މުޒާހަރާކުރަން ކާރުބާރު ބޮޑު މަގުތަކަށް ނުކުތުން

ޑިމޮކުރަޓިކް ވެށްޓެއްގައި ރައްޔިތުންގެ ވިންދު ނޭނގޭ ބަޔަކަށް އެ ވިންދު ޖަހަމުންދާ ގޮތް އަންގައިދިނުމަށްޓަކައި މުޒާހަރާގެ ހަތިޔާރަކީ މަންފާކުރަނިވި ހަތިޔާރެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި މުޒާހަރާ ކުރަން ޖެހިފައި ހުރި ކަންތައް ވަރަށްވެސް ގިނަ ގުނައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ނުކުންނަންވެއްޖެއެވެ. މީހުން ކަތިލުމާއި މާރާމާރީއާ ދެކޮޅަށް އަޑުއުފުލަން ވެއްޖެއެވެ. މުޖުތަމަޢުގައި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ހައްދުތައް އިއްވައި ތަންފީޛުކުރުމަށް ބާރުއަޅާ ގޮވާލަންވެއްޖެއެވެ.

ނަމަވެސް، އަޑުއުފުލާ އިހްތިޖާޖުކުރަން ނުކުންނައިރު ވިސްނާލަން މުހިންމު ނުކުތާތަކެއް އެބަހުއްޓެވެ. އެއްވެސް ހާލެއްގައި މުޒާހަރާކޮށް ޝުޢޫރު ފާޅުކުރަން ކާރުބާރު ބޮޑު މަގުތަކަށް ނުކުތުމަކީ މަޞްލަޙަތު ހުރިގޮތެއް ނޫނެވެ.

އެގޮތުން، މިނިވަންކަމުގެ އިންފާރު ވަކިކޮށްދޭ ވަރަށް ފުރިހަމަ ބުނުމެއް އޮވެއެވެ. ” ތިމާގެ މިނިވަންކަން ފެށެނީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބުންނެވެ.” ކާރުބާރު ބޮޑު މަގުތަކަށް ޝުޢޫރު ފާޅުކުރަން ނުކުތުމުގެ ސަބަބުން އެތައް ބައެއްގެ މިނިވަންކަމަށް އަރައިގަނެވެއެވެ. އެ މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާފަދާ މީހުންނަށް މަގުތައް ބަންދުވެގެންދެއެވެ. އަވަށްޓެރި ފިހާރަތައް ބަންދުކުރަން ޖެހެއެވެ. އެކަމުގެ ސަބަބުން ވިިޔަފާރިއަށް އެތަކެއް ގެއްލުންތަކެއް ލިބިގެން ދެއެވެ. އަވަށްޓެރި ގެތަކަށް އުދަނގޫވެ، އެގެތަކުގެ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ނިދި ހަރާބުވެއެވެ. ކުޑަކުދިން ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްދާލެވެއެވެ. ގެތަކަށް ވަދެ ނުކުތުމަށް އުދަނގޫވެއެވެ. އިމްތިޙާނުތަކަށް ކިޔަވާ ކުދިންނަށް ކިޔެވުމަށް ހުރަސް އެޅެއެވެ.

މިގޮތަށް މަގުތަކަށް ނުކުތުމުގެ އެންމެ ފަހު ނަތީޖާއަކަށް ވެގެންދަނީ އަމަންބަލަހައްޓާ ފަރާތްތަކާ މުޒާހަރާ ކުރާ މީހުންނާ ދެމެދުގައި “ހަނގުރާމާގެ” ކުރިމަތިލުންތަކެއް ހިނގުމެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި އާންމުގެ އެތައް ބަޔަކަށް ބޮޑެތި ހާނިއްކަވެއެވެ. އަދި މީހުންގެ މުދަލަށާއި ފިހާރަތަކުގެ ބިއްލޫރިތަކަށް އެކަމުގެ ބާރުކުރެއެވެ.

ޚުލާސާކޮށް މިފާހަގަކޮށްލީ ކާރުބާރު ބޮޑު މަގުތަކުގައި މުޒާހަރާކުރުމުން ނުކުންނަ ބައެއް ހިތި ނަތީޖާތަކުގެ ވާހަކައެވެ.

3 މެއި 2011 ގައި ތަކެތީގެ އަގުބޮޑުވުމާ ދެކޮޅަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދާ ސިލްސިލާ މުޒަހާރާތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުލުހުން ބޭއްވިއެވެ. އެ ބައްދަލުވުމުގައި މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާޓިފިޝަލް ބީޗާއި ސުނާމީ ބިނާ ސަރަހައްދު ބޭނުން ކުރުމަށް ފުލުހުން އިލްތިމާސްކުރެއްވިއެވެ. އަދި އެތަންތަނުގައި ބާއްވާ މުޒާހަރާތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ފުލުހުންގެ ނިންމުމަށް، ޤައުމާމެދު ވިސްނާ ފަރުދެއްގެ ހައިސިއްޔަތުން، އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަމެވެ. ކުރިން ދެންނެވި މަގުތަކުގައި މުޒާހަރާ ކުރުމުން ނުކުންނަ ހިތި ނަތީޖާގެ މައްޗަށް ބުރަވެއާއި އާޓިފިޝަލް ބީޗު ފަދަ ތަނެއްގައި މުޒާހަރާ ބޭއްވުމުން ލިބިގެންދާނެ ފައިދާއާއި މަންފާގެ މައްޗަށް ބުރަވުމަށްފަހުގައެވެ.

އެހެނީ މުޒާހަރާތަކުގެ މަޤްސަދަކީ ސަރުކާރަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް ރައްޔިތުންގެ ޝުޢޫރު އިއްވާލަ ދިނުމެވެ. މި މަޤުސަދު ހާސިލުވަނީނަމަ މުޒާހަރާއަކީ ކާމިޔާބު މުޒާހަރާއެއްކަމަށް ބެލެވޭނެއެވެ. ނަމަވެސް، ބައެއް މީހުން ބުނެފާނެއެވެ. ކާރުބާރު ބޮޑު މަގުތަކަށް ނުކުމެގެން މެނުވީ ސަރުކާރުން ރައްޔިތުން އަޑުތަކަށް އިޖާބައެއް ނުދޭނެއެވެ. ނަމަވެސް، މަންޒަރު ފެނިގެންދަނީ މުޅިން އިދިކޮޅަށެވެ. ޒުވާނުންގެ މުޒާހަރާގައި މަގުތައް މައްޗަށް ނުކުތުމުގެ ސަބަބުން ސަރުކާރުންވަނީ އެހެން “ބަހަނާއެއް” ދައްކާފައެވެ. ސަރުކާރުން ބުނަނީ މުޒާހަރާ ކުރަނީ ޒުވާނުންގެ ނަމުގައި އިދިކޮޅު ޕާޓީތަކުގެ މީހުންކަމަށެވެ. އަދި އެމީހުން އެމުޒާހަރާ ކުރަނީ ސަރުކާރު ވައްޓާލުމުގެ “މަކަރުވެރި” ނިޔަތުގައިކަމަށެވެ.

ނަމަވެސް، ހުސް ބިންތަކުގައި މުޒާހަރާ ބޭއްވުމުން ސީދާ ޒުވާނުންނަށް އަޑުއުފުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމީހުންގެ ޝުޢޫރުތަށް އެއްވެސް އުދަނގުލެއް ނެތި ފާޅުކުރަން ފުރުސަތު ލިބިގެންދާނެއެވެ. މިކަމަށް ވަކި ޕާޓީއެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ. ނޫސްތަކުގެ ފަލަ ސުރުޙީއަށް އެމައްސަލަ އަންނާނެއެވެ. އަދި ސަރުކާރުގެ ކަންފަތުގައި ޖެހޭނެއެވެ. އެއްވަނީ ކިހާ މީހުނެއް ކަމެއްވެސް އެނގޭނެއެވެ. ސަރުކާރުގެ ސިޔާސަތާ ރައްޔިތުން ރުހެނީ ކިހާ މިންވަރަކަށް ކަންވެސް އެނގިގެންދާނެއެވެ. އޭގެ އިތުރުން، މަޤްސަދާއި ނިޔަތަކީ ސަރުކާރު ވެއްޓުން ނޫން އެނގޭނެއެވެ. މުޒާހަރާގެ މަޤްސަދަކީ އިޚްލާޞްތެރި މަޤްސަދެއްކަން އެނގިބަޔާންވާނެއެވެ. މުޒާހަރާ ފަނިކޮށްލާ ހަމަނުޖެހުން ހިންގަން އަންނަ މީހުންނަށް އެ ފުރުސަތު ލިބިގެނެއް ނުދާނެއެވެ.

މަގުތަކުގައި މުޒާހަރާ ކުރުމުން ފެންނަ ހިތި މަންޒަރުތަކެއް ނުފެންނާނެއެވެ. ހަމަނުޖެހުންތައް ހިނގާ ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. އަދި އަވަށްޓެރި ގެތަކުގެ ކުޑަ ކުދިންނަށް ސިޔާސީ މިހަލަބޮލިކަމުގެ ހިޔަންޏެއް ނޭޅޭނެއެވެ. އަދި އަވަށްޓެރި ގެތަކަށް އެއްވެސް އުދަނގުލެއް ނުފޯރާނެއެވެ. މަގުތަކުގެ ހައްޤު މަގަތަކަށް ދެވުނީއެވެ. ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ބަންދުކުރާކަށް ނުޖެހޭނެއެވެ. ފަތުރުވެރިކަމަށް ކުރާނެ ނުބައި އަސަރެއް ނޯންނާނެއެވެ.

ފަހުގެ ދިވެހި ތާރީޚުގައި ވަނީ މިފަދަ ރިވެތި އެތަކެއް މުޒާހަރާތަކެއް ބޭއްވިފައެވެ. އެގޭތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް ކުރި މުޒާހަރާއާއި އިޒްރޭލާއި ދެކޮޅަށް ކުރި މުޒާހަރާއާއި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ކުރި މުޒާހަރާ ފާހަގަކޮށްލެވެއެވެ. ބައެއް މީހުން ދެކޭގޮތުގައި އެ މުޒާހަރާތަކުގެ މަޤްސަދު ހާސިލެއް ނުވެއެވެ. އަޅުގަނޑު ދަންނަވާނީ އެ މުޒާހަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެ މުޒާހަރާތަކުން ސަރުކާރުގެ އެފަދަ ސިޔާސަތުތަކަށް ޢާންމުންގެ ގިނަ ބަޔަކު ނުރުހޭކަން ފާޅުވެގެން ހިނގައްޖެއެވެ. ސަރުކާރުގެ އޮފުކަމަށް ކޮންމެވެސް ވަރެއްގެ ހިރަފުހެއް އަރައިފިއެވެ. އެކަމުގެ އަސަރު އަންނަ ރިޔާސީ އިންތިހާބެއްގައި ފެނުން އެކަށީގެންވެއެވެ.

އެހެންވީމާ، ވަޤުތުން ވަޤުތަށް ކަންތައް ހައްލުވާނެ ކަމަށް ހީކުރުމަކީ ގޯހެކެވެ. އަދި ކަންތައް ހައްލުކުރުމަށް އިޖްތިމާޢީ ފޭރާމާއި ދީނީ ރިވެތި އަދަބުތައް ޤުރުބާން ވިޔަދީގެންވެސް ނުވާނެއެވެ. ހައްލު ނުވެއްޖެނަމަ، ސަރުކާރު ބަދަލުކޮށްލުމުގެ ފުރުސަތު އަންނާނެއެވެ. އެއީ ރިޔާސީ އިންތިހާބުންނެވެ. ރައްޔިތުންނަށް ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ބަޔާންކޮށްދެވޭނެއެވެ.

އެހެންކަމުން، މުޒަހާރާއެއް ކުރިޔަސް އިޖްތިމާޢީ ގޮތުންނާއި ދީނީގޮތުން އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކުރުމަކީ ކޮންމެ ބަޔަކުވެސް ދަސްކުރަންވެއްޖެ ކަމެކެވެ. އެހެންނޫނީ، މަޤްސަދު ހާސިލްނުވެ ކަންތައް އިތުރަށް ގޯހުން ގޯހަށް ދިޔުމަކީ ނުވެނުދާނެ ކަމެކެވެ.

ޚިޔާލު ފައުޅުކުރުން