ދަރިންނަކީ ނިޢުމަތެއް

الحمد لله والصلاة والسلام على رسول الله وبعد ؛

ދަރިންނަކީ މާތް ﷲ އިންސާނާއަށް ދެއްވާ ނިޢުމަތެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ދަރިންގެ ނިޢުމަތަކީ ކޮބައިކަން ދަނެގަންނަން ބޭނުންނަމަ ދަރިން ނިޢުމަތުން މަހުރޫމުވެފައިވާ މީހެއްކައިރިން ސުވާލުކުރައްވާށެވެ. އަސަރާއެކު އެފަދަ މީހެއް އޭނަގެ އުދާސްތައް ކިޔައިދޭނެއެވެ.

މާތް ﷲ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ދަރިންދެއްވައެވެ. އަދި އިރާދަކުރައްވާ އަޅަކު އެކަމުން މަހުރޫމު ކުރައްވައެވެ. އެކަމަށް އިޝާރާތްކުރައްވާ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

(( لِّلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ )) / الشورى: 49-50

މާނައީ: (( އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ.49 ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ50)).

މި ދެ އާޔަތް ތަފްސީރުކުރައްވަމުން “އަލްމުޙަރިރުލް ވަޖީޒު” ގައި އިބްނު ޢަޠިއްޔާ رحمه الله ވިދާޅުވަނީ: ﷲ ސުބުޙާނަހޫ ވަތަޢާލާ މި އާޔަތުގައި (ދަރިންގެ ވާހަކަ ޒިކުރުކުރެއްވި ހިނދު) އަންހެން ދަރިން ފުރަތަމަ ގެންނެވީ އެކަނބަލުންނަށް ޝަރަފެއްގެ ގޮތުންނެވެ. އެ އަންހެން ދަރިންނާ ދޭތެރޭ ހެޔޮކޮށް ހިތައި އެކުދިންގެ ކަންތަކުގައި ފަރުވާތެރިވެ ރައްކައުތެރިވާންޖެހޭ މިންވަރު ބަޔާންކޮށްދެވުމުގެ ގޮތުންނެވެ.

އިޞްޙާޤު އިބްނު ބިޝްރު ވިދާޅުވެފައިވާ ގޮތުން، މި އާޔަތް ބާއްވައިލެއްވުނީ ނަބީބޭކަލުންނާ ބެހޭގޮތުންނެވެ. އަދި އެއަށްފަހު މިއާޔަތަކީ އެންމެންގެ މައްޗަށް ޢާންމު އާޔަތެއްގެ ގޮތުގައި ވިއެވެ. އެގޮތުން ދަރީން ލިބުމުގައި ހަތަރު ބަޔަކަށް ބެހިދާނެއެވެ:

  1. ލޫޠުގެފާނު: ލޫޠުގެފާނަށް ލިބިލެއްވީ މުޅިން އަންހެންދަރީންނެވެ. ފިރިހެން ކުއްޖަކު އެކަލޭގެފާނަށް ލިބިލައްވާފައެއް ނުވެއެވެ.
  2. އިބްރާހީމުގެފާނު: އިބްރާހީމްގެފާނަށް ލިބިލެއްވީ މުޅިން ފިރިހެން ދަރިންނެވެ. އަންހެން ދަރިއަކު އެކަލޭގެފާނަށް ލިބިލައްވާފައެެއް ނުވެއެވެ.
  3. މުޙައްމަދު (ޞައްލަﷲ ޢަލަހި ވަސައްލަމް): މުޙައްމަދުގެފާނަށް ދެ ވައްތަރުގެ ދަރީން ލިބިލެއްވިއެވެ.
  4. ޔަޙްޔާގެފާނު: ޔަޙްޔާގެފާނަށް ދަރިއަކު ލިބިނުލައްވައެވެ.

ދަރިންގެ ނިޢުމަތުގައި އެކި މީހުން ތަފާތުވެގެންވާކަން މިދެންނެވި ނަބީބޭކަލުންގެ ސިޔަރަތަށް ނަޒަރު ހިންގާލީމައި ދޭހަވެގެންދެއެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް އިލާހީ އެތަކެއް ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ. ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމަކީ، އެއީ ނިޢުމަތެއްކަމުގައި ވިޔަސް އަދި މުޞީބާތެއް ކަމުގައި ވިޔަސް، އެކަމުގައި އެކުލެވިގެންވާ އެންމެ ޢާންމު ޙިކުމަތަކީ، އެއީ އިމްތިޙާނެއް ކަމެވެ. އެގޮތުން ދަރިންގެ ނިޢުމަތަކީވެސް އިމްތިޙާނެއް ކަމާމެދު ޝައްކެއްނެތެވެ.

އެ ދަރިންނަކީ ރަނގަޅު ޞާލިޙު ބައެއްކަމުގައި އަޅުގަނޑުމެން ތަރުބިއްޔަތުކޮށްފިނަމަ، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަކީ ސުވަރުގެ ލިބޭ ބަޔަކު ކަމުގައިވެސް ވެދާނެއެވެ.

މާތް ﷲ އަޅުގަނޑުމެންގެ ދަރިންނަކީ ޞާލިޙު ބައެއްކަމުގައިލައްވާ އެދަރިންނަކީ އަޅުގަނޑުމެން ސުވަރުގެ ދިޔުމަށްޓަކައި މަގެއްކަމުގައި ލައްވާފާދޭއެވެ. އާމީން!

وصلى اللهم وسلم على نبينا محمد وعلى آله وصحبه والحمد لله رب العالمين

ޚިޔާލު ފައުޅުކުރުން