ލޯކަލް ކައުންސިލް އިންތިޚާބް… ވޯޓް ދިނުމުގައި ޒިންމާދާރު ވެލައްވާށެވެ.

އާދެ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނު މިހާރު ވަނީ ކުލައިން ޖަރީ ވެފައެވެ. އެންމެ ވިދާ ކުލައަކީ ދެ ކުލައެކެވެ. ނުލާއި ރީނދޫ ކުލައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ކުރިމަތިވަމުން އަންނާތީ މީހުން އުޅޭ ހުރިހާ ރަށެއްގައި ވަނީ މި ދެކުލައިން ޖަރީވާން ފަށާފައެވެ.

އެހެންކަމުން، މިފަދަ މުޙިންމު އިންތިޚާބަކާއި ކުރިމަތި ވަމުން އަންނާތީ، ރައްޔިތުންނަށް ހަނދާންކޮށްލަ ދޭން ބޭނުންވާ ނުކުތާތަކެއްގެ ހުރުމުން، މި ފުރުޞަތުގެ ބޭނުން ހިފަމެވެ.

  • ކައުންސިލަށް ޤާބިލް މީހުން ހޮވުމުގެ މުހިންމުކަން

ހަމަކަށަވަރުން، ކައުންސިލްކަމުގެ މަޤާމަކީ ވަރަށް ޒިންމާދާރު މަޤާމެކެވެ. އެހެނީ، އެ ސަރަހައްދަކަށް ނުވަތަ އެ ރަށަކަށް ސަރުކާރު މެދުވެރިކޮށް ކުރެވެން އޮތް ހުރިހާ ތަރައްޤީއެއްގެ މުގޫ ކައުންސިލަރުންގެ އަތްމައްޗަށް ލިބިގެންދާނެތީއެވެ. އަދި އެ ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ރައްޔިތުންގެ އެދުން ތަކަކީ ކޮބައިތޯ ބަލައި އެކަމަށް އެޅެން އޮތް ފިޔަވަޅެއް އެޅުމަކީވެސް އެބައިމީހުންނަށް އޮތް ޒިންމާއެއްކަމަށްވާތީއެވެ.

  • ވޯޓުލުމުގައި ޒިންމާދާރުވުން

އެހެންކަމުން، ވޯޓު ލާން ވާނީވެސް ވަރަށް ޒިންމާދާރު ގޮތެއްގައެވެ. އެހެނީ، އެ މަޤާމުތަކަކީ ކުޅޭ ކުޅޭ މަޤާމުތަކެއް ނޫނެވެ. އަދި އެފަދަ ޒިންމާދާރު މަޤާމުތަކަށް ކޮންމެ ކޮންމެ މީހަކު ހޮވައިގެންވެސް ކަމަކު ނުދާނެއެވެ.

މިކަން ދަންނަން ޖެހޭނީ، ވޯޓުލާ ރައްޔިތުންނެވެ. އެހެނީ، ރައްޔިތުންގެ ވޯޓްގެ ނަތިޖާގެ ފޮނި ރަހަޔާއި ހިތި ރަހަވެސް ލިބިގަންނަން ތިބީ ރައްޔިތުންކަމަށް ވީތީއެވެ. އެހެންކަމުން، ވޯޓު ލުމުގެ ޒިންމާ ފަސޭހަކޮށްލެވިގެން ނުވާނެއެވެ. އަދި ޢާއިލީ މީހާއަށް ނުވަތަ ޕާޓީ މީހާއަށް ނުވަތަ އެކުވެރިއަކަށް ވީތީ، މިފަދަ މަޤާމަށް ހޮވުމަށް ވޯޓްލުން ބުއްދިވެރިއެއް ނޫނެވެ.

ވޯޓު ލުމުގައި، ބަލަން ޖެހޭ މިންގަޑުތަކެއް ގެންގުޅެންވާނެއެވެ. އެގޮތުން، ތިމާ ވޯޓްދޭ މީހަކީ އެ މަޤާމަށް ޤާބިލް މީހެއްތޯ ޔަޤީންކުރުމަކީ ރައްޔިތު މީހާގެ ވާޖިބެކެވެ. އަދި އޭނަގެ އުޅުމާއި ސުލޫކާއި އިޖްތިމާޢީ އަޚްލާޤު ރަނގަޅު މީހެއްތޯވެސް ބަލަންޖެހޭނެއެވެ. ދީނީތޯ، ނުވަތަ ލާދީނީތޯވެސް ބަލާ ސާފުކުރަން ޖެހޭނެއެވެ. އެހެނީ، މި އުޅެނީ ޤައުމު އަރާސްތުކުރާނެ މަންދޫބުންތަކެއް ހޮވަންށެވެ. ނަމަވެސް، އެމީހެއްގެ އަމިއްލަ ޙަޔާތް އަރާސްތުކޮށް ސާދާ ދިރިއުޅުމެއް ނުއުޅެވޭ މީހަކަށް، ރަށުގެ ތަރައްޤީގެ ހުންގާނު ހަވާލުކުރުމަކީ މޮޔަކަމެކެވެ.

  • ޕާޓީ ރޫހުގައި ވޯޓު ދިނުމުން، ނިކުމެދާނެ ނަތީޖާ

ހިތާމައަކީ، ޕާޓީ ރޫހުގައި ނުކުތުމުގެ ސަބަބުން، ބައެއްފަހަރު ކަމަށް އެންމެ ޤާބިލު މީހާއަށް ފުރުޞަތު ގެއްލިގެންދާތީއެވެ. ޕާޓީ ރޫހުގައި، އެންމެ އަޑު ގަދަ މީހާއަކީ މަޤާމަށް އެންމެ ޤާބިލް މީހާއެވެ. ނަމަވެސް، ދަންނަންޖެހޭ ޙަޤީޤަތަކީ، ޕާޓީން ހުށަހަޅާ ކެނޑިޑޭޓަކަށް، ވޯޓް ދިނުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫނެވެ.

މަންޒަރު ފެންނަނީ އެގޮތަކަށެއް ނޫނެވެ. ޕާޓީން ޕާޓޭއެއް ނެރުނަސް ހަމަ ރަނގަޅެވެ. ކިޔަވައިގެން ހުރި ޤާބިލްމީހާ އެއީ އެއްވެސް މީހެއް ނޫނެވެ. އެހެންކަމުން، ޤައުމަށް އިޚްލާޞްތެރިކަމާއި އެކު މަސައްކަތްކުރުމުގެ ފުރުޞަތު ކިޔަވައިގެން ހުރި ޤާބިލްމީހާއަށް ގެއްލެއެވެ. މިއީ ވަރަށް ހިތާމަވެރި ކަމެކެވެ. ޤައުމަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ އަދި ކުރަމުންވެސް ދާކަމެކެވެ.

  • ރައްޔިތުންގެ މަޖިލީހުން ޢިބްރަތް ލބިގަންނާށެވެ.

މިސާލަކަށް ދިވެހި ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖިލީހަކީ ދެވަނައެއް ބޭނުން ނުވާ ފުރިހަމަ މިސާލެކެވެ. އިއްޒަތްތެރި މެންބަރުން، އެބައިމީހުންގެ މުސާރަ ބޮޑުކުރަން ވަރަށް ފޯރި ހުރެއެވެ. ނަމަވެސް، ރައްޔިތުންނަށް ފައިދާ ހުރި  ބިލެއް މަޖިލީހަށް ވައްދާފިނަމަ، އޭތީ ދަމާނެއެވެ. އަނެއް ޕާޓީގެ ބިލެއްނަމަ، ދެން އެ އޮތީ ކަންތައް މުޅިން ގޯސްވެފައެވެ. ނިޒާމީ ނުކުތާ ނަގައިގެން، އެއް އިއްޒަތްތެރި މެންބަރު، އަނެއް އިއްޒަތްތެރި މެންބަރެއްގެ އަބުރާ ބެހުން ނޫން ކަމެއް ނޯވެއެވެ.

ދަންނަވަން މި އުޅެނީ، ރައްޔިތުންގެ މަޞްލަޙަތު އެއްފަރާތުގައި ބާއްވާފައި، އިއްޒަތްތެރި މެންބަރުން ކުރައްވާ ކަމަކީ ޕާޓީ ޕޮލިސީތައް ކޮޅަށް ނަންގަވާ އެއާއި އެއްގޮތަށް ދިޔުމެވެ. ރައްޔިތުން ލާބަޔާއި މަންފާ އޮތީ ކޮން ކޮޅެއްގަތޯ ބެއްލެވުމެއްނެތެވެ.

ވަރަށް ޤާބިލު މީހުންވެސް މަޖިލީހަށް ކުރިމަތިލިއެވެ. ނަމަވެސް، ޕާޓީ ނޫންވީމަ، ނުވަތަ މަ ތާއީދުކުރާ ޕާޓީ ނުވީމަ، ވޯޓް ނުދީ ކަޓުވާލީއެވެ. މަގޭ ޕާޓީގެ މީހާ ހޮވަންވެގެންނެވެ. އެއީ ޕާޓޭއަކަސް، ވަގަކަސް، އަދި ރައްޔިތުން ފެލާލުމުގެ ދިގު ހިސްޓްރީއެއް އޮތް މީހަކަސް ވަރިހަމައެވެ. މިހާރު މަޖިލީހުގައި ފެންނަމުންދާ ނާޗަރަންގީގެ އަޞްލަކީ މި ދެންނެވި ކަންތައްތަކެވެ.

އެހެންކަމުން، ދަންނަވާލަން އޮތީ، ޕާޓީތައް އެދޭހާ ގޮތަކަށް، އަދި ދެއްކިހާ މީހަކަށް ވޯޓް ނުލައްވާށެވެ. ރައްޔިތުންގެ މަޖިލިހުން އިބްރަތް ލިބިގަންނާށެވެ.

  • ތިމާ ތާއީދުކުރާ ޕާޓީގެ ކެނޑިޑޭޓަކީ އަދި އެންމެ އެކަށީގެންވާ މީހާއަށް ނުވެދާނެއެވެ.

ދެން، ޕާޓީ ކުލައިން މުޅި ގެއާއި އަވަށު ޖަރީކުރެވުނީމަ ކޮންމެ މީހަކުވެސް ހީކުރަނީ ތިމަންނަ މީ ވަރަށް މޮޅު ސިޔާސީ މީހެއް ކަމަށެވެ. ވަރަށް ޒިންމާ ދާރު ލީޑަރެއް ކަމަށެވެ. ދަންނަވަންތޯއެވެ. އެއީ ތިމަންނައަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ މީހެއް ކަމުގެ ޢާލާމާތެކެވެ. ޕާޓީގެ ޓިކެޓްގައި ކުރިމަތިލާ އެންމެން ހޮވަން އުޅުމަކީ އެއީ ބުއްދި ހަމަޖެހޭ މީހަކު ކުރާނެ ކަމެއްނޫނެވެ.

އެހެންކަމުން، އަޅުގަނޑުމެން ވިސްނަންވީ އިންތިޚާބުތަކުގައި ވަކި ޕާޓީއެއް ހޮވުމަކަށް ނޫނެވެ. އަޅުގަނޑުމެން ވިސްނަންވީ މީހުންނަށްވާ މީހުން ހޮވުމަށެވެ. މިނިވަންކަމާއި އެކު ރައްޔިތުންގެ މަޞްލަޙަތު ކުރިޔަށް ނެރެ ރައްޔިތުންނަށްޓަކައި ވަކާލާތުކުރާނެ ބަޔަކު ހޮވުމަށެވެ. ނަމަވެސް، ޕާޓީއަށް އިސްކަންދީ، ޕާޓޭއެއް، އަނެކެއް ތަފާތުކުރުމެއް ނެތި، ވޯޓު ދީފިނަމަ، މަޖިލީހަށް ވީގޮތް ވުން އެކަށީގެންވެއެވެ.

ނަމަވެސް، ޤާބިލު، ކެރޭ، ރައްޔިތުންނަށްޓަކައި ވަކާލާތު ކުރާނެ މީހަކު ހުރެއްޖެނަމަ، އެމީހަކު ހޮވަން މަސައްކަތްކުރަންވީއެވެ. އެއީ ކޮން ޕާޓީއެއްތޯ ބަލާނެ ކަމެއް ނެތެވެ. ނަމަވެސް، ޔަޤީންކުރަން ޖެހޭނެ ކަމެއް އެބަ އޮތެވެ. އެއީ، އޭނައަށް، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ނުކުރެވޭ ނަމަ، ނުވަތަ ޕާޓީގެ ފަރާތުން ކުރެވުނަ ނުދީފި ހާލަތެއްގައި، ރައްޔިތުންގެ މަޞްލަޙަތު ކޮޅަށް ނަގަން ކެރޭ، އަދި އިސްތިއުފާން ދޭން ޖެހިއްޖެ ހާލަތެއްގައި އިސްތިއުފާ ދެވޭ ފަދަ މީހަކަށް އެމީހަކު ވާން ޖެހޭނެއެވެ. އޭރުން، ރައްޔިތުންގެ މަޞްލަޙަތު ގެއްލޭނަމަ، ޕާޓީ ޕޮލިސީއަށްވެސް ގޮންޖަހާލެވޭ ފަދަ ބަޔަކު ތިބޭނެއެވެ.

ވާހަކަ މާ ދިގު ކުރާކަށް ބޭނުމެއް ނޫނެވެ. ދަންނަވާލަން ބޭނުންވަނީ، ޕާޓީ ރޫހަކީ އެއީ ގެއްލުން ހުރި ކަމެކެވެ. އެއީ ޤައުމުގެ ކުރިމަގަށް ހުރި ނުރައްކަލެކެވެ. ޕާޓީ ރޫހުން އެއްކިބާވެ، ޤާބިލްމީހުން ޒިންމާދާރު، މިފަދަ މަޤާމްތަކަށް ހޮވަންވީއެވެ. މިހާރު މިދާ ގޮތް ރަނގަޅެއް ނޫނެވެ. ވޯޓު ދިނުމުގައި ޒިންމާދާރު ވެލައްވާށެވެ.

ޚިޔާލު ފައުޅުކުރުން