ޢަދާލަތު ޕާޓީގެ މެންޑޭޓު ރަނގަޅު ކުރަން ޖެހޭ!

ޢަދާލަތު ޕާޓީ އަކީ ގިނަ ޢިލްމުވެރިންތަކެއްގެ ބައިވެރިވުމާއެކު ވުޖޫދުވެފައިވާ ޕާޓީއެކެވެ. އެއީ ދީނީ ފިކުރުގެ ޕާޓީއެއް ސިޔާސީ މައިދާނުގައި އޮންނަ ޖެހޭނެ ކަމަށް އެބޭފުޅުންނަށް ޤަބޫލު ކުރެވުނު ހިނދު އުފަންވެގެން އައި ޕާޓީއެކެވެ.

ޢަދާލަތު ޕާޓީ އުފަންވެގެން އައި މަންހަޖަކީ، ފަލްސަފާއަކީ، ދީނީ ފަލްސަފާއެއް ކަމާ މެދަކު ޝައްކެއްނެތެވެ. އެއީ، އިސްލާމްދީނަށް އައިސްދާނެ، ގޮންޖެހުންތަކަކާ ކުރިމަތިލުމުގެ ބޭނުމުގައެވެ. ޚާއްޞަކޮށް، ޢިލްމާނީ ފިކުރުގެ މީހުންގެ ކިބައިން ރާއްޖެއަށް އައިސްދާނެ ނުރައްކަލަކާ ދެކޮޅަށެވެ. ދީނީ މިނިވަން ކަމަށް މިޤައުމު ހުޅުވާލަފާނެ ކަމުގެ ބިރަށެވެ. އިސްލާމީ ޝަރީޢަތް އެއްފަރާތް ކުރުމަށްފަހު، ޢަލްމާނީ ދަޢުލަތަކަށް މި ދިވެހިރާއްޖެ ބަދަލުކޮށްފާނެތީއެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައި، އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ލިވާޠުފަދަ ބޮޑެތި ފާފަތަކަށް ޖާގަ ދީފާނެތީއެވެ.

އެކަމާއިގެން ނުސީދާކޮށް ނަމަވެސް ވަކާލާތު ކުރަނީ ކޮންބައެއްކަންވެސް އެނގޭ ޙާލުގައެވެ. އަދި، އެބައިމީހުންގެ ފަހަތުގައި ހުޅަނގުގެ ބާރުތައްވެސް އޮތްކަން އެނގޭ ޙާލުއެވެ. އަދި ދިވެހިރާއްޖެ ވަރަށް ހަލުވި މިނުގައި، އެ ދިމާލަށް މިސްރާބު ޖަހާފައިވާ ކަންވެސް އެބޭފުޅުންނަށް އެނގިލައްވާތީއެވެ. ވެރިކަމުގައި ހުންނެވި ރައީސް މައުމޫނުގެ “ޒަމާން” ނިމުމަކަށް އަންނަނީކަންވެސް އެނގޭ ޙާލުގައެވެ. ޕާޓީ އުފެދުނީ މައުމޫނުއާ ދެކޮޅަކަށް ނޫނެވެ. މިދެންނެވި ޢަލްމާނީ ފިކުރާ ދެކޮޅަށެވެ.

ނަމަވެސް، އެންމެ ފުރަތަމަ އިންތިޚާބުގައިވެސް (2008 ރިޔާސީ އިންތިޚާބުގައި)، ޢަލްމާނީ ކެނޑިޑޭޓަށް ތާޢީދު ކުރީ، އުސޫލުތަކާ ޚިލާފަށް ކަން އެންމެންނަށްވެސް އެނގެއެވެ. އެއީ، އެންމެ ފުރަތަމަ، މަޝްވަރާތަކުން ނިމުނު ގޮތާ މުޅިން ޚިލާފު ނިންމުމެއްކަންވެސް، ” މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ޝަޙުޞިއްޔަތު” އެވެ ކިޔުނު ފޮތުގައި (ޞަފުޙާ 27-31) ވާނީ ވަރަށް ތަފްޞީލުކޮށް ބަޔާން ކުރެވިފައެވެ.

އެކަމުގެ ހިތި ދިވެހި ރައްޔިތުން ތަޙައްމަލު ކުރީ ވަރަށް ހިތި ކޮށެވެ. އިސްލާމްދީނަށް އައި ގޮންޖެހުމުގެ ވާހަކަ ނުދެއްކުން މާރަނގަޅު ވާނެއެވެ. އެވާހަކަތައް، ޢަދާލަތު ޕާޓީގެ މިހާރުގެ ރައީސްއާއި، އެޕާޓީގެ ޢިލްމުވެރިންގެ މަޖިލިސްގެ ރައީސް ވަނީ ދިވެހި ރައްޔިތުންގެ ކަންފަތްތައް ފުރި ބަނޑުންވާ ވަރަށް ދައްކަވާފައެވެ. ވީޑިއޯތައް އަދިވެސް އެހުރީ ފެންނާށެވެ. އެހެންކަމުން، އެވަރުން ފުއްދާލަމާ ހިންގަވާށެވެ.

ހަމަ އެ ގޯސް މިއުޅެނީ، 2018 ގައި ތަކުރާރު ކުރެވިގެންނެވެ. މުއުމިނުންގެ ގައިގައި އެއް ހޮރަކުން ދެފަހަރު ކަށި ނުޖަހާނޭ ޙަދީޘުގައި ވާރިދުވެފައި ވިޔަސް، ހާލުގެ ދުލުން ބުނާ ކަހަލައެވެ، ޢަދާލަތު ޕާޓީން ބޭނުން ވަނީ އަބަދުވެސް އެހޮރުން ކަށި ޖަހަޖަހައި ހުންނާށެވެ. އެކަށީގައި ފާޑެއްގެ މަސްތެއް ހުރީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް، ސަމާސާ އެއްފަރާތުގައި ބާއްވާފައި، މިކަމާ މެދު ސީރިއަސްކޮށް، ވިސްނާލަން އެބަ ޖެހެއެވެ. އެހެނީ، ޤައުމާއި، ދީނަށް އެންމެ ނުރައްކާތެރި ހަތުރުންވެސް، މިތުރުންނަށް، ވެގެން ދިޔުމަކީ ބޮޑު ގޯހެކެވެ. ޤަބޫލު ކުރާ އުސޫލުތަކާއި ހަމަތައް ހަމަ ހުރެލާފައި ބަދަލު ކުރުމަކީވެސް ތަހުޒީބީ ރީތި ގޮތެއް ނޫނެވެ. ޤައުމާއި، ދީނަށް އެންމެ ބޮޑު ހަތުރުންނަކީ، މިވެނި މީހެކޭ، މިވެނި ބައެކޭ، އިއްޔެ ބުނެފައި، އޭނާގެ ޢަމަލަކަށް، އޭނާގެ ޙާލަކަށް އެއްވެސް ބަދަލެއް ނައިސް ހުއްޓާ، މިއަދު އޭނާ އަކީ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި އެންމެ ބޮޑު ޤުރުބާނީއެއް ވަމުންދާ މީހާ ކަމަށް ވިދާޅުވާނަމަ ގޯހެއް އެބަ އުޅެއެވެ. އެއް ގޮތަކީ، ކުރިން ދެއްކި ވާހަކަ އަކީ، ދޮގު ބުހުތާނެކެވެ. ނުވަތަ މިހާރު ތިޔަ ދައްކަވާ ވާހަކަ އަކީ ރޯ ދޮގެވެ. މިއީ، އުސޫލުތަކުގައި ހަރުދަނާ މީހުންގެ ފަރާތުން ފެންނާނެ، އަދި އިވޭނެ އަޑުތަކެއް ނޫނެވެ.

ނަމަވެސް، ގޯސް ވާނީ ގޯހަށެވެ. އުސޫލު ވާނީ އުސޫލަށެވެ. ޝަރުޢީ އުސޫލުން ބޭރުވެ، “މިނެ ކިރުމުގައި” އުނި އިތުރުކޮށްފިނަމަ، އެއީ ޖަރީމާއެކެވެ. މިއަދު އަޅުގަނޑުމެންނަށް ހެދިގެން މިއުޅެނީ އެ ޖަރީމާއެވެ.

ޢަދާލަތު ޕާޓީ، އޭގެ އަސްލަށް ރުޖޫޢަ ކުރާށެވެ. ޢަދާލަތު ޕާޓީ އަކީ، ދީނީގޮތުން، ވަކި ކޮޅަކަށް ނުޖެހި، ހެޔޮ ނުބައި، ސިޔާސީ ގޮތުން ރައްޔިތުންނަށް ހާމަކޮށްދޭ ޕާޓީއެއްގެ މަޤާމަށް އަންނަންވީއެވެ.

ޢަދާލަތު ޕާޓީ އޮންނަންވީ، އެޕާޓީ ނޫން އެހެން ޕާޓީތަކުން، ވެރިކަމަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން، ދީނީ ގޮތުންނާއި، ޤައުމީ ގޮތުން، އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ، ޙުއްޖަތާއި ބުރުހާނުގެ އަލީގައި ރައްޔިތުންނަށް ބަޔާންކޮށްދޭ ޕާޓީއެއްގެ ގޮތުގައެވެ. ޢަދާލަތުން އޮންނަންވީ ސިޔާސީ މައިދާނުގައި ހިނގާ ކަންކަން ދީނީ ނަޒަރުން މިނެކިރައި، އޭގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދޭ ބައެއްގެ ގޮތުގައެވެ.

އިޚްލާޞްތެރިކަން އިސްކުރަން ޖެހެއެވެ. ވަކި ކޮޅަކަށް ނުޖެހި، ދީނާއި ޤައުމަށް ދިމާވާ ނޭދެވޭ ކަންކަމާމެދު ބަސް ބުނަންވީއެވެ. ވަކިކޮޅަކަށް ޖެހިފައިވާނަމަ، އެކަމެއް ނުކުރެވޭނެއެވެ.

އޭގެ އެންމެ އަލިގަދަ ހެއްކަކީ، އިންޑިއާގެ “އަޅުވެތިކަމަށް” ރާއްޖެ ގޮސް ނިމޭ އިރުވެސް، އެތިބެން ޖެހެނީ، ޗުއްޕޭއެވެސް ބުނަން ނުކެރިފައެވެ. އިބްރާހީމް މުހައްމަދު ޞޯލާޙު ގޯހެއް ނަހައްދަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އިބޫއަކީ އަންނިއެއް ނޫން ކަމުގެ މަންހަޖުގައެވެ. ޝަރުޢީ ދާއިރާ އެއްކޮށް ސެކިއުލާކޮށް މިހާރު އެވަނީ ނިމެން ކައިރިވެފައެވެ. އެކަމަށްވެސް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.

ޢަދާލަތު ޕާޓީގެ މެންޑޭޓަކަށް ވާންވީ، އެކަކު އަރުވައި ބާލައި، އަނެކަކު އަރުވައި ބޭލުމެއް ނޫނެވެ. ޢަދާލަތުގެ މެންޑޭޓަކަށް ވާންވީ، އިސްލާމްދީނާއި، އެދީނުގެ އަސްލުތައް ޙިމާޔަތް ކުރަން މަސައްކަތް ކުރާ ޕާޓީއަކަށެވެ. އޭރުން ޤައުމަށް މާ ބޮޑަށް ފައިދާ ވާނެއެވެ.

ޢަދާލަތު ޕާޓީން، އެއްވެސް ކޮޅަކަށް ނުޖެހެންވީއެވެ. މުސްތަޤިއްލު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަންވީއެވެ. ރައްޔިތުންގެ އިތުބާރު ހޯދަންވީއެވެ. ރައްޔިތުންގެ މަންފާއާއި ލާބަޔަށް ވަކާލާތު ކުރާ ޕާޓީއެއްކަން ރައްޔިތުންނަށް އެނގި، ރައްޔިތުންގެ އިތުބާރު ލިބޭ ދުވަހަކީ، ޢަދާލަތު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުން ގިނަ ގޮނޑިތަކެއްވެސް ލިބޭނެ ދުވަހެކެވެ. އަދި ޢަދާލަތު ޕާޓީއަށް ގިނަ ރައްޔިތުންތަކެއްގެ ސޮއިވެސް ލިބިގެން ދާނެ ދުވަހެކެވެ.

ޚިޔާލު ފައުޅުކުރުން