އަލްމަރްޙޫމު އައްޝައިޚް ޢުމަރު ޢީސާގެ ބަސްފުޅެއް (ޢިލްމުވެރިންނަށް ޚާއްޞަ…)

ޝެއިޚް ޢުމަރު ޢީސާގެ ކުރު ތަޢާރަފެއް؛

ޝެއިޚް ޢުމަރު ޢީސާގެ (ޢިސާ ކަލޭގެފާނުގެ ދޮންމަނިކުގެ) ބައްޕާފުޅަކީ ގުޅީ ޢަލީކަލޭގެފާނުގެ ޢީސާކަލޭގެފާނެވެ. މަންމާފުޅަކީ، ރަންފުޅުގޭ ދޮންމަނިކެވެ. ޝެއިޚް ކިޔަވާވިދާޅުވީ މިޞްރުންނެވެ.

ޝައިޚް ޢުމަރު ޢީސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، މީލާދީ ސަނަތުން 1916 ވަނަ އަހަރު މާލޭގައެވެ. އަވަހާރަވީ 10 އޮކްޓޯބަރ 1988 ގައި، ޢުމުރުފުޅުން 72 އަހަރުގައެވެ.

ޝައިޚު ޢުމަރު ޢީސާ އަކީ، ދިވެހި ދީބަށް އުފެދުނު، މޮޅު ޢިލްމުވެރިއެކެވެ. މޮޅު އަދީބެކެވެ. މޮޅު ޅެންވެރިއެއްވެސް މެއެވެ. ތަފާތު ގިނަ ރޮނގުރޮނގުން ފޮތް ލިޔުއްވައި، ތަރުޖަމާ ކުރެއްވި މޮޅު ލިޔުންތެރިއެކެވެ. ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި ދުނިޔޭގެ ވަރަށް ގިނަ ބަސްބަހަށް ތަރުޖަމާ ކުރެވިފައިވާ މަޝްހޫރު ފޮތެއް ކަމަށްވާ “ކަލީލާ އާއި ދިމްނާ” ހިމެނެއެވެ. މިފޮތް ޝެއިޚް ތަރުޖަމާ ކުރެއްވީ ޢުމުރުން 24 ހަކަށް އަހަރުގައެވެ.

މި ލިޔުމުގައި މި ހިމަނާލަނީ، އައްޝެއިޚް ޢުމަރު ޢީސާގެ ލިޔުއްވާފައިވާ ” ތަޖްރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ” މަޒުމޫނުން ނަގާފައިވާ ބައިތަކެކެވެ. ޢިލްމުވެރިންނާ މުޚާޠަބުކުރައްވާ ލިޔުއްވާފައިވާ ބައިތަކެވެ. ނަމަވެސް، އެ މަޒުމޫނަކީ، ޢިބުރަތުން ފުރިގެންވާ ތަފާތު ގިނަގުނަ ވާހަކަތަކެއް، ތަފާތު ގިނަގުނަ ދާއިރާތަކަކަށް ނިސްބަތްކުރައްވާ ޢުމަރު ޢީސާ ލިޔުއްވާފައިވާ މޮޅު ލިޔުއްވުމެކެވެ. އެ މަޒުމޫނު އެއްކޮށް ވިދާޅުވާން ބޭނުންވާ ބޭފުޅަކަށް “ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް” 7 އަދި 8 ވަނަ ޢަދަދުން ވިދާޅުވެވެން ހުންނާނެއެވެ.

މާތް ﷲ ޝައިޚް ޢުމަރު ޢީސާއަށް ހެޔޮ ޖަޒާ ދެއްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

ލިޔުން؛

(( ޝައްކެއްނެތެވެ. މާތް ރަސޫލާ ގޮވައިލެއްވީ އޭގައި ހިފައިފި ބަޔަކަށް، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން މަޖުބޫރުވާ ގޮވާލެއްވުންތަކެކެވެ. އެގޮވާލެއްވި ގޮވާލެއްވުމުގައި ވަރަށްވެސް ގިނަ ބަޔަކަށް ތެދު މަގުގައި ހިފުނެވެ. ދެން އެކަލޭގެފާނު އަސާސީ ޤާނޫނެއް ކަނލާގެ ޙަޟްރަތުން ގެންނަވައިފައި، އޭގައި ހިފާން އިސްލާމުންގެ އުއްމަތްތަކަށް ގޮވާލުމާއި ވަކި ބަޔަކާއި ޚާއްޞަކޮށް ހަވާލު ކުރައްވާފައި ވަޑައިގަތީއެވެ. އެކަމުގެ މަސްއޫލިއްޔަތު އެޅުއްވީ ދަންނަބޭކަލުންގެ ކޮނޑުގައެވެ. އެއުރެންނަށް އެމަސްއޫލިއްޔަތު ހިންގެވުމުގައި ދުނިޔެވީ ގޮތުން ދަތި އުދަނގޫތައް އުފުލަން ޖެހޭނެތީވެ، އޭގެ ބަދަލުގައި، އެއުރެންނަށް ވަރަށް މަތީ މަޤާމުތަކެއް ދެއްވައި، ޤިޔާމަތް ދުވަހުން، ވާޖިބު އަދާކުޅަ ކޮންމެ ޢިލްމުވެރިޔަކީ ނަބީބޭކަލުންނާއި ޖެހިގެން ސަފުގާ ހުންނާނޭ މީހަކު ކަން އެންގެވިއެވެ.

ފަހެ، އެއުރެންނަކީ، އެބެއިކަލުންގެ ވާރުތަވެރީންނެވެ. އިސްލާމްދީނުގެ މުރުޝިދުންނެވެ. އިސްލާމީ ލަޝްކަރުތަކުގެ ލީޑަރުންނެވެ. ޢިލްމީ ޤުލްޝަންތަކުގެ ބާޣުބާނުންނެވެ. ޢަމުރު މަޢުރޫފު ކުރުމާއި، މުންކަރާތު ނަހީކުރުމުގެ އަމީރުންނެވެ. އެއުރެންނަކީ، މާތް ރަސްކަލާނގެ ބާވައިލެއްވި ގޮތާއި ޚިލާފަށް ދުލާއި، އަތްފައިން ޢަމަލުނުކުރާ މީހުންނެވެ. މާތް ކަލާނގެ ޝަރީޢަތުގައި އޮތް މަގުން ނޫނީ ޙުކުމް ނުކުރާ މީހުންނެވެ. ސީދާ ރާސްތާއިން، އެއްކިބާވާ ކޮންމެ ކަމެއްގައި، އެކަން ސީދާކޮށް، ތެދުމަގަށް އަޅުވައިލުމުގައި، އެއްވެސް ފަރާތަކަށް ލަދެއް ބިރެއް ނުގަންނަ، ހިތްވަރުގެ ވެރިންނެވެ. ޖިހާދު ކުރުމުގައި ފަސްޖެހިލުމެއްނެތި، ހައްތާމެ ކުރިޔަށް ގެންގޮސް ގެންގޮސް ތިބޭ ތެދުވެރީންނެވެ. އެއީ މާތް ރަސްކަލާނގެ ދީން ރައްކައުތެރިކޮށް، އެދުންވެރިންގެ އެދުންތަކުން، މަކަރުވެރީންގެ މަކަރުތަކުން، ދުޝްމިނުންގެ ވިހަތަކުން، އަނިޔާވެރިންގެ އަނިޔާތަކުން، ޖާހިލުންގެ އަނދިރިތަކުން، އެދީން ސަލާމަތްކޮށް ބަލައިލި ކޮންމެ ދިމާއަކުން އޮތް ގޮތަށް ރީތިކޮށް އަލިކޮށް، ފެންނާނޭ ހެން ބޭއްވޭތޯ ހިތުންނާއި، ދުލުން ޢަމަލުންނާއި ބާރުން، އިރުޝާދުންނާއި، ނަޞީޙަތުން، ވަޢުޡުންނާއި، ތަޤްރީރުން ފިސާރި ކެރިގެން ތިބެ ޢަމަލުކުރާން މަޖުބޫރުވެފައި ތިބި ބައެކެވެ. އެއުރެންނަކަށް ޙަޤީޤަތުގައި، އެ މަސްއޫލިއްޔަތުން ބަޗައި ގަނެވޭނޭ އެއްވެސް މަގެއް ނެތެވެ.

އާޚިރަތުގެ ނިޢުމަތް ބަރުބާދުކޮށްލައިފައި، ދުނިޔޭގެ މި ދޯހަޅި ޙަޔާތް އަތުލައިގަތުމަކީ، ގެއްލެނިވެގެންވާ ވިޔަފާރިއެއްކަން އެންމެ ބޮޑަށް އެނގޭނީވެސް އެ އުރެންނަށެވެ. ކިތަންމެ ބަލައިގެން އުޅުނަސް މިދުނިޔެއަކީ، އަމާންކަން ލިބޭނޭ ތަނެއް ނޫންކަން އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީވެސް އެއުރެންނަށެވެ.

ޢިލްމުވެރީންގެ ވާޖިބަކީ، މާތް ރަސްކަލާނގެ ދެއްވި ޛަޚީރާތަށް އަމާނާތްތެރިވުމެވެ. ލިބިފައިހުރި ޢިލްމުތަކުން ޢަމަލުކުރުމެވެ. ތިމާ އެއިން އިޞްލާޙު ވެގަތުމާއެކު އެހެން މީހުން އިޞްލާޙު ކުރުމެވެ. އޭގެ ބާރުގައި، އޭގެ ނޫރުގައި، ދީން ކުރިއަރުވައި މުޖުތަމަޢުތަކުގައި ހުރި ބަލިތައް ފިލުވައިލުމެވެ. ޤައުމާއި އުއްމަތަށްޓަކައި އޭގެ ޒަރީޢާއިން ޖިހާދު ކުރުމެވެ.

އެއްވެސް އޮޅުމެއް ނެތެވެ. އިސްލާމީ މުޖުތަމަޢުތައް މުޅިން ވެއްޓިގެން ގޮސްފައި މިއޮންނަ އިރު އަލުން ނެގެހެއްޓުމުގައި އެންމެ މަސްއޫލިއްޔަތު ބޮޑު ބަޔަކީ، ދަންނަ ބޭކަލުންނާއި ޢިލްމުވެރީންނެވެ. “ތިމާގެ ގެއާއި މިސްކިތާއިއެވެ!” މިހެން ބުނެލާފައި، ދުނިޔޭގެ ދޯހަޅި އުފަލަކަށް ހަމަޖެހިލައިގެން ތިއްބަކަސް ކަލާނގެ ޙަޟްރަތުގައި ދައްކާނޭ އެއްވެސް އުޒުރެއް ނޯންނާނެއެވެ.

މިހާރަކަށް އައިސް ޢިލްމުވެރީންނަށް އެނގިގެން ތިބެމެ ހިނގަމުން މިދާ މުންކަރާތްތައް ދޫކޮށްލުމަށް އިސްލާމީ އުއްމަތްތަކުގައި، އެކީ އެކައްޗަކަށް ގޮވާނުލައި، ތިބެނީ ކީއްވެގެން ބާވައޭ ހީވެއެވެ. އެ ގޮވާލުމެއް ގޮވައިލާން އެބަލަނީ ކޮން އިރަކުން އަންނާނޭ، ކޮން ފުރުޞަތެއް އޮތީ ބާވައެވެ.

އެއްވެސް ޒަމާނެއްގައި އިންސާނީ މުޖުތަމަޢުގައި ވަކި ހިއްޕާލާފައި ހުރި ނުބައިކަމެއް ދޫކޮށްލުމަށް ގޮވާލުމަކީ، ފަސޭހަކަމަކަށް ވެފައެއް ނެތެވެ. އެބާވަތުގެ ދަޢުވަތަކާއިގެން ތެދުވެއްޖިއްޔަކާއި، އެ ތެދުވި މީހަކީ، ހަނގުރާމަ ވެރިއަކު ފަދައިން ނުރައްކަައުތަކާއި ކުރިމަތިލާ މީހަކު ކަމުގައި ނޫނީ ނުވެއެވެ. ހިފިފައި ހުންނަ ނުބައި އާދަތަކާއި ރޫޙާނީ ބަލިތަކަކީ މީހުންގެ ޣަރީޒާތާއި އެކުލަވައިގެން ގޮސް އޭގެ ބައެއް ކަމުގައި ވެފައި ހުންނަން ކަންތަކެވެ. އެބާވަތުގެ ކަންތަކެކޭ މީހުންގެ ފުރާނަ އާއި އެކުވެފައި ހުންނަ ޢަޤީދާތަކެކޭ އެއްގޮތެވެ. މިލްކުގައިވާ އަގުހުރި މުދާތައް މީހަކު ދޫކޮށްފާވެސް ހިފެހެއްޓޭތޯ ބަލާނީ، އެކުވެފައި ހުންނަ ޢަޤީދާތަކުގައެވެ. އިންސާނުންނަކީ، އެއުރެން އެއަށް ވިކި ހޭދަވެފައި ހުންނަ ޢަޤީދާއަށްޓަކައި ލޭ އޮހޮރުވަ އޮހޮރުވާ ތިބޭ ބައެކެވެ. މަރަށް ބިރުން ޢަޤީދާ ދޫކޮށްލުމީ، ނާދިރު ކަމެކެވެ. ދުނިޔޭގަައި ފެށޭހައި ހަނގުރާމައެއް ފެށިފައި އޮންނާނީވެސް، އެކުވެފައި ހުންނަ ޢަޤީދާތަކަށް ޤުރުބާންވުމުގެ މަގުންނެވެ.

ކަން މިހެން ހުރި އިރު، ބައެއްގައި އަށަގެންފައި އޮތް ޟަލާލަތެއް (މަގުފުރެދުމެއް)، ދޫކޮށްލުމަށް ގޮވާލާ މީހާގެ މައުޤިފަކީ ކޮބައިތޯއެވެ؟ ހަނގުރާމައިގެ ތެރޭގައި ކަނޑި ހިފައިގެން ދުވާ އޮފިސަރަކަށްވުރެ ތެދުމަށް ގޮވަމުން އިރުޝާދުތަކެއް ކުރިމަތި ކުރާ މުޖާހިދެއްގެ މައުޤިފާ ސަހަލެއް ނުވާނެއެވެ. މީހުންގެ ފުރާނަތައް ވަކިކޮށްލުމަކަށްވުރެ އެއުރެންގެ ފުރާނަތަކާއި، އެކުވެފައި ހުރި ޠަބީޢަތާއި، އާދަ އާއި، ޣަރީޒާތާއި، އެއުރެންނާއި ވަކި ކޮށްލުމެއް ފަސޭހައެއް ނުވާނެއެވެ. ކޮންމެ ޤައުމެއްގައިވެސް ތެދުމަގަށް ގޮވާލާ މީހުންނަކީ، އެ ޤައުމެއްގައި އެދުންވެރީންގެ ދުޝްމަނުން ކަމުގައި ނޫނީ ނުވަނީ މިހެން ވެގެންނެވެ.

އަޅުގަނޑުމެންގެ އުއްމަތުގެ ދަންނަބޭކަލުންނާއި، ޢިލްމުވެރީންނަކީ، މާތް ރަސްކަލާނގެ މަތިވެރިކުރައްވައި، އެހެންބަޔަކަށް ނުދެއްވާފަދަ އިމްތިޔާޒުތަކެއް ދެއްވުމުން ޚާއްޞަކުރައްވައިފައި ތިބި ބައެކެވެ. އެއުރެންނަށް މާތްރަސްކަލާނގެ އަންގަވައިފައި ވަނީ، އެކަލާނގެ މަގުގައި، ޙައްޤަށްޓަކައި، ޖިހާދުކުރަމުން، ދެއްވި އިއްޒަތްތެރި ހަތިޔާރުން އިސްލާމްދީން އޮތް ގޮތަށް މަކަރުނަހަދައި ފައުޅުކުރަމުން، އެދީނަށްޓަކައި އަމިއްލަ އެދުންތަކާއި ފިޑިކަން ދޫކޮށްލައި، މަސްއޫލިއްޔަތު ކޮނޑު އަޅައިގެން ތިބެ ހިއްމަތްކުރާށެވެ. އެކަމުގައި އުފުލާންޖެހޭ މުޞީބާތަށާއި، އުދަގޫތަކަށް ކުރިމަތިލައިފިއްޔާއި ދެއްވާނޭ ޘަވާބުވަނީ އެއުރެންނަށް ސާފުކޮށް އަންގަވައިފައެވެ. ހަމަ ޚުދު ޤުރުޢާނުގައެވެ. ރަސޫލާ (صلى الله عليه وسلم) ގެ ބަސްފުޅުތަކުގައެވެ. އަދި އެޖިހާދުގައި ހަލާކުވެ ހިނގައްޖެ ޙާލަތެއްގައި އަނބިދަރީންގެ ޙާލު ބައްލަވައި ވޮޑިގެންވާނޭކަންވެސް ވަނީ މާތް ރަސްކަލާނގެ އަންގަވައި އެކަމަށް ވަޢުދު ދެއްވައިފައެވެ. އެގޮތަށް ކަން ދިމާވެއްޖެނަމަ، އެދިމާވި މީހަކަށް ލިބިފައިހުރި މަތިވެރި މަތިވެރި ދަރަޖަތަކުގެ އިތުރަށް ޝަހީދުންގެ ޤަދަރުވެސް އެލިބުނީއެވެ. ޢިލްމުވެރިކަމާއި، ތެދުވެރިކަމާއި، ޝަހީދުންގެ ދަރަޖައާއި، މުޅި ދުނިޔޭގެ ތާރީފެވެ. މަލާއިކަތުންގެ ސާބަހާއި، ނަބީބެއިކަލުންގެ ތާރީފާއި މާތް ﷲ ގެ ރުއްސެވުމެވެ. ކަށްވަޅުގެ އަޒާބުން ދިންނެވުމާއި، ނަރަކައިގެ ގިނީން މުއްތިކުރެއްވުމާއި، މަޙްޝަރުގައި ހިޔަލެއްގައި ހުންނާން ލިބުމެވެ. ދެން ސުވަރުގޭގެ އެންމެ މަތިވެރި ބަގީޗާތަކުގައި ހުރިހައި އަރާމެކެވެ. ދެން މީގެ އެކޮޅަށް އޮތީ ކޮންކަމެއްތޯއެވެ؟! އަދިވެސް އެދުންވެރިއަކު އެދުންވާނޭ އެހެންކަމެއް އެބައޮތްތޯއެވެ؟! ނުުވަތަ، މިކަންކަން ދޫކޮށްލައިފައި ހިފާނޭ ކަންތައްތަކެއް މިފަނާވެދަނިވި ދުނިޔޭގައި އެބައޮތްތޯއެވެ؟! ވިސްނަ ވިސްނައިވެސް ނުވިސްނުނެވެ.

ބަސްނުވިކޭ އޮޑިޔަކު، ދިރުބާ ކޮޅަކަށް ނާރާށޭ! މީހުން ނުރުހޭނޭ ވާހަކަތައް ނުދައްކާށޭ! މިހާރުގެ މީހުން، ތިޔަގޮވާ އެއްޗަކަށް ނުބަލާނެއެވެ! ތިޔަހަދަނީ މަރު ގޯހެކެވެ! ތިޔަވަނީ އަމިއްލައަށް ހަލާކެވެ! ތިޔަހެން ހަދަނިކޮށް އެހެން މީހަކަށް މަންފާއެއް ނުމެކޮށްދެވިމެ، ތިމާޔަށް ގެއްލުން އަަތުވެދާނެއެވެ. މިބާވަތުގެ ޢިބާރާތްތައް ތެދު އެއްޗަކަށް ގޮޮވައިލާ މީހަކާ ކުރިމަތިވާނެއެވެ. އެއީ ޖާހިލުފިޑީންނަށް އިބްލީހުގެ ފަރާތުން އަންނަ ވަސްވާސްތަކެވެ. މިވަސްވާހުގެ ވިހަ އަޅުގަނޑުމެން އިސްލާމުންގެ ދަންނަބޭކަލުންނަށް ފޯރައިގެންގޮސް ހިދާޔަތާއި އިރުޝާދުގެ މަގުން ދޫތައް އެއްފަރާތް ކުރާ ޢިލްމުވެރިން ވަރަށް ގިނައެވެ. ދެން އެއުރެން ހަމަ އެކިޔާ އެއްޗެއް ކިޔައިލަ ކިޔައިލާ ތިބެނީއެވެ. އައު ކުރުމެއް އިޞްލާޙު ކުރުމެއް ނުގެނެއެވެ. ޢާއްމު މަޞްލަޙަތެއް، ދީނީ ސިއްރުތަކެއް ވިސްނައިލުމެއް ނެތެވެ. ހުރި ބަލިތަކެއް ހާމައެއް ނުކުރެއެވެ. މުޖުތަމަޢުގެ މައްޗަށް ދެފެން ދޭތެރެއަށްވުރެ އަޑިއަކުން ޚިލާޔެއް ނުހިންގައެވެ. އޭގެ ބަލާތަކާއި، ބަލިތަކަކަށް ކަނޑައެޅޭ ކަހަލަ، ފަރުވާއަކާއި ބޭހެއް ސިފައެއް ނުކުރެއެވެ. މިހެންވެގެން ގޮސް އިސްލާމުދަރީންގެ ސިކުނޑިތައް ގަނޑުގެންފިއެވެ. ހިތްތަަކާއި ޚިޔާލުތައް ފޫހިވެ، އެކޮޅުކޮޅުން ޖެހިއްޖެއެވެ. ވިސްނުންތައް ފަސްޖެހި މަޢުލޫމާތުތައް ކޮށިވެއްޖެއެވެ. ބުއްދިތަކާއި، ފިކުރުތައް ވަޔާއި އަލިކަން ނުވަންނަ ޖަލްޚާނާތަކެއްގައި ހައްޔަރުވެއްޖެއެވެ. މިހެންވެ ގިނަ މީހުން ދީނުގެ މަޤުސަދުތަކާއި، ޙަޤީޤަތްތަކާއި، ނިސްބަތްކުރާއިރު ތިބީ ޖާހިލުންނަށް ވެފައެވެ. އޭގެ މީރުކަމާއި، ލައްޒަތު ހާސިލުނުވެވިފައެވެ. ރީތިކަމާއި، އަލިކަން ނުފެނިފައެވެ.

އިސްލާމީ އުއްމަތަށް ބޭނުންވެފައި ވަނީ، މި މާތް ދީނާއި، ދީނުގެ ޤާނުނުތަކާއި، އޭގައި ހުރި މަތިވެރިކަމެއް، ސާފުކޮށް، އޮތްގޮތަށް ބަޔާންކޮށްދޭނޭ އިޙްސާންތެރި، ތެދުވެރީންތަކަކަށެވެ.

ތޫނުވުމުގެ ޤާބިލިއްޔަތު، ބުއްދިއަށްވުރެ ވަކިން ބޮޑު ޖަވާހިރެއްނެތެވެ. އެއީ ޖާހިލުކަމުގެ ދަބަރުތައް ތަޅައި، ފިލުވައިލެވުނު މިންވަރަކުންނެވެ. ޖާހިލުކަމުގެ ދަބަރަކީ ޢިލްމުވެރިކަމުގެ މަރުތޭލައިން ނޫނީ، ނުފިލުވޭނޭ އެއްޗެކެވެ. 

ޖާހިލުކަމަކީ، ބުއްދި ވަށައިގެން އޮންނަ ތިމަރު އުރައެއް ފަދަ އެއްޗެކެވެ. ޢިލްމަކީ ޖާހިލުކަމުގެ ތިމަރަ ވިރުވާ ފަދަ އަލިފާނެކެވެ. އެ އަލިފާން ޖައްސާން ފަށައިފިއްޔާއި، މަޑުމަޑުން ތިމަރަ އުރަތައް ވިރޭން ފަށައިފާނެއެވެ. އެ އުރަތަައް ވިރެމުންދާ އިރު، އޭގެ ތެރޭގައި އޮތް ބުއްދިއަށް ވެސް ހޫނުކަން ލިބި، ވޭން ފޯރާ ގޮތް ވާނެއެވެ. ތިމަރަތައް ހަމަ ފިލާއިރަށް އެއްކަލަ އަލިފާނަކީ، އައްޔެއްކަމުގައި ލިބުނު ވޭނަކީ މަތީ ޖަރަޖައިގެ އުފަލެއް ކަމުގައި ވެގެން ހިނގައިދެއެވެ.

ހެޔޮ ކަންތައްތަކަށް ގޮވައިލާ މީހުން، މުޅި ހިތުން މިކަން ޤަބޫލުކުރާން ވާނެއެވެ. އެ އުރެންނަކީ ފިސާރި އާރުލާ ޢަޒުމަކާއި ކެތްތެރި ހިތްތަކެއްގެ ވެރި ބައަކަށް ވާންވާނެއެވެ. އެއީ ގޮވައިލާ ދަޢުވަތުގެ މަގުގައި ކުރިމަތިވާ ބަލާއާއި، މުޞީބާތްތައް ތަޙައްމަލުކުރުމަށެވެ. ބޭނުން މާތް މަޤްޞަދު ޙާޞިލު ވާންދެން ހިފަހައްޓާ ލެވޭނެ މަގުންނެވެ. ނުވަތަ އެމަގުގައި ފުރާނަ ލުހިގެން ދިޔަޔަސް ފަރުވާލެއް ނުބަހައްޓާނެ ގޮތުންނެވެ.

ސީދާކޮށް ތެދުމަގަށް ގޮވައިލާ މީހަކު ވިއްޔާ، ޖާހިލު އުއްމަތެއްގައި ގިނަ ފަހަރަށް އޮންނާނީ، އެ އުއްމަތެއްގެ ޢަދާވާތްތެރިއެއް ކަމުގައިވެފައެވެ. އެއީ (އެ) އުއްމަތެއްގެ ހޭލައިގެންތިބޭ އަމިއްލަ އެދުންވެރީން ހިންގުވައިގަންނަ އޮއިވަރުތަކަކުންނެވެ. އަންދުވައިގަންނަ އަލިފާންތަކެއްގެ ސަބަބުންނެވެ. ވިޔަސް ގޮވައިލާ މީހަކީ ޚިޔާނާތްތެރިވެ މަތިއޮމާންކޮށް، ދެފުށްދެގޮތް ކުރާ ކުލަކުލަ އަރުވާ ގަރަހިތައެއްގެ މިސާލުވާ މީހަކު ކަމުގައި ވަނީ ނަމަ، އެމީހަކު އެއީ، ޤައުމުގެ އެންމެން ރުހޭ މީހަކު ކަމުގައި ވެދާނެއެވެ.

ޖާހިލުންނަކީ، ބަލީގެ އަހުލުވެރިންނެވެ. ޙަކީމުންނަކީ ޢިލްމުވެރީންނެވެ. ބަލިމީހާގެ ބަލި ފަޅައިލާން ޙަކީމުކަލޭގެ މަސައްކަތް ކުރާއިރު ބަލިމީހާޔަށް އުނދަގޫވެދާނެތީވެ އެކަން ހުއްޓައިލުމުގެ މައުނައެއް ނެތެވެ. އޭނާ ހަޅޭފަޅޭލަވައި އެތިވަރުތައް ގޮވާތީވެ ފަސްޖެހޭނޭ ބޭނުމެއް ނެތެވެ. ދިމާ ދެކޮޅަށްވެސް ގަދަކަމުންވެސް ބަލިފަޅައި އެކަން ފިލައި ގަދަވީމާ، އޭނާ ވާހުށީ ޙަކީމުކަލޭގެ ދެކެ އެންމެ ބޮޑަށް ލޯބިވާ އެކެއް ކަމުގައެވެ.

ޖާހިލުންނަށް ތެދުމަގު ނުފެންނާތީވެ އެއުރެން އެމަތީގައި ތިބި ގޮތްތައް މޮޅޭ ހީވެފައި، އެގޮތްތަކަށް ހިތްހަމަޖައްސައިގެން ތިބެނީއެވެ. އެ ގޮތްތަކަކީ، ޣަރީޒާތަކަކަށް ވެފައި އޮންނަނީއެވެ. ޢިލްމުވެރީން ވާނީ އަސަރުކުރާހައި މަގެއް ބަލައިގެން، ޢަމަލުކުރެވޭހައި ހަތިޔާރެއް ހިފައިގެން، ސިއްރާއި ފައުޅުގައި، ހުނަރާއި ޙިކުމަތް އެކުލަވާފަދަ ތެދުވެރި ހަމަލާތަކެއް ދީދީ ތިބޭށެވެ. ޖާހިލުކަމާ ދެކޮޅަށެވެ. އަމިއްލަ އެދުންތައް ބަލިކޮށްލުމަށެވެ. ވަސްވާސްތަކާއި ވަހުމުތައް ހިތްތަކާއި ނަފްސުތަކުން މުޅިން ފިލުވައިލާން ޤަސްތުކޮށްގެންނެވެ.

ބާޠިލުކަމަކީ ހެދިފައި ހުރި ގަހެއް ކަހަލަ އެއްޗެކެވެ. ހިއްސުތަކަށް ޖަހާލަތު ބަލީގެ އަސަރު ފޯރައިގެން ޝުޢޫރު ބަލިވެފައި ތިބި މީހުން އެ ގަސް ވަށައިގެން ޢީދުކުޅެ އުފާ ކުރާނެއެވެ. އެއްބަޔަކު ހާދަ މީރޭ ކިޔައިފައި އޭގެ ރަހަ ނުބައި ވިހަ މޭވާތައް، ކައި އުޅޭނެއެވެ. އަނެއްބަޔަކު ރީއްޗޭ ބުނެބުނެފައި، އެ ގަހުގެ އެހެރަ ނުބައި ވަސްދުވާ މާތަކުން ޤުލްދަސްތާ ބަންނާނެއެވެ. އަނެއްބަޔަކު ވަންނާނީ، ހާދަ ފިންޏޭ ގޮވަމުން އެ ގަހުގެ ނުބައި ހިޔާގަނޑުގެ ތެރެޔަށެވެ. އެއީ އިންސާނީ މިޒާޖު، ވަލު ޖަނަވާރުގެ މިޒާޖަށް ބަދަލުކޮށްލާ، ވަރަށް ނުރައްކައުތެރި ހިޔަލެކެވެ.

މާވަޑިންގެ ތެރޭގައި، ބާޠިލުކަމުގެ ގަސް ކަނޑައިލެވޭން ތިބީ އެންމެ ބަޔެކެވެ. އެއީ ޢިލްމުވެރިންނެވެ. ސާހިބަކު ފުރޯތަކެއް ދީފައި ގަހެއް ކަނޑައިލާން ފޮނުއްވާ ވަޑީންތަކެއް، ފުރޯތައް، ކޮނޑަށްލައިގެން ގަހުގެ ވަށައިގެންނާއި، ހިޔައު ދަށުގައި އެނބުރި އެނބުރި ޤަމާރުވެފައި ތިބުމުގެ މައުނައެއް ނެތެވެ. ތިބިތިބިހެން، އެގަހުގެ ހިޔައުގަނޑަށް ހިތްހަމަޖެހޭގޮތް ދާނީ ބޮޑުވަމުންނެވެ.

ޟަލާލަތުގެ ބިނާއެއް، އެކަކަށް އެއްދުވަހަކުން، ޖަހާ ކުއްލިޔަކުން، ރޫޅައެއް ނުލެވޭނެއެވެ. އެކަކު ގޮސް އެއްމުޑި ހަލުވައި ގަންނާނީއެވެ. ފަސް ދޫވީމާ، އަނެކަކު އެ މުޑި އުފުރާލާނީއެވެ. އޭގެ އަނެއް ދުވަހު އެހެން މުޑިއަކާއި އަނެކަކު ދިމާކޮށްލާނީއެވެ. ތިންވަނަ މީހާ ބިތެއް ފޫވައްޓާލެވޭތޯ މުގުރަކުން ތަޅައިގަންނާނީއެވެ. އެހެން ގޮސް އެ ބިނާއެއްގެ އަޘަރު ފިލުވައިލެވޭންދެން ހިފަހައްޓާލާނީއެވެ.

މި ޒަމާނުގައިވެސް، އިސްލާމީ އުއްމަތްތަކުގައި، ހެޔޮ ކަންތަކަށް ގޮވައިލާ ދާޢީން ވަރަށް ގިނައެވެ. ނެތީ ހިތްވަރުގަދަ ކެރޭ މީހުންނެވެ.

އެތަން މިތަނުން ފޮތްތަކުގައްޔާއި، ނޫސްތަކުގައި ނާދީތަކުންނާއި، މިންބަރުތަކުން ޙައްޤު މަގުތަކަށް ތަބަޢަވުމަށް ގޮވައި، ހެޔޮ ކަންތައް ކުރުމަށާއި، ނުބައި ކަންތަކުން ފޭވެ ގަތުމަށް ނަޞޭޙަތްދީ ވަޞިއްޔަތް ކުރާ މީހުން އެބަ ތިއްބެވެ. ވިޔަސް، އެ ގޮވައިލާ ގޮވައިލުމުގެ މަގުގައި ދުކެއް އުފުލާން، ނުވަތަ، ނުރައްކަލަކާއި ކުރިމަތިލާން ގާތްގަނޑަކަށް ކެރޭ ހަމަ އެކަކުވެސް ނޫޅެނީއެވެ.

އުއްމަތުގައި ހެޔޮ ކަންތަކަށް ގޮވައިލާ ދާޢީން ތިބީ އެތައް ބަޔަކަށެވެ. އެއް ބަޔަކީ، ޙައްޤާއި ބާޠިލު ރަނގަޅަށް އެނގި ތިބެމެ، ފިނޑިކަމުން އެކަން ވަންހަނާ ކުރާ މީހުންނެވެ. އެމީހުން ތިމާޔަށް، ދުކެއް އަތުވެދާނެތީވެ، “ރައްކައުތެރިވެ ތިބިއްޔާ ދަތުރޭ” ބުނެލައިފައި، ނުބަޔޭވެސް، ރަނގަޅޭވެސް ނުބުނެ ޢުމުރު ހުސްވެގެން ގޮސް މަޖުބޫރުން މަރަށް ކުރިމަތިލާން ޖެހޭން ދެން، ސިމިސިމި ލައްވަލައްވައި ތިބެ ދެއެވެ. އެއީ އެންމެ މޮޅު، އެންމެ ބުއްދިވެރި ގޮތޭ އެއުރެންނަށް ހީވާ ކަހަލައެވެ. އެއުރެން ހިތުން އިނގިލި ބިންދުމާއި، ގިނަ މީހުންނަށް ފެންނާނޭހެން ތަސްބީހަ ފަތީގެ އޮށްގުނުން ނޫންކަމެއް އިސްލާމްދީނުގައި ނެތެވެ. އަނެއް ބަޔަކީ، ޙައްޤާއި ބާޠިލު ރަނގަޅަށް ފިލައިގެން ތިބި، އެ ވާހަކަ ދައްކައި އުޅޭ މީހުންގެ ތެރެއިން އެއުރެން އެ ގޮވައިލާ ގޮވައިލުންތައް ގެންދާނޭ ޙިކްމަތްތެރި، ރިވެތި، އަސަރުކުރުވަނިވި މަގު ނޭނގޭ މީހުންނެވެ. އެއުރެން އެގޮވައިލާ އެއްޗަކުން އަސަރުކުރުން ވަރަށްވެސް ކުޑަ ވާނެއެވެ. އެއީ ޢިލްމު އެނގުނަސް އެއިން އަސަރު ކުރުވާނޭ ގޮތްތައް އެއުރެންނަށް ނޭނގޭތީއެވެ. މިކޮޅުގެ ހުނަރުތަކާއި، އެކޮޅުގެ މިޒާޖުތައް ނުފިލާނެތީއެވެ.

އަނެއް ބަޔަކީ، ޙައްޤު ރަނގަޅަށް ފިލައިގެން ތިބި، ބާޠިލުކަމަކަށް ރިވެތި ކުލައެއް އަރުވައިފައި ނަމަވެސް ޤައުމުގެ ތެރޭގައި އެކަން ކުރުމަށް ގޮވައިލާ މީހުންނެވެ. އެހެން ހަދައިފި މީހަކީ، އިންތިހާ ދަރަޖައަށް ނުބައިކަން ގޮސްފައި ހުރި ނުލަފާ މީހެކެވެ. އެއީ އެންމެ މަތީ ދަރަޖައިގެ، އަމިއްލަ އެދުންވެރިއެކެވެ. އޭނާގެ އެދުމާއި ހަމައަށް މުޅި ޤައުމު އެކަމުގައި ހަލާކު ކޮށްނުލައި ވާސިލު ނުވެވޭނެ ކަމުގައި އޭނާއަށް ފެނުނީއެވެ. އެއީ ކޮންމެ ސިފައެއްގައި ހުއްޓަސް ޤައުމުގެ އެންމެ މަތީ ދަރަޖައިގެ ޢަދާވާތްތެރިއެކެވެ. ތެދުމަގު ދެއްކުމުގެ ނަމުގައި އުއްމަތަށް އޮޅުވައި ލަނީއެވެ.

އިސްލާމީ އުއްމަތުގައި، މިއިސްވި ތިން ބައިން ބޭރު ބައިބައިގެ މީހުންވެސް ދާޢީންގެ ތެރޭގައި ތިބުން އެކަށީގެންވެއެވެ. ކޮންމެއަކަސް ބޭނުން ބަޔަކީ ޙައްޤާއި ބާޠިލު ރަނގަޅަށް ވަކިވެގެން ތިބެ ދީނުގެ މަގުގައި، ޖެހިލުމެއް ނުވެ ކެރިގެން މަސްއޫލިއްޔަތު ކޮނޑުއަޅައި، އެންމެ އަސަރުކުރާ މަގުމަގުން އެންމެ އެދެވޭ ރޮނގަކުން ޙައްޤު ސާދާކޮށް، ބާޠިލު ރޫޅައި މުގުރައިލުމަށް ގޮވައިލާ ތެދުވެރީންނެވެ.

އިސްލާމީ ދައުލަތްތަކުގައި، ދަންނަބޭކަލުންނާއި، ޢިލްމުވެރިން ބަންޑާރަ މަސައްކަތެއްގެ ގޮތުން ނުވަތަ މަންމަ ބުނީތީ ފަރަށް ދާ ގޮތުން ނޫން ގޮތަކަށް އުއްމަތްތައް އިޞްލާޙު ކުރެވޭތޯ މަސައްކަތް ނުކުރައްވައި ތިއްބަވަނީ ކީއްވެގެންބާވައެވެ! އެއުރެންގެ ގިނަ ބޭކަލުން ޙަޤީޤީ ޙަޔާތަކީ، އާޚިރަތުގެ ޙަޔާތެވެ ކިއުއްވާފައި، ދީން ކުރިއަށް ނަންގަވައި، ދުނިޔެއަށް އިޞްލާޙު ގެންނަވާން ދިމާކޮށްލައްވައިފިއްޔާ، މާތް ރަސްކަލާނގެ އެބޭކަލުންނަށް ކާމިޔާބީ ދެއްވާނެކަން ކަށަވަރެވެ. ނަމަވެސް ދިމާ ކުރައްވާން ވާނީ، ކެރިލައްވައިގެންނެވެ. އުނދަގޫ އުފުއްލަވާން ޖެހުނަސް، ހެއު ކަމުގައެވެ. ކުރައްވާ ޚަރަދުތަކާއި، ދައްކަވައިލައްވާ ބޮޑު ގޮތްތައް ނުދެއްކެވުނަސް އެންމެ ރަނގަޅު ކަމުގައެވެ. އެހެން ނޫނީ ވިއްޔާ، އެކަން ނުވާނޭކަން މުޅީންމެ އަޅުގަނޑަށް ޔަޤީނެވެ.

އިސްލާމީ އުއްމަތްތައް ވެއްޓިގެން ދިޔަކަމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް ރާޖިޢު ވާނީ އިސްލާމުންގެ ދަންނަ ބޭކަލުންނާއި، ޢިލްމުވެރީންނަށް ކަން ކަށަވަރެވެ. އެއުރެން ދުނިޔޭގެ މައްޗަށް ހުންނަ ލޯބި، ތަންކޮޅެއް ކުޑަކޮށްލާފައި، އެއީ ކެރޭ ބަޔަކަށް ވަނިކޮށް، ބަދު ނަޞީބުގެ ދައުރު އިސްލާމީ އުއްމަތްތަކުން ވަކިވެދާނެއެވެ.

އެއުރެން ތެދުސީދާ ގޮތުގައި ތިބެގެން، އަމިއްލަ އެދުންތައް ކުރުކޮށްލައިގެން، އެންމެން އެއްބަސްވެ، ޤުރުއާނުގައި އޮތްގޮތް ހަނދުމަކޮށްގެން، ނުފޫޒުގެ ވެރީންނާއި މިލިގެން، ތެދު ނިޔަތުގައި، ތެދުވެރި އިލްތިމާސްތައް ކުރަމުން ނަޞޭޙަތް ފޯރުވަމުން ގެންދަނީވިއްޔާ އޭގެ އަސަރު ނުފޯރައި ނުދާނޭކަން ކަށަވަރެވެ.

އިސްލާމުންގެ ދަންނަ ބޭކަލުންނާއި ޢިލްމުވެރިންގެ މިޒާޖު ހަމަޖެހޭ ޣާޔަތަކަށް (ލަނޑުދަނޑިއަކަށް) ވާން ވާނީ، އަޅުގަނޑު ހިތުން ގޯތިގެދޮރު ތަނަވަސް ކުރުމެއް، އިށީންނަ ގޮނޑިތައް އުސްކުރުމެއް، ތިމާގެ ޢާއިލާތައް ވަރުގަދަ ކުރުމެއް ނޫނެވެ. އަދި ވަކި ޙިޒްބަކަށް ތާއީދު ދިނުމެއް، ޚާއްޞަ މަޞްލަޙަތުތަކެއް އާބާދު ވޭތޯ ބެލުމެއްވެސް ނޫނެވެ. ޢިލްމުވެރިންގެ ޖިހާދުގެ ޣާޔަތަކަށް ވާންވާނީ، ތިމާމެންގެ ބައެއް މަޞްލަޙަތުތައްވެސް ދޫކުރަމުން ޢާންމު މަޞްލަޙަތުތައް ނެގެހެއްޓޭތޯ ބެލުމެވެ. އިސްލާމްދީނުގެ ހުރިހައި ޤާނޫނުތަކެއް ސާއިދުކުރެވޭތޯ މަސައްކަތް ކުރުމެވެ. މިކަމުގައި ކުރަންޖެހޭ ޤުރުބާނުތަކުގައި ނުކުޅެދި ނުގަނެ، އެކަމުން ރެކިގަންނާން ވެގެން މޮޔައިން ހެއްލޭ ކަހަލަ ހުއްޖަތުތައް މެދުވެރި ނުކޮށް އުއްމަތަށްޓަކައި، ދީނަށްޓަކައި ޤުރުބާންވުމެވެ.))

ޚިޔާލު ފައުޅުކުރުން

  • މާޝާ ﷲ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ. ހާދަ ފުރިހަމަ ހާދަ ރީތި ބަހުރުވައަކުންނޭ ލިޔުއްވާފައި މިހުރީ. މިސާލުތައް ވެސް ހާދަހާ ގުޅޭ މޭރުމަކުންނޭ ގެނެސްފައި އެހުރީ. އެއަށްވުރެ ބޮޑަށް އަސަރު ކުރީ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތައް ވަރަށް ސީދަލަށް ވިދާޅުވެފައި ހުރީމަ. ހަޤީޤަތުގައި ވެސް މިދުނިޔެއަށްޓަކައި އަހަރެމެން ހާދަވަރެކޭ މިވަނީ. ޖެހިލުންކަނޑާފައި ވެވުނު ގޮތަކުން ދީނަށް ނަޞްރެއް ދެވޭތޯ އުޅެންވީ. މަލާމާތުން ސަލާމަތެއް ނުވާނެ ކޮންމެގޮތެއް ވިއަސް. ޝައިޚަށް ﷲގެ ހެޔޮ ރަޙްމަތް ލައްވާށި!