ބައެއް ބެލެނިވެރިން ކުދިންނަށް ވެކްސިން ނުދެނީ ހަމައެކަނި ދީނީ ސަބަބުތަކަށްޓާ ހެއްޔެވެ؟

ދީނީ ސަބަބުތަކާ ހެދި ވެކްސިން ދޭން ބައެއް ބެލެނިވެރިންގެ ދެކޮޅު ހެދުން އިތުރުވެއްޖެކަމަށް ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިނިސްޓްރީގެ ޢިބާރާތް ރަނގަޅު ކުރުމަށްފަހު ނޫނީ ލިޔުމާގެން ކުރިޔަށް ދާން އަޅުގަނޑު ގަސްތެއް ނުކުރަމެވެ.

ދީނީ ސަބަބުތަކެއް މިކަމުގައި އޮތް ކަމަކަށް ވާނީ ވެކުސިން ދިނުމާ ދެކޮޅަށް ދީނީ ޢިލްމުވެރިން ފަތުވާ ދީފައިވާނަމައެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާ، މިސްރުން ފެށިގެން ދިވެހިރާއްޖޭގެ ޢިލްމުވެރިންވެސް ވަނީ ވެކްސިނާ އެއްކޮޅަށް ފަތުވާ ދީފައެވެ. އެބޭފުޅުން ވިދާޅުވަނީ ވެކްސިން ދިނުމަކީ ދީނީ ގޮތުން މަނާ ކަމެއް ނޫން ކަމުގައެވެ. އެހެންކަމުން، މިނިސްޓުރީގެ ޢިބާރާތަކަށް ވާންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ، ” ދީނީ ސަބަބުތަކާ ހެދިކަމަށް ބުނެ ވެކްސިން ދޭން ބައެއް ބެލެނިވެރިން ދެކޮޅު ހެދުން އިތުރުވެއްޖެ” މިހެންނެވެ.

ކޮންމެއަކަސް،  އަޅުގަނޑަކީވެސް ތުއްތު ކުއްޖެއްގެ ބައްޕައެކެވެ. އެހެންކަމުން، ބަޔަކު މީހުން ވެކްސިނާ ދެކޮޅު ހަދާ ޚަބަރުތަކެއް ލިބުމާއެކު، އެކަމާ ބެހޭގޮތުން އަޅުގަނޑުގެ ފެންވަރުން ދިރާސާތަކެއް ހަދައިލީމެވެ. މި ދިރާސާއިން އަޅުގަނޑަށް ލިބިގެން ދިޔައީ އިތުރު ސިހުންތަކެކެވެ. އެއީ ވެކްސިންއާ އެންމެ ދެކޮޅު ހަދާ ބަޔަކު ތިބީ އޮސްޓުރޭލިޔާގައެވެ. އެޤައުމުގައި މިކަމާ ބެހޭގޮތުން ވަރުގަދަ އެންޓި-ކެމްޕެއިންތަކެއް އެބަ ހިނގައެވެ. 1994 ގައި އޮސްޓުރޭލިޔާގައި ވަނީ އޮސްޓުރޭލިޔަން ވެކްސިނޭޝަން ނެޓްވޯކް (އޭ،ވީ،އެން) ނަމުގައި ޖަމްޢިއްޔާއެއް އުފައްދާފައެވެ. މިއީ ބެލެނިވެރިންތަކަކާއި ހެލްތު ޕްރޮފިޝަލުންތަކެއްގެ މައްޗަށް އުފެދިގެން އައި ޖަމްޢިއްޔާއެކެވެ. މިބައިމީހުން ޤަބޫލުކުރާ ގޮތުގައި ވެކްސިން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. މިބައިމީހުންގެ ދަޢުވާއަކީ އިންސާނީ ހަށިގަނޑު އުފެދިފައިވަނީ ބަލިތަކުން ރައްކާތެރިވާނެ ފުރިހަމަ ނިޒާމެއްގެ މަތީގައެވެ. މީގެ އިތުރުން މިބައިމީހުންގެ ބުނާ ގޮތުން، ވެކްސިންގައި ވިހަ މާއްދާތަކެއް ހިމެނޭ ކަމަށާއި އެއްވެސް ހާލެއްގައި އެ މާއްދާތަކަކީ ހަށިގަނޑު ތެރެއަށް ފޮނުވައިގެން ވާނެ މާއްދާތަކެއް ނޫން ކަމަށެވެ. އަދި ބައެއް ވެކްސިންގެ ސަބަބުން ސިކުނޑި ހަލާކުވުމާއި ކެންސަރު ފަދަ ބަލިތައް ޖެހޭ ކަމަށް ވެސް މިބައިމީހުން ތުހުމަތު ކުރެއެވެ.

އިސްވެ މިދެންނެވީ ވެކްސިންއާ ދެކޮޅަށް އެންޓި-ކެމްޕެއިން ކުރާ މީހުންގެ ބައެއް ދަޢުވާތަކުގެ ވާހަކައެވެ. މިކަމަށް އޮސްޓުރޭލިޔާގެ ޞިއްޙީ ޖަމްޢިއްޔާތަކުންނާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ ރައްދު ދީފައިވެއެވެ. އެބައިމީހުން ބުނާ ގޮތުން އެންޓި-ކެމްޕެއިން ކުރާ މީހުންގެ ދަޢުވާތައް މުޅިން ދޮގެވެ. ވެކްސިންއަކީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެން އަދި އެތަކެއް ޓެސްޓުތަކެއް ހެދިގެން ދެވޭ އެއްޗެކެވެ. އަދި ވެކްސިންގެ ސަބަބުން ދުނިޔެއިން ބައެއް ބަލިތައް މުޅިން ނައްތާލެވިފައިވެއެވެ. އަދި ވެކްސިންގެ ސަބަބުން ނުރައްކާތެރި އެއްވެސް ބައްޔަކަށް ވާޞިލްވާކަމަށް އެއްވެސް ދިރާސާއަކުން ނުދައްކާ ކަމަށެވެ. ނަމަވެސް، ކުއްޖާގެ ގައި ދުޅަވުމާއި ހުން އައުން ފަދަ އާދައިގެ ކަމެއް ދިމާވެދާނެ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ކޮންމެއަކަސް، މިއީ މި ދެފަރާތުގައި ދެވެމުންދާ ބައެއް ޒުވާބުތަކެވެ. މި ދެފަރާތުގެ ޒުވާބު މިއަށްވުރެ ގިނައެވެ. އެހެންކަމުން، އަޅުގަނޑު މިތަނުގައި ފާހަގަ ކޮށްލަން ބޭނުންވަނީ ދީނީ ގޮތުން އެއްވެސް ޢިލްމުވެރި ބޭކަލަކު މިކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވި ކަމަކަށް އަޅުގަނޑަށް އެނގިފައި ނުވާކަމެވެ. އެއާ ޚިލާފަށް، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އައްޝެއިޚް ބިން ބާޒު ރަޙިމަހުﷲ ވެސް ވިދާޅުވަނީ ވެކްސިން ދިނުމަކީ މައްސަލައެއް ނޫން ކަމުގައެވެ. ވުމާއެކު، ދީނީ ގޮތުން ވެކްސިންއާ ދެކޮޅު ހެދުމުގެ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ނަމަވެސް، ދީނީ ސަބަބުތަކާ ހެދި ކަމަށް ބުނެ ބައެއް ބެލެނިވެރިން ވެކްސިން ނުޖަހަފާނެއެވެ. އެކަމަކު އެއީ ދީނުގައި އެކަން އޮތް ގޮތް ކަމަށް ނުވެ ހިނގައިދާނެއެވެ.

އޮސްޓްރޭލިޔާ، އިނގިރޭސި ވިލާތް އަދި އެމެރިކާގައި ހިނގާ އެންޓި-ވެކްސިނޭޝަން ކެމްޕެއިންގެ އަސަރުގައި ޖެހިފައި ތިބި ދިވެހިން ތިބެދާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެނީ، މިކަން ރާއްޖޭގެ ފުންނާބު އުސް ޑަކްޓަރަކުވެސް ވަނީ އަޅުގަނޑަށް ކަށަވަރު ކޮށްދީފައެވެ. އެހެންކަމުން، ވެކްސިން ޖެހުމާ ބައެއް ބެލެނިވެރިން ދެ ކޮޅު ހަދަނީ ހަމައެކަނި ދީނީ ސަބަބުތަކާ ހެދިއޭ ވިދާޅުވުން އެއީ އިންޞާފުވެރި ވިދާޅުވުމެއް ނޫނެވެ.

ޚިޔާލު ފައުޅުކުރުން