އަހަރެންގެ ބައިވެރިވުން، ދަރިވަރުގެ ކުރިއެރުން

ދިރާސީ އައު އަހަރުގެ ޝިޢާރަކަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސިޢާރަކީ ” އަހަރެންގެ ބައިވެރިވުން، ދަރިވަރުގެ ކުރިއެރުން” މި ޝިޢާރެވެ. ވަރަށް ވެސް މުހިންމު ޝިޢާރެކެވެ.

އިސްލާމީ ޤައުމަކަށް ބަލާފައި، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖު ބިނާވެފައިވަނީ ބެލެނިވެރިންނަށް އިތުރު މަސައްކަތެއް ކުރަން ޖެހޭ ފަދަ ގޮތަކަށެވެ. ތަޢުލީމީ މަންހަޖުގައި އިސްލާމްދީނަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ދެވިފައެއް ނުވެއޭ ދެންނެވުމަކީ މުޅިން ދޮގަކަށް ނުވާނެއެވެ.

ހުރިހާ ސަމާލުކަމަކާއި އަހައްމިއްޔަތު ކަމެއް ދެވިފައިވަނީ، ދުނިޔެވީ ތަޢުލީމު ކުދިންނަށް ފޯރުކޮށް ދިނުމަށެވެ. ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ފިޔަވަޅު އެޅިފައިވާ ތަނެއް ނުފެނެއެވެ. ދީނީ ޢަޤީދާ ވަރުގަދަ ކުރުމަށް ޕްލޭން ތަކެއް ހެދިފައިވާ ތަނެއް ނުފެނެއެވެ. އަޚްލާޤީ މަތިވެރި ސިފަތައް ކުދިންނަށް ދަސްކޮށްދެވޭ ތަނެއް ނާދެއެވެ. ހިދާޔަތުގެ އަލިގަދަ ނޫރު، ކީރިތި ޤުރުއާން ކުދިންނަށް ކިޔަވައި ދިނުމުގެ އަހައްމިއްޔަތު ކަމެއް ދެވިފައެއް ނުވެއެވެ. ކުއްޖާ ނާސަރީއަށް ވެއްދުމާއެކު، ދުނިޔެވީ އެކިއެކި ކަންކަން ކުއްޖާއަށް ދަސްކޮށްދެވެއެވެ. ކަޕްލް ޑާންސްއާއި، މިޔުޒިކާއި ލަވަކިޔުމެވެ. ދުނިޔެއަށް ލޯބި ކުރުމާއި، ދުނިޔޭގައި އެއްވަނަ ހޯދުމުގެ ޢަޤީދާ ކުއްޖާއަށް ދަސްކޮށްދެވެއެވެ. ތަޢުލީމީ މަރުޙަލާ މުޅިންވެސް އަތުރާލެވިފައި ވަނީ މި ބީދައިންނެވެ.

މިއީ ހުޅަނގުގެ ތަޢުލީމާއި އިސްލާމީ ތަޢުލީމުގައި ހުރި ފަރެޤެވެ. ހުޅަނގުގެ ތަޢުލީމުގައި ޢަޤީދާއާއި ރިވެތި އަޚްލާޤް އެއީ ލާޒިމްކުރާ ކަމެއް ނޫނެވެ. ކުދިންނަށް ބުނެދެވެނީ ކުރިއަރައި ދިއުމަށެވެ. ތަރައްޤީއާއި ތަމައްދުނުގެ ގޮތުންނެވެ. އެހެންކަމުން، ޢުމްރާނީ ތަރައްޤީގައި ހުޅަނގު ކުރިއަރައިގެން ގޮސްފައި ވަނީ އަޅުގަނޑުމެން ކަހަލަ މެދުމިނުގެ ޤައުމަކަށް އަންދާޒާ ނުކުރެވޭ ހިސާބަށެވެ. ނަމަވެސް، އަޚްލާޤީ އެއްވެސް ކަންފުޅެއް ނެތެވެ. ހުޅަނގުގެ މުޖްތަމަޢުތަކުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑު ކަމަކަށް ނުވެއެވެ. ޒިނޭ ކުރުމަކީ މައްސަލައެއް ނޫނެވެ. މިއީ ހުޅަނގުގެ ބައެއް ޤައުމުތަކުގެ ޤާނޫނީ ދުސްތޫރުން އެވެރިންނަށް މަގުފަހިކޮށްފައިވާ ކަންކަމެވެ. އެހެންކަމުން، އަޚްލާޤީ ގޮތުން ހައިވާނުންނާ އެވެރިން އެއްފަދަ ވެފައިވެއެވެ. ތަފާތު ޖަރީމާތަކުގެ ހިސާބުތަކަކީ ލޮލުން ތަރިބުރައިގެން ދާވަރުގެ އަދަދުތަކެކެވެ. ޢައިލީ ގުޅުމެއް ނޯވެއެވެ. މުސްކުޅި މައިންބަފައިން ތިބެނީ އެކަނިމާ އެކަންޏެވެ. ދަރިން އުޅެނީ އެމީހުންގެ ދިރިއުޅުން އާރާސްތު ކުރާށެވެ. އެވެރިންގެ މުޖްތަމަޢުތައް ވެފައިވަނީ، ފަރުދީ މަންފާއަށްޓަކައި އެކަކު އަނެކަކުގެ ލޭ ބޮއެލަން ތައްޔާރަށް ތިބޭ އަފްރާދުންތަކެއް ދިރިއުޅޭ މުޖްތަމަޢުތަކަކަށެވެ. ދިރިއުޅުމުގެ ރުހާނީ ފަރާތް އެވެރިން އަތުން ވަނީ ގެއްލިގެން ގޮސްފައެވެ. މާއްދިއްޔަތަކީ އެވެރިންގެ އިލާހެވެ.

ތެދެކެވެ. މިހުރިހާ އުނި ސިފަތަކަކާއެކު ވެސް ޢުމްރާނީ ކުރިއެރުމުގައި އެވެރިންނަކީ ނަމޫނާ ބައެކެވެ. އެކަމާ އަޅުގަނޑު ދެކޮޅެއް ނަހަދަމެވެ. އެވެރިންގެ ތަޢުލީމާއި، ޒަމާނީ ހޯދުންތަކާއި، ޓެކްނޮލޯޖީއަކީ ކުރިއަރާފައިވާ ދާއިރާތަކެވެ. އެހެންކަމުން އެ މަންޖަހުތަކުން އަޅުގަނޑުމެންނަށް ފައިދާ ތަކެއް ހޯދި ދާނެއެވެ. ތަޖުރިބާތަކެއް ލިބި ގަނެވިދާނެއެވެ. ނަމަވެސް އެވަރުން ނުފުދޭނެއެވެ. އަޅުގަނޑުމެންނަކީ މާއްދިއްޔަތަށް އަޅުކަން ކުރާ ބައެއް ނޫނެވެ. އަޅުގަނޑުމެންނަކީ ހަމައެކަނި ދުނިޔެ ތަޢާމަރު ކުރާ ބައެއް ވެސް ނޫނެވެ. އަޅުގަނޑުމެންގެ މަޤްސަދު އެއަށްވުރެ ފުޅަލެވެ. އެއަށްވުރެ މަތިވެރިއެވެ. އެއީ ދެ ދުނިޔެ އާރާސްތު ކުރުމެވެ. އެއީ ދެދުނިޔެ ތަޢާމަރު ކުރުމެވެ. އެހެންކަމުން، އެވެރިންގެ މަންހަޖުތަކުން ފައިދާ ލިބިގަންނައިރު، ކުރަން ލާޒިމު އެހެން ކަމެއް އެބަ އޮތެވެ. އެއީ ދީނީ އަޚްލާޤީ ބައި، އޭގެތެރެއަށް ވައްދާލުމެވެ.

މިދެންނެވީ، އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާއިން ހުޅަނގުގެ މަންހަޖުތައް ދީނީ މިންގަނޑުން ތަހްލީލު ކުރުމެއް ނެތި، ނަކަލު ކުރަން އުޅޭ އުޅުމުގެ ވާހަކައެވެ. އޭގެ ސަބަބުން އިސްލާމްދީނުން ކަނޑައަޅާ ދީފައިވާ މަތިވެރި އަޚްލާޤީ މަންހަޖު ހަނދާންނެތިފައިވާ ވާހަކައެވެ. ނުވަތަ، އިސްލާމްދީނާ މެދު އެބޭފުޅުންގެ ތަސައްވަރު ބަލިކަށި ކަމުގެ ވާހަކައެވެ. ކޮންމެއަކަސް، އިސްލާމް ދިވެހި ދެ މާއްދާ އިޚްތިޔާރީ ކުރަން އުޅުނު އުޅުމަކީ މިކަމުގެ ދިރި ހުރި ހެއްކެކެވެ. ޤައުމެއް ކުރިއަރައި ދިއުމުގައި އަމިއްލަ ބަހާއި އަމިއްލަ ވަންތަކަމާއި، ޢަޤީދާއަކީ މުހިއްމު އެއްޗެއްކަން އެބޭފުޅުންނަށް ނުވިސްނި އޮތީކަމަށްވެސް ވެދާނެއެވެ.

ތަޢުލީމީ ދާއިރާ އޮތީ މި ދެންނެވި ގޮތަށެވެ. ދީނާ ދުރު މަންހަޖެއްގައެވެ. ދެން އޮތީ އަޅުގަނޑުމެން ބެލެނިވެރިންގެ ވާހަކައެވެ. ދިވެހިރާއްޖެ އަކީ އިސްލާމީ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ އިސްލާމީ ތަސައްވުރެއް ނޯވެއެވެ. ދީނީ ތަޢުލީމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތު ކަން ދަށެވެ. ސްކޫލްތަކުން ކުދިންގެ އަޚްލާޤާއި ޢަޤީދާ ވަރުގަދަ ކުރަން މަސައްކަތް ނުކުރާކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެކަމާ މެދު އަޅުގަނޑުމެން ދެރައެއް ނުވެއެވެ. އަދި ޝަކުވާއެއްވެސް ނުކުރަމެވެ. ޝަކުވާ ކުރަނީ ކުއްޖާ މަސްތުވާތަކެތީގެ ބޭނުން ކުރަން ފެށީމައެވެ. ޝަކުވާ ކުރަނީ، ކުއްޖާ އަޅުގަނޑުމެން މައިންބަފައިންގެ ކުރިމަތީގައި އަވަގުރާނާ ގޮވަން ފެށީމައެވެ. ނުވަތަ ކުއްޖާ ކޮންމެވެސް ނުބައި ޖަރީމާއެއްގައި ތާށިވުމުންނެވެ.

ނަމާދު ނުކުރާތީ ޝަކުވާ ކުރުމެއް ނޯވެއެވެ. ޤުރްއާން ކިލާހަށް ނުދާތީ ޝަކުވާ ކުރުމެއް ނޯވެއެވެ. އަޅުގަނޑުމެން ކުދިންނަށް މިސްކިތް ނުދައްކަމެވެ. އަޅުގަނޑުމެން ކުދިންނަށް ދައްކަނީ ޕްލޭ ސްޓޭޝަނެވެ. އަޅުގަނޑުމެން ކުދިންނަށް ޤުރުއާން ކިލާސް ނުދައްކަމެވެ. އަޅުގަނޑުމެން ދައްކަނީ ލަވަ މުބާރާތެވެ. މިއީ ސްކޫލުން ކުދިންނަށް ދެވޭ ތަޢުލީމުގެ އިތުރުން އަޅުގަނޑުމެން ދޭ ތަރުބިއްޔަތެވެ. ދީނާ ދުރު، އަޚްލާޤާއި ސުލޫކިއްޔާތެއް ނެތް ތަރުބިއްޔަތެވެ.

އަހަރެންގެ ބައިވެރިވުން، ދަރިވަރުގެ ކުރިއެރުން، މިއީ ހަމަ ވަރަށްވެސް އެކަށީގެންވާ ޝިިޢާރެކެވެ. އަޅުގަނޑުމެން ބެލެނިވެރިން އަޅުގަނޑުމެންގެ ދީނީ ވާޖިބު އަދާކުރަންވީއެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދީނީ ޢަޤީދާ ވަރުގަދަ ކުރަން މަސައްކަތް ކުރަންވީއެވެ. އެކުދިންނަށް ދީނީ މަތިވެރި އަޚްލާޤް ދަސްކޮށްދޭންވީއެވެ. ދީނީ ރުކުންތަކަށް ފުރިހަމަ ބޯ ލަބާ ކުދިންތަކަކަށް އެކުދިން ހަދަންވީއެވެ. ހަތް އަހަރު ފުރުމުން އެކުދިންނަށް މިސްކިތްތައް ދައްކަންވީއެވެ. އެންމެ ޅައިރުން ފަށައިގެންވެސް ރަނގަޅު ޤްރުއާން ކިލާސްތައް ދައްކަން ވީއެވެ. ގޭގައި އަޅުގަނޑުމެން އެކުދިންނަށް ނަމޫނާ ދައްކަން ވީއެވެ. ނަމާދު ކުރާ ތަން ދައްކަން ވީއެވެ. ރިވެތި ސްލޫކާއި އަޚްލާޤް ދައްކަން ވީއެވެ. ކުދިންގެ ސިކުނޑިއާ އެކަށީގެންވާ ގޮތެއްގެ މަތިން ދީނީ ދަރުސްތައް ދޭން ޖެހޭނެއެވެ. ދީނީ ވާހަކަތައް ކިޔައިދޭން ޖެހޭނެއެވެ. ޙަރާމް ޙަލާލް ބަޔާންކޮށްދޭން ޖެހޭނެއެވެ. މާތް ﷲ އީ ކޮން ފަރާތެއްކަން އަންގައިދޭން ޖެހޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމްއަށް ކިޔަމަން ގަތުމަކީ ކޮބައިކަން ބުނެދޭން ޖެހޭނެއެވެ. އަދި ސްކޫލުގައި ދިމާވާ ގޮންޖެހުންތަކާ އެކުދިން ކުރިމަތިލާނެ، ޙިކުމަތްތެރި ގޮތްތަކާއި، އެކުދިންގެ އުޅުން ބައްޓަން ކުރާނެ ގޮތް ބުނެދޭން ޖެހޭނެއެވެ.

އިސްލާމީ ޖީލެއް ބިނާ ކުރެވޭނީ، ބެލެނިވެރިންނަށެވެ. ބެލެނިވެރިންނަކީ އެންމެ ފުރަތަމަ ޓީޗަރެވެ. ކުދިންގެ ޙަޔާތަށް އެންމެ ބޮޑު އަސަރެއް ކުރުވާ ބަޔަކީ ބެލެނިވެރިންނެވެ. ތެދެކެވެ. މުޖުތަމަޢާއި، އެކުވެރިންނާއި، މުދައްރިސުން ވެސް ކުދިންގެ ސްލޫކިއްޔާތާއި އުޅުމަށް އަސަރުތަކެއް ގެނުވާނެއެވެ. އަދި ކިއެއްތަ، ކުދިންގެ ޢަޤީދާއަށްވެސް އަސަރު ކުރުވާނެއެވެ. ނަމަވެސް، ނުބައި އަސަރުތައް ފިލުވާލުމަށް ކުދިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ ބެލެނިވެރިންނަށެވެ.

ތަޢުލީމީ ދާއިރާގެ ހާލަތަށް ރިޢާޔަތްކޮށް “ދަރިވަރުގެ ކުރިއެރުމަށް، އަހަރެންގެ ބައިވެރިވުން” އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށް ދެކެމެވެ.

ޚިޔާލު ފައުޅުކުރުން