ދީނީ މިނިވަން ކަމަށް ގޮވާލުމުގެ ނަމުގައި، ކެހިވެރި ރޭވުމެއް!

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އެހެންކަމުން، ޤާނޫނީ ދުސްތޫރުގައި ޤާނޫނުތަކުގެ މަސްދަރަކީ އިސްލާމީ ޝަރީޢާކަމަށް ބުނެފައިވުމަކީ ހައިރާންވާން ޖެހޭފަދަ ކަމެއް ނޫނެވެ.

ނަމަވެސް ބަޔަކު މީހުން ހައިރާން ކުރުވައިފިކަން ކަށަވަރެވެ. އެހެންކަމުން، މިބައިމީހުންގެ 12 ވަރަކަށް މީހުންވަނީ ދީނީ މިނިވަން ކަމަށް ގޮވާލައި، ބަލިކަށި އެއްވުމެއް ބާއްވާފައެވެ. ޑިސެމްބަރ 10، 2011 ގައެވެ. ކުރީއްސުރެ ރާވައިގެން ބޭއްވުނު ޣައިރު ޤާނޫނީ މި އެއްވުން ބާއްވަން އުޅޭކަމެއް އިސްލާމްދީން ހިމާޔަތް ކުރުމަށް ހުވާކޮށްގެން ތިބި ފުލުހުންނާއި ސިފައިންނަކަށް “އެނގިފައި” ނުވެއެވެ. ވެގެން އުޅޭ ގޮތް ފުލުހުންނަށް ރޭކަލީ، ރައްޔިތުން ނުކުމެ، ލާދީނީ އެއްވުން އެއްވި މީހުންގެ ބޮލަށް އޮތްގާ އުކުމުންނެވެ.

ނަމަވެސް އެވާހަކަ ބާއްވާފައި، އަސްލު މައުޟޫއަށް ޖެހިލާނަމެވެ. އެގޮތުން މި އެއްވުމަކީ އެއްވެސް ހާލެއްގައި އެހެން ދީންތަކަށް މިނިވަންކަން ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވި އެއްވުމެއް ނޫނެވެ. ރަނގަޅެވެ. އެބައިމީހުންގެ މަޤްސަދުގެ ފެށުން އަންނަނީ އެހެން ދީންތަކަށް މި ޤައުމު ހުޅުވައިލެވިގެންނެވެ. އެހެން ދީންތަކަށް މި ޤައުމުގައި މިނިވަންކަން ދެވިގެންނެވެ.

މި މަކަރުވެރި އެއްވުން ބޭއްވުމުގެ ކުރިން މިކަމަށް އެބައިމީހުން ވަނީ ތައްޔާރުވެފައެވެ. މި ކަމުގެ އެންމެ އިސް ސަފުގައި ތިބީ، ސަރުކާރުގެ އެންމެ އެތެރާ ގުޅުން ބޮޑު ބައެކެވެ. މިބައިމީހުން މިކަން ކުރުމުގެ ކުރިން ވަނީ އެއްވުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ ކުޑަ ވީޑިއޯއެއް އާންމުކޮށްފައެވެ. އޭގައި ފުރަތަމަވެސް ބުނަނީ، “ތިޔަބައިމީހުންގެ ސުވަރުގެ ވަނީ މި ބިންމަތީގައެވެ” މިހެންނެވެ. އެހެންކަމުން، މިބައިމީހުންގެ މަޤްސަދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގިގެން ދެއެވެ.

ހަމައެހެންމެ، މި އެއްވުމުގެ އެންމެ ކުރީ ސަފުގައި ހުރީ ލިވާތު “ކުޅި” ޕްރޮމޯޓްކޮށް، އެ ފާހިޝް އަމަލު ކުރުމުގެ މިނިވަންކަމަށް ގޮވާލާ މަޝްހޫރު ހިއްލަތު ރަޝީދެވެ. މީނާއަކީ އަމިއްލަ ބްލޮގެއް ހިންގާ މީހެކެވެ. އިތުރު ތަޢާރަފެއް ނުދިނަސް ދީނީ އަދި ލާދީނީ މީހުންނަށް މީނާ އޮޅިފައެއް ނޯންނާއެވެ. އިންސާނުން އުފެދުނީ މަކުނުން ކަމަށް ދައުވާ ކުރާ ހިއްލަތަކީ އެއްވެސް ދީނެއް ޤަބޫލުކުރާ މީހެއް ނޫނެވެ. ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާ މުލްހިދެކެވެ. މިއީ އަޅުގަނޑު ކުރާ ތުހުމަތެއް ނޫނެވެ. މިއީ މީނާގެ ބްލޮގްގައި މީނާ އިޢްތިރާފުވެފައިވާ ކަންކަމެވެ.

ހުރިހާ ދީންތަކަކަށް މީނާ ފުރައްސާރަކޮށް އުޅެއެވެ. އަދި ދީންތަކަށް ތަބާވާ މީހުންނަށްވެސް ފުރައްސާރަ ކުރެއެވެ. ތެދެކެވެ. ވަކިން ޚާއްޞަކޮށް އިސްލާމްދީނަށް މީނާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މި އެއްވުމުގައި ބައިވެރިވި 12 މީހުންނަކީވެސް އެކިއެކި ފެންވަރުގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް އުޅުމުގައި އަރާތިބި ބަޔެކެވެ.

ދިވެހި ރައްޔިތުން މިކަމަށް ހޭއަރާ ތިބެން ޖެހޭނެއެވެ. މިއުޅެނީ ދީނީ މިނިވަންކަން ހޯދައިދޭކަށެއް ނޫނެވެ. މިއުޅެނީ އިންސާނުން އުފެއްދެވި ވެރި ﷲ ގެ އެންމެ ފަހުގެ ރިސާލަތު، މަތިވެރި އިސްލާމްދީނާ ޗެލެންޖްކޮށް ތަހައްދީ ކުރުމަށެވެ. މުސްލިމުންނަށް ގޮން ޖެހުމަށެވެ. ސަބަބަކީތޯއެވެ؟ ސަބަބަކީ އިސްލާމްދީނަކީ މިބައިގަނޑަށް އޮތް ބިރެކެވެ. ހަވާ ނަފްސުގެ އެދުންތަކަށް އަޅުވެތިވެފައިވާ ބަޔަކަށް އިސްލާމުންގެ ތެރޭގައި އުޅުމަށް އުދަނގޫވާނެއެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ ބަޔަކަށް އިސްލާމުންގެ ތެރޭގައި އުޅުމަށް އުދަނގޫވާނެއެވެ. ސުވަރުގެއަކީ މި ބިން ކަމަށް ނުވަތަ މި ފަނާވަނިވި ހަޔާތްކަމަށް ބަލައިގެންފި ބަޔަކަށް، އިސްލާމީ ޤައިދުތަކެއް ހުރި ޤައުމެއްގައި ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ.

މި އުޅެނީ އެއްޖިންސުގެ ގުޅުން ހިންގުމުގެ މިނިވަންކަން ހޯދުމަށެވެ. މިއުޅެނީ އާންމު ތަންތާނގައި ރާ ބުއިމުގެ މިނިވަންކަން ހޯދުމަށެވެ. މަޖީދީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ބިޔަރު ފުޅި ހިފާލާފަ ދިއުމުގެ މިނިވަންކަން ހޯދުމަށެވެ. ނައިޓް ކްލަބްތަކާއި ބާރ ތައް ވެރިރަށް މާލެއާއި ރާއްޖެތެރޭގައި އެޅުމުގެ މިނިވަންކަން ހޯދުމަށެވެ.  މި އުޅެނީ ޒިނޭ ކުރުމުގެ މިނިވަންކަން ހޯދުމަށެވެ. މިކަހަލަ މިބައިމީހުންގެ ހަވާ ނަފްސު އެދޭ ހުރިހާ ކަމެއް ކުރުމުގެ މިނިވަންކަން ހޯދުމަށެވެ. އެވެސް ޤާނޫނުގެ ބާރު ލިބިގެންނެވެ.

އިސްލާމްދީނަކީ މި ޤައުމުގެ ހަމައެކަނި ދީން ކަމުގައި އޮތްހާ ދުވަހަކު ޤާނޫނީ ބާރު ލިބުން އުދަނގޫ ވާނެއެވެ. އެކަން މިބައިމީހުންނަށް ވިސްނިއްޖެއެވެ. އެއީ ޤާނޫނީ އަސާސީ އިސްލާޙު ކުރި އިރު، ޤާނޫނު އަސާސީގެ މަސްދަރަކީ އިސްލާމީ ޝަރީޢާތް ކަމުގައި އޮތް ބާބު ނުހިމަނާވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެކަން ފެއިލުވީއެވެ.

އެހެންކަމުން، މި ދީބުގައި މިއޮތް އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްގެން މެނުވީ މިބައިމީހުންނަށް މިކަމެއް ވާކަށެއް ނެތެވެ. މިކަމުގެ އަޑީގައި ތިބީ ޢަލްމާނިއްތަށް ގޮވާލާ ބައިގަނޑަކާއި، ލިބަރަލް ޑިމޮކްރަސީއަށް ވަކާލާތު ކުރާ ބައިގަނޑަކާއި، ކަލަކު ވޮޑިގެން ނުވާ ކަމަށް ޤަބޫލުކުރާ ބައިގަނޑެކެވެ. ކުފުރުގެ މި މިއްލަތްތައް އެއްގަލަކަށް އަރައި އިސްލާމީ ވަހުދަތު މި ފަސްގަނޑުން ނައްތާލުމުގެ މަކަރުވެރި ރޭވުން ފެށިގެން އަންނަ ދޮރާށިތައް އަޅުގަނޑުމެންނަށް ރަނގަޅަށް އެނގެއެވެ. އެކަމުގެ އެކި އެކި މަރުހަލާތައް 11 ނޮވެމްބަރ 2008 އިން ފެށިގެން އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ.

އެހެންކަމުން، ދީނުގެ ހިމާޔަތުގައި ދިވެހި ރައްޔިތުންނަށް ތެދުވުމަށް ގޮވާލަމެވެ. ލާދީނީ ފިކުރުގެ އަހުލުވެރިންގެ ހިތްތަކުގައި މިހާރުވެސް ބިރުވެރިކަން އުފެދިއްޖެކަން ކަށަވަރެވެ. ބަހާއި އަމަލުން އެކަން ދަނީ ސާބިތުވަމުންނެވެ. 23 ޑިސެމްބަރ 2011 އަކީ އެބައިމީހުންގެ ފައިދަށުން ބިންގަނޑު ކަހައިގެން ދާ ދުވަހަކަށް ހަދަމާތޯއެވެ.

ޚިޔާލު ފައުޅުކުރުން