ބަދަލު އައީ ޢަދާލަތު ޕާޓީއަކަށް ނޫނެވެ!

ދިވެހިރާއްޖެއަށް ޕާޓީ ނިޒާމު ތަޢާރަފް ވުމާއެކު ޙިކްމަތްތެރި ދިވެހި ޢިލްމުވެރިންކޮޅެއް ފާޅުވިއެވެ. އިސްލާމްދީނާއި ދިވެހި މުސްލިމުންނަށް ދިމާވެދާނޭ ދަތިތަކަށް ވިސްނެވުމަށްފަހުއެވެ. އިސްލާމީ އުއްމަތުގެ ތާރީޚުން އެބޭކަލުންނަށް ވަނީ ފިލާވަޅުތަކެއް ލިބިފައިކަން ކަށަވަރެވެ.

އެހެނީ ޒަމާނީ ޑިމޮކްރަސީއޭ ކިޔައިގެން އިސްލާމީ ދަޢުލަތަކަށް އެނިޒާމު ވަދެއްޖެ ކޮންމެ ތަނަކުން ވަނީ އިސްލާމްދީނަށާއި މުސްލިމުންނަށް އެތަކެއް ގޯނާތަކެއް ކޮށްފައެވެ. އިސްލާމީ ޝަރީޢަތުގެ ބާރު ކަޑުވާލައި، ހަވާ ނަފްސަށް އުޅެވޭ ކަހަލަ މުޖުތަމަޢަކަށް އެތަންތަން ވަނީ ވެގެން ގޮސްފައެވެ.  

ޢަދާލަތު ޕާޓީ އުފެދިގެން އައީ ދިވެހިރާއްޖޭގައި މި ދެންނެވި ފަދަ މުޖުތަމަޢެއް އުފެދިދާނޭ ކަމުގެ ބިރުގައެވެ. އިސްލާމްދީން ނޫން އެހެން ދީންތަކަށް ފާޅުގައި ގޮވާލައި، އެހެން ދީންތަކަށް ދިވެހި ފަސްގަނޑުން ޖާގަ ލިބިގެން ހިނގައިދާނެތީއެވެ.

އެ ޢިލްމުވެރިންގެ ހިތުގައި މި ނުތަނަވަސްކަން އުފެދިގެން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ ބޮޑު އެއް ސަބަބަކީ، އޭރު ލިބަރަލް ޑިމޮކްރަސީއަކަށް ދަޢުވާކޮށް އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއް އުފެއްދި މީހުންގެ ފަތްފުށްތައް ރަނގަޅަށް އެނގޭތީއެވެ. އެބައިމީހުންގެ ފަހަތުން އައިސް ދިވެހި ޤައުމަށް ފޭދިގެން ހިނގައިދާނެ ލާދީނީ ފިކުރުތަކަކާ ހެދިއެވެ. އެހެންކަމުން، ޢަދާލަތު ޕާޓީ އުފެދިގެން އައީ މިދެންނެވި ފަރާތުން ދީނަށް ކުރިމަތިވެދާނޭ ނުރައްކާތެރިކަން މަތަކުރުމަށޭވެސް ބުނެވިދާނެއެވެ. ޢަދާލަތު ޕާޓީގެ އަލަތު ދުވަސްކޮޅުގެ ޖަލްސާތަކުން މިކަން ފާހަގަކުރެވިގެން ގޮސްފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް ޢަދާލަތުން ތާޢީދުކުރީވެސް، އެމްޑީޕީއާއި ޑީއާރުޕީގެ ފަރާތުން ހެވެއް ފެންނަން ނެތްތާނގައި އެދެބައިމީހުންގެ ފަރާތުން ދީނަށް ކުރިމަތިވެދާނޭ ގޮންޖެހުމަކަށް ވިސްނާފައިކަމަށް ބުނެވިދާނެއެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޤާސިމް އިބްރާހީމް ފެއިލުވުމުން، ޢަދާލަތު ޕާޓީއަށް، ދޭތިން އެކަތީގައި ހިފަން މަޖުބޫރުވި ކަހަލައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޢަދާލަތުން އެމްޑީޕީއާ ކޯލިޝަން ހެދީ، ގިނަގުނަ މަޝްވަރާތަކަކަށްފަހުއެވެ. އެ މަޝްވަރާތަކުން، ޢަދާލަތަށް ދީނީ ކަންކަމުގައި ފުރިހަމަ އިޚްތިޔާރު ލިބޭނެކަމަށް އެމްޑީޕީން ޔަޤީންކަން ދިނުމަކީ ޢަދާލަތަށް އެމްޑީޕީއަށް ތާއީދުކުރަން ލިބުނު ކާފީ ހިތްވަރެކެވެ. އަދި މިއީ ކުރިން އެމްޑީޕީއާ މެދު ދެކެމުން އައި ގޮތް ބަދަލުކުރަން ޢަދާލަތަށް ޖެހުނު ސަބަބެކޭވެސް ދެންނެވިދާނެއެވެ.

އަންނިއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުން، އެއްބަސްވެފައިވާ ގޮތުގެ މަތިން ޢަދާލަތަށް އިސްލާމީ މިނިސްޓްރީ ލިބުނެވެ.  ނަމަވެސް މިނިސްޓްރީއެއް ލިބުނީ ހަމައެކަނި ހުކުރު ޚުޠުބާ ތައްޔާރު ކުރުމާއި، މިސްކިތްތަކަށް އިމާމުން ލުމާއި، ޒަކާތް ނެގުމާއި ބެހުމާއި، މިހެން ގޮސް އަރިމަތީ ބައެއް ކަންކަން ކުރުމަށެވެ. ދީނީ ގޮތުން، ވެރިކަމުގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމުގައި އިސްލާމީ މިނިސްޓަރު ދެއްވާ ބަސްފުޅެއް، ރައުޔެއް ވިކޭގޮތެއް ނުވިއެވެ. ވެރިކަމުގައި ހުރެ އަންނި ދިޔައީ އޭނައަށް ކުރަން ފެނުނު ކޮންމެ ކަމެއް ކުރަމުންނެވެ. ދީނާ ޚިލާފުކަމެއް ވިޔަސް މެއެވެ.

ވެރިކަމުގެ ކުރިން އޭނާ ދަޢުވާ ކުރަމުން އައި ލިބަރަލް ޑިމޮކްރަސީ (ދިވެހި ޤާނޫނު އަސާސީންވެސް ތަންނުދޭ ކުފުރުގެ ޑިމޮކްރަސީ) ތަންފީޒުކުރަން ރެއާއި ދުވާލު އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، މަޢުހަދާއި ޢަރަބިއްޔާއަށް ދަތިކުރަން ފެށިއެވެ. އިސްލާމް މާއްދާއަކީ އިޚްތިޔާރީ މާއްދާއަކަށް ހަދަން މަސައްކަތްކުރިއެވެ. މަތި އޮމާން ކުރުމުގެ ގޮތުން، ދިވެހި މާއްދާވެސް އޭގެ ތެރޭގައި ހިމެނިއެވެ. ބޭރު ދުނިޔެއަށް ދިވެހިރާއްޖެއަކީ ލިބަރަލް ޑިމޮކްރަސީއެއް ކަމުގައި ދައްކަން އިޒްރާއިލާ ގުޅުން ޤާއިމުކުރަން ޖެހުނެއެވެ.

ޢަދާލަތު ޕާޓީގެ ބާރުއޮތް އިސްލާމީ މިނިސްޓްރީން މިހުރިހާ ކަމަކާ ދެކޮޅު ހަދަމުން ދިޔައީ ކެއްތެރިކަމާއެކުގައެވެ. ބައެއް ފަހަރު، މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު އިދިކޮޅު ފަރާތްތަކާއެކު މަގުމަތީގައި މިކަންކަމާ ދެކޮޅަށް މުޒާހަރާ ކުރައްވާފައި އެބަހުއްޓެވެ. މިއީ މެންދުރުގެ އިރު ފެންނަ ފަދައިން ސާފު މައްސަލައެކެވެ. މިނިސްޓްރީއަކަށް، ޢަދާލަތަކަށް ދީނީ ކަންކަމުގައި ބާރެއް ނެތެވެ. އޭގެ ބަދަލުގައި ކުރިން ޢަދާލަތުން އެމްޑީޕީއާއި މެދު ދެކެމުން އައި  ނަޒަރުގެ ޞައްޙަކަން ފާޅުވެގެން ދިޔައީއެވެ.

އެއްވެސް ކުރިއެރުމެއް ނުލިބުމުން ޢަދާލަތުން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލީވެސް ދީނަށްޓަކައޭ ބުނެވިދާނެއެވެ. މި މަރުހަލާގައި ޢަދާލަތުގެ ބައެއް އިސްވެރިންގެ ޚިޔާލު ތަފާތުވެގެން ގޮސްފައިވީ ނަމަވެސް ޙަޤީޤަތަކީ ޢަދާލަތަށް އަންނިގެ ލާދީނީ ސިޔާސަތުތަކަށް ކެތްނުކުރެވުނީއެވެ.

ބަދަލު އައީ ޢަދާލަތު ޕާޓީއަކަށް ނޫނެވެ. ބަދަލު އައީ ދިވެހި މުސްލިމް ރައްޔިތުންނަށް ދަޅަތަކެއް ދެއްކުމަށްފަހު ތަހުތަށް އިސްވި ޕާޓީގެ އިސްވެރިންނަށެވެ. އަދި އެބައިމީހުން ޖެހިހާ ލަވަޔަކަށް ނަށަމުން މުޅި ރަށު ތެރޭގައި ހިނގާ އެބައިމީހުންގެ ސަޕޯޓަރުންނަށެވެ. ދިވެހި ތާރީޚް ދުށް ޙަޤީޤަތަކީ، 7 ފެބްރުއަރީ 2012 ގައި އެބައިމީހުންގެ ވެރިކަން ވެއްޓިގެން ދިޔައީ އަމިއްލައިން ހެދުނު ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމެވެ.

ޢަދާލަތު ޕާޓީ ވުޖޫދަށް އައީ އިސްލާމްދީނަަށްޓަކައެވެ. އަދި މިހާރުވެސް ޢަދާލަތު އޮތީ އެގޮތުގައެވެ. އެހެންކަމުން، ބަދަލު އައީ ޢަދާލަތަކަށް ނޫނެވެ. ބަދަލު އައީ އިސްލާމުންގެ ނަމުގައި ދިވެހި ފަސްގަނޑުގައި އުޅޭ ބައެއް ދިވެހިންނަށެވެ. މާތް ﷲ ގެ ޝަރީޢަތަށް ކުޑައިމީސް ބަސްބުނެ އުޅުނު މީހާއަށް ތާޢީދުކޮށް އޭނާގެ ދިފާޢުގައި ވަކާލާތު ކުރާ މުސްލިމުންގެ ނަމުގައި ތިބި ބައެއް ދިވެހިންނަށެވެ.

ޚިޔާލު ފައުޅުކުރުން