ﷲ ގެ ގެކޮޅުތަކުގައި އެކަލާނގެ ދީނަށް ގޮވައިލުމަށް ހުރަސް ނާޅާށެވެ.

އަޅުގަނޑު ގަލަމުގެ ހަރަކާތް ކެނޑިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ނަމަވެސް މިއަދު ގަލަން އުފުލާލަން އަޅުގަނޑަށް މަޖުބޫރުކުރުވީ ފެތުރެމުންދާ ޚަބަރަކުންނެވެ. އަޅުގަނޑު ވެސް އެ ރަށަކަށް ނިސްބަތްވާ ފުވައްމުލަކުގެ މިސްކިތެއްގައި ދަރުސް ދިނުމަށް އެއަވަށުގެ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުންދާ ޚަބަރުންނެވެ.

އަވަށު ކައުންސިލަރަކު ވިދާޅުވާ ގޮތުގައި، މިސްކިތްތައް ބަލަހައްޓަނީ އެބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުންގެ ބެލުމުގެ ދަށުން ހިންގާ ތަންތަނުގައި ދަރުސްދޭން ޖެހޭނީ އެބޭފުޅުންގެ ހުއްދައާ އެކީގައެވެ. ނަމަވެސް، އޭނަގެ ފޭސްބުކު އަކައުންޓުގައި މަލާމާތުގެ ރާގެއްގައި ވިދާޅުވެފައިވަނީ، ” ޠާލިބާނުން އުޅެނީ އެއަވަށުގައި ތޯރާ ބޯރާ ހަދަން ހުއްދަ ނުދީގެން ކަމަށެވެ.”  

އެކަމާ ދެކޮޅަށް މުޒާހަރާ ކުރި ރައްޔިތުން ވިދާޅުވަނީ ރަށު އެހެން މިސްކިތްތަކުގައިވެސް ދަރުސް ޕޮރްްގުރާމު ކުރިއަށް ގެންދެވިފައިވާއިރު އެ މިސްކިތްތަކުގައި ދަރުސް ދިނުމަށް ހުއްދަ ނަގަން ޖެހިފައިވާ ނުވާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މި މިސްކިތުގައި ދަރުސް ދިނުމާ މެދު އަވަށު ކައުންސިލުން ދެކޮޅު ހަދަމުން ދާކަމަށެވެ.

ދެފަރާތުގެ ވާހަކަތައް ހުރީ މިދެންނެވި ބީދައިންނެވެ.

ކައުންސިލުތަކުން ދަންނަން ޖެހޭނެ ކަމެއް އެބައޮތެވެ. މިސްކިތްތަކަކީ މާތް ﷲ ގެ ގެކޮޅުތައް ކަމެވެ. އަދި މިސްކިތްތައް ބިނާ ކުރެވެނީ ހަމައެކަނި ނަމާދު ކުރުމަށް ނޫން ކަމެވެ. އިސްލާމްދީނުގައި މިސްކިތްތައް ބިނާ ކުރެވެނީ ނަމާދު ކުރުމާއި، މާތް ﷲ އަށް ޒިކުރު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޤުރުއާން ކިޔަވައިދިނުމާއި، އަދި ދަރުސް ދިނުން ފަދަ ދީނީ މުހިންމު ކަންތައްތައް ކުރުމަށެވެ. އިސްލާމްދީނުގައި މިސްކިތުގެ “މެންޑޭޓުގައި” ދަރުސް ދިނުން ވަނީ ހިމަނުއްވާފައެވެ.

އެހެންކަމުން އެއްވެސް ޙާލެއްގައި ﷲ ގެ ގެކޮޅަކީ، އަލިމަސް ކާނިވަލާއި، އުސް ފަސްގަނޑާއި، ދަރުބާރުގެއާއި، އިޖުތިމާޢީ މަރުކަޒުތަކާއި، ސްކޫލްތަކުގެ ހޯލުތަކާއި އެއްފަދަ ކޮށްގެން ވާނެ ތަނެއް ނޫނެވެ.

ރަނގަޅެވެ. މިސްކިތްތަކުގައި ދަރުސް ދޭން އަންނަ މީހަކީ، އިސްލާމީ ވުޒާރާއިން ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހެއްތޯ ނުވަތަ ނޫންތޯ ކައުންސިލުން ބަލައި ކަށަވަރު ކުރަންވާނެއެވެ. އަދި އެއީ ދީނީ ވަޢުޡާއި ދަރުސް ދިނުމުގެ ހުއްދަ އޮތް މީހެއްނަމަ، އެމީހަކަށް މަގު ތަނަވަސްކޮށްދިނުމަކީ ކައުންސިލުގެ ވާޖިބެކެވެ. ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ.

އެހެންކަމުން ހުއްދަ ދިނުމާއި ނުދިނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫނެވެ. ކައުންސިލުގެ ޒިންމާއަކީ މިސްކިތުގެ “މެންޑޭޓް”ތަކަށް މަގު ތަނަވަސްކޮށްދިނުމެވެ. އެކަމަށް ހުރަސް އެޅުމެއް ނޫނެވެ.

ދެން ހެދިދާނެ އެހެން ގޮތެއް އެބައޮތެވެ. މިސްކިތްތަކުގައި ދަރުސް އިންތިޒާމު ކުރާ ފަރާތްތަކުން، އެބޭފުޅުން ދަރުސް އިންތިޒާމު ކުރާ ވާހަކަ ކައުންސިލަށް ދަންނަވަން ޖެހޭ ގޮތަށް އޮތުމެވެ. އެއަށްވެސް ހުއްދައަށް އެދުމޭ ކިޔައިގެން ނުވާނެއެވެ. އެއީ ހަމައެކަނި ދަންނަވާލުމެކެވެ. އޭރުން ދަރުސް ދެނީ ކާކުކަން އެބޭފުޅުންނަށް އެނގިލައްވާނެއެވެ.

ރަށު ކައުންސިލަރުންނަށް އަޅުގަނޑު ގޮވައިލަނީ މާތް ﷲ އަށް ބިރުވެތިވުމަށެވެ. އެކަލާނގެ ދީނަށް ހުރަސް ނޭޅުމަށެވެ. ނޭނގި ތިބެގެން އެކަލާނގެ މަގަށް ހުރަސް އެޅުމަކީ ހަލާކުގެ ތެރެއަށް ވެއްޓިގަތުމެވެ. ﷲ ގެ ދީނުގެ ކަންކަމަށް ރައްޔިތުންނަށް ހިތްވަރުދީ އެކަންކަމަށް މަގު ތަނަވަސްކޮށްދިނުމަށެވެ. އެއީ ތިޔަ ބޭފުޅުންގެ ކޮނޑުގައި މިއަދު އެޅިފައިވާ ޒިންމާއެކެވެ. އަމާނާތެކެވެ. އެކަމަށް ފަރުވާތެރިވާށެވެ. ރައްކާތެރިވާށެވެ.

ޚިޔާލު ފައުޅުކުރުން