭގެފާނުގެ މައްޗަށް އޮތްހާވެސް ކަމަކީ ޤުރުއާނު މީސްތަކުންނަށް އިއްވުމެވެ. މާތް ﷲ ވަޙީ ބަސްފުޅުގެ އިތުރުން އެއްވެސް އެއްޗެއް ވިދާޅުވުން އެވަނީ އެކަލޭގެފާނަށް ޤުރުއާނުގައި މަނާކުރައްވާފައެވެ. އަދި އެއްވެސް އިތުރު އެއްޗެއް ވިދާޅުވެއްޖެނަމަ މާތް ﷲ އެކަލޭގެފާނު ހިއްޕަވާނެކަމުގެ އިންޒާރު އެވަނީ ދެއްވާފައެވެ. އެހެންވުމުން، އެކަލޭގެފާނު ކުރެއްވިހާވެސް ކަމަކީ ޤުރުއާން މީސްތަކުންނަށް ފޯރުކޮށްދިނުންކަން މިއިން އެނގެއެވެ. އަދި އިތުރު އެއްވެސް އެއްޗެއް އަދި ބަހެއްވެސް އެކަލޭގެފާނު ވިދާޅުނުވާކަން މިއިން ދަލާލަތުކޮށްދެއެވެ.”

ރައްދު 2؛ އަނެއްކާވެސް ވަރަށް ރަނގަޅު ވާހަކައެކެވެ. ދަޢުވާ 1 ގެ (މި ސިލްސިލާ ލިޔުމުގެ ފުރަތަމަ ބައިގައި) ރައްދުގައިވެސް ވަނީ ތިކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލެވިފައެވެ.

ފުރަތަމަ އާޔަތުގެ މުރާދަކީ، ކަލޭގެފާނަށް އޮތްހާވެސް ކަމަކީ އެބައިމީހުންނަށް ރިސާލަތު ތަބްލީޣުކޮށްދެއްވުމެވެ. އެބައިމީހުންނަށް ހިދާޔަތު (ތައުފީޤު) ދެއްކެވުން އެއީ މާތްﷲ ގެ ޙަޟްރަތުގައިވާ ކަމެކެވެ. އަދި އެބައިމީހުން އެ ރިސާލަތު ޤަބޫލުނުކުރުމުން އެކަމުގެ ސަޒާ ދެއްވުންވެސް ވަނީ މާތްﷲ އަށް ކަމަށެވެ. އަދި އެބައިމީހުން އެ ރިސާލަތު ޤަބޫލުކޮށްފިނަމަ، އެކަމަށް ޖަޒާ ދެއްވުންވެސް އެއީ މާތް ﷲ އަށް ވާކަމެއް ކަމަށެވެ. އެކަލޭގެފާނުގެ އަތްމަތީގައި އޮތީ ރިސާލަތު ފޯރުކޮށްދެއްވުމެވެ. އެހެންކަމުން، ރިސާލަތުގެ ތެރޭގައި ޤުރުއާނާއި ސުންނަތް، އެކަލޭގެފާނު މީސްތަކުންނަށް ތަބްލީޣު ކުރެއްވުން ހިމެނެއެވެ. އިސްވެބަޔާންވެ ދިޔަ އާޔަތްތަކާއި މި އަޔާތައި އެއްވެސް ފުށުއެރުމެއް ނުވަތަ ތަޢާރަޟުވުމެއް ނެތެވެ.

ދެވަނަ އާޔަތުގެ މުރާދުވެސް ވަރަށް ސާފެވެ. އެ އާޔަތަކީ އެކަލޭގެފާނާ ދެކޮޅަށް ބާވައިލެއްވުނު އާޔަތެއް ނޫނެވެ. އެއާ ޚިލާފަށް، އެކަލޭގެފާނުގެ މަތިވެރިކަން ހާމަކޮށްދޭ އާޔަތެކެވެ. ޤުރުއާނުގެ އިތުރުން އެކަލޭގެފާނު ވަނީ އެތައް ނަބަވީ އިރުޝާދުތަކެއް އުއްމަތަށް ދޫކުރައްވާފައެވެ. އެހެންކަމުން އާޔަތުގެ މުރާދުގައި ވަނީ ޤުރުއާން ފިޔަވައި އެހެން އެއްޗެއް ވިދާޅުވެއްޖެނަމަ ހިއްޕަވާނެކަމަށްވެއްޖެނަމަ، މިކަމުގެ ސަބަބުން މާތް ﷲ އެކަލޭގެފާނު ހިއްޕެވީސްކަން ކަށަވަރެވެ. ނަމަވެސް، މާތް ﷲ ގެ އެއްވެސް އުޤޫބާތެއް އެކަލޭގެފާނާ ކުރިމަތިވެފައެއް ނުވެއެވެ. މިކަމުން ދަލާލަތުކޮށްދެނީ ކޮން ކަމެއްތޯއެވެ؟ މިކަމުން ދަލާލަތުކޮށްދެނީ ޤުރުއާނުގެ އިތުރުން އެކަލޭގެފާނުގެ އިރުޝާދުތަކަކީވެސް މާތް ﷲ ގެ ވަޙީކަމެވެ. ތަފާތަކީ އެއީ ޤުރުއާން ނޫންކަމެވެ. އެއީ ރަސޫލާގެ ބަސްފުޅުތަކެވެ. ނަމަވެސް މާނައާ އިރުޝާދަކީ އިލާހީ ވަޙީކަމެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ” އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ. ” (ނަޖްމު: 3-4)

ވުމާއެކު، މި ދެ އާޔަތަކީ އެއްވެސް ޙާލެއްގައި ސުންނަތާއި ދެކޮޅަށް އޮތް ދެ އާޔަތެއް ނޫނެވެ. ސުންނަތަށް ނުވަތަ ރަސޫލާ صلى الله عليه و سلم އަށް ތަބާވާން ޤުރުއާނުގައި 40 އެތަކެއް (އަޅުގަނޑުގެ ގުނުމުގައި) އާޔަތެއް އައިސްފައި ވެއެވެ. އެހެންކަމުން، މި ދެ އާޔަތުންވެސް އެނގި ހާމަވެގެންދަނީ ޤުރުއާނުގެ މުޢްޖިޒާތުގެ މަތިވެރިކަމެވެ. ޤުރުއާނުގައި އެއްވެސް ތަޢާރަޟުވުމެއް ނެތްކަމެވެ. އެއާ ޚިލާފަށް އެއް އާޔަތުން އަނެއް އާޔަތަށް ބާރު ދޭކަމެވެ.

މާތް ﷲ ގެ ބަސްފުޅުގެ ތެދުކަމާއެވެ. ” ފަހެ، ޤުރުއާނާއި މެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރުއާނަކީީ، މާތް اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.” (ނިސާ:82)

ދަޢުވާ 3؛ ” ސާފު ޢަރަބި ބަހުން، ތަފްޞީލުކޮށް އޮތް ފޮތެއްގެ – އެބަހީ؛ ކީރިތި ޤުރުއާނުގެ- އިތުރު ތަފްޞީލެއް ބޭނުންވާނެ ކަމަކަށް ބުއްދިއެއް ޤަބޫލެއް ނުކުރެއެވެ”.

ރައްދު 3؛ ތިޔައީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. ބުއްދިވެސް ޤަބޫލުކުރެއެވެ. އެހެނީ، އަޅުގަނޑުމެން ކުދިން ސްކޫލަށް ފޮނުވަމުއެވެ. ފޮތް ލިސްޓަށް ފޮތް ވެސް ގަނެދެމުއެވެ. އެ ފޮތުގައި މުޤައްރަރު ނުވަތަ ކުއްޖާ އެ ޓާރމެއްގައި ކިޔަވަން ޖެހޭ ހުރިހާ މައުޟޫތައް ވަރަށް ތަފްޞީލުކޮށް މިސާލާއިއެކު ބުނެދީފައި ހުރެއެވެ. ނަމަވެސް، އަޅުގަނޑުމެން އެ ކުދިންގެ އަތައް އެ ފޮތްތައް ދީފައި ސްކޫލަށް ފޮނުވަމުއެވެ. ޓީޗަރުން ކައިރިއަށެވެ. އެ މައުޟޫތައް އަނެއްކާވެސް ތަފްޞީލުކޮށް ބުނެދިނުމަށެވެ. އަދި އެކުދިންނަށް އޮޅުންއަރާ އެއްޗެއް އޮވެއްޖެކަމުގައި ވަނީނަމަ ޓީޗަރާއި ސުވާލުކުރުމަށެވެ.

ހަމަ އެފަދައިން، ރަސޫލެއް ފޮތަކާއިގެން ފޮނުއްވުނީ މީސްތަކުންނަށް އޭގައިވާ އެއްޗެއް ބުނެދިނުމުގެ މާތް މަޤްސަދާއިވެސް އެކުގައެވެ. އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه و سلم ވަނީ ކީރިތި ޤުރުއާން އެކަލޭގެފާނުގެ ޙަޔާތުގައި ތަންފީޒު ކުރައްވާފައެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ނުވަތަ ސިޔަރަތު ވެފައިވަނީ ބިންމަތީގައި ހިނގަ ހިނގާ ހުރި ޤުރުއާނަށެވެ.

ކީރިތި މާތް ނަބިއްޔާގެ ވަޒީފާއަކީ ހަމައެކަނި ޤުރުއާން ފޯރުކޮށްދިނުން ނޫންކަން ހާމަކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ” އަދި ތިމަން އިލާހު، ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.” (ނަޙްލު: 44)

ނުނިމޭ

ޚިޔާލު ފައުޅުކުރުން