އަންނަން އޮތް ބިރުވެރި ކަމެއްގެ ކޮޅުމަތި: ފުވައްމުލަކުގައި ދެ ފަޅު ރަށް އޮންނަ ކަމަށް ރައީސް ނަޝީދު ނިންމަވައި ޤަރާރު ކުރެއްވުން!

އިއްޔެ ހަވީރު ފުވައްމުލަކުގައި “ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ” މި ނަމުގައި ބޭއްވުނު ޖަލްސާގައި ރައީސް ނަޝީދު ވަނީ ފުވައްމުލަކު “ބިޅިފޭށި” ސަރަޙައްދާއި، “ތޫނޑު” ސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ޤަރާރު ކުރައްވާފައެވެ.

އަދި  ފަޅު ރަށުގައި ޓޫރިސްޓް ރިސޯޓް ބިނާ ކުރެވޭނެ ކަމަށާއި އެމަސައްކަތް މިއަންނަ ހަފުތާ ތެރޭގައި ސަރުކާރުން ފައްޓަވާނެ ކަމަށްވެސް ރައީސްވަނީ ޖަލްސާގައި ވިދާޅުވެފައެވެ. އަދި އެ ރިސޯޓުގެ މަސައްކަތް މިއަހަރު ނޮވެމްބަރު 11 އަށް ނިމޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާއަށްފަހު ފުވައްމުލަކު ރައްޔިތުންގެ ހިތު ތެރޭގައި ވަނީ ތަފާތު ޝުޢޫރުތަކެއް އުފެދިފައެވެ. ސަބަބަކީ ޒަމާނުއްސުރެ އެއް ރަށެއްގެ ގޮތުގައި އޮތް ފުވައްމުލައް އެކި އެކި ކަންކަމުގައި އެކި އެކި ރަށްތަކަކަށް ބަހާ ފޮތި ފޮތިކޮށްލެވުމުން ދާތީއެވެ. އެގޮތުން، ބޭއްވުނު ކައުންސިލް އިންޠިޚާބުތަކާ ގުޅިގެން އެރަށުގެ 8 އަވަށް ވަނީ 8 ރަށުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައެވެ. އަދި އިއްޔެ އެވަނީ އިތުރު ދެ ފަޅު ރަށް ވެސް އުފައްދާފައެވެ.

މިއާ ގުޅިގެން އޮންލައިން ނޫސްތަކުގައްޔާއި މަޝްހޫރު ފޭސްބުކުގައި ފުވައްމުލަކު ރައްޔިތުންނާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު އަޅުގަނޑު ކޮންމެވެސް ވަރަކަށް ދިރާސާކޮށްލީމެވެ. އެގޮތުން އަޅުގަނޑަށް ފާހަގަ ކުރެވިގެން ދިޔައީ މައިގަނޑު ތިން ކަމެކެވެ. ރައްޔިތުންގެ ޚިޔާލު ބެހިގެންވަނީ މައިގަނޑު ތިން ކަމަކަށެވެ.

އެއްބަޔަކު ބުނަމުން ދަނީ އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އެއްފަސްގަނޑެއްގެ ގޮތުގައި އޮވެ، އެއްބައެއްވަންތަކަން ދަމަހައްޓަމުން އަންނަ ބައެއް ކަމުގައެވެ. އެހެންކަމުން، ބައިބައިވެ އެކިއެކި ރަށްތަކުގެ ގޮތުގައި ފުވައްމުލަކު ސިފަވެ، އެގޮތަށް މުޢާމަލާތް ކުރެވިގެން ދިޔުމަކީ މިބައިމީހުން އެދޭ ގޮތެއް ނޫނެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލަކަށް ނުވަތަ ވޯޓަކަށް ސަރުކާރުން އަހަން ޖެހޭނެ ކަމަށްވެސް މިބައިމީހުން ބުނަމުން ދެއެވެ. ސަބަބަކީ ތިނަދޫގައި ރަށުގެ ނަން ބަދަލުކުރުމާ ބެހޭގޮތުން ސަރުކާރުން ވޯޓު ނަގަން ނިންމުމާ ގުޅިގެނެވެ. އެހެންކަމުން، ފުވައްމުލަކަށްވެސް ސަރުކާރުން އެފަދަ ބޮޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންގެ ޚިޔާލައި ފިކުރާއި ވިންދު ސަރުކާރުން ބެލުމަކީ ޑިމޮކްރަޓިކް އުސޫލެއް ކަމުގައި ވާތީއެވެ. ކޮންމެއަކަސް މިބައިމީހުންގެ ވާހަކަތަކަށް މިއަށްވުރެ ގިނައެވެ.

ދެވަނަ ޚިޔާލަކީ ހަމަ ޙަޤީޤަތުގައިވެސް ބިރުވެރި ޚިޔާލެކެވެ. އެއްބަޔަކު ތުހުމަތު ކުރަނީ ފަޅު ރަށެއްގެ ގޮތުގައި ފުވައްމުލަކުގެ ދެ ސަރަހައްދު ކަނޑައަޅުއްވާ އެގޮތަށް ހަމަޖެއްސުމަކީ އަންނާން އޮތް މަކަރުވެރި ބިރުވެރި ކަމެއްގެ ޢަލާމަތްކަމުގައެވެ. އެއީ ފަޅު ރަށްރަށުގައި ތަރައްޤީ ކުރެވޭ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ގެންގުޅުމުގެ ހުއްދަ އޮންނާނެތީއެވެ. އެހެންކަމުން، ރައީސް ނަޝީދުގެ މި ޤަރާރަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އެފަދަ ގޮތަކަށް ފަޅު ރަށް ކަމަށް ސަރަހައްދުތައް ކަނޑައެޅުއްވުމަށްފަހު ރަލާއި އޫރުމަހުގެ މުޢާމަލާތް އެތަންތަނުގައި ކުރުމުގެ ފުރުޞަތު ހުޅުވައިލުމަށް ސަރުކާރުން ފެއްޓެވި ކަމެއްގެ ގޮތުގައެވެ. އެހެނީ، ކުރީގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުން ވަނީ ޤާނޫނީ ގޮތުން މަނާކުރެވި، ރައްޔިތުންގެ މަޖިލީހުން އެކަމަށް ޤަރާރެއް ވެސް ފާސްކޮށްފައެވެ. ވުމާއެކު، ސަރުކާރުން އޭރު ވިސްނަމުން ދިޔަ ގޮތް ވަނީ މުޅިން ފޭލުވެފައެވެ. އެގޮތުން މިހާރު ލާމަރުކަޒީ އުޞޫލުން ސަރުކާރަށް ލިބޭ ބާރެއްގެ ދަށުން ކަމަށް ވިދާޅުވެ އެގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދު ފަޅު ރަށް ކަމުގައި ހިމަނުއްވައި އެތަންތަނުގައި ރިސޯޓު އެޅުއްވުމުން، ސަރުކާރުގެ ކުރީގެ ޕްލޭނަށް ކުރިއެރުން ލިބުނީއެވެ. މިއީ ފުވައްމުލަކުގައި ޤަރާރު ކުރެއްވި ޤަރާރުގެ ބޮޑު މަންޒަރުކަމަށް ގިނަ ރައްޔިތުންތަކެއް ދަނީ ފާޅުގައި ބުނަމުންނެވެ.

ކޮންމެއަކަސް ފުވައްމުލަކަށް ލިބިގެންވާ އެއް އަތޮޅެއްގެ އެއް ރަށެއްގެ ސިފަ ދެމި އޮތުމަށްވެސް ބޭނުންވާ ގިނަ ރައްޔިތުންތަކެއްގެ އެ ރަށުގައި މިކަމާ ދެކޮޅު ހަދަމުން އެބަ ދެއެވެ. އެބައިމީހުން ބުނަނީ މިއީ ރާއްޖޭގެ އެއްވެސް އަތޮޅަކަށް ލިބިގެންވާ ސިފައެއް ނޫން ކަމުގައެވެ. އެހެންކަމުން އެބައިމީހުން މިކަމަށް ފަޚުރުވެރިވާ ކަމަށެވެ. އަދި މި ސިފަ އެރަށުން ފުހެވިގެން ދިއުމަކީ އެބައިމީހުން ދުވަހަކުވެސް ތާޢީދު ކުރާނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ރައީސްގެ މިޤަރާރާ ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންގެ ހާސްކަން ވަނީ އިތުރުވެގެން ގޮސްފައެވެ. ނަމަވެސް، އެއާއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ސީދާ މިރަށަށް އައުމުގެ ކޮޅު މައްޗާ މެދުގައެވެ. މިއީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ކަންބޮޑުވެ ހާސްވާނެ ކަމެއްކަން ހަމަ ޔަގީނެވެ. އޮންލައިން ނޫސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން މިކަމާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ. ބައެއްމީހުން ސިފަ ކުރަނީ މިއީ ވަރަށްވެސް މަކަރުވެރި ޤަރާރެއް ކަމުގައެވެ.

އެހެންކަމުން، މި ގޮތަށް، މީހުން އުޅޭ ބޮޑެތި ރަށްތަކުން ފަޅު ރަށުގެ ގޮތުގައި ސަރަހައްދު ކަނޑައެޅި، ރިސޯޓު ތަރައްޤީ ކުރެވި، އޫރާއި ރަލުގެ މުޢާމަލާތު ކުރެވިގެން ދިއުމަކީ ޙަޤީޤަތުގައިވެސް ދީނީ އަދި އިޖްތިމާޢީ މައްސަލައެކެވެ. މިކަމަކީ އެންމެ ހަރުކަށި ގޮތުގައި މަނާ ކުރެވެން ޖެހޭ ކަމެކެވެ. އެގޮތުން އަޅުގަނޑު ގޮވާލަނީ ހުރިހައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކަށް މިކަމުގައި ރައްޔިތުންގެ އަޑު ސަރުކާރަށް ފޮނުއްވާ ދެއްވާށޭއެވެ. އަދި މިކަމުގައި ތިޔަބައިމީހުންނަށް އިޙްތިޖާޖް ކުރެވުނު އެންމެ ހަރުކަށި އިޙްތިޖާޖެއް ކުރައްވާ ދެއްވާށޭއެވެ.  

ޚިޔާލު ފައުޅުކުރުން