ސުންނަތުގެ ދިފާޢުގައި -5

(ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ޖަމާޢަތުގެ އެތެރޭގެ އިޚްތިލާފުތައް)

މި ޢަދަދުގައި އަޅުގަނޑު ބަލައިލާނީ ޤުރުއާނުގެ އަހުލުވެރިން ކަމަށް ދޮގު ދަޢުވާ ކުރާ ޖަމާޢަތް ބެހިގެންވާ ބައިތަކަށެވެ. ނުވަތަ އެބައިމީހުންގެ ތެރޭގައި އުފެދިފައިވާ ފިރުޤަތަކަށެވެ. މިއިން ކޮންމެ ބައިގަނޑަކީވެސް އަނެއް ބައިގަނޑުގެ ދަޢުވާއާ މުޅިން ފުށު އަރާ ދަޢުވާތަކެއް ކުރާ ބައެކެވެ. ނަމަވެސް، އެއްގޮތް ކަމަކީ ތިން ގުރޫޕުގެވެސް ދަޢުވާ ބިނާވެފައިވަނީ ހަމައެކަނި ޤުރުއާނަށް ތަބާވުމާއެކު ސުންނަތަށް ނުވަތަ ޙަދީޘަށް އިންކާރު ކުރުމުގެ މައްޗަށެވެ. އެހެންކަމުން، އެކަތި އަނެކަތި މުޅިން ފުށު އެރިއަސް މިބައިމީހުންގެ މަޤްސަދަކީ އެއް މަޤްސަދެކެވެ.

އެގޮތުން، މިބައިމީހުންގެ ދަޢުވާތަކަށް ބަލައިލާނަމެވެ. އަދި ﷲ ގެ ރަޙްމަތްފުޅުން ކޮންމެ ބައެއްގެވެސް ބާޠިލުކަން ޤުރުއާނުގެ އަލީގައި ބަޔާންކޮށްދޭނަމެވެ.

  • ފުރަތަމަ ބައިގަނޑު: މިބައިމީހުންގެ ދަޢުވާއަކީ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ފޮނުވުނީ ހަމައެކަނި ޤުރުއާން މީސްތަކުންނަށް ފޯރުކޮށްދިނުމަށެވެ. ޞަޙާބީންނަށްވެސް އަދި ފަހުގެ ޖީލުތަކަށްވެސް އަމުރުކުރެވިގެންވަނީ ހަމައެކަނި ޤުރުއާނަށް ތަބާވުމަށެވެ. ވުމާއެކު، ސުންނަތަށް ކިޔަމަންވުމަކީ އޮތް ކަމެއް ނޫނެވެ.

މިއީ ފުރަތަމަ ބައިގަނޑުގެ ދަޢުވާތާކެވެ. މިބައިމީހުން ބުނާ ގޮތުން، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ޤުރުއާން ނޫން އެހެން އެއްޗެއް ދޫނުކުރައްވައެވެ. ސުންނަތަކީ އޮތް އެއްޗެއް ނޫނެވެ. އަދި ޞަޙާބީންގެ މަންހަޖަކީވެސް ޤުރުއާނަށް ތަބާވުމެވެ.

މިބައިމީހުންގެ މި ދަޢުވާތަކުގެ ދޮގުކަން ވާނީ އަޅުގަނޑުގެ ކުރީގެ ލިޔުންތަކުގައި ވަރަށް ތަފްޞީލީ ގޮތެއްގައި، ކީރިތި ޤުރުއާނުގެ އަލީގައި، ބަޔާންކޮށްދީފައެވެ. އެހެންކަމުން ރައްދު ތަކުރާރު ކުރުމުގެ މާނައެއް ނެތެވެ.

  • ދެވަނަ ބައިގަނޑު: މިބައިމީހުންނަކީވެސް ތިމަންމެން ޤަބޫލުކުރަނީ ހަމައެކަނި ޤުރުއާނޭ ބުނާ ބައެކެވެ. ނަމަވެސް ކުރީ ބައިގަނޑާ ހުރި ތަފާތަކީ، ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ އަމުރުފުޅުތަކަށް ތަބާވުމަކީ ޞަޙާބީންގެ މައްޗަށް ވާޖިބެއްކަމުގައި މިބައިމީހުން ދެކޭތީއެވެ. ނަމަވެސް، އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް މިބައިމީހުން އިންކާރުކުރެއެވެ. އެހެންކަމުން، މިބައިމީހުން އިޢްތިޤާދަކީ، އެކަލޭގެފާނަށް ތަބާވުމަކީ ހަމައެކަނި ޞަޙާބީންގެ ޖީލަށް ކަނޑައެޅިފައިވާ ކަމެކެވެ.

މިބައިމީހުންގެ ދަޢުވާތަކަކީވެސް ވަރަށް ބަލިކަށި ދަޢުވާތަކެކެވެ. އެހެނީ މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ތަޢުލީމާއި އިރުޝާދާއި އަމުރުފުޅުތަށް އެންމެ 23 އަހަރަށް ކުރުކޮށް، ޞަޙާބީންގެ ޖީލަށް ފައްތާލުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލަހި ވަސައްލަމް) ފޮނުވުނީ މުޅިން އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައެވެ. އެއީ ހަމައެކަނި ޞަޙާބީންގެ ރަސޫލާއެއް ނޫނެވެ. އެއީ ޤިޔާމަތާ ޖެހެންދެން ތަބާވާން ފޮނުވުނު ރަސޫލެކެވެ.

މިކަމަށް ޢިޝާރަތްކުރައްވާ، މާތް ﷲ އަލް އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ މާނައީ: “އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަން އިލާހު، ކަލޭގެފާނު ނުފޮނުއްވަމެވެ”.

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔެއްގެ ރިސާލަތުގެ ނުވަތަ ތަޢުލީމު އެންމެ 23 އަހަރަށް ފައްތާލުމަކީ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ. އެހެނީ، އެމަތިވެރި ތަޢުލީމާއި އިރުޝާދާއި އަމުރުފުޅުތަކަކީ ޞަޙާބީންނަށް ބޭނުން ޖެހިފައިވާ ފަދައިން އަޅުގަނޑުމެނަށްވެސް ބޭނުންޖެހިފައިވާ އެއްޗެއްސެވެ. ވިއްޔާމު ޞާޙާބީންނަށްވުރެ ބޮޑަށް ފަހުގެ ޖީލުތަކަށް އެ ތަޢުލީމުގެ ބޭނުން މާ ބޮޑެވެ.

ދެންވެސް މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ މާނައީ: “އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަން އިލާހު، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ”. (السبأ 28)

މި އާޔަތުގައިވާ ފަދައިން އެންމެހާ މީސްތަކުންގެ ގާތަށް ފޮނުވުނު ރަސޫލެއްގެ ތަޢުލީމް ވަކި ބަޔަކަށް ޚާއްޞަ ކުރުމަކީ ބާޠިލް ދަޢުވާއެކެވެ. ޤުރުއާނުގެ މިފަދަ އާޔަތްތަކާ ފުށުއަރާ ދޮގު ދަޢުވާއެކެވެ.

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ ހިދާޔަތަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށްވާ އެއްޗެކެވެ. އެކަލޭގެފާނުގެ ތަޢުލީމަކީ މުޅި އުއްމަތަށް ދޫކުރެއްވި ޖައުހަރެކެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކަކީ މުޅި އުއްމަތް އެއަށް ކިޔަމަންވުން މާތް ﷲ ލާޒިމުކުރައްވާފައިވާ އަމުރުފުޅުތަކެކެވެ. މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.

  • ތިންވަނަ ބައިގަނޑު: ކުރީ ދެބައިގަނޑާ ޚިލާފަށް މިބައިމީހުން ޤަބޫލުކުރާގޮތުން، މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)ގެ އަމުރުފުޅުތަކާއި އިރުޝާދުތަކަކީ މުޅި އުންމަތުގެ މައްޗަށްވާ އެއްޗެކެވެ. އެއަށް އެންމެންވެސް ކިޔަމަންވާން ޖެހޭނެއެވެ. ނަމަވެސް، އެ ސުންނަތް އަޅުގަނޑުމެނާ ހަމަޔަށް ވާޞިލްވެފައިވަނީ އިތުބާރު ނުހިފޭ ބަލިކަށި ގޮތަކަށެވެ. އެހެންވުމުން އެހާ މައްސަލަ ހުރި އެއްޗަކަށް އަހަރެމެން ތަބާވުން ލާޒިމެއް ނުކުރެއެވެ. އަހަރެމެން އެކަމުން ޢުޒުރުވެރިވެގެންވެއެވެ. ނަމަވެސް، ނަމާދުފަދަ މުޙިންމު ރުކުންތަކާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ޢަމަލުކުރަންޖެހޭނެ ކަމަށް މިބައިމީހުން ބުނެއެވެ.

މިބައިގަނޑުގެ ދަޢުވާގައި އެހާ ބޮޑު މައްސަލަތަކެއް ނެތޭ ފަހަރެއްގައި ކިޔުންތެރިންގެ ހިތަށް އަރާފާނެއެވެ. ނަމަވެސް ޙަޤީޤަތަކީ މިބައިމީހުންގެވެސް މަޤްސަދަކީ ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ސުންނަތުން މީހުން އެއްކިބާކުރުމެވެ. ކުރީ ދެބައިގަނޑަށްވުރޭން މިބައިގަނޑުގެ ވިސްނުން ތޫނެވެ. އެހެނީ، އެދެބައިގަނޑު ސީދާ ސުންނަތަށް އިންކާރުކުރުމަކީ ޤުރުއާނުގެ މަންހަޖާ މުޅިން ޚިލާފުކަމެކެވެ. ޤުރުއާނުން އެތަކެއް އާޔަތްތަކެއް އެދެބައިގަނޑަށް ރައްދު ދޭތީއެވެ.

ނަމަވެސް، މިބައިމީހުން ސުންނަތަށް އިންކާރު ކުރަނީ އެހެން ނަޛަރިއްޔާއެއްގެ ދަށުންނެވެ. އެއީ ސުންނަތަށް އިންކާރު ނުކޮށް، ސުންނަތް އަޅުގަނޑުމެންނާ ހަމަޔަށް ވާޞިލުވެފައިވާ ގޮތާމެދު ޝައްކު އުފެއްދުމެވެ. ނަމަވެސް، ހަމަ ކުރީ ދެބައި މީހުނެކޭ އެއްފަދައިން މިބައި މީހުންގެވެސް ޝުބުހަ ވުޖޫދަށް އައީ މިބައިމީހުންގެ ޖާހިލުކަމުންނެވެ. އެއްވެސް އަސްލެއްނެތިއެވެ. ޢިލްމީ މާ ބޮޑު ދިރާސާއެއް ކުރެވިފައި ނެތީމައެވެ.

މިބައިމީހުންނަށް ރައްދުދޭން ބޭނުންނަމަ، ރުޖޫޢަވާން ޖެހެނީ އިސްލާމީ ތާރީޚަށެވެ. ފުރަތަމަ ތިން ޤަރުނުގެ ތާރީޚަށެވެ. ޙަދީޘް ޢިލްމުގެ ތާރީޚަށެވެ. ޙަދީޘް ޖަމަޢަކުރެވުނު ގޮތާއި ރާވީންނާއި އެބައިމީހުންގެ މަންހަޖާއި މިހެންގޮސް ޙަދީޘް ޢިލްމުގެ ތާރީޚް ރަނގަޅަށް ފުރޮޅާލަން ޖެހޭނެއެވެ.

ވުމާއެކު، މިބައިގަނޑަށް ދޭންޖެހޭ ރައްދުގެ ދިގުކަމާއެކު، ދެން އަންނަ ޢަދަދެއް، މާތް ﷲ ގެ އިޛްނަފުޅާއެކު، އެކަމަށް ޚާއްޞަކުރެވޭތޯ ބަލާނަމެވެ.

ޚިޔާލު ފައުޅުކުރުން