ސުންނަތުގެ ދިފާޢުގައި -4

(ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ޖަމާޢަތުގެ ބާޠިލް ދަޢުވާ: ސުންނަތުގެ ޙުކުމްތަކަށް ކިޔަމަންވުމަކީ ޝިރުކެކެވެ)

މި ޢަދަދުގައި އަޅުގަނޑު ބަލައިލާނީ ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ފިރުޤައިގެ ބާޠިލް ދަޢުވާއެއްކަމުގައިވާ ސުންނަތުގެ ޙުކުމްތަކަށް ކިޔަމަންވުމަކީ ޝިރުކުކުރުމެއް ކަމަށް ބުނެ އެބައިމީހުން ކުރާ ދަޢުވާއަށެވެ. މިކަމަކަށް މިބައިމީހުން ޝުބުހަ އުފައްދަނީ، ޤުރުއާނުގައި މާތް ﷲ ގެ ޙުކުމް ނޫން އެހެން ޙުކުމަކަށް އެދެފި މީހަކު ޝިރުކުކޮށްފިކަމަށާއި ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށްވެސް ﷲ ގެ ޙުކުމަށް ޙުކުމް ކުރެއްވުމަށް ޤުރުއާނުގައި ވާރިދުވެފައި ހުރި އާޔަތްތަކުގެ މައްޗަށް ނުބައި ތައުވީލެއްކުރުމަށްފަހުއެވެ.

ކުރީ ޢަދަދުގައި އަޅުގަނޑު ފާހަގަކުރި ފަދައިން، މިބައިމީހުން ސުންނަތަށް އެންމެ ބޮޑަށް އިންކާރު ކުރަނީ އެއީ އިލާހީ ވަޙީ ކަމުގައި މިބައިމީހުން ޤަބޫލުނުކުރާތީއެވެ. ޤުރުއާނަކީ ހަމައެކަނި އިސްލާމްދީނުގެ މަސްދަރުކަމަށް ދެކޭތީއެވެ.

ޤުރުއާން ނޫނަސް އިލާހީ ވަޙީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށް ލިބިލެއްވިކަން ކުރީ ޢަދަދުގައި އަޅުގަނޑުވާނީ ޤުރުއާނުގެ އަލީގައި ސާބިތުކޮށްދީފައެވެ. އެހެންކަމުން، ސުންނަތުގެ ޙުކުމްތަކަށް ކިޔަމަންވުމަކީ ޝިރުކުކުރުން ކަމުގައި މިބައިމީހުން ކުރާ ދޮގު ދަޢުވާއަށްވެސް ކާފީ ރައްދެއް ވަނީ އެ ޢަދަދުގައި ދެވިފައެވެ. ސަބަބަކީ، ސުންނަތުގައިވެސް ވަނީ މާތް ﷲ ގެ އިލާހީ ވަޙީއާއި އިލާހީ އިޤްރާރުގެ މައްޗަށް ކަނޑައެޅިފައިވާ ޙުކުމްތައް ކަމަށްވާތީއެވެ.

ނަމަވެސް، އިތުރު ގޮތަކަށް މި ޢަދަދުގައި ރައްދު ދެވޭތޯ މާތް ﷲ ގެ އިރާދަފުޅާއެކު މަސައްކަތްކުރާނަމަވެ. މަޤްސަދަކީ އެންމެ މަޤްސަދެކެވެ. އެއީ ސުންނަތަށް އިންކާރުކުރުމަށް މިބައިމީހުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަރުދަނާކަމެއް ނެތް، ހަ ފަރާތުންވެސް ނިކަމެތި އަދި ބަލިކަށި ބާޠިލް ވާހަކަތަކެއްކަން ބަޔާންކޮށްދިނުމެވެ. އަދި ހަމައެހެންމެ ސީދާ ޤުރުއާނުން މިބައިމީހުންނަށް ރައްދު ދިނުމެވެ.

މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ސުންނަތް އަޅުގަނޑުމެނާ ހަމައަށް ފޯރާފައިވަނީ ޞަޙާބީންގެ ފަރާތުންނެވެ. އެބޭކަލުންގެ މަންހަޖަކީ ފުރިހަމައަށް އެކަލޭގެފާނުގެ އަމުރުފުޅުތަކާއި އިރުޝާދުތަކަށް ކިޔަމަންވުމެވެ. އެއީ ޤުރުއާނުގެ ތަޢުލީމުވެސްމެއެވެ. މިއީ އިސްލާމީ ތާރީޚީ ހެކިތަކުންވެސް ސާބިތުވާކަމެކެވެ. މިކަމަށް ދެކޮޅު ހަދާ މީހަކު، ޤުރުއާނުގެ މަންހަޖާއި އިސްލާމީ ތާރީޚުގެ ފަތްފުށްތައް އިތުރަށް މުތާލިޢާކުރުމަށް އަޅުގަނޑު ގޮވައިލަމެވެ. ސަބަބަކީ، ޣައިރު މުސްލިމް މުއައްރިޚުންވެސް މި ޙަޤީޤަތަށް އިޢުތިރާފުވެފައިވަތީއެވެ.

ވުމާއެކު، ޞަޙާބީންގެ މަންހަޖު މި ގޮތަށް ހުރެއްޖެނަމަ، ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ (އެންޓި-ޤުރުއާނިސްޓް) ފިރުޤައިގެ ނަޛަރިއްޔާ ބުނާގޮތުން، ޞަޙާބީންނަށް އެއޮތީ ޝިރުކުކުރެވިފައެވެ. ސަބަބަކީ، ސުންނަތަށް ބޯލަބައި ކިޔަމަންވުމާއި އެ ސުންނަތް ފަހުގެ ޖީލުތަކަށް ވާޞިލުކޮށްދިނީ އެބައިމީހުން ކަމުގައިވާތީއެވެ. އަދި ކިއެއް، އިސްލާމީ ފުރަތަމަ ތިން ޤަރުނުވެސް އެއޮތީ އެ ޝިރުކުކޮށްފައެވެ. ސަބަބަކީ، އެ ތިން ޖީލުގެ މުސްލިމުންގެވެސް މަންހަޖަކީ ޤުރުއާނާއި ސުންނަތް ކަމަށްވާތީއެވެ.

މިވަރުންވެސް، މިބައިމީހުންގެ ދަޢުވާގެ ބުޠުލާނުކަން ބުއްދީގެ ހަމަތަކުންވެސް ހާމަވެއްޖެއެވެ. އެއީ އިސްލާމީ އެންމެ ފުރަތަމަ ތިން ޖީލު، މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ޞަޙާބީން އަދި މި ދީން އަޅުގަނޑުމެނާ ހަމައަށް ގެނެސްދެއްވި ބޭފުޅުންނަކީ މުޝްރިކުންކަމުގައިވެއްޖެނަމަ، ދެން ސަލާމަތްވާނީ ކޮންބައެއްތޯއެވެ؟

ނަމަވެސް، ކިރިޔާވެސް ބުއްދީގެ ހަމަތައް ޤަބޫލުކުރާ ބައެއްނަމަ، މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ސުންނަތަށް ދެކޮޅެއް ނެހެދީސްކަން ކަށަވަރެވެ.

އެހެންކަމުން، އެބައިމީހުން އެދޭގޮތަށް، ޤުރުއާނުން އެބައިމީހުންގެ ދަޢުވާގެ ބާޠިލުކަން، މާތް ﷲ ގެ އިޛްނަފުޅާއެކު، ސާބިތުކޮށްދޭނަމެވެ.

ޞަޙާބީންގެ މަންހަޖަކީ ޤުރުއާނާއި ސުންނަތެވެ. އެއީ ޝިރުކުނަމަ މާތް ﷲ އެބޭކަލުންގެ ފާފަތަކެއް ނުފުއްސަވާނެއެވެ. އެހެނީ ތައުބާނުވެ މަރުވެއްޖެނަމަ، ޝިރުކުގެ ފާފައަކީ މާތް ﷲ ނުފުއްސަވާ ފާފައެކެވެ. މިއީ ޤުރުއާނުގެ ތަޢުލީމެވެ. އަދި ޝިރުކު ފަތުރާ މީހުންގެ ޢަޛާބު މާ ގަދަފަދަ ވާނެކަން ކަށަވަރެވެ.

އެހެންކަމުން، ޤުރުއާނުގައި މާތް ﷲ ޞަޙާބީންނާމެދު އަދި އެބޭކަލުންގެ މަންހަޖާބެހޭގޮތުން ވަޙީކުރައްވަނީ ކީކޭތޯ ބަލައިލަމާތޯއެވެ.

ޤުރުއާނީ ރައްދު

  • ޞަޙާބީންގެ މަންހަޖާ ބެހޭގޮތުން، ސޫރަތުލް ބަޤާރާގެ 137 ވަނަ އާޔަތުގައި، މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّهُ ۚ وَهُوَ السَّمِيعُ الْعَلِيمُ

” ފަހެ، ތިޔަބައިމީހުން އީމާންވެގެންތިބި ފަދައިން އެއުރެން އީމާންވިނަމަ، އެއުރެންނަށް ތެދުމަގު ލިބުނީސްކަން ކަށަވަރެވެ. އަދި އެއުރެން އެނބުރި ފުރަގަސްދީފިނަމަ، އެއުރެން ވާކަން ކަށަވަރީ، ދެކޮޅުވެރި ކަމެއްގެ ތެރޭގައެވެ. ފަހެ، اللَّه އެއުރެންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވައި ސަލާމަތްކަން ދެއްވާނެތެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ”.

މި އާޔަތުގައި ޞަޙާބީންގެ މަންހަޖާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ، ޞަޙާބީން އީމާންވެގެންތިބި ގޮތަށް އެހެން މީހުން އީމާންވެއްޖެނަމަ، އެބަޔަކަށް ތެދުމަގު ލިބިއްޖެކަމަށެވެ. ޞަޙާބީންގެ މަންހަޖަކީ ހިދާޔަތެއްކަމުގައި މާތް ﷲ އެވަނީ ލައްވާފައެވެ. އަދި އެމަންހަޖަކީ ޙައްޤު މަންހަޖުކަން އެވަނީ ހަތް އުޑު މަތިން އަންގަވާދެއްވާފައެވެ.

އެހެންކަމުން، ޞަޙާބީން އީމާންވިގޮތަށް އަޅުގަނޑުމެން އީމާންނުވާހާ ހިނދަކު އަޅުގަނޑުމެން އީމާންވިކަމަށް ބެލެވޭކަށްނެތެވެ. މިއިން ދަލާލަތު ކޮށްދެނީ، ސުންނަތަކީ އިސްލާމްދީނުގައި ދެވަނަ މަސްދަރުކަމެވެ. އަދި ސުންނަތުގެ ޙުކުމަށް ތަބާވުމަކީ ޝިރުކެއް ނޫންކަމެވެ. އަދި މި މަންހަޖަށް އިންކާރުކުރާ މީހުންނަކީ މަގުފުރެދުމެއްގައިވާ ބަޔަކުކަމެވެ.

  • ތައުބާ ސޫރަތުގެ 100 ވަނަ އާޔަތަށް ބައްލަވައިލައްވާ:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ

” މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނާ ތަބަޢަވީމީހުން (ދަންނާށެވެ!) اللَّه، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބުލިބުމަކީ އެއީއެވެ”.

މިއާޔަތުގެ މުރާދުވެސް ވަރަށް ސާދާއެވެ. ޞާޙާބީންނަށް މާތް ﷲ ރުއްސަވައިފިކަމުގެ އުފާވެރި ޚަބަރު އެވަނީ ދެއްވާފައެވެ. ޞަޙާބީންގެ މަންހަޖަށް ތަބަޢަވެއްޖެ ބަޔަކަށްވެސް މާތް ﷲ އެވަނީ ރުއްސަވާކަމަށް ބަސްފުޅު ވަޙީކުރައްވާފައެވެ. ވުމާއެކު، ސުންނަތަށް ކިޔަމަންވުމަކީ ޝިރުކެއްނަމަ މިފަދަ އުފާވެރި ޚަބަރެއް “ޝިރުކު ކުރާ” ބަޔަކަށް ލިބުމަކީ ވެދާނެކަމެއްތޯއެވެ؟ މާތް ﷲ އެފަދަ ބަޔަކަށް ރުއްސަވާނެތޯއެވެ؟

  • އަލް-އަންފާލް ސޫރަތުގެ 64 ވަނަ އާޔަތަށް ބައްލަވައިލައްވާ:

يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ

” އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި މުއުމިނުންގެ ތެރެއިން ކަލޭގެފާނަށް ތަބަޢަވީ މީހަކަށްވެސް މެއެވެ”.

  • އައް-ތައުބާ ސޫރަތުގެ 20 ވަނަ އާޔަތަށް ބައްލަވައިލައްވާ:

الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ اللَّهِ ۚ وَأُولَٰئِكَ هُمُ الْفَائِزُونَ

” އީމާންވެ، ހިޖުރަކޮށް، اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކޮށް އުޅުނު މީހުންނީ، اللَّه ގެ ޙަޟްރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، ނަޞީބުލިބިގެންވާ މީހުންނެވެ”.

ހަމަ މިފަދައިން، ޞަޙާބީންގެ މަތިވެރިކަމާ ބެހޭގޮތުން އަދި އެބޭކަލުންނަށް ހުރި ނިޢުމަތްތަކާ ބެހޭގޮތުން އިތުރު އާޔަތްތައްވެސް ޤުރުއާނުގައި ވާރިދުވެފައިވެއެވެ. މިސާލެއްގެ ގޮތުން، ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތާއި، ސޫރަތުއް-ތައުބާގެ 88 ވަނަ އާޔަތާއި ސޫރަތުލް ޙަޝްރުގެ 8 ވަނަ އާޔަތާއި ސޫރަތުލް ފަތްޙުގެ 18 ވަނަ އާޔަތްވެސް ބައްލަވައިލައްވާށެވެ. ނަމަވެސް، މިވަރުން ފުއްދާލާނަމެވެ.

ހަމަކަށަވަރުން، ޝިރުކުކޮށް ކުފުރުވެގެންދާނީ ޞަޙާބީންގެ މަންހަޖުން އެއްކިބާވެއްޖެ ބައެކެވެ. ޞަޙާބީންގެ މަންހަޖަކީ ތައުޙީދުގެ މަންހަޖެވެ. އެބޭކަލުންނަށް ނުކުރެވުނު ތައުޙީދެއް އެތައް ޖީލެއް ފަހުން އުފެދިގެން އުޅޭ ފިރުޤައެއްގެ ބަޔަކަށް ކުރެވޭނެތޯއެވެ. ހައިރާންވާންޖެހޭ ކަމަކީ، މި ބައިމީހުން ތިމަންމެނަކީ ފިރުޤައެއްކަމަށްވެސް ނުދެކޭތީއެވެ. މިބައިމީހުން ދެކެނީ މިބައިމީހުންނަކީ އަސްލު ޞައްޙަ މަންހަޖުގައި ތިބި މުސްލިމުން ކަމަށެވެ. ޙަޤީޤަތަކީ މިއީ ފަހުގެ ޖީލެއްގައި ޞައްޙަ މަންހަޖުން އެއްކިބަވާ ވުމުގެ ސަބަބުން އުފެދިފައިވާ ފިރުޤައެއްކަމެވެ. އަދި އިސްލާމީ ޢިލްމުވެރިންވަނީ މި ފިރުޤައިގެ ނުވަތަ މި މަންހަޖުގެ ބާޠިލްކަން ބަޔާންކުރައްވާ، ކުފުރުގެ މަންހަޖެއްކަމަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ފަތުވާ ދެއްވާފައެވެ.

ޤުރުއާނިސްޓުންކަމަށް ދަޢުވާކުރިއެއްކަމަކު، ޤުރުއާނިސްޓަކަށް ނުވާނެއެވެ. ޙަޤީޤީ ޤުރުއާނިސްޓުންނަކީ، ޞަޙާބީންގެ މަންހަޖުގައި ފައިތިލަތައް ސާބިތުކޮށް ޤުރުއާނާއި ސުންނަތަށް ބޯލަބާ ކިޔަމަންވާ މުސްލިމުންނެވެ.

فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ މާނައީ: ” ފަހެ، ޙައްޤުގޮތަށްފަހުގައި ވަނީ މަގުފުރެދުންނޫން ކޮންއެއްޗެއް ހެއްޔެވެ؟” (ޔޫނުސް؛ 32)

ޚިޔާލު ފައުޅުކުރުން