ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް މާޒީއާއި އެކުވެ ދިޔައީއެވެ.

އާދެ، ފެބްއަރީ 5، 2011 ގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް މަޒީއާއި އެކުވެ ދިޔައީއެވެ. އަޅުގަނޑުވާނީ އިންތިޚާބުގެ ކުރިން މިވެބްސައިޓްގައި ” ލޯކަލް ކައުންސިލް އިންތިޚާބް… ވޯޓް ދިނުމުގައި ޒިންމާދާރު ވެލައްވާށެވެ” މި މައިގަޑު ނަމުގައި ލިޔުމެއް ޝާއިޢުކޮށްފައެވެ. މުޙިންމު އިންތިޚާބަކަށްވާތީއެވެ.

ކޮންމެއަކަސް، މިހާރު މި ވަނީ، އިންތިޚާބުގެ ނަތީޖާވެސް އިޢުލާންކުރެވިފައެވެ. ކުލައިގެ ދަންތުރައިގަ އަނެއްކާވެސް ދިވެހި ރައްޔިތުން ޖެހުނީއެވެ. ފާއިތުވެ ދިޔަ މަޖިލިސް އިންތިޚާބުން ޢިބްރަތް ލިބިގަތުމަށް އަޅުގަނޑުވާނީ އިސްވެ ދެންނެވި މަޒުމޫނުގައި ގޮވާލައްވާފައެވެ. ނަމަވެސް، ޢިބްރަތުގެ ކުލަވަރެއް މި އިންތިޚާބުން ފެންނާކަށް ނެތެވެ.

ކީރިތި ޤުރުއާނުގައި، މާތް ﷲ ވަޙީކުރައްވާފައިވަނީ، އެބައެއްގެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކުރުމުން މެނުވީ އެބައެއްގެ ޙާލަތު މާތް ﷲ ބަދަލުނުކުރައްވާނެ ކަމަށެވެ. ދިވެހިންގެ ޙާލަތު ބަދަލުކުރާނީ ދިވެހި ރައްޔިތުންނެވެ. ވެރިކަމުގެ ޙާލަތު ބަދަލުކުރާނީވެސް، ދިވެހި ރައްޔިތުންނެވެ. ނަމަވެސް، އެ ޒިންމާ އަދާކުރެވޭ ތަނެއް ނުފެނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިވެސް، ވަރަށް ގިނަ ޤާބިލު ބޭފުޅުންތަކެއް ކުރިމަތި ލެއްވިއެވެ. ޕާޓީތަކުގެ ޓިކެޓްގަޔާއި އަމިއްލަ ގޮތުންވެސް މެއެވެ. ނަމަވެސް، ވޯޓު ލާން ދިޔަ ރައްޔިތުންނަށް ވޯޓުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވުނު ކަމަށް ބެލެވޭކަށެއް ނެތެވެ. އެހެނީ، ވަކި ޕާޓީއެއްގެ ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަކީ ވޯޓުގެ ޒިންމާ ފުރިހަމަ ކުރުމެއް ނޫނެވެ. ވޯޓުގެ ޒިންމާ ފެށެނީ، ވޯޓު ލުމުގެ ކުރީންނެވެ. ކުރިމަތި ލާފައިވާ ކެނޑިޑޭޓުންގެ ފަށްފުއްތައް ހޯދާ ބަލައި، އެންމެ ޤާބިލު މީހަކީ ކޮބައިތޯ ބެލުމާއި ހަމައިންނެވެ. ޢާންމުކޮށް، ކޮންމެ ދާއިރާއަކަށްވެސް ކުރިމަތި ލާފައިވަނީ، އެދާއިރާއެއްގެ ރައްޔިތުން ދަންނަ ބޭފުޅުންނެވެ. އެހެންކަމުން، ކެނޑިޑޭޓުންނާއި ބެހޭގޮތުން، ހާވަން ޖެހޭ މާ ގިނަ ހޭވުންތަކެއް ނޯވެއެވެ. އެބޭފުޅުންގެ ސިޔަރަތު ވަރަށް ރަނގަޅަށް އެދާއިރާއެއްގެ ވޯޓުދޭ ރައްޔިތުންނަށް އެނގޭތީއެވެ.

ބޮޑު ސުވާލަކީ، ރީނދޫ ހުމާއި، ނޫ ހުމުގައި ރައްޔިތުން ޖެހުނީ ކީއްވޭބާވައެވެ؟ ޤާބިލުމީހާ އެއްފަރާތް ކޮށްލީ ކީއްވެބާވައެވެ؟ އާދެ، ސުވާލުގެ ޖަވާބު އެކި ބޭފުޅުން ދެއްވާނީ އެކި ގޮތަށެވެ. އެކި ރޫހުގައެވެ. ނަމަވެސް، އަޅުގަނޑު ބޭނުންވަނީ، އިންސާފުވެރި ޖަވާބެކެވެ. ތެދުވެރި ޖަވާބެކެވެ.

ބައެއް ދާއިރާތަކުން، ރީނދު ކުލައިންވެސް ޤާބިލު މީހުން ކުރިމަތިލިއެވެ. އަދި ނޫ ކުލައިންވެސް ކުރިމަތިލިއެވެ. އަދި އެހެނިހެން ކުލަތަކުންވެސް ކުރިމަތިލިއެވެ. ނަމަވެސް، ގިނަ ދާއިރާތަކުން ކަންތައް ވެގެން ދިޔައީ އެންމެ އެދެވޭ ގޮތަކަށެއް ނޫނެވެ. އެހެނީ، ކުރި ލިބިގެންދަނީ އެދާއިރާއެއްގެ އަތްގަދަ ޕާޓީއަކަށެވެ. އެޕާޓީގައި ތިބީ އަނެއް ޕާޓީއަށްވުރެން ފެންވަރުގެ ގޮތުން، ޤާބިލިއްޔަތުގެ ގޮތުން މާ ދަށް ކެނޑިޑޭޓުންތަކަށް ވިޔަސް މެއެވެ. އަމިއްލަ ގޮތުން ކުރިމަތި ލާފައި ތިއްބެވި ކެނޑިޑޭޓުންނަކީ، ޕާޓީ މީހާއަށް ނުވާތީ، އޭނަގެ ޤާބިލިއްޔަތުކަމަށް އިޢްތިރާފުވާ ހާލު، ޕާޓީ މީހާއަށް ވޯޓު ހަދިޔާކޮށްލަނީއެވެ. މިގޮތަށް، ކިތައް ކިތައް  ޤާބިލު ބޭފުޅުން ބޭކާރުވެގެން ހިގައްޖެތޯއެވެ؟

އަޅުގަނޑުމެން، އެންމެ އެދޭ ތަރައްޤީއާއި ކުރިއެރުން، ހަމަ ކޮންމެ ކޮންމެ މީހަކަށް ފުރިހަމައެއް ކޮށެއް ނުދެވޭނެއެވެ. ގޮޑި ހޫނުކުރަން ބަޔަކު ލުމުން އަދި ފުދުނީކީއެއް ނޫނެވެ. ނުވަތަ ޕާޓީގެ ޕޮލިސީއާއި އެއްގޮތަށް، އާނ، އޫނ، ކިޔާނެ ޕަޕެޓުންތަކެއް ހޮވުމަކުން ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހުނީކީއެއް ނޫނެވެ. މިހާރު މަޖިލިހަށް ބަދު ބަސް ބުނާ ފަދައިން، ކައުންސިލްތަކަށް ބަދު ބަސް ބުނަން ފަށާނެ ދުވަސް ކައިރީގަ ވުން އެކަށީގެންވެއެވެ.

ރާއްޖޭގެ މި އޮތް ސިޔާސީ ވާދަވެރިކަމަކީ، ރައްޔިތުން އެއަށް ހިތްވަރުލާދޭން ޖެހޭ ކަމެއް ނޫނެވެ. އެހެނީ، ރައްޔިތުން ވެފައި މިވަނީ އައްޑަނަތަކަކަށެވެ. ސިޔާސީން ބޭނުންކުރާ ދިފާޢީ ހަތިޔާރަކަށެވެ. ތިމަންނަގެ ސިޔާސީ އަނެއް ހަތުރާ ބަލިކޮށްލުމަށެވެ. ތިމަންނަގެ އަމިއްލަ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށެވެ. ބާރާއި ނުފޫޒު ހޯދުމަށެވެ. މި ހުރިހާ ކުޅި ގަނޑެއްގައި ޤުރުބާން ވެގެންދަނީ ނިކަމެތި ރައްޔިތު މީހާއެވެ.

ރައްޔިތުން ބަލަންވީ، ސިޔާސީންނަށް އަޅުދާސްތު ނުވުމަށެވެ. ރައްޔިތުން ބަލަންވީ ސިޔާސީން ހަމަ މަގަށް އެޅުވޭތޯއެވެ. ރައްޔިތުން ބަލަންވީ ޤައުމުގެ ފުނޑުފުނޑުވެފައިވާ ޤައުމިއްޔަތާއި ވަޙްދަތު އިޢާދަކުރެވޭތޯއެވެ. ސިޔާސީންގެ އަވާގަ ޖެހި ރައްޔިތުން އެއްބަޔަކު އަނެއް ބަޔަކަށް ހަތުރުވެރިވާން ވީކީއެއް ނޫނެވެ. ސިޔާސީންގެ ނުބައި ކުޅި ގަނޑުގައި ރައްޔިތުން ބައިވެރިވެގެން ކަމަކު ނުދާނެއެވެ.

ޤައުމީ ފައިދާއާއި މަންފާ އޮތީ ކޮން ތަނެއްގައިތޯ، އަޅުގަނޑުމެން ރައްޔިތުން ބަލާ ހޯދަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ޒިންމާ އަދާ ނުކުރެވުމުގެ ސަބަބުން އަޅުގަނޑުމެންގެ މައްޗަށް ނުބައި ވެރިންތަކެއް އައްޔަންކުރެވެމުން ދަނީއެވެ. އާޚިރުގައި ގެއްލުމާއި ހަލާކު އޮތީ ނިކަމެތި ރައްޔިތުންނަށެވެ. ބޮޑު މުސާރަ ޖީބަށް ލައިގެން، ރައްޔިތުން ބިކަ ހާލު ބައިތިއްބާފައި، ކޮންމެ ސިޔާސީއެއްވެސް، އެމީހެއްގެ ޕާޓީ ކުރިއަރުވަން ވަނީ ކަމަރު ބަދެފައެވެ.

ނިންމާލަމުން ބުނެލަން އޮތީ، އިންތިޚާބުތަކުގެ ތެރެއިން އަނެއްކާވެސް މުޙިންމު ބޮޅެއް މާޒީއާއި އެކުވެގެން ދިޔައީއެވެ. އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވުނީ ވަރަށް ކުޑަކޮންނެވެ. ދެންވެސް، ޢިބްރަތް ޙާޞިލްކުރުން ނޫން ގޮތެއް ނެތެވެ. ދެން ކުރިމަތިވާ މުޙިންމު އިންތިޚާބުތަކުގައި އަޅުގަނޑުމެންގެ ޒިންމާ އަދާކުރަންވީއެވެ. އޭރުން، ހޮވޭ ވެރިން ވެސް، އެމީހުންގެ ޒިންމާ އަދާކުރާތަން ފެނިގެންދާނެއެވެ.

ޚިޔާލު ފައުޅުކުރުން