ދިވެހި ސަރުކާރުން އިޒްރޭލާއެކު ބާއްވާ “ގައިގޯޅި” ގުޅުމަށް ހަމަ ހައިރާންވަން!

ދިވެހި ސަރުކާރުން އިޒްރޭލާއެކު ސިޔާސީ ގުޅުން އާލާކުރިކަން ފަޅާ އެރުމާއެކު ދިވެހިން ވަނީ މަގުމައްޗަށް ނުކުމެ އެތަކެއް މުޒާހަރާތަކެއް ކޮށްފައެވެ. މާލެއާއި ރާއްޖެތޭރޭ މިކަމުގައި ތަފާތެއް ނެތެވެ.

ނަމަވެސް، ދިވެހިންގެ ވިންދު މިސަރުކާރަށް އެނގިލައްވާހެނެއް ހިއެއް ނުވެއެވެ. މުޒާހަރާތަކުގައި ފާޅުކުރެވުނު ދިވެހި މުސްލިމް ޝޫޢޫރުތަކަށް ސަރުކާރުން ދެއްވީ ބީރު ކަންފަތެކެވެ. އޭގެ އިތުރުން، މުޒާހަރާ ކުރީ ސަތޭކަ މީހުންކަމަށް ބުނެ ބޭރުގެ މީޑިޔާތަކަށް ދޮގު ޚަބަރުދިނެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ އަތްތަކާ ސަލާމްކޮށް އެއަތްތަކުގައި ބޮސް ދިނުމަކީ މިސަރުކާރުން ވަރަށް އޯގާތެރިކަމާއެކު ކުރަމުންދާ ކަމެކެވެ. ނަމަވެސް، މިއިން ކޮންމެ ޚަބަރެއްވެސް ވެގެން ދަނީ ދިވެހި މުސްލިމުންގެ ހިތްތައް ޒަޚަމްކޮށްލާފަދަ ޚަބަރަކަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިޒްރޭލުގެ ޓީމެއް ވަނީ ރާއްޖެ އައިސް އިމިގުރޭޝަންގެ ކޮންޓްރޯލާ އަބްދުﷲ ޝާހިދުއާ ބައްދަލުކޮށްފައެވެ. އަދި އޭގެ އެއްހަފްތާ ފަހުން ޝާހިދުވަނީ އިޒްރޭލަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމްވަނީ ރަސްމީ ދަތުރުފުޅެއްގައި މިހާރު އިޒްރޭލަށް ވަޑައިގެންފައެވެ. މިދަތުރުގައި އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ކަމަށް ޚަބަރުތަކުން ބުނެއެވެ. އެއަށްފަހު، އިޒްރޭލުގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައި ފަރީއްކޮޅެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ވާހަކަވަނީ އިޒްރޭލުގެ ޚާރިޖިއްޔާގެ ވެބްސައިޓްގައި ބަޔާންކޮށްފައެވެ. އަދި އިޒްރޭލު އަނިޔާވެރި ސިފައިންގެ ހަނދާނީ ބިނާއަކަށްވެސް ޒިޔާރަތްކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި އިޒްރޭލުގެ ރައްޔިތުން ދިވެހިރާއްޖެއަށް ވިސާއެއް ނެތި ވަދެވޭގޮތަށްވެސް ހަމަޖެހިފައިވާކަމަށް އެޤައުމުގެ ޚާރިޖިއްޔާގެ ވެބްސައިޓްގައި ބުނެއެވެ.

މި ޚަބަރުތައް ވަނީ ރާއްޖޭގެ މީޑިޔާތަކުން ގެނެސްދީފައެވެ. އެހެންކަމުން، އޮންލައިން ނޫސްތަކުގައި މިޚަބަރަށް ދިވެހިން ހުށައަޅާފައިވާ ޚިޔާލުތައްވެސް ބަލައިލީމެވެ. ދިވެހިން ތިބީ ދިވެހިންގެ ގޮތުގައެވެ. ދިވެހިންގެ ހިތުގައި ޖަހަމުންދަނީ އިސްލާމީ ވިންދުތަކެވެ. ދިވެހިންގެ ހަމްދަރުދީއާއި އޯގާތެރިކަން އޮތީ ފަލަސްޠީނުގެ މުސްލިމުންނާއެކުއެވެ. ނަމަވެސް، ހައިރާންވި ކަމަކީ، ދިވެހި ރައްޔިތުންގެ މޭގައި އިސްލާމީ ވިންދެއް ޖަހާއިރުވެސް ދިވެހި ސަރުކާރަށް މި ވިންދު ދަނެނުގަނެވެނީ ކީއްވެބާއެވެ؟ ދިވެހި ސަރުކާރުން އިޒްރޭލު ސަރުކާރުގައި “ފިރުމައި ބޮސްދެމުން ދަނީ” ކީއްވެބާއެވެ؟

އިޒްރޭލާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުން ދައްކާ ސަބަބުތައްވެސް ބައިވަރެވެ. އެއީ ހުސް ބަހަނާތަކެއް ކަންވެސް ދިވެހި ރައްޔިތުންގެ ގިނަ މީހުން ގަބޫލުކުރެއެވެ. އެއްވެސް މަޤްބޫލު ސަބަބެއް ނުދެއްކެއެވެ. މުސްލިމުންގެ ކަރަށް ފައިން އަރައިފައި ވެވޭނެ ތަރައްޤީއަކަށް އަޅުގަނޑުމެން ދިވެހިން މަރުހަބައެއް ނުކިޔަމެވެ. އެއީ އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ މުސްލިމުން އަޚުންނާއި އުޚުތުން ބިކަކޮށް އެބައިމީހުންގެ ގެދޮރުތަކުން ފައްސާ ބޭރުކޮށް އެބައިމީހުން ޤަތުލުކޮށް ހަދާ ބަޔަކަށް އަޅުގަނޑުމެން ދުވަހަކުވެސް ނުރުހޭނެއެވެ. އަދި އެފަދަ ޖައްލާދު ދައުލަތަކަށް ވާގިވެރިވާ ސަރުކާރަކަށް އަޅުގަނޑުމެންގެ އެއްވެސް ތާއީދެއް ނެތެވެ. އިޒްރޭލާއި އެބައިމީހުންނަށް އޯގާތެރިވާ އަޅުގަނޑުމެންގެ ވެރީން މާތް ﷲ ނިކަމެތިކުރައްވާ ފަލަސްޠީނު މުސްލިމުންނަށް ނަޞްރުދެއްވާފާދޭއެވެ. އާމީން!

ޚިޔާލު ފައުޅުކުރުން