އޮރިޔާން ފޮޓޯ ލީކުކުރުމުގެ މައްސަލަ

އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމަޢުގައި މިހާރު އެންމެ ބޮޑަށް ފެތުރެމުންދާ އެއް މުންކަރާތަކީ އޮރިޔާން ފޮޓޯ ލީކުކުރުމުގެ މައްސަލައެވެ. ޒަމާނީ ޓެކްނޮލޮޖީ ކުރިއަރައި ދިއުމާގުޅިގެން ގިނަ ޒުވާނުން އަތުގައި ސްމާޓް ފޯނެއް އޮވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެ ފޯނުން ކުރަން ޖެހޭ ކަންތަކައްވުރެ ބޮޑަށް ކުރަން ނުޖެހޭ ކަންކަން ކުރުން ގިނަވުމެވެ. ޒުވާނުންގެ ވާހަކަ މިތަނުގައި ޚާއްޞަކުރިޔަސް، މި ވަބާގައި ހުރިހާ ފުރައެއްގެ މީހުން ޖެހޭކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޒުވާނުން މި ދަންމަޅީގައި ޖެހޭލެއް އަވަސްވެފައި ގިނައެވެ.

ކޮންމެއަކަސް، ޒުވާންކަމުގެ ޖޯޝުގައި އަމިއްލަ އޮރިޔާން ފޮޓޯ ނެގުމަށްފަހު، މިޒަމާނުގެ ބަހުންނަމަ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވަތަ އޮންލައިންކޮށް ދިމާވެ  ފާޙިޝް ވާހަކަ ދައްކާ  ހަދާ ނުދަންނަ މީހާއަށް އެ ފޮޓޯތައް ފޮނުވުމާއި، ވީޑިއޯ ޗެޓްކުރާއިރު އޮރިޔާންވުމާއި، އަދި ކުރަން ނުޖެހޭ ތަފާތު ގިނަގުނަ ފާހިޝްކަންތައް ކުރުން ވަނީ ޒުވާނުންގެ މެދުގައި ޢާންމުވެފައެވެ. ގިނަ ފަހަރަށް އެއްވެސް ވިސްނުމެއްނެތި މިހެން ކުރެވޭ ފާފައެއްގެ ހިތި ރަހަ، އާޚިރަތަށްވުރެ ކުރިން މިދުނިޔެ މަތީގައި ފެނިގެންދާގޮތް ބައެއް މުސްލިމު އަޚުންނާއި އުޚުތުންނަށް އެބަ ދިމާވެއެވެ. އެގޮތުން، އެ ފޮޓޯތައް ނުވަތަ ވީޑިއޯތައް ލީކު ކުރެވިގެންދާ ފަހަރު އެބައާދެއެވެ. އެކިއެކި ވެބްސައިޓުތަކާއި ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުގައެވެ.

ރަނގަޅެވެ. އެ މުސްލިމު އަޚާ/އުޚްތާއަށް ކުށެއް ކުރެވިއްޖެއެވެ. ނަމަވެސް، އޭނަގެ ކުށަށް ވުރެ، އެ ލީކު ކުރާ މީހާގެ ނުވަތަ އެ ލީކު ކުރާ ބައެއްގެ ކުށް ބޮޑެވެ. މިބައިމީހުން މިކުރާ ފާފައާއި ޖަރީމާ އެތައް ގުނައެއް ބޮޑެވެ. އެހެނީ، މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ، މުއުމިނުންގެ މެދުގައި ފާޙިޝްކަންތައް ފެތުރުމަށް ލޯބިކުރާ ބަޔަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ވޭންދެނިވި އަޒާބު ހުރިކަމަށެވެ. ނިކަން ބައްލަވާށެވެ. މިއީ ހަމައެކަނި ފާޙިޝް ކަންތައް ފެތުރި ދިޔުމަށް ލޯބިކޮށްފި ބަޔަކަށް މާތް ﷲ ދެއްވާފައިވާ އިންޒާރެވެ. ދެން ނިކަން ވިސްނަވާށެވެ. އެކަން ޢަމަލީގޮތުން ފަތުރައިފި ބައެއްގެ ހާލު ހުންނާނީ ކިހައި ހިސާބެއްގަައިތޯއެވެ؟

މުސްލިމު އަޚެއްގެ އައިބަކީ ފޮރުވަން ޖެހޭ އެއްޗެކެވެ. އޭނަގެ އަބުރާއި އިއްޒަތަކީ ޙުރުމަތް ލިބިގެންވާ އެއްޗެއްސެވެ. ޙުރުމަތްތެރިވެގެންވާ ކަޢުބަތުﷲ ގެފުޅާއި، ޙުރުމަތްތެރިވެގެންވާ މައްކާގެ މާތް ބިމާއި، ޙުރުމަތްތެރިވެގެންވާ ޙައްޖު ދުވަހަށްވުރެވެސް މުސްލިމުންގެ ލެއާއި ކަރާމަތާއި އަބުރާއި ޢިއްޒަތް ޙުރުމަތްތެރިވެގެންވާ ކަމަށް ޙައްޖަތުލް ވަދާޢުގައި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ މާތް ﷲ ހެކިކުރައްވައި ބަޔާންކޮށްދެއްވާފައެވެ. މުސްލިމު އަޚެއްގެ އައިބު ފޮރުވައިފި މީހަކުގެ އައިބު މާތް ﷲ ޤިޔާމަތް ދުވަހަކުން ފޮރުއްވައިދެއްވާނެ ކަމުގެ އުފާވެރި ޚަބަރު މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ވަނީ އުއްމަތަށް ދެއްވާފައެވެ.

ނަމަވެސް، ނިކަމެތި ބަލިކަށި މުސްލިމް އަޚަކަށް ނުވަތަ އުޚްތަކަށް ހެދޭ މިފަދަ ގޯހެއްގެ ނާޖާއިޒު ފައިދާ ނެގުމަށްފަހު، އެ މިސްކީނު ފަޟީޙަތްކޮށްލާއިރު މާތް ﷲ ގެ ގަދަފަދަ އަޒާބަކަށް އެފަދަ ބަޔަކު ބިރުވެތި ނުވަނީހެވެ؟

އަދި ހަމައެހެންމެ، އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދަނީ، މިފަދަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާއެކު، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު، އެ ފޮޓޯތަކަށް “ލައިކު” ދީ، “ޝެއަރ” ކޮށް، އެހެންމީހުން “ޓެގް” ކޮށް، އޭގައިވާ ނިކަމެތި އަޚާއަށް ބަދުބަސް ބުނެ، އެފަތުރަން ކުރާ މަސައްކަތް ފެނުމުންނެވެ. މިއީ އެއްވެސް ލަދެއް ޙަޔާތެއްނެތި، ޢާއިލީ މީހުންނާއި ރައްޓެހިންނަށްވެސް ފެންނަ ގޮތަށް ފޭސްބުކު ފަދަ މީޑިއަމްތަކުގައި ކުރަމުންދާ ކަމެކެވެ. އަޅުގަނޑުމެންގެ ލަދު ޙަޔާތް ކޮބައިތޯއެވެ؟ އިސްލާމްދީނުގެ އެންމެ ޚާއްޞަ އަޚްލާޤަކީ ލަދުޙަޔާތެވެ. އެކަމަކު މިފަދަ އެންމެ ލަދުހުތުރު ޢަމަލުތަކުގައިވެސް އަޅުގަނޑުމެންގެ ލަދުޙަޔާތެއް ނެތެވެ. ދެން އަޅުގަނޑުމެންގެ ލަދުޙަޔާތް ހުންނާނީ ކޮންކަމެއްގައިތޯއެވެ ހިތަށް އަރައެވެ.

މިފަދައިން މި ފޮޓޯތައް “ޝެއަރ” ކުރާ މީހުންނަކީ ޝައްކެއްނެތް ގޮތުގައި މި ލީކު ކުރި މީހުންގެ ބައިވެރިންނަށް ނޫނީ ނުވާނެއެވެ. ފާފައިގެ ބައިވެރިންނެވެ. އެ ފޮޓޯގައިވާ އަޚާއަށް މަލާމަތްކުރި އިރު، އޭނާ ކުރި ފާފައަށް ވުރެ މާ ބޮޑު ފާފައެއް މިބައިމީހުން މިތިބީ ކޮށްގެނެވެ. މަލާމާތް އެންމެ ޙައްޤުވެގެންވަނީ މިބައިމީހުންނަށެވެ. މާތް ﷲ ގެ ކޯފާއާއި މަލާއިކަތް ބޭކަލުންގެ ލަޢުނަތް އެންމެ ޙައްޤުވެގެންވަނީ މިބައިމީހުންނަށް ނޫންތޯއެވެ؟

މި ފޮޓޯ ނިސްބަތްވާ އަޚާ ނުވަތަ އުޚްތާ، އެކަމުން ތައުބާވުމުން މާތް ﷲ އޭނައަށް ތައުބާ ލެއްވުން ގާތްވެގެންވެއެވެ. ނަމަވެސް، މި ފޮޓޯ ލީކުކޮށް، މިފޮޓޯ ފަތުރާހެދި މީހުން އެކަމުން ތައުބާވި ކަމުގައި ވިޔަސް، އެބައިމީހުންގެ ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުތެއްގެ ތެރޭގައި، އެ ފޮޓޯގައިވާ އަޚާ/އުޚްތާގެ ހިތް ޙަލާލު ލިބުން ޝަރުތުކުރާކަމެއް މިބައިމީހުންނަކަށް ނޭނގެނީބާއެވެ؟ އަދިހަމައެހެންމެ، މިފޮޓޯ މީހުން ބަލައި ހަދާހާ ހިނދަކު، އެކަން ފެތުރި މީހުން ކަށްވަޅުގައި އޮތަސް، އެމީހުންގެ ވައަތު ފަތަށް މި ފާފަ އިތުރުވަމުންދާނެ ކަމެއް ނޭނގެނީބާއެވެ؟ ކޮޅުނެތް ކޮޅަށް ބިރުވެރި ޖަރީމާއެކެވެ. މާތް ނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމް ޞަޙާބީ ބޭކަލުންނާ ސުވާލުކުރެއްވިއެވެ. އެންމެ ބޮޑު މުފްލިސަކީ (އެބަހީ: ބަގުރޫޓުވެފައިވާ މީހަކީ) ކޮބައިތޯއެވެ؟ އެބޭކަލުން ޖަވާބުދެއްވިއެވެ. އެއީ ދީނާރެއް ދިރުހަމެއް އެމީހެއްގެ އަތުގައި ނެތް މީހާއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. އެހެނެއް ނޫނެވެ. އެއީ ޤިޔާމަތް ދުވަހުން ވަރަށް ގިނަ ހެޔޮ ކަންތަކާއިގެން އަންނަ މީހާއެވެ. ނަމަވެސް، އޭނަ އެހެންމީހުންގެ ޙައްޤުތަކަށް އަރަފައިވުމުން، އެބައިމީހުންގެ ޙައްޤުތައް އަދާކުރުމުގައި އޭނަގެ ހުރިހާ ހެޔޮކަމެއް ހުސްވެ، އަނެކާގެ ނުބައި ކަންތައް ބޮލުގައި އަޅައިގެން ނަރަކައަށް ދާންޖެހެނު މީހާއެވެ.

އަޅުގަނޑުގެ އެދުމަކީ، މި ލިޔުން ކިޔާ ކޮންމެ މީހަކުވެސް ވީހާވެސް ގިނަ ބަޔަކަށް މިލިޔުން ފޯރުކޮށްދީ، އަޅުގަނޑުމެންގެ މުޖުތަމަޢުން މިވަބާ މުލުން ލުހެލުމަށް މަސައްކަތްކޮށްދެއްވުމެވެ. މާތް ﷲ އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އިޞްލާޙުކުރައްވާށިއެވެ. އާމީން!

ޚިޔާލު ފައުޅުކުރުން

  • މީހުންނަށް އޮރިޔާން ފޮޓޯ ނޫނީ އޮރިޔާން ވީޑިއޯ ނުފޮނުވުން ބޮޑަށް ބުއްދިވެރި. ލީކުކުރާމީހުންވެސް ލީކުކުރުމުގެ ކުރިން އެނެއް މީހާއާމެދު ވިސްނާުލުން ބުއްދިވެރި.