ރިޔާސީ އިންތިޚާބު 2018 (2) އީޔޫއާއި ވަޤުތު

ޙަމްދު ހުރީ ގަދަ ކީރިތިވަންތަ މާތް ﷲ ގެ ޙަޟްރަތަށެވެ. ޞަލަވާތާއި ސަލާމްހުރީ އެއިލާހުގެ މާތް ނަބިއްޔާ މުޙައްމަދުލް އަމީނުގެ މައްޗަށެވެ.

އަނެއްކާވެސް ރިޔާސީ އިންތިޚާބާ ބެހޭގޮތުން ހިތުގައި އޮތް ޝުޢޫރުތަކެއް އޮއްސާލުމުގެ ގޮތުން ލިޔަން ފަށައިގަންނަމެވެ. މާތް ﷲ ގެ ތައުފީޤާއި މަދަދަށް އެދެމުންނެވެ.

ވާހަކަ ފަށައިގަންނާނެ ހިސާބެއް ހިތުގައި ނެތެވެ. ދައްކަން ހުރި ވާހަކާއިގެ ގިނަކަމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ތަރުތީބެއް ނެތަސް ކޮންމެވެސް ހިސާބަކުން ފެށޭތޯ ބަލާނަމެވެ.

އެގޮތުން، ބައެއް އޮންލައިން ނޫސްތަކުގެ ފަލަ ޞުރުޚީއަށް އެރި އަޅުގަނޑަށް ނިސްބަތްކުރެވުނު ” އީޔޫގޭ” ވާހަކައިން ފަށައިގަންނަން ހިނގާށެވެ. އެ ޚަބަރުގެ ސަބަބުން، ބައެއްމީހުންނަށް އެކަންވީ “ބޮޑު ކާރިޘާ”އަކަށެވެ. އަޅުގަނޑާ ބެހޭގޮތުން ފޭސްބުކުގައި “ކޮމެންޓް ކުރި ގިނަ މީހުންނަކީ އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ މީހުންނެވެ. ބައެެއްމީހުންގެ ކޮމެންޓުތަކުގައި ޤަބޫލުކުރެވޭ ބިނާކުރަނިވި ފާޑުކިޔުންތައް ހުރިއިރު ގިނަމީހުންގެ ކޮމެންޓު ހުރީ އަޅުގަނޑުގެ ޝަޚުޞު ކަތިލުމާ ދިމާލަށެވެ. ހަޑިހުތުރު އެއްޗެހި ކިޔުމާ ދިމާލަށެވެ. ނަމަވެސް، އެކަމުގެ ފަރުވާލެއް ނެތެވެ. އެއީ އެބުނާ ޑިމޮކްރަސީގެ ވައްތަރުކަމަށްވެސް ވެދާނެއެވެ. ފޮތެއްގައި ލިޔެވިފައިނެތަސް، އޭގައި އޮންނަނީ އެންމެ އަޑުގަދަވެފައި އެންމެ ހަޑިހުތުރު އެއްޗެހި ކިޔާ މީހަކީ އެއްވަނަ ލިބޭ މީހާކަމަށްވެދާނެއެވެ. ފާޑުކިޔުމުގައި އަޚްލާޤީ މިންގަނޑުގައި ހިފެހެއްޓުމަކީ ނިކަމެތިކަމެއްކަމަށް ވަނީ ކަމަށްވެސް ވެދާނެއެވެ. އަދި ހަމައެހެންމެ، އަނެއްމީހާ ދައްކާ ވާހަކައަށް ޖަވާބު ނުދީ، މާދުރުދުރުން، ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް ނަގައި، ކަމާ ނުވެސް ގުޅޭގޮތުން ވާހަކަ ދައްކައި، ” ކަލޭމެންވެސް ވަކި ޠާހިރެއްނޫނޭ” ބުނާކަހަލަ އުޞޫލެއް ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް އެވާހަކަ ބާއްވަމާ ހިނގާށެވެ. ބާއްވާފައި، އެޚަބަރު ކަވަރުކުރި އެއް އޮންލައިން ނޫސްކަމަށްވާ ވަޤުތު ނޫހަށް ބަލައިލަމާތޯއެވެ. ވަޤުތު ނޫހަކީ އަބަދުވެސް މިފަދަ ޖަރީމާ ހިންގާ ނޫހެކެވެ. މީހަކު ބުނާ ވާހަކައެއް ނުވަތަ ލިޔެފައިވާ ވާހަކައެއް އޭގެ މަފްހޫމު ނުގެއްލޭގޮތަށް ނޫހުގެ ޞުރުޚީ ޖަހެމުގެ ކުޅަދާނަކަން ލިބިގެންވާ ނޫސްވެރިންތަކެއް އެމީހުންގެ ނެތީކަމަށްވެސް ވެދާނެއެވެ. ނުވަތަ މާމޮޅުކޮށްލަން، ކިޔުންތެރިންގެ ސަމާލުކަން ދަމައިގަތުމުގެ ގޮތުން ގަސްތުގައި ކުރާ ކަމަކަށްވެސް ވެދާނެއެވެ. އެކަމުން ވެބްސައިޓަށް ލިބޭ “ހިޓްސް” ގިނަވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް، އެހެން އެކަން ކުރަންވާނީ އެމީހުންގެ އަމިއްލަ ރިޕޯޓާއި މަޒުމޫނުތަކުގައި ނޫންތޯއެވެ. މީހަކަށް ނިސްބަތްކޮށް ޚަބަރެއް ގެނެސްދޭނަމަ، ޞުރުޚީ ލިޔަންވާނީ އެމީހަކު ބުނި ވާހަކައެއްގެ މުރާދު ނުގެއްލޭގޮތަށް ނޫންތޯއެވެ. އެހެންނޫނީ، އެ ހެދެނީ މީހެއްގެ މައްޗަށް ކަނޑައެޅިގެންހުރި ދޮގެއް ނޫންތޯއެވެ. އެއަށް ޒިންމާދާރު ނޫސްވެރިކަމޭ ކިޔޭނެތޯއެވެ؟ ނުވަތަ އެމީހުންނަށް މީހުން ދައްކާވާހަކަ ފަހުމުކުރަން ނޭނގެނީކަމަށްވުންވެސް އެކަށީގެންވެއެވެ.

ކޮންމެއަކަސް، އެމީހުންގެ ޝިކާރަކަށް މިފަހަރުވެފައި މިއޮތީ އަޅުގަނޑެވެ. އަޅުގަނޑު ފޭސްބުކު ޕޭޖުގައި ޖެހި ޕޯސްޓުގައި އީޔޫއާ ބެހޭގޮތުން، ބުނެފައިވަނީ، އީޔޫގެ ތާއީދާއެކު ބަޔަކު ވެރިކަމަށް އައިސްފިނަމަ، އެއީ ނުރަކަލެއްގެ ގޮތުގައެވެ. އެހެނީ، އީޔޫއަކީ އަސާސީ އުޞޫލުތަކަކާއި އަގުކުރުންތަކަކާއި ޙައްޤުތަކެއް ޤަބޫލުކުރާ ޔޫނިއަންއެކެވެ. އަދި އެބައިމީހުންގެ އެ އަސާސީ “ވެލިޔުސް” އެބައިމީހުންގެ ނުފޫޒުފޯރާ ހުރިހާ ޤައުމެއްގައި ތަންފީޒުކުރުމަކީ އެބަައިމީހުންގެ އެންމެ ބޮޑު އެއް އަސާސީ އެޖެންޑާއެވެ. އެހެންކަމުން، އެފަދަ ވެލިޔުސްތައް ތަންފީޒުކުރަން އެބައިމީހުން ބާރުއަޅާނެކަމީ، ޝައްކެއްއޮތް ކަމެއް ނޫނެވެ. ސުވާލު އުފެދެނީ، އެފަދަ ފިއްތުންތަކަށް އެވެރިންގެ ތާއީދު ލިބިގެން އަންނަ ސަރުކާރަކަށް ކެތްކުރެވޭނީ ކިހައިވަރަކަށްތޯ ސުވާލު އުފެދޭކަމަށެވެ. ދެން އަޅުގަނޑު ބަޔާންކުރީ، އެމީހުން ވަކާލާތުކުރާ އެންމެ އަސާސީ ޙައްޤުތަކުގެ ތެރޭގައި ދީނީ މިނިވަންކަމުން ފެށިގެން އެއްޖިންސުން ގުޅުން ހިންގާ މީހުން މުޖުތަމަަޢުން ބަލައިގަތުމަށް ބާރުއެޅުން ހިމެނޭކަށެވެ. ނިކަން ބައްލަވާށެވެ. އެއްޖިންސުން ގުޅުން ހިންގަން އެބައިމީހުން ބާރު އަޅާނެއޭ އަޅުގަނޑު ބުނެފައި އެބައިންތޯއެވެ؟ ދިވެހިބަސް މޭރުން ކުރަން އެނގޭ ކޮންމެ މީހަކަށް މިދެޢިބާރާތުގައި ހުރި ފަރަޤު އެނގޭނެއެވެ. ނަމަވެސް، އެކަން ނޭނގުނު ބަޔަކަށްމިވީ ވަޤުތު އޮންލައިން ނޫހެވެ. ފަހަރެއްގައި، އެބައިމީހުން އެވެރިކަމެއް ދިފާޢުކުރަން ޕްރޮޕަގެންޑާ ފަތުރާ ވެރިކަމަށް ފައިދާހުރި ގޮތެއްގައި އެޚަބަރު ގެނެސްދޭންވެގެން، ހިތު ހުރިގޮތަކަށް ޞުރުޚީ ޖަހާލީކަމަށްވެސް ވެދާނެއެވެ.

މިހާރު، އެކަމުންވީ، ފައިދާއަށްވުރެ ގެއްލުންކަން ކަށަވަރެވެ. އެހެނީ، އިދިކޮޅު އިއްތިހާދުގެ މީހުންނަށްވެސް އެޚަބަރުވީ ބޮޑު ޖޯކަކަށެވެ. ސަރުކާރުން ގަނެލާފައިވާ މުއްލާއެއް ފާޑެއްގެ ކޮސްވާހަކައެއް ގޮވައިފިކަމަށް ބަލައި މުޅި މީސްމީޑިއާ އެޚަބަރުން އެބައިމީހުން ފުރައިލިއެވެ. ޚުދު އަޅުގަނޑަށްވެސް އެ ޞުރުޚީވީ ބޮޑު ޖޯކަކަށެވެ. ކޮންމެ ޝެއިޚެއް އެހެން ވިދާޅުވިކަމުގައިވިޔަސް އަޅުގަނޑަށްވެސް އެކަންވާނީ ވަރަށް ހެއްވާކަމަކަށެވެ. ނަމަވެސް، ވަޤުތަށް އެވަރު ނުވިސްނުނީ ކަމަށްވެދާނެއެވެ. އިދިކޮޅު އިއްތިހާދާ ދެކޮޅަށް އެންޓި-ކެމްޕޭން ކުރަން ހިފާފައި ތިބިވަރުން އެކަމުގެ ހޭވެރިކަމެއް ނެތީކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، މިކަމެއް މިހެން ހިނގައިދިއުމުން، އެކަމާބެހޭގޮތުން، އަޅުގަނޑުގެ ފޭސްބުކުޕޭޖުގައި، ވަޤުތު އޮންލައިނަށް، ޒިންމާދާރުވާން ގޮވާލައި، އެޞުރުޚީ އިސްލާޙުކުރަން ގޮވާލައި ޕޯސްޓެއްވެސް ކުރީމެވެ. ނަމަވެސް، އަޅުގަނޑު ހަނދާން ނެތުނީއެވެ.

ވަޤުތު އޮންލައިނަކީ ވަޤުތު އޮންލައިނެވެ. “ބަޅެއްގެ ނިގޫ ސަންފާ އޮނަކަށް ލިޔަސް އެ ތެދުނުވާނޭ”ޔޭ ކާބަފައިންގެ ފަރާތުން ވާރިދުވެގެން އައިސްފައި އޮންނަ ހަރުބަހެއްގައި އޮވޭ ނޫންތޯއެވެ. އެކަން އެނގިލައްވާނީ ދިވެހި އަދީބުންނަށް ކަންނޭނގެއެވެ. ކޮންމެއަކަސް އެ ތެދެއް ނުވިއެވެ. ވުމާއެކު، މިއަދަށް މިވަރުން ފުއްދާލަމާތޯއެވެ. ދެން އޮތްބައި ދެން ލިޔާ ލިޔުމަކަށް ބޭއްވީއެވެ.

(ނޯޓު: މިލިޔުން އަޅުގަނޑުގެ ބްލޮގުގައި ޝާއިޢުކޮށްފައިވަނީ 23 އޮގަސްޓު 2018 ގައެވެ.)

ޚިޔާލު ފައުޅުކުރުން