ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އައްނި ދެވަނަ ދައުރަކަށް ހޮވިދާނެބާ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްނިގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ބަލާ ދިރާސާކުރާ މީހެއްގެ ގޮތުން، އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެޔޭ ދެންނެވުމަކީ އަޅުގަނޑަށް ފަސޭހަ ކަމެއް ނޫނެވެ. ކުރިމަތިލައްވާނެއެވެ. ނަމަވެސް، އެމަނިކުފާނު ހޮވިދާނެކަމީ އެއީ މިހާރުއްސުރެން ސުވާލު އުފެދޭ ކަމެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓިޕާޓީތަކެއް ހަދާ، އައު ޤާނޫނު އަސާސީއެއްގެ ދަށުން 2008 ވަނަ އަހަރު ބޭއްވުނު ވާދަވެރި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، އެއްވެސް ބޭފުޅަކަށް، މަޤާމަށް ހޮވޭ ވަރަކަށް ވޯޓެއް ނުލިބުނެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން ފަންސާސް އިން ސައްތައަށްވުރެ ގިނައިން ލިބުމެވެ. ނަމަވެސް، އެއްވެސް ކެނޑިޑޭޓަކަށް އެ ހިސާބަކަށް ވޯޓެއް ނުލިބެއެވެ. އެންމެ މަތިން ލިބުނީ މައުމޫނަށެވެ. އެއީ…… ދެން އައްނިއަށެވެ…އެއީ….. އެހެންކަމުން، ޤާނޫނު އަސާސީ ބުނާ ގޮތުން، ދެވަނަ ބުރުގައި ވާދަކުރަން ޖެހޭނީ އެންމެ މަތިން ފުރަތަމަ ބުރުގައި ލިބުނު ދެ ކެނޑިޑޭޓުންނަށެވެ. އެގޮތުން، ރޭހަކީ، މައުމޫނާއި އައްނިގެ ރޭހަކަށް ބަދަލުވެގެން ދިޔައެވެ.

ދެން، ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގައި ބައިވެރިވެލެއްވި ޑރ. ހަސަން ސަޢީދާއި، ޤާސިމް އިބްރާހީމާއި، އިބްރާހީމް އިސްމާޢީލް، ދެވަނަ ބުރުގައި، އައްނިއާއި ބައިވެރިވެ ވަޑައިގެންނެވިއެވެ. “ވަޠަން އެދޭ ގޮތަށް” ޝިޢާރުގެ ދަށުން ސަރުކާރާއި ދެކޮޅު އެންމެން، މައުމޫނާއި ދެކޮޅަށް، ބަދަލަކަށް އެދި ތެދުވިއެވެ.

އެގޮތުން، ރާއްޖެތެރޭގައްޔާއި މާލޭގައި ވަޠަން އެދޭގޮތުގެ ވަރުގަދަ ކެމްޕޭނުތަކެއް ޖެއްސިއެވެ. އިދިކޮޅު ބޭފުޅުންގެ ހިތްވަރުން، ދެވަނަ ބުރުގައި އައްނިއަށް ކުރި ލިބުނެވެ. އެއީ …. ތަފާތުންނެވެ. ހަމަ ކިރިޔަ ކިރިޔާއެވެ. މި ކަމީޔާބީގެ އެންމެ ބޮޑު އަސްލުކަމުގައި ގިނަ ބަޔަކު އެއްބަސްވަނީ، ޑރ. ހަސަން ސަޢީދާއި ބުރުމާ ޤާސިމެވެ. ސަބަބަކީ، ފުރަތަމަ ބުރުގައި އެ ދެމީހުންނަށް ލިބުނު ވޯޓުތައް ދެވަނަ ބުރުގައި އެމީހުންގެ އެދުމުގެ މަތިން، ނުވަތަ އައްނިއާއި ގުޅިވަޑައިގަތުމުގެ ސަބަބުން، އެމީހުންގެ ސަޕޯޓަރުން އައްނިއަށް ދެއްވީކަމަށެވެ.

ނަމަވެސް، މިހާރު ދެވަނަ ބުރުގައި، ނަތީޖާ ނެރުނު ކޯލިޝަންވަނީ ބައިބައިވެފައެވެ. ސަރުކާރު ކޯލިޝަނުން، ޢަދާލަތު ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކެއް ވަނީ ވަކިވެފައެވެ. އެމްޑީޕީއާއި ސަރުކާރު އެކަނިވީއެވެ. ނަމަވެސް، ޢަދާލަތު ކޯލިޝަންގައި އޮންނާނީތޯ ނުވަތަ ވަކިވާނީތޯ އެއީ ޢަދާލަތު ޕާޓީގައި މިހާރުވެސް މަޝްވަރާ ކުރެވެމުންދާ ކަމެކެވެ. ޑރ. ހަސަނާއި ޤާސިމްވަނީ ސަރުކާރާއި ވަކިވެފައެވެ. އަދި އޮޕޮޒިޝަނުންގެ ގޮތުގައި އެދެބޭފުޅުންނާއި އެބޭފުޅުންގެ ދެ ޕާޓީވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ސުވާލަކީ، މިކަމުގެ ސަބަބުން އައްނިގެ ދެވަނަ ބުރުގައި ފެނުނު ސަޕޯޓް އުނިވެފައި ނުވޭބާވައެވެ؟ ސުވާލުގެ ޖަވާބު ރައްޔިތުންނަށް ދޫކޮށްލަމެވެ.

ދެން އޮތީ، މިސަރުކާރުން، ނުވަތަ އައްނި ނެންގެވި ބައެއް ފިޔަވަޅުތަކުގެ ވާހަކައެވެ. އަރަބިއްޔާ މައްސަލައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. ޑީއާރުޕީއާއި، ޢަދާލަތު ޕާޓީއާއި، ދީނީ ޝެއިޚުންނާއި ދީނަށް ލޯބިކުރައްވާ ރައްޔިތުންވަނީ އެތަނަށް ދިމާވެފައިވާ މައްސަލައާއި މެދު ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށަށް އެއްވި ބެލެނިވެރިންނާއި މެދު ކަންތައް ވެގެންދިޔަ ގޮތަކީ އިތުރަށް ރައްޔިތުންގެ ހިތު ތެރޭގައި ނަފުރަތުގެ ހުޅު މިސަރުކާރަށްޓަކައި ފަޅައިގެން ދިޔަ ސަބަބަކަށެވެ. އެ ހާޖާނުގެ ތެރޭގައި ޝެއިޚް ޝަހީމް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ދެން، އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަދަން އެތައް ހާސް މަސައްކަތެއް މި ސަރުކާރުން ވަނީ ކުރައްވާފައެވެ. އެގޮތުން، ޑރ. މުޞްޠަފާ ލުޠުފީ ކުރީ ސަފުގައި ހުންނަވައިގެން ތަފާތު ނިއުސް ކޮންފްރަންސްތަކާއި ޓީވީ ބަސްދީގަތުންތައް ވަނީ ދެއްވާފައެވެ. އެއީ ބުއްދިވެރި ނިންމުމެއްކަށް ރައްޔިތުންނަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް، އިދިކޮޅު ހުރިހާ ޕާޓީތަކެއް މިކަމާ ދެކޮޅު ހެއްދެވިއެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޢަދާލަތުންވެސް ދިޔައީ ވަރުގަދަޔަށް ހިފަމުންނެވެ. އިސްލާމިކް މިނިސްޓްރީން ދެއްވާ ޚުޠުބާތަކުގައިވެސް އެކަމާ ވަރުގަދައަށް ދެކޮޅު ހައްދަވަމުން ގެންދެވިއެވެ. ޝެއިޚް ޙުސެއިން ރަޝީދު، ޑރ. މަޖީދު، ޝެއިޚް ޝަހީމް ސަރުކާރުގެ އެތެރެއިންނާއި ބޭރުން ދިޔައީ ވަރުގަދައަށް ދެކޮޅު ހައްދަވަމުންނެވެ. ނަމަވެސް، މި ދެކޮޅު ހެދުންތަކަކީ ހަމަޖެހޭ ކަމެއްކަމަށް، ސަރުކާރަށް ބަލައެއް ނުގަނެވުނެވެ.

މިކަމުގެ ސަބަބުން، ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ނުރުހުން ސަރުކާރާއި ދިމާލަށް ދިޔަކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. ސުވާލަކީ، އެއްކަލަ ދެވަނަ ބުރުގައި ލިބުނު ސަޕޯޓުން މިންވަރެއް އުނިވެގެން ނުދޭ ބާވައެވެ؟ ޖަވާބު ރައްޔިތުންނަށް ދޫކޮށްލަމެވެ.

ދެން އިޒްރާއީލު މައްސަލައަށް ދަމާ ހިންގަވާށެވެ. މުޅި ޤައުމުހެން ދިޔައީ މިކަމާ ދެކޮޅު ހަދަމުންނެވެ. މިއީ ޤައުމުގެ ތާރީޚުގައިވެސް ދެކެފައިވާ ބޮޑު މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެކެވެ. އިދިކޮޅު ޕާޓީތަކުގެ އިތުރުން އެތަކެއް ޖަމްޢިއްޔާ ޖަމާޢަތްތަކެއް ވަނީ ބައިވެރިވެލައްވާފައެވެ. އަދި ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީ އެންމެ މަތީ ދަރަޖާގައި މިކަމުގައި ބައިވެރިވެލެއްވިއެވެ. ޚުދު އެމްޑީޕީގެ ތެރެއިން ބޮޑެތި ވެރިންވެސް ރާއްޖެތެރެއިން ޖެއްސި މުޒާހަރާތަކުގައި ބައިވެރިވެލައްވާފައި އެބަހުއްޓެވެ. އަދި އިސްލާމިކް މިނިސްޓަރ ޑރ. މަޖީދާއި ސްޓޭޓް މިނިސްޓަރ ޝެއިޚް ޝަހީމްވެސް ބައިވެރިވެލެއްވި ތަން މުޅި ދުނިޔެވަނީ ދެކެފައެވެ. ނަމަވެސް، ސަރުކާރުން ބަޔަކު އެއްވި ކަމަށްވެސް ވަނީ އިންކާރު ކުރައްވާފައެވެ. ޑރ. ޝަހީދު ބޭރުގެ ނޫސްތަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ އެއްވީ މަދު މީސްކޮޅެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން މިކަމަށްވެސް ދިނީ ބީރު ކަންފަތަކާއި ކަނު ލޮލެކެވެ.

ސުވާލަކީ، މިކަމުގެ ސަބަބުން، އެއްކަލަ ދެވަނަ ބުރުގައި ލިބުނު ސަޕޯޓުން މިންވަރެއް މަދު ނުވާނެބާއެވެ؟ ޖަވާބު ރައްޔިތުންނަށް ދޫކޮށްލަމެވެ.

މިދެންނެވީ، ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ ނުރުހުމުގެ ބަސްތައް ބުނެ، ޚިޔާލު ފާޅުކޮށްފައިވާ ބައެއް ޙާލަތްތަކުގެ ވާހަކައެވެ. ރަލުގެ މުޒާހަރާވެސް ދިވެހި ރައްޔިތުންވަނީ ދެކެފައެވެ. ޑރ. ހަސަނާއި ޤާސިމްވަނީ އައްނި ސަރުކާރުގެ ހަތުރުންނަށްވެފައެވެ. ޢަދާލަތު އޮތީ ކިރި ކިރިއެވެ. ދެވަނަ ދައުރަކަށް އައްނި ކުރިމަތިލައްވާ އިރު، ޢަދާލަތުން ބައިޢަތު ހިފާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އަދިވެސް، ސިޔާސީ މަޞްރަޙުގައި މައުމޫނު ވެސް އެބައުޅުއްވައެވެ.

ނިންމާލަމުން، އަޅުގަނޑު ދަންނަވާލާނީ، މިހުރިހާ ކަމެއް މިގޮތަށް ހުރުމުން، އައްނިގެ ދެވަނަ ދައުރުގެ “ހުވަފެން” ހަޤީޤަތަކަށް ވެދާނެބާއެވެ؟ މިކަމުގެ ފައިސިލާ ކުރައްވާނީ ދިވެހި ރައްޔިތުންނެވެ.

ޚިޔާލު ފައުޅުކުރުން