ޔަހޫދީންނާއި ނަޞާރާއިންގެ އިންޖެކްޝަން ޖަހައިގެން ތިބި ވެރިން…

އާދެ، ޔަހޫދީންނާއި ނަޞާރާއިން، އެބައިމީހުންގެ މިއްލަތައް، އަޅުގަނޑުމެން އިޖާބަ ނުދޭހާ ހިނދަކު، އަޅުގަނޑުމެންނާއި މެދު ނުރުހޭނެކަމަށް، ހިތްތަކުގައި ފޮރުވިފައިވާ ސިއްރުތައް މޮޅަށް ދެނެވޮޑިގަންނަވާ، ރައްބުލް ކާއިނާތުވަނީ ބަޔާންކޮށް ދެއްވާފައެވެ.

އެހެންކަމުން، ޒަމާނުއްސުރެން މިޔަހޫދީންނާއި ނަޞާރާއިން، އަޅުގަނޑުމެންނަށް، ލާފައިވާ ހަސަދައަކީ، ތާރީޚްގެ ޞަފުޙާތައް ފުރޮޅާ މީހަކަށް، ވަންހަނާވެފައި އޮންނާނެ ކަމެއް ނޫނެވެ. އިސްލާމުންގެ މައްޗަށް އެބައިމީހުންނަށް ގަދަ އެއް ނުލިބުނެއެވެ. އަދި އިސްލާމް ދީން ފެތުރިގެންދާ ހަލުވި މިން ވެގެންދިޔައީ އެބައިމީހުންގެ ކަރުބުޑުގައި ހިތި ރަހަ ދިން ކަމަކަށެވެ.

އެހެންކަމުން، އެބައިމީހުން ރޭވީ އަޅުގަނޑުމެންގެ ވަޙުދަތު ފުނޑުފުނޑުކޮށްލުމަށެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. އެބައިމީހުންގެ ކަނީސާތަކުގައި ފާދިރީންނާއި ރާހިބުން އެއްވެ، ރޭވި ނުބައި ރޭވުންތައް އެއީ ދުނިޔެއަށް ވަންހަނާވެފައިވާ ކަމެއް ނޫނެވެ. އަދި އެކަން އެމީހުން ކާމިޔާބުވެސް ކުރިއެވެ. އުޘްމާނީ ޚިލާފަތް އެބައިމީހުން ވައްޓާލިއެވެ. އަދި “ޑިވައިޑް އެންޑް ރޫލް” ގެ ދަށުން އުއްމަތް ފޮތި ފޮތިކޮށް ބަހާލިއެވެ. ކުދި ކުދި ޤައުމުތަކަކަށެވެ. މިހާރު އިސްލާމީ ޤައުމުތަކުގެ ޝިޢާރަކީވެސް، “މަގޭ ޤައުމު، މަގޭ ފަހުރު” ނޫންތޯއެވެ؟

އުއްމަތް ބައިބައި ކުރުމަށްފަހު، އެބައިމީހުންގެ އެންމެ ބޮޑު މަޤްޞަދަކަށްވީ، އަޅުގަނޑުމެންގެ އަތުގައިވާ އިލާހީ ޤާނޫނާ އަޅުގަނޑުމެން ދުރުކުރުމެވެ. އެއަށް ރުޖޫޢަ ވިޔަ ނުދިނުމަށެވެ. ޚިލާފަތު އަނބުރާ އައިސްދާނެ ކަމުގެ ބިރުންނެވެ. އެހެންކަމުން، ޑިމޮކުރަސީގެ ކޭކު ކާންދިނެވެ. ގޮޑިކޮއްކޮ ސަރުކާރުތަކެއް ބިނާކުރިއެވެ.

އަޅުގަނޑުމެން މިހާރު މިވަނީ އެބައިމީހުންގެ ދަންތުރާގައި ޖެހި ހައްޔަރުވެފައެވެ. އެގޮތުން، އެބައިމީހުން ވަނީ އެހެންވެސް ތަފާތު ކާމިޔާބީތައް އަޅުގަނޑުމެންގެ މައްޗަށް ހޯދާފައެވެ. ޣަފްލަތެއްގެ ތެރޭގައި އަޅުގަނޑުމެން ތިއްބައެވެ. މިއީ މާތް ﷲ ގެ ދީނުގައި ހުރި އުނިކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ހުރި ގަމާރުކަމުން، އެބައިމީހުން އަޅުގަނޑުމެންނަށް ހަދާލިގޮތެވެ. އެހެނީ، މަތިވެރިވަންތަ ﷲ ގެ ޤާނޫނަށް އަޅުގަނޑުމެން ފުރަގަސްދިނުމުގެ ހިތި ނަތީޖާވެސް މެއެވެ.

އިސްލާމީ ޚިލާފަތު ވައްޓާލާ، އިސްލާމީ އުއްމަތް ކުދި ކުދި ޤައުމުތަކަކަށް ބެހުމަށްފަހު، ދެން މިބައިމީހުން ފެށީ ފިކުރީ ހަނގުރާމައެވެ. އިސްލާމުން އިސްލާމްދީނާއި ދުރުކުރުމުގެ ޕުރޮޕަގަންޑާއެވެ. އެގޮތުން، އިސްލާމީ ޝަރީޢަތަކީ ޒަމާނަށް ނުފެތޭ ބޯދާ އެއްޗެއްކަމަށް މުސްލިމުންގެ ބޯތަކަށް ވައްދަން ފެށިއެވެ. އަދި، ލަވަޔާއި މިޔުޒިކާއި ޒިނޭއާއި ރަލަކީ، މޮޑާރން އިސްލާމްގައި އޯކޭ އެއްޗެހިކަމަށް އިސްލާމީ ޒުވާނުންނަށް ވިސްނައިދިނެވެ. ޑިމޮކުރަސީއަކީ، އެންމެ ވަރުގަދަ ނިޛާމުކަމުގައި ދައްކުވައިދިނެވެ. މުސްލިމް ދަރީންނަށް، މިބައިމީހުންގެ ޔުނިވަރސިޓީތަކުގައި މިކަހަލަ އެތަކެއް އިންޖެކްޝަންތަކެއް ޖަހަމުންދިޔައެވެ. މި ކުޑަ ކުޑަ ދިވެހިރާއްޖޭގެ ވެރިކަމުގެ އެކި އެކި ދިމާލަށް ލޯ ހިންގާލީމާވެސް މި އިންޖެކްޝަންތަކުގެ އަސަރުކޮށްފައިވާލެއް ބޮޑުކަމާއި ނުރައްކާތެރިކަން ހާމަވެގެންދެއެވެ.

މަތިވެރިވަންތަ ﷲ ގެ ދީނާއި ދުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ދެންނެވި ފަދަ، އެބައިމީހުންގެ ޔުނިވަރސިޓީތަކުގައި ކިޔަވާ މުސްލިމް ދަރިންނަށް ހީވަނީ، އެބައިމީހުންގެ ތެރޭގައި އޮތް، އެބައިމީހުންގެ އަތުން ބަދަލުކޮށް ހަލާކުކޮށްފައިވާ، ނަސާރާ ދީނާއި ޔަހޫދީ ދީނުގައި ހުރި، ބޯ ގޯސް ކަންތައްތަކަކީ އިސްލާމްދީނުގައި ވެސް ހުރި ކަންތައްތަކެއް ކަމަށެވެ. ނަޞާރާ ޤައުމުތަށް، ސެކިއުލަރިޒަމަށް ދަތުރުކޮށް، ވެރިކަމުގެ ނިޛާމުން ދީން ބޭރުކުރީ ހަމަ ރަނގަޅަކަށެވެ. އެހެނީ، އޭރު ކަނީސާތަކުގައި ތިބި ފާދިރީން ދިޔައީ ސައިންސާއި ޒަމާނީ ޓެކްނޮލޮޖީއަކީ ކުފުރުކަމަށް ޙުކުމްކޮށް، ސައިންސްވެރިންނާއި މުފައްކިރުންނަށް ތަފާތު އަދަބުތައް ދެމުންނެވެ.

މިއީ އިސްލާމްދީނާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެހެނީ، މަތިވެރިވަންތަ ﷲ ގެ ދީނުގައި، ޒަމާނީ ޢިލްމާއި ސައިންސަށް ވަނީ ވަރަށް ބޮޑެތި ދޮރުތަކެއް ހުޅުވައިދެއްވާފައެވެ. އަދި ކައުނާއި މެދު ފިކުރުކޮށް ވިސްނުމަށްވަނީ ކީރިތި ޤުރުއާނުގައި ގޮވައިލައްވާފައެވެ. އެހެންކަމުން، އެއީ، އެބައިމީހުންގެ ދީނުގައި ހުރި އުނި ކަންތައްތަކެވެ.

ނަމަވެސް، މި ދަރީންނަށް އެ ތަފާތު ވަކި ކުރަން ނޭނގެއެވެ. ވާނީވެސް އެހެންނެވެ. އެތަން ތަނަށް އަރާ ފުރައިގެން ދަނީ، އެއްވެސް ވަރަކަށް އިސްލާމީ ތަރުބިއްޔަތެއް ނެތިއެވެ. އަޤީދާގެ މާ ބޮޑު ކަންފުޅެއް ނެތިއެވެ. އެނބުރި އަންނަ އިރު، އެއްބަޔަކު ތިބެނީ، ސެކިއުލަރިޒަމަށް ވަކާލާތުކުރާ ޗެމްޕިއަނުންނަށް ވެފައެވެ. ހަމަ ޤަމާރީއެވެ. މަތިވެރިވަންތަ ﷲ ގެ ދީނުގެ ރީތިކަމާއި، ހުރިހާ ނިޛާމްތަކަށް ގޮންޖަހާލާފައިވާ ޤަނޫނެއް އޮތްކަން ހަމަ ނޭނގެނީއެވެ.

ވާހަކަ މާ ދިގު ކުރާކަށް ބޭނުމެއް ނޫނެވެ. މި ދީބުގައި މިހާރު މިވަނީ އިސްލާމްދީނާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރެވިފައެވެ. ސަފުގެ ކުރީގައި ތިބީ، އިންޖެކްޝަން ޖަހައިގެންތިބި، ވެރީންނެވެ. އެމީހުންގެ ފަހަތުން، ތަފާތު ދާއިރާތަކުން، ހަޅޭލަވަން ތިބި އެކްޓިވިސްޓުންނެވެ.

ދުޢާ އަކީ، މި ދީބަށް ކުރިމަތި ވެފައި މިވާ ލާދީނީ ފިކުރާ ދެކޮޅު ހެދުމުގެ ތައުފީޤު އަޅަމެންނަށް، މާތް ﷲ މިންވަރުކޮށްދެއްވުމެވެ. އަދި އެބައިމީހުންގެ މަކަރުވެރި ރޭވުންތައް ފުނޑު ފުނޑުކޮށްދެއްވުމެވެ. އާމީން…

ޚިޔާލު ފައުޅުކުރުން