ރިޔާސީ އިންތިޚާބު 2018 (7) : ޢަލްމާނިއްޔަތުގެ ޙަޤީޤަތް!

އަލްޙަމްދު لله ، ވައްޞަލާތު ވައްސަލާމު ޢަލާ ރަސޫލި ﷲ ، ވަޢަލާ އާލިހީ ވަޞަޙްބިހީ ވަސައްލަމަ ތަސްލީމަން ކަޘީރާ، وبعد؛

ހަމަޔަޤީނުންވެސް، މިހިސާބަށް އާދެވުނު އިރު، ކިޔުންތެރިންގެ ތެރޭގައި، ޢަލްމާނިއްޔަތު ޙަޤީޤަތް ނުވަތަ އެއާ ބެހޭ ކޮންމެވެސް މަޢުލޫމާތެއް އެނގެން ބޭނުންވާނެ ކިޔުންތެރިން ތިބޭނެއެވެ. އެހެނީ، މި އިންތިޚާބާ ބެހޭގޮތުން އަޅުގަނޑު ލިޔަމުން މިދާ ލިޔުންތަކުގައި ޢަލްމާނީ ފިކުރުގެ ޒިކުރުކުރެވޭވަރު ވަރަށް ގިނައެވެ. މުޅި މިލިޔުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. ޢަލްމާނިއްޔަތެވެ. ސެކިއުލަރިޒަމެވެ. ދީން އެއްކިބާކޮށްލުމެވެ1. އެކަމުގެ ޚުޠޫރަތްތެރިކަމެވެ.

ޢާންމު މުސްލިމުންނަށް ޢަލްމާނިއްޔަތުގެ ޚުޠޫރަތްތެރިކަން އެނގުން ކޮންމެހެން ލާޒިމެވެ. އެއީ އެއާ ދެކޮޅަށް ތެދުވާންޖެހޭ ނުރައްކާތެރި ފިކުރެކެވެ. އެހެންކަމުން، އޭގެ އަސްލާއި (ނަސްލާއި) ޙަޤީޤަތް އެނގެން އެބަޖެހެއެވެ. މިކުޑަކުޑަ ދިވެހި ފަސްގަނޑަށް އޮތް އެންމެ ބޮޑު އެއްނުރައްކަލަކީ އެއީ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދިވެހި ކޮންމެ ޢިލްމުވެރިއެއް ކައިރިން މިސުވާލުކޮށްލިޔަސް ލިބޭނީ ދާދި އެއްޖަވާބެކެވެ. އެއީ ޢަލްމާނިއްޔަތާއި، އިލްޙާދާއި، ހުޅަނގުގެ ތަފާތު ފިކުރުތަކެވެ.

އެހެންކަމުން، މިޢަދަދުގައި ޢަލްމާނިއްޔަތަކީ ކޮބައިކަން ބަލައިލަމާތޯއެވެ.

ޢަލްމާނިއްޔަތަކީ ކޮބާ؟

ޢަލްމާނިއްޔަތަކީ2، އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. އަދި ސިޔާސީ ނިޒާމުން ދީން ވަކިކުރުމެވެ. އަދި ދަޢުލަތުގެ ހުރިހާ ކަމަކުން ދީން ވަކިކޮށް އެއްފަރާތް ކުރުމެވެ. ނުވަތަ ހުރިހާ ދީންތަކަކީވެސް ދައުލަތުގެ ކުރިމަތީގައި އެއްހަމައެއްގައި މުޢާމަލާތު ކުރެވޭ އެއްޗަކަށް ހެދުމެވެ. މާނައަކީ، އެމީހަކު ބޭނުން ދީނަކަށް އެމީހަކު އުޅެންވީއެވެ. ދައުލަތުގެ ހުރިހާ ކަމެއް ހިނގާނީ، ހެދިފައިވާ ވަޟަޢީ ޤާނޫނުތަކެއްގެ މައްޗަށެވެ. ދައުލަތުގެ މައްޗަށް އެއްވެސް ދީނެއްގެ ނުފޫޒެއް އޮވެގެން ނުވާނެއެވެ. ޢަލްމާނިއްޔަތު = ލާދީނިއްޔަތޭ ބުނެވެނީ މިސަބަބާ ހުރެއެވެ.

އަދި މިނޫންވެސް، ހުރިހާ ދާއިރާއަކުން، ދީނީ އެއްފަރާތްކޮށްލުމެވެ. ތަޢުލީމީ، އިޤްތިސާދީ، ސިޔާސީ، އިޖްތިމާޢީ، މިހިރަމިހިރަ ޙަޔާތުގެ ހުރިހާ މައިދާނަކުން ދީން ދުރުކޮށްލުމެވެ. މިއަށް އިނގިރޭސިން ކިޔަނީ، ސެކިއުލަރިޒަމް އެވެ.

ޢަލްމާނިއްޔަތުގެ އަޞްލާއި ތާރީޚު

ޢަލްމާނީ ފިކުރަކީ، މީލާދީން 17 އާއި 18 ވަނަ ވަނަ ޤަރުނުގައި، ހުޅަނގުގައި އުފެދިގެން އައި ފިކުރެކެވެ. ޚާއްޞަކޮށް، ފަރަންސޭސިވިލާތުގައި “ޢިލްމީ ޘައުރާ” (ޢިލްމީ ބަޣާވާތް) އުފެދިގެން އައި ދުވަސްވަރާ މިފިކުރު ގުޅުވިދާނެއެވެ. އޭގެ ކުރިންވެސް އިޤްރީކުގެ ބައެއް ފަލްސަފާވެރިންގެ ކިބައިން މިފިކުރުގެ ޚިޔާލާތު ވާރިދުވެފައިވާކަމަށް ފަތްފުށްތައް ބުނެއެވެ. ނަމަވެސް، މިހާރުގެ ޢަލްމާނިއްޔަތުގެ އަސްލު އެންމެ ބޮޑަށް ނިސްބަތްކުރެވެނީ، މީލާދީ ސަނަތުން 17 ވަނަ ޤަރުނާއެވެ. އެއީ ހުޅަނގުގެ ތާރީޚުގެ ފާހަގަކޮށްލެވޭ ދުވަސްކޮޅެކެވެ. އޭރު ހުޅަނގު ޤައުމުތަކުގެ ވެރިކަމުގެ ނިޒާމާއި ބާރު ހަމަޖެހިފައި އޮންނަނީ، ކަނިސާތަކަށެވެ. ފާދިރީންނާއި އެމީހުންގެ ދީނީމީހުން (ރިޖާލުއްދީން)ގެ އަތްމަތީގައެވެ. ހުޅަނގުގެ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންނަކީ ސީދާ ކަނީސާތަކުގެ ބެލުމުގެ ދަށުގައިވާ ބައެކެވެ. އެގޮތުން، ވެރިން އައްޔަންކުރުމާއި، ވެރިން ޢަޒަލުކުރުންވެސް އޮންނަނީ ކަނީސާތަކުގެ ބާރުގެ ދަށުގައެވެ. އިޤްތިޞާދީ އިޖްތިމާޢީ ހުރިހާ ކަމަކަށް ނުފޫޒު ފޯރުވާ ބަޔަކީ ކަނީސާއެވެ. މިފަދަ މުޠްލަޤު ބާރުތަކެއް ކަނީސާތަކުގައި ތިބި ފާދިރީންނާއި ރިޖާލުއްދީންގެ އަތްމަތީގައި އޮތުމާއި، އެބައިމީހުންގެ ފަސާދައާއި، ކަނީސާތަކުގެ ތެރޭގައި ހިންގަމުން ދިޔަ ޖަރީމާތައް އޮތީ އަތްނުފޯރާފަށަށް މައްޗަށް ގޮހެވެ. އެބައިމީހުން ދިޔައީ އެބައިމީހުންގެ ހިތުހުރިގޮތަކަށް ދީން ބަދަލުކޮށް ފަސާދަކުރަމުންނެވެ. ކަލާނގެ ނަމުގައި، އެކިއެކި ޒުލްމީ ޤާނޫނުތައް ހަދައި، އަޅުތަކުން ދިޔައީ އަޅުވެތިކުރަމުންނެވެ. ދުނިޔެވީ ޢިލްމާއި ފިކުރުތަކަށް ކަނީސާތަކުން ދިޔައީ ގަދަބާރު ދައްކާ ދެކޮޅުހަދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންނަށް ދީނީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް ތަހައްމަލު ނުކުރެވޭ ފަދަ ދަތިއުދަނގޫ މަރުޙަލާއަކަށް ދިޔައެވެ.

ކޮންމެއަކަސް، ޢިލްމާއި މަންޠިޤުގެ މޮޅުކަމާއި ސައިންސުގެ މަތިވެރިކަން ހުޅަނގުގެ ރައްޔިތުންނަށް އެނގި، ކަނީސާތަކުގެ މައްޗަށް ގަދަވެގަތުމުގެ ރޫޙެއް އާލާވެ، އުފެދިގެންދިޔައެވެ. އަދި ހުޅަނގުގައި މިވާ ކަނުއަނދިރިކަން ނައްތާލުމުގެ ގޮތުން، ރައްޔިތުން އެކީ އެކައްޗަށް ބަޣާވާތަކަށް ނުކުތެވެ. މިތަނުގައި، ފާހަގަކޮށްލަން ބޭނުން ނުކުތާތަކެއް އެބައޮތެވެ. އެއީ ފަރަންސޭސި ބަޣާވާތުގެ ކުރީ ޤަރުނުތަކުގައި، ހުޅަނގުން ދެކެމުން އައީ ކަނުއަނދިރި ޒަމާނެވެ. އެމީހުންގެ ބަހުންނަމަ، ޑާރކް އޭޖްސްއެވެ. އިޤްތިސާދީގޮތުންނާއި، ތައުލީމީގޮތުންނާއި، އަޚްލާޤިއްޔާތުގައި އެބައިމީހުން ތިބީ ކަނުއަނދިރިކަމެއްގައެވެ.

ތާރީޚު ފޮތްތަކުގައި އެއީ އަނދިރި ޒަމާން (އެހެންބަހަކުން ނަމަ، ޖަހާލަތުގެ ޒަމާން) ކަމަށް ބުނެފައިވިޔަސް، އެއީ މުސްލިމުންނަށް އެންމެ އަލި އެއްޒަމާނެވެ. މުސްލިމުންގެ އަލި ހުޅަނގަށް ދީލަތިކަމާއެކު ވެދުން ކުރަމުން ދިޔަ ދުވަސްވަރެކެވެ. ތަޢުލީމާއި ތަމައްދުނާއި ތަރައްޤީއާއި އަޚްލާޤިއްޔަތާއި، އިސްލާމީ ޙަޟާރަތުގެ އެންމެ ފޮނި ތާޒާ ދުވަސްވަރެވެ. އެގޮތުން، ސްޕެއިންގެ އަންދަލުސް އާއި އިރުމަތީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި މުސްލިމުން ވެރިކަން ކުރަމުން ދިޔަ ދުވަސްވަރުވެސް މެއެވެ. އެހެންކަމުން އަންދަލުސް ވެފައިވީ މުސްލިމުންގެ ޙަޟާރަތުގެ ފޮނި މޭވާ ޔޫރަޕަށް ވެދުންކުރަމުން ދިޔަ މައި މަރުކަޒުގެ ގޮތުގައެވެ. އެގޮތުން، ހުޅަނގުގެ ބައެއް ދަރިވަރުން ސްޕެއިންގެ އަންދަލުސްގައިވާ މުސްލިމުންގެ ޔުނިވަރސިޓީތަކުން ތަފާތު ޢިލްމުތައް އުނގެނެމުން ދިޔައެވެ. ކައުނަށް އެބައިމީހުންގެ ލޯތައް ހުޅުވި، ބުއްދިއާއި ސިކުނޑީގެ ބޭނުންކުރަން ފެށިއެވެ. ހަމަ އެހެންމެ، ސައިންސާއި ޓެކްނޮލޮޖީގެ ތަފާތު ރޮނގުތަކަށްވެސް އެބައިމީހުންގެ ސިކުނޑިތައް ހުޅިވިގެން ދިޔައެވެ. މުސްލިމުންގެ އަޚްލާޤާއި ޢިލްމާއި ކުރިއެރުން ވެގެން ދިޔައީ އެބައިމީހުން ހައިރާން ކުރުވި ކަމަކަށެވެ.

އަންދަލުސްގެ އިސްލާމީ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލުކޮށްގެން އެނބުރި ޤައުމަށްދާ ދަރިވަރުންނަށް، ކަނީސާތަކުގެ މީހުން ހިންގާ ފަސާދައާއި އަނިޔާވެރިކަމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ކަނީސާތަކުގެ ތިބި މީހުން ދިޔައީ ޒަމާނީ ތަޢުލީމާއި ސައިންސާއި ދެކޮޅު ހަދަމުންނެވެ. އެގޮތުން، އެ ޢިލްމުތައް އުނގެނޭ މީހުންނާއި މުފައްކިރުން ތަފާތު އަދަބުތައް ދީ މަރަން ފެށިއެވެ. ބުނެވޭ ގޮތުގައި ޢިލްމުވެރިންނާއި މުފައްކިރުންގެ ތެރެއިން އެތައް ސަތޭކަ މީހުނެއްވަނީ ކަނީސާތަކުން ޙުކުމުކޮށް އަލިފާނަށް އަޅައި އަންދާލެވިފައެވެ.

އެހެންކަމުން، ކަނީސާތަކުގައި ތިބި ނަޞާރާ ފާދިރީންނާ ޢިލްމީ މީހުންނާއި ދެމެދު ވަރުގަދަ ފިކުރީ ކުރިމަތިލުންތަކެއް ހިނގަންފެށިއެވެ. ޢިލްމީ މީހުން، ފާދިރީންނާ ދެކޮޅަށް ވަރުގަދައަށް، ތެދުވާން ފެށުމުގެ ނަތީޖާއަކަށްވީ، ކަނީސާތަކުގެ ބާރު ދަށްވާން ފެށުމެވެ. އެމީހުންގެ ބަސް ނާހައި، އެމީހުންގެ ޙުކުމްތަކަށް މީހުން ފާޅުގައި ގޮންޖަހަން ފެށިއެވެ. އެގޮތުން، އެބައިމީހުންގެ ޢާންމު ރައްޔިތުން ނިންމީ އެބައިމީހުންގެ ޙަޔާތުގެ އެއްވެސް ކަމެއްގެ ތެރެއަށް ދީން ނުވެއްދުމަށެވެ. އެހެންކަމުން، ކަނީސާތަކުގެ މީހުން ބަލިވެ، ޢާންމު ރައްޔިތުންނަށް، ކުރި ލިބުނެވެ. އެގޮތުން، މުޅި ހުޅަނގު މި ރޮނގުން ކުރިޔަށް ދިޔައެވެ.


އެމީހުންގެ ފިކުރަކީ، ސައިންސާއި ދީނަކީ، މުޅިން އިދިކޮޅު ދޭތިކަމުގައެވެ. އެގޮތުން ސައިންސާއި ޢިލްމަކީ ދީނާއި އެއްވެސް ގުޅުމެއް އޮވެގެންވާނެ އެއްޗެއްނޫން ކަމަށެވެ.

ނަމަވެސް، ދަންނަން ޖެހޭ ޙަޤީޤަތަކީ، އެއީ ނަޞާރާ ދީނުގެ ވާހަކައެވެ. ނަޞާރާދީނުގެ ފޮތް (ނުވަތަ މާތް ﷲ، ޢީސާގެފާނު މައްޗަށް ބާއްވައިލެއްވި އިންޖީލު) އެބައިމީހުން ވަނީ އުނިއިތުރު ގެނެސްފައެވެ. މުޅިން ޚުރާފީ ފޮތަކަށް އެފޮތް ވަނީ ވެގެން ގޮސްފައެވެ. އިލާހިއްޔާތާއި، ޣައިބިއްޔާތާއި، ނުބުއްވާތާއި، އަޚްލާޤިއްޔާތުގެ ގިނަ ޚަބަރުތަކުގައި ވަނީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ލިޔެފައެވެ. އެހެންކަމުން، އެފަސާދައާއެކު، އެބައިމީހުން ހިތުހުރި ގޮތަކަށް ރައްޔިތުންނާމެދު ދިޔައީ ކަންތައްކުރަމުންނެވެ.

މިއާ މުޅިން ޚިލާފަށް، އިސްލާމްދީނަކީ، އިލާހީ އެންމެ ފަހު ޝަރީޢަތެވެ. އެ ޝަރީޢަތް ޙިފާޡަތްތެރިކުރައްވައި، ރައްކައުތެރިކުރެއްވުމަކީ، މާތް ﷲ ގެ ވަޢުދެކެވެ. ޤިޔާމަތާ ޖެހެންދެން، އިންސާނިއްޔަތަށް އަލިގަދަ ނޫރެއްގެ ގޮތުގައި ވާނެއެވެ. އިސްލާމްދީން ބާރު އަޅަނީ ޢިލްމަށެވެ. އެންމެ ފުރަތަމަ ކީރިތި ޤުރުއާނުގައި މާތް ﷲ ބާވައިލެއްވި ވަޙީބަސްފުޅުގައިވެސް ވަނީ ކިޔެވުމަށް އަމުރުކުރައްވާފައެވެ. އިސްލާމްދީން ބާރުއަޅަނީ ބިމުގައި ދަތުރުކޮށް ކައުނާމެދު ބަލައިހޯދުމަށެވެ. ޤުރުއާނުގައި ސައިންސްގެ އެތައް ހަޤީޤަތެއް އެބަވެއެވެ. އިސްލާމީ ޙަޟާރަތް ދައްކުވައިދިނީ، ޢިލްމަކީ، އިސްލާމްދީން އެންމެ އިސްކަންދޭ ކަންތައްކަމުގައެވެ.


ހިތާމައަކީ، އިލާހީ ޤާނޫނާ ދުރުވުމުގެ ސަބަބުން އިސްލާމީ އުއްމަތް ވަނީ ހީނަރުވެ ކުދިކުދިވެފައެވެ. ޢިލްމާއި ސައިންސްގެ ރޮނގުންވެސް މުސްލިމުން ދަށަށް ދިޔައީއެވެ. އިސްލާމީ ޢިލްމުވެރިން އަތުން އުނގެނުނު، ޢިލްމީ ފައުންޑޭޝަންތައް ވަރުގަދަކޮށް، ތަފާތު އައު ކާމީޔާބީތަކެއް، ސައިންސާއި ޓެކްނޮލޮޖީގެ ރޮގުން ހުޅަނގުމީހުން ހޯދިއެވެ. އިލާހީ ޤާނޫނަށް ފުރަގަސްދިނުމުގެ ސަބަބުން، މުސްލިމުންނަށް ތިބެވުނީ މަންޒަރު ދެކޭ ބައެއްގެ ގޮތުގައެވެ. އަދި މުސްލިމުންގެ އެންމެ ވަރުގަދަ ޙަޟާރާތް ހަލާކުވެ، އަންދަލުސް ކާފަރުންގެ އަތް ދަށަށް ދިޔައެވެ. މުސްލިމް އުއްމަތް ފަހަތަށް ދިޔައެވެ. އެހެންކަމުން، ހުޅަނގުގެ ލާދީނީ ފިކުރުތައް އިސްލާމީ އުއްމަތަށްވެސް އިމްޕޯޓްވާން ފެށިއެވެ. މިއީ މުޅި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ވަބާއެކެވެ. ނަމަވެސް، އަޅުގަނޑުމެން ދަންނަންޖެހޭ ޙަޤީޤަތެއް އެބައޮތެވެ. ޔޫރަޕް ސެކިއުލަރިޒަމަށް ދިޔައީ އެބައިމީހުންގެ ބަދަލުކޮށް ތަޙްރީފުކޮށް ހަލާކުކޮށްފައިވާ ނަޞާރާދީނުގެ ދުއްތުރާތައް ބޮޑުވުމުންނެވެ. ނަމަވެސް، އަޅުގަނޑުމެން މުސްލިމުންގެ ދީނަކީ ހިދާޔަތެކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. ޢިލްމާއި ސައިންސާއި ޓެކްނޮލޮޖީގެ އަޞްލެވެ. މަތިވެރި އަޚްލާޤާއި އިޖްތިމާޢީ ގުޅުމުގެ ގައިޑުލައިނެކެވެ. ސިޔާސަތާއި ދުނިޔެ އާރާސްތު ކުރާނެ ފުރިހަމަ ޝާމިލް ނިޒާމަކާއި ދުސްތޫރެކެވެ. އެހެންކަމުން، މިކަމުން ޣާފިވެ، މި ދީނަށް ފުރަގަސްދިނުމަކީ އެއީ މޮޔަކަމެކެވެ. 

***

ބާކީބައި އިންޝާ ﷲ، ދެން ލިޔާ ޢަދަދެއްގައި ހިމަނާލުމުގެ އުއްމީދުގައި ވަކިވެލާނަމެވެ. والسلام عليكم!

(މިލިޔުމަކީ 10 ސެޕްޓެމްބަރ 2018 ގައި އަޅުގަނޑުގެ ބްލޮގުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.)

1 – (ލާދީނިއްޔަތޭ ނުކިޔާވޭތޯ ވަރަށް އެބަބަލަމެވެ. ސަބަބަކީ، އެބަހުގެ ސަބަބުން އުފެދިފައިވާ ފިތުނަވެރިކަމެވެ. އެހެންޏާމު، ލާދީނިއްޔަތަކީ، ޢަލްމާނިއްޔަތެވެ. މިދެބަހަކީވެސް ޢަރަބި ދެބަހެވެ. އެއީ އިނގިރޭސިން ކިޔަންޏާމު، ސެކިއުލަރިޒަމެވެ. މިތިން ލަފުޒަކީ ހަމަ އެއް ޙަޤީޤަތަކަށްގޮސް ނިސްބަތްވާ ތިން ލަފުޒެވެ.)

2 – ޢަލްމާނިއްޔަތަކީ (العلمانية) ޢަރަބި ލަފުޒެކެވެ. ނަމަވެސް ކުރީގެ ޢަރަބި މަޢާޖިމުތަކުގައި ހިމެނިފައިވާ ބަހެއް ނޫނެވެ. އެންމެ ފުރަތަމަ މިބަސް ޢަރަބި މުޢުޖަމެއްގައި ބޭނުންކުރެވިފައިވަނީ މީލާދީން 1960 ވަނަ އަހަރުއެވެ. އެއީ މިޞްރުގެ ޤާހިރާގައިވާ ޢަރަބި ބަހާބެހޭ މުޖައްމަޢުން (مجمع الغة العربية بالقاهرة) ޗާޕުކުރި ޢަރަބި މުޢުޖަމެއްކަމުގައިވާ “އަލްމުޢުޖަމުލް ވަސީޠު” (المعجم الوسيط) ގެ ފުރަތަމަ ޗާޕުގަވެ.

އެ މުޢުޖަމުގައި މިބަސް ގެނެސްފައިވަނީ ( العالماني ) “އަލްޢާލަމާނީ” މިގޮތަށެވެ. މާނައަކީ ދުނިޔެވީއެވެ. އެއީ ދީންވެރި މިބަހުގެ އިދިކޮޅެވެ. ނަމަވެސް، މީލާދީން 1985 ވަނަ އަހަރު ޗާޕުކުރެވުނު އެ މުޖައްމަޢުގެ ތިންވަނަ ޗާޕުގައި ވަނީ މި އިޞްތިލާޙަށް ބަދަލުތަކެއް ގެނެވިފައެވެ. މިފަހަރު އެ ލަފުޒުގެ “ޢައިނު”ގައި އަބަފިލި ޖެހުމުގެ ބަދަލުގައި އިބިފިއްޔެއް ޖެހުނެވެ. އޭރުން އެ އިޞްތިލާޙުގެ އަޞްލު ރައްދުވަނީ ޢާލަމްގެ (العالم) ބަދަލުގައި (العلم) ޢިލްމަށެވެ.

މިގެނެވުނު ބަދަލުން، ޢަލްމާނީ ފިކުރު ޢަރަބި އިސްލާމީ ދުނިޔެއަށް ތަޢާރަފުވަމުން ދިޔަ ދުވަސްވަރު މި އިޞްތިލާޙަކީ ރީތި ރަނގަޅު މާނައެއް ހިމެނޭ އިޞްތިލާޙެއްކަން ދެއްކުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައިކަން ދޭހަވެގެންދެއެވެ. އެހެނީ، އަލްމާނީ ފިކުރަކީ ދީނާ ޚިލާފު ފިކުރެއްކަން ބަހަވީ ގޮތުންވެސް ދޭހަވާން އެކަމަށް ގޮވަމުންދިޔަ ޢަލްމާނީ ފިކުރުގެ ދާޢީން ބޭނުންނުވީއެވެ. އެމީހުން ދަޢުވާކުރަން ފެށީ، ޢަލްމާނީ ފިކުރަކީ ޢިލްމަށް ގޮވާލާ ފިކުރެއް ކަމަށެވެ. އޮޅުވާލުމެއްގެ ތެރޭގައި މުސްލިމުންގެ ހިތުގައި މި ފިކުރަށް ލޯބި ޖެއްސުމަށެވެ. އަދި އިސްލާމީ ޝަރީޢަތާ މުސްލިމުން ދުރުކޮށް ދީނާއި ސިޔާސަތު ވަކިކޮށްލުމަށެވެ. ނަމަވެސް އެއީ އެބައިމީހުންގެ އެންމެ އިސް ލަނޑުލަނޑިއެއް ނޫނެވެ. އެބައިމީހުންގެ އިސް ލަނޑުލަނޑިއަކީ މުސްލިމުންގެ ޙަޔާތުންވެސް އިސްލާމްދީން ނެރެއެއްލާލުމެވެ. ލާދީނިއްޔަތު ފަތުރާލުމެވެ.

ޢަލްމާނިއްޔަތުގެ އިނގިރޭސި ތަރުޖަމާއަކީ “Secularism” އެވެ. ސެކިއުލަރިޒަމަކީ އިނގިރޭސީންގެ ގާތުގައި ސިޔާސަތުން ދީން ވަކިކުރުމެވެ. އަދި އިންސާނީ ޙަޔާތުގައި ހިނގާ ކަންކަމުގެ ތެރެއަށް ދީން ނުވެއްދުމެވެ. އެހެންކަމުން، “ޢަލްމާނިއްޔަތު” ޢަރަބި ބަހުގައި ޢިލްމަށް ނިސްބަތްކުރެވިފައި ވަނީ ހީލަތްތެރި ވިސްނުމެއްގައިކަން ކަށަވަރެވެ. އެހެނީ، އިނގިރޭސީންނާއި ފަރަންސޭސީން ގާތުގައި ޢިލްމުގެ ތަރުޖަމާއަކީ “Science” މިބަހެވެ. އަދި ޢިލްމީ މަޒުހަބަށް އެމީހުން ކިޔައި އުޅެނީ “Scientism” އެވެ.

ޚުލާޞާކޮށް ދަންނަވާ ނަމަ، ޢަރަބި ބަހުގެ ޢަލްމާނިއްޔަތަކީ އިނގިރޭސި ބަހުގެ ސެކިއުލަރިޒަމް ކަމަށްވަނީ ނަމަ، ސެކިއުލަރިޒަމްގެ މާނައަކީ ސިޔާސަތުން ދީން ވަކި ކުރުމެވެ. އިންސާނީ ޙަޔާތުން ދީން ވަކިކުރުމެވެ. ލާދީނިއްޔަތެވެ.

ޚިޔާލު ފައުޅުކުރުން