ފަރާ ތެދު ބުނެފިއެވެ. ދިވެހި ޒުވާނުން ވަރަށް ކަންބޮޑުވެއްޖެއެވެ.

” އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވެނު، އެކްސްޓްރީމިޒަމްގެ ނުރައްކަލާ މެދު ދިވެހި ޒުވާނުން ވަރަށް ބޮޑަށް ވާހަކަ ދައްކާކަން. އަދި ދިވެހިންގެ އަސްލު ސަގާފަތާ ނުގުޅޭ ސަގާފަތަކަށް ރާއްޖެ ބަދަލުކުރަން ބޭރުގެ އަޑުތައް ދިވެހިންގެ ތެރެއަށް އައިސްފައި ވާކަން،” ފަރާއަށް ހަވާލާދީ ހަވީރުގައި ވޮޝިންޓަނުން އާސިޔަތު މުޙައްމަދު ލިޔުއްވާފައިވެއެވެ.

ފަރާގެ ވާހަކަ އަޅުގަނޑު ތެދުކުރަމެވެ. އެއީ ” ދިވެހިންގެ ސަގާފަތާ ނުގުޅޭ ސަގާފަތަކަށް ރާއްޖެ ބަދަލުކުރަން ބޭރުގެ އަޑުތައް ދިވެހިންގެ ތެރެއަށް އައިސްފިއެވެ”. ފަރާގެ މި ޖުމްލައަށް ހަމަ އައްސަރި ބަހާއި ސާބަސް ދެމެވެ.

ތެދެކެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ހުއްދަ ދިނުމަށް އެދި ގޮވާލާ އަޑުތައް އައިސްފިއެވެ. ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އަޑުތައް އައިސްފިއެވެ. ލާދީނިއްޔަތަށް ގޮވާލާ އަޑުތައް އައިސްފިއެވެ. ޒިނޭ ހުއްދަ ކުރުމަށް ގޮވާލާ އަޑުތައް އައިސްފިއެވެ. ބަނގުރާ ހުއްދަ ކުރުމަށް ގޮވާލާ އަޑުތައް އައިސްފިއެވެ. ފައްޅި އެޅުމުގެ ހުއްދައަށް ގޮވާލާ އަޑުތައް އައިސްފިއެވެ. ޤާނޫނީ ޢުޤޫބާތުން ޒިނޭ ކުރާ މީހާ ހައްދު ޖެހުމަށް އޮންނަ އޮތުން އުވާލަން ގޮވާލާ އަޑުތައް އައިސްފިއެވެ.

މި ދަންނަވާލީ މި ދިވެހި ފަސްގަނޑަށް އައިސްފައިވާ ބައެއް އަޑުތަކުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ކާބަފައިން މި އަޑުތައް އައިސްދާނެ ކަމަށް އެވޭލާ ޒަމާނުގައި ފިކުރުކޮށްފައެއްވެސް ނުއޮވެދާނެއެވެ. ދިވެހި ސަގާފަތާ އެހާވެސް މިގޮވާލުންތަކާއި އަޑުތައް ބީރަށްޓެހީއެވެ. އެހެންކަމުން، ދިވެހި ޒުވާނުން މިކަމާ ތިބީ ހަމަ އަސްލުވެސް ވަރަށް ކަންބޮޑުވެފައެވެ.

ފަރާ ޕަންޑިތު ދެން ބުނެފައިވަނީ ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކަލާ މެދުވެސް ދިވެހި ޒުވާނުން ތިބީ ކަންބޮޑުވެފައެވެ. ތެދެކެވެ. ޒުވާނުން ތިބީ ވަރަށް ކަންބޮޑުވެފައެވެ. ދީނުގައި ހައްދު ފަހަނައަޅައި ނުދިއުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ ވަރަށް ބޮޑަށް އިންޒާރު ކުރައްވާ އަމުރުކުރައްވާފައެވެ. އެހެންކަމުން، ހައްދުފަހަނައަޅައި ދިއުމުގެ ނުރައްކަލާ މެދު ދިވެހި ޒުވާނުން ތިބީ ވަރަށް ކަންބޮޑުވެފައެވެ.

ނަމަވެސް، ފަރާގެ ނަޒަރުގައި ” ހައްދުފަހަނައަޅައި ދިއުން” ، މިލަފުޒު މާނަ ކުރުމުގައި ދިވެހި ޒުވާނުންނާ ތަފާތުތަކެއް ހުރެދާނެއެވެ. ފަރާ މާނަ ކުރާނީ އެމެރިކާ ސަރުކާރުން މާނަ ކުރާ ގޮތާ މެދު ޝައްކެއް ނެތެވެ. ސުވާލަކީ އެމެރިކާއިން ހައްދުފަހަނައަޅައި ދިއުން މާނަ ކުރަނީ ކޮންގޮތަކަށްތޯއެވެ؟ ސެޕްޓެމްބަރ 11 ގެ ހާދިސާއަށްފަހު، އެމެރިކާއިން ވަނީ ހައްދުފަހަނައަޅައި ދާ މީހުން ވަކިކުރާނެ މިންގަނޑުތަކެއް އެކުލަވާލާފައެވެ. ލިސްޓުގެ އެންމެ ކުރީގައި އޮތީ ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުން ކަމުގައެވެ. އެހެންކަމުން، ލިސްޓުގެ ދެން ހުރި ނަންބަރުތަކަށް ދިއުމުގެ ބޭނުމެއް ނެތެވެ.

ދީނުގައި ހައްދުފަހަނައަޅައި ދާ ގޮތާއި، ދީނުގެ ހައްދަކީ ކޮބައިކަން އިސްލާމްދީން ވަނީ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. ބަރަކް އޮބާމާއި ފަރާ ޕަންޑިތުގެ މިންގަނޑު ކުރުމަކަށް އަޅުގަނޑުމެން މުޙްތާޖުވެގެނެއް ނުވެއެވެ.

އަޅުގަނޑުގެ އަމިއްލަ ޚިޔާލާއި ފިކުރު މިތަނުގައި މާ ބޮޑަށް ފައުޅުކުރާކަށް ނެތީމެވެ. ނަމަވެސް ހަވީރަށް ޚިޔާލުފާޅުކޮށްފައި ހުރި ޒުވާނުންގެ ބައެއް ޚިޔާލުތައް ހިއްސާކޮށްލާނަމެވެ. އޭރުން ޒުވާނުން ބިރުގަނެ ކަންބޮޑުވަނީ ކޮންކަހަލަ އަޑުތަކަކާއި، ކޮންކަހަލަ ހައްދުފަހަނައަޅައި ދިއުމަކާ މެދުގައި ކަން އެނގިދާނެއެވެ. އެއީ ޒުވާނުންގެ ވިންދެވެ.

”  ދިވެހި ޒުވާނުންނަކީ މީގެކުރީގައި ރަސޫލާ ސޢވ ގެ ސުންނަތަކީ ހަމައެކަނި ނަމާދުގެ އިހުސުންނަތާއި ފަހުސުންނަތް ކަން ގަބޫލްކުރި ބައެކެވެ. ނަމަވެސް ދިވެހި ޒުވާނުން މިއަދު ދުނިޔޭގެ އެތައްމިތަނުން އިސްލާމްދީން ކިޔަވައިގެން ރާއްޖެއައިސް ދީނުގެ އެންމެހައި ކަންކަން ދިވެހިންނަށް ދަސްކޮށްދޭން ފޫގަޅައިގެންތިބި ބައެކެވެ. އިސްލާމްދީނަކީ އިންސާނުން ޖަނަވާރުންނާއި ތަފާތުކުރުވި ސިސްޓަމްކަން މިއަދުގެ މުސްލިމް ޒުވާނުންނަށް އޮޅުވާލަން މަސައްކަތްކުރަނީ ކްރިސްޓިއަނުންނާއި ޔަހޫދީންކަން އަދުގެ ޒުވާނުންނަށް އެނގެއެވެ.”

“ސެކިއުލަރިސަމް އާ އޭތިޒަމްއާ މެދު އަހެރެމެން ދިވެހި ޒުވާނުން މާ ކަންބޮޑު ވޭ.
އަހެރެމެން ބޭނުންވަނީ މުސްލިމުންގެ ގޮތުގައި ތިބެން، އަދި ކާބަފައިންގެ ޒަމާނުންސުރެ ވެސް އޮޅުންއަރާފައި އޮތް ކަމެއް ވެއްޖެޔާ އެކަން އިސްލާހު ކުރަން. 
އެކަމު މިހާރު މި އުޅޭ ދީން ގަބޫލު ނުކުރާ، ކަލަކު ގަބޫލު ނުކުރާ، ދީނާ ދިރިއުޅުމުގެ އެހެން ކަންކަން ވަކި ކުރާ ވިސްނުންދެކެ އަހެރެމެން މާ ކަންބޮޑު ވޭ.”

“ބަލަގަ އަޅުގަނޑުމެން ކަންބޮޑުވަނީ ތިބޭފުޅުން އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން ނައްތާލަން ވެގެން ތިހިންގާ އެކްސްޓްރީމިޒަމް އާދޭތެރޭ!!”

” ދިވެހިޒުވާނުންނޭ ކިޔާ ޖެނެރަލައިޒްކޮށްފައިމިވަނީ. ދިރާސާއެއްނިކަންކޮށްބަލަ ދިވެހި ޒުވާނުން ފިކުރުބޮޑުވަނީ ކޮންކަމަކުތޯ ހޯދަން. މާލެ އައިސް މީހަކުދައްކާ ދެތިން މީހުނާ ބަހެއްރައްދުކޮށްލާފަ ތިހެންނުބުނޭ. އަހަރެންމީ އަދި ޒުވާނެއް. އަހަރެން ކަންބޮޑުވަނީ ދިވެހިންގެ އަގީދާ ބަލިކަށިވާތީ، އިސްލާމްދީން ބޮޑަށް ދަސްކުރަން އުޅޭތީއެއްނޫން.”

” ތިޔަބުނާ އެކްސްޓްރީމިޒަމަކީ ދިވެހިންގެ ތެރެއިން ބައެއް މީހުން ހެދުން އެޅުމުގައި ހުޅަނގުގެ ފެށަން ދޫކޮށް މެދުއިރުމަތީގެ ފެށަނަށް ބަދަލު ކުރީމަ އައިސްގެން އުޅޭ ހީވުމެކެވެ. މިވާހަކައަކީ ދިވެހިންގެ ތެރެއިންވެސް ބައެއް މީހުން ހާއްސަކޮށް ހުޅަނގުގެ ވިސްނުން ގެންގުޅޭ މީހުންވެސް ދައްކާވާހަކައެކެވެ. އެމީހުން ބުނާގޮތުން މެދުއިރުމަތީގެ ފެށަނަކީ ދިވެހިންނާ ގުޅޭ ފެށަނެއް ނޫނެވެ. އެހެން ބުނާއިރު އެމީހުންނަށް ހީވެފައި އޮންނަނީ ހުޅަނގުގެ ފެށަނަކީ ދިވެހިންގެ ފެށަނެވެ. ނަމަވެސް މީގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދިވެހިންނާއި އެންމެ ގުޅޭނީ މެދުއިރުމަތީގެ ފެށަނެވެ. އެއީ ދިވެހިންނަކީ މުސްލިމުންނަށް ވީތީއެވެ. ހަމަހަމަ އުސޫލުން ބަލާކަމަށް ވަންޏާމުވެސް މެދުއިރުމަތީގެ ފެޝަނަށް ލޯބިކުރާމީހުންނަށް ހަޖޫޖެހޭނެ އެއްވެސް އުސޫލެއް ނޯންނާނެއެވެ. އެއީ އެމީހެއްގެ ޒާތީކަމެވެ. ތިމާއަށް ރީތިވަނީ ޖުއްބާ ލާފަ ބޮލުގައި ފަގުޑިގަނޑެއް އޮތީމަކަމަށް ވާނަމަ އަންހެނެއް ނަމަ ކަޅުކުލައިގެ ހިޖާބެއް ލާފަ ބުރުގާއެޅުން އެއީ އޭނައަށް ރީތިގޮތެވެ. އަނެއްކޮޅުން ހުޅަނގުގެ ވައްޓަފާޅިއަށް އުޅޭ މީހުން ބޭނުންވާނީ ފޫކޮޅުން ވެއްޓިފަ އޮންނަ ޖީންސެއް ލައިގެން އަންހެނެއްގެ ޖިންސީ ގުނަވަނެއް ހުންނަ ޓީޝާޓެއްލައިގެން އަންހެނެއްނަމަ އައުރަ ނިވާނުވާހާ ކުރުހެދުމެއް ލުމެވެ. މިފަދަ ކަންކަމަށް އެކްސްޓްރީމިޒަމޭ ކިޔަކަސް އަޅުގަނޑުމެން ދިވެހިން “ހާހެއް” ނުވެއެވެ. ނަމަވެސް ދިވެހިން “ހާސް”ވާ އެހެން ކަމެއް އެބައޮތެވެ. އެއީ ހުޅަނގެ ލާދީނީ ވައްޓަފާޅި މިގައުމުގައި ފަތުރަން މަސައްކަތް ކުރާތީއެވެ.”

މަތީގައި އެވަނީ އަޅުގަނޑު މި ލިޔުމާއިގެން ކުރިޔަށް ދިޔަ އިރު ހަވީރަށް ލިބިފައި ހުރި ބައެއް ޚިޔާލުތަކުން އަޅުގަނޑު ހޮވާލި ޚިޔާލުތަކެކެވެ. ނަމަވެސް، ދަންނަވާލަން އޮތީ، ހަވީރަށް ލިބިފައި ހުރި ހުރިހައި ޚިޔާލުތަކެއް ވެސް ހުރީ އެއް ރާގެއްގައެވެ. އެއްވެސް ޚިޔާލެއްގެ ރާގު ބަދަލުވެފައެއް ނެތެވެ.

ޚިޔާލު ފައުޅުކުރުން