އެމްޑީއެން ފިކުރަކީ ހަމައެކަނި ކަރުދާސްކޮޅުގައި އޮތް އެއްޗެއްތޯ؟

ޤައުމީ ދުވަހުގެ މުނާސަބަތު ފާހަނގަކުރުމަށް ސަރުކާރުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.

” އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ ޢަޤީދާ، އަޅުގަނޑުމެންނާ ވަކިކޮށްލެވޭ ވަރަށްވުރެ، އަޅުގަނޑުމެންގެ އީމާންތެރިކަން މާ ވަރުގަދަ.”

ތެދުފުޅެކެވެ. ބައެއް މީހުންގެ ޢަޤީދާ ވަރަށް ވަރުގަދަ ވެދާނެއެވެ. އަދި ސާފު ޢަޤީދާއާ ފުށުއަރާ އެއްޗެއް ގަނޑުކޮޅެއްގައި ލިޔެވިފައި އޮތަސް، އެބަޔަކަށް މާ ބޮޑު އަސަރެއްވެސް ނުކޮށްފާނެއެވެ. ނަމަވެސް ސުވާލަކީ، އެންމެން އެއްފަދަ ތޯއެވެ. ޝައްކެއްނެތް ގޮތުގައި އެންމެން އެއްފަދައެއް ނޫނެވެ. އިސްލާމީ މުޖުތަމަޢެއްގައި، ކަރުދާހުގައިވެސް ލިޔެވޭނެ އެއްޗެއްސާއި، ނުލިޔެވޭނެ އެއްޗެހި ހުންނާނެއެވެ. އެކަންކަން ވާނީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކުގައިވެސް ބަޔާންވެފައެވެ. އަދި، ޚާއްޞަކޮށް، މުސްލިމުންގެ ޢަޤީދާއަށް ކުރަފި އަރުވަން، ހީލަތްތެރިކަމާއެކު، މުސްލިމުންގެ ލިބާހުގައި ތިބި ބަޔަކަށް އެފަދަ ފުރުޞަތެއް ދީގެން ނުވާނެއެވެ. ޤާނޫނާއި ޤަވާޢިދުގައި އޮތް އެންމެ ހަރުކަށި ފިޔަވަޅު އެބަޔަކާމެދު އެޅުއްވުމަކީ ޙާކިމާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

އެންމެނަކީ، ޢަޤީދާގައި ރައީސުލްޖުމްހޫރިއްޔާ ފަދަ މީހުން ކަމަށް ބެލުމަކީ ވެސް ގޯހެކެވެ. އެހެނީ، ފާއިތުވެ ދިޔަ ތަނުގައި، މަދަރުސީ މަންހަޖުތަކުގައި އިސްލާމްދީނުގެ ޢަޤީދާއަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެވުމުގެ ސަބަބުން މި ޤައުމުގައި ވަނީ ދީނީ ޢަޤީދާ އާއި އަޚްލާޤިއްޔާތު ބަލިކަށިވެފައެވެ. ތެދެކެވެ. ކިތަންމެ ބަލިކަށި ވިޔަސް، މާތް ﷲ އާއި އެ އިލާހުގެ ދީނާއި، އެ އިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް ޞަރީޙަކޮށް ފުރައްސާރަ ބަޔަކުކޮށްފިނަމަ، މަދު ނޫން، ގާތްގަނޑަކަށް ހުރިހާ ދިވެހިންގެ ލޭ ކެކިގަންނަން ކަމީވެސް ޙަޤީޤަތެކެވެ. އެއިން އެނގިގެން ދަނީ، ދިވެހިންގެ ހިތުގައި އިސްލާމްދީނަށް އޮތް ލޯތްބަކީ ވަރަށް ވަރުގަދަ ލޯތްބެއް ކަމެވެ. އެއީ ވަރަށް ރަނގަޅު ނިޝާނެކެވެ. އެކަން މިދަނީ އެމްޑީއެން މައްސަލާގައި ވެސް ފެންނަމުންނެވެ. މިހައި ތަނަށް، 141 ކައުންސިލް އިދާރާއިން ވަނީ އެމްޑީއެން އާ ދެކޮޅަށް ނޫސް ބަޔާން ނެރެފައެވެ. އެތަކެއް ރަށެއްގައި ވަނީ ޞުލްޙަވެރި އިޙުތިޖާޖުކޮށް، އެބައިމީހުންނަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ހަމައެހެންމެ، އެބައެއްގެ ހިތަށް އަސަރު ނުކުރާ މަދު ބަޔަކު ތިބި ކަމީވެސް ތެދެކެވެ. އެއިގެ ބަދަލުގައި އެމްޑީއެން ގެ ދިފާޢުގައި ނުކުމެފައި އެބަ ތިއްބެވެ. އެބަޔަކު އެމްޑީއެންގެ ދިފާޢުގައި ބަޔާންވެސް ނެރެފިއެވެ. އެމްޑީއެން މައްސަލައަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަަށް ބުނަމުން އެބަ ދެއެވެ. އަދި، އެމްޑީއެން އާ މެދު ފިޔަވަޅުވެސް އަޅަން ނުކެރިގެން އެބަ އުޅެއެވެ. އެފަދަ ބައެއްގެ ހިތުގައި އިސްލާމްދީނާއި މާތް ނަބިއްޔާ صلى الله عليه وسلم އަށް އޮތީ ކޮން ލޯތްބެއް ކަމާމެދު ސުވާލުވެސް އުފެދެއެވެ. އަދި އެފަދަ ބައެއްގެ ޢަޤީދާވެސް ހަމަ އެހައި ވަރުގަދައީތޯއެވެ؟

ނަމަވެސް މިހުރިހާ ވާހަކައެއް ބާއްވާފައި، އަސްލު މައުޟޫޢަށް އެނބުރިލަމާ ހިނގާށެވެ. އެމްޑީއެން ފިކުރަކީ، ކަރުދާސްކޮޅުގައި އޮތް ފިކުރެއް ނޫނެވެ. އެ ފިކުރަކީ، ވަރަށް ނުފޫޒު ގަދަ ބަޔަކު ގެންގުޅެމުންދާ ފިކުރެކެވެ.

އެމްޑީއެން ގެ ދިފާޢުގައި، ނުސީދާ ގޮތެއްގައި ދައްކާ ވާހަކަ އަކީ، 2016 ގައި އެ ރިޕޯޓު ނުކުތުމުން، އެކަމާ ބަޔަކު ނުއުޅުނީ ކީއްވެގެންތޯއެވެ؟ އަދި ކުރީގެ ސަރުކާރުން އެކަމާ މާ ބޮޑު ފިޔަވަޅެއް ނުއެޅީ ކީއްވެގެންތޯއެވެ؟ ދިވެހިރާއްޖޭގެ ޢިލްމުވެރިން އެއިރު ކޮބައިތޯއެވެ؟ މިހާރު މިއީ ބޮޑު މައްސަލައަކަށް ހަދަންވީ ކީއްވެގެންތޯއެވެ؟

އެހެން ދިމާވާން މެދުވެރިވީ ކީއްވެގެން ކަމާމެދު، އަޅުގަނޑުގެ ދެ ވިސްނުމެއް އެބަ އޮތެވެ. ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ، ދެ ސަބަބެއް އެބަ އޮތް ކަމަށް ބުނެވިދާނެއެވެ.

ފުރަތަމަ ސަބަބަކީ، އެމްޑީއެންގެ ރިޕޯޓެއް ނެރުނުކަން މާ ގިނަ ބަޔަކަށް އެނގިފައި ނެތުމެވެ. ޢާންމުކޮށް، މި ފިކުރުގެ މީހުންނަކީ، ބޭރު ދުނިޔެއިން ފަންޑު ހޯދައިގެން، ރާއްޖެ ބަދުނާމު ކުރުމަށް، ރާއްޖޭގައި އިންސާނީ ޙައްޤުތައް ނެތް ކަމާއި، ދީނީ މިނިވަންކަން ނެތްކަމާއި، މިއީ ހައްދުފަހަނައަޅާފައިވާ އިސްލާމުން އުޅޭ ޤައުމެއްކަމަށް ބުނެ، ބޭރު ދުނިޔޭގެ އެކަހަލަ ކަންކަމާ ބެހޭ ޖަމްޢިއްޔާތަކާއި، މަޖްލިސްތަކަށް ރިޕޯޓުތައް ހަދައި ހުށަހަޅާ ބައެކެވެ.

މި ރިޕޯޓަށް ބަލާއިރު، މި ރިޕޯޓުވެސް ހަދާފައި އޮތީ، ކެނެޑާގެ ކޮންމެވެސް ފަންޑަކުން ފަންޑު ނަގައިގެންނެވެ. އެހެންކަމުން، މި ރިޕޯޓު ރާއްޖޭގައި މާ ބޮޑަކަށް ހިނގާފައި ނުވެއެވެ. އަދި މިބައިމީހުންނާ މެދު، ރައްޔިތުންގެ މާ ބޮޑު ސަމާލުކަމެއްވެސް އެއިރަކު ނެތެވެ. އެހެނީ، ރާއްޖޭގެ ސިޔާސީ މަސްރަޙު އެއިރު އޮތީ ކޯޅުމެއްގެ ތެރޭގައެވެ. ފުލު ފުލުގައި ދިޔައީ ރާއްޖޭގެ ސިޔާސީ މައިދާނަށް ތަފާތު ބަދަލުތައް އަންނަމުންނެވެ. ރައްޔިތުން އެންމެން ތިބީ އެކަމުގެ ފޯރީގައެވެ. މުޒާހަރާ ކުރުމާއި، ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ހުރިހާ ރައްޔިތުންނެއްހެން ތިބީ މަޝްޣޫލުވެފައެވެ. ވުމާއެކު، އެމްޑީއެން ކިޔާ ޖަމްޢިއްޔާއެއް އެބަ އުޅޭ ކަމެއްވެސް ގިނަ ބަޔަކަށް ނޭނގެއެވެ. އެހެންކަމުން، އެބަޔަކު ރިޕޯޓެއް ނެރެގެން އުޅޭކަން ދެން އެނގޭނީ އަދި މާފަހުންނެއް ނޫންތޯއެވެ؟ މިއީ ތެދެއްކަން، އެބައިމީހުންގެ ފޭސްބުކްފޭޖު ބަލައިލި ކޮންމެ މީހަކަށް ޔަޤީންވާނެއެވެ. އަދި، އެބުނާ ރިޕޯޓެއް ނެރުނު ކަން އެޖަމްޢިއްޔާގެ ފޭސްބުކް ފޭޖުގައި  ހިއްސާކޮށްފައިވާ ޕޯސްޓަށް ދެތިން މީހެއްގެ “ލައިކް” ނޫނީ ލިބިފައެއް ނުވެއެވެ.

ދެވަނަ ސަބަބެއްކަމަށް އަޅުގަނޑަށް ފެންނަނީ، އެބައިމީހުންނަކީ، ރައީސް ޔާމިނުގެ ސަރުކާރުގައި، މާ ބޮޑު ބާރަކާއި ނުފޫޒެއް ދެވިފައިވާ ބައެއް ނޫން ކަމެވެ. އެއިރު، އެބައިމީހުންނާއި އެބައިމީހުންގެ ފިކުރުގެ މީހުން ތިބީ އެކަހެރި ކުރެވިފައެވެ. އެބައިމީހުން ނިސްބަތް ވަނީ އެއިރު ސަރުކާރާ އިދިކޮޅު ޕާޓީ އެމްޑީޕީ އަށެވެ. އެހެންކަމުން، އެއިރު އެބައިމީހުންގެ ކަމަކީ، ސަރުކާރުގެ ކަންކަމަށް ފާޑު ކިޔުމެވެ. އަދި، އެ ދުވަސްވަރު ޙުކުމްކޮށް، ޖަލަށް ލާފައި ތިބި މީހުންގެ ވަކާލާތު، ބޭރު ދުނިޔޭގައި ކުރުމެވެ. ޔޫރަޕިއަން ޔޫނިއަން އާއި، ބައިނަލްއަޤްވާމީ ހިޔުމަން ރައިޓްސް ފޯރަމްތަކުގައި ދިވެހިރާއްޖެއަކީ، ޓެރަރިސްޓުންނާއި، ހައްދުފަހަނައަޅާފައިވާ މީހުންގެ ހާއްޔެއް ކަމާއި، ސަރުކާރުންވެސް ޤިސާސްގެ ޙައްދު ޤާއިމުު ކުރަން އުޅޭ ކަމަށާއި، ޒިނޭގެ ކުށް ސާބިތުވާ އަންހެނުން ޙައްދު ޖަހާ ކަމަށާއި، ސަރުކާރަކީ ހައްދުފަހަނައަޅާފައިވާ ދީނީ ފިކުރުގެ ސަރުކާރެއް ކަން ދިޔައީ އަންގައި ހާމަކުރަމުންނެވެ.

ނަމަވެސް، އޭރު ސަރުކާރުގެ ޕޮލިސީ ލެވެލް އާ ކައިރިއަށްވެސް މިބައިމީހުން ކައިރިކޮށްފައި ނުވެއެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި މިބައިމީހުން ބޭނުންވާ ގޮތަށް ޕޮލިސީ ހަދައިގެން މިބައިމީހުން ބޭނުން ގޮތަކަށް ރާއްޖޭގެ ކަންކަން ބައްޓަންކޮށް، ރާއްޖޭގެ ދީނަށް ކުރަފި އަރުވައި، ދީނީ ވަޙުދަތު ނަގައިލާ، ތަޢުލީމީ މަންހަޖު އިސްލާމްދީނާ ބީރައްޓެހި ކުރަން، މިބައިމީހުންނަށް ސަރުކާރު ތެރެއިން ފުރުޞަތު ދެވިފައި ނުވެއެވެ. މިބައިމީހުންގެ އުދަނގުލާއި، ނުރައްކާތެރިކަން އަންނަނީ، ސަރުކާރުގެ ތެރެއަށް ވަދެ ޕޮލިސީ ލެވެލްއާ ހަމައަށް ވާސިލުމުންނެވެ. ކަރުދާސްކޮޅުގައި މިބައިމީހުން ލިޔެފައިވާ ނަޖިސް ފިކުރު، ދިވެހިރާއްޖޭގައި ފަތުރަން ރަސްމީކޮށް ހުޅުވައިލެވުމުންނެވެ. އެކަން ޔާމިނު ސަރުކާރުގައި ވެފައި ނެތެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން މިއާ މުޅިން ޚިލާފެވެ. އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބުމާއެކު، މިބައިމީހުންނަށް ތަފާތު ޕޮލިސީ ލެވެލްގެ ވަޒީފާތައް ހަމަޖެހިއްޖެއެވެ. ރައީސްގެ އަރިހުގައި، ރައީސް އޮފީހުގައި މި ފިކުރުގެ މީހުން އެބަތިއްބެވެ. ޚުޠުބާއަށް “ހޮޓްބާ” ކިޔައި ފުރައްސާރަ ކުރަމުން އޭރު ދުވި މީހުންނަކީ މިހާރު ރާއްޖޭގެ މުސްތަޤްބަލު ކަނޑައަޅަން ތިބި މީހުންނެވެ. ރައީސްގެ ކައުންޓާ ޓެރަރިޒަމް އެޑްވައިޒަކީ، އެމްޑީއެން ގެ ޗެއާޕާސަން ނޫޝިން ވަޙީދެވެ. ޖަލު ކޮމިޓީގެ މެމްބަރަކަށް ޝަހިންދާއެވެ. ސްޕްރީމް ކޯޓުގެ ޖަޖަކަށް ނަން ފޮނުއްވައި، އައްޔަން ކުރެވިގެން ދިޔައީ އެމްޑީއެންގެ މުއައްސިސެއްގެ ނަމެވެ. ޕޮލިސް ކަމިޝަނަރަކަށް އައްޔަން ކުރެއްވީ، އެބައިމީހުންގެ ބޯޑުގެ މެމްބަރެކެވެ.

އެކަން ވާނީ ވެސް އެހެންތާއެވެ. އެއިގެ ތެރޭގައި ބައެއް މީހުންނަކީ، ރައީސާއި ނުވަތަ ރައީސްގެ އަނބިކަނބަލުންގެ ޢާއިލީ މީހުންނެވެ. ޅިޔަނުންނާއި، ބޮޑު ދައިތަގެ ދަރިންނާއި، ޒަމާންވީ އެކުވެރިންނެވެ. ޕާޓީ މީހުންނެވެ. އަދި، އެބައިމީހުންގެ ފިކުރަކީ ކޮބައިކަން، އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ރައީސަށް އެނގިލައްވާނެއެވެ.

އެހެންކަމުން، މި ރިޕޯޓުގެ މައްސަލަ ފެންމަތިވެގެން އައުމަށް މެދުވެރިވި އެއް ސަބަބުކަމަށް ވަނީ، އެބައިމީހުންނަށް މިފަދަ ބޮޑެތި ވަޒީފާތައް ހަމަޖެހިގެން ދިޔުމެވެ. އިސްލާމްދީނާއި މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައިވާ ބަޔަކަށް ދިވެހިރައްޔިތުންގެ ބައިތުލްމާލުން ބޮޑު މުސާރަ ދީފައި، ރައްޔިތުންގެ ދީން ފަސާދަކުުރުމަށް ދޫކޮށްލައިގެން ތިބުމަކީ ރައްޔިތުން އެދޭނެ ކަމެއް ނޫނެވެ. އަދި އެއީ ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ރުހިގެން ތިބޭނޭ ކަމެއް ނޫނެވެ. ވުމާއެކު، ރައްޔިތުންނާއި ދީނީ ޢިލްމުވެރިންނަށް މިބައިމީހުންގެ ޙަޤީޤަތް އެއްވެސް އޮޅުމެއް ނެތް މިންވަރަށް އެނގުނު އިރު، ކަމަކު ދާކަށް ނެތެވެ، މިބައިމީހުން މިތިބީ ސަރުކާރުގެ އެންމެ އެތެރޭގައެވެ. ރާއްޖޭގެ ދީނީ ވަޙުދަތާއި، ދީނީ ކަންކަމަށް މިބައިމީހުންގެ މި ފިކުރުގެ ނުބައި ވިހަ ލެވޭ ހިސާބުގައެވެ. ސަރުކާރުގެ އާރާއި ބާރާއި ނުފޫޒުގައެވެ. ދައުލަތުގެ އިއްޒަތާއި ޤަދަރާއި ސަލާމަތުގައެވެ.

ހުޅު ފަޅައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. އަދި، އެމްޑީއެން އާ ދެކޮޅަށް ޖަމާޢީކޮށް، އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، އެއްވެސް ޚިލާފަކަށް ބެލުމެއް ނެތި، އެންމެން އެއްބައިވެ، އެންމެން އެއް އަޑަކުން، އެބައިމީހުންނަށް ފިޔަވަޅު އަޅަން ގޮވައިލުމުގެ ސިއްރަކީ އެއީއެވެ.

އެހެންކަމުން، އެމްޑީއެން ފިކުރަކީ، ކަރުދާސްކޮޅެއްގައި އޮތް ފިކުރެއް ނޫނެވެ. އެ ފިކުރު ވަނީ ދައުލަތުގެ އެންމެ އެތެރެއަށް ފޭދިގެން ގޮސްފައެވެ. އެބުނާ، އަނދިރި ދައުލަތަކީ އެއީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ.

މިއަދު، ދިވެހި ރައްޔިތުން މި ފިކުރާ ދެކޮޅަށް ތެދުވެ، މި ފިކުރު މި ޤައުމުން ފައްސަައި ނުލައިފިނަމަ، ދިވެހިންގެ ދީނީ ވަޙްދަތާއި އެއްބައިވަންތަކަން މާދަން ކަފުން ކުރަން ޖެހުމަކީ ނުވެ ނުދާނޭ ކަމެކެވެ.

ޚިޔާލު ފައުޅުކުރުން