ޝުކުރިއްޔާ މެމްބަރު ޢަބްދުﷲ ސަނީފް!

5 ފެބްރުއަރީ 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ދެއްކެވި ވާހަކަފުޅަކީ ޝުކުރު ޙައްޤު ވާހަކަފުޅެކެވެ.

މެމްބަރެއްގެ ހައިސިއްޔަތުން އެބޭފުޅާ އަދާކުރެއްވީ އެބޭފުޅާގެ އިސްތަށިފުޅުގައި އެޅުވިފައިވާ ވާޖިބު ކަން ކަށަވަރެވެ. އެ މައްސަލައަކީ ގިނަ ބަޔަކު އިހުމާލުކޮށްފައިވާ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުންވެސް ދައްކަން ބޭނުން ނުވާ ވާހަކައެކެވެ.

މި ދައްކަނީ، ބަރަހަނާ ފިލްމާއި ބަރަހަނާ ވެބްސައިޓްތަކަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނެތް ގޮތުގައި ވަދެވެން ހުންނަ ވާހަކައެވެ. އެކަމުގެ ސަބަބުން މުޖުތަމަޢު ހަލާކުވެ ފަސާދަވަމުންދާ ވާހަކައެވެ. އެކަމާ އެއްވެސް ބަޔަކު އަޅައި ނުލާ ވާހަކައެވެ. ކަމާ ބެހޭ ފަރާތްތަކުންވެސް އެކަމުގައި އިހުމާލުވެފައިވާ ވާހަކައެވެ.

ނަމަވެސް، މެމްބަރު ސަނީފް ވަނީ އެ ވާހަކައަށް އެއްވެސް ޖެހިލުމެއް ނެތި އަލިއަޅުއްވާފައެވެ. އެހެންކަމުން، ތާރީޚަށްޓަކައި، މިތަނުގައި މެމްބަރު ޢަބްދުﷲ ސަނީފްގެ ވާހަކަ ނަކަލު ކޮށްލާނަމެވެ.

” ރާއްޖެ ފަސާދައިގެ ތެރެއަށް މިދަނީ ހަމައެކަނި މީހުންގެ އިހުމާލުން އެކަންޏެއް ނޫނޭ. މިއަދު ދިވެހިރާއްޖެ ފަސާދައިގެ ތެރެއަށް، މިބާވަތުގެ ޙަރާމްގެ ތެރެއަށް މިދަނީ، ދިވެހިރާއްޖެ ވިޔަފާރި ކުންފުނިތަކެއްވެސް މީގެ ތެރޭގައި އިހުމާލުވެގެން ހުރުގެން. ދިވެހިރާއްޖޭގެ ވިޔަފާރި ކުރާ އެންމެ ވަރުގަދަ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ، ޕޯން ވީޑިއޯތަކާއި ޕޯން ސައިޓްތަކާއި، ދިވެހިރާއްޖޭގައި ވަދެވެމުން ދާއިރު، މިކަން ކޮންޓްރޯލު ކުރަން ތިބި މިނިސްޓްރީތަކާއި މިކަން ހަވާލުވެގެން ތިބި ޓޭމްގެ އިދާރާތަކާއި މިތަންތަން ކޮބައިތޯ؟ ދިވެހިރާއްޖެ ހަލާކުވެގެން މިދަނީ މި ޕޯން ވިޑީއޯތަކާއި ޕޯން ސައިޓްތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަދެ. ދިވެހިރާއްޖޭ ނޫނިއްޔާ ދުނިޔޭގެ ޤައުމުތަކުގައި މިހާ ގިނަ ޕޯން ސައިޓްތަކަށް ފްރީކޮށް ވަދެވޭ ޤައުމެއް ނޯންނާނެ. މިކަމާ ވާހަކަ ދެއްކީމާ ފަހަރެއްގައި ބައެއް މީހުން ހައިރާން ވެދާނެ. ތި ބޭފުޅުން، ކޮންމެ ބަޔަކަށް މިއަދު އެނގެން އޮތް ޙަޤީޤަތަކީ ދިވެހިރާއްޖެއަކީ އެއްވެސް ހިފެހެއްޓުމެއް ނެތި، އެއްވެސް މިންގަނޑެއް ނެތި، ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެމެ، މިބާވަތުގެ ފާހިޝް ކަންތައްތައް އާންމު ކުރުމުގެ ފުރުސަތު ރާއްޖޭގައި ދެވިފައި އޮތް ކަމީ، ހިތާމަ ކުރާ ކަމެއް. އެހެންވީމާ، މިކަންކަން ޙައްލުކޮށްގެން މެނުވީ މިރާއްޖޭގައި މިހިންގާ ކުޑަކުދިންނަށް ގޯނާ ކުރުމާއި މިބާވަތުގެ ލާއިންސާނީ އަނިޔާ ނުހުއްޓޭނެ. ޝުކުރިއްޔާ!” 

މެމްބަރު ސަނީފް ދެއްކެވީ ވަރަށް ވެސް ރަނގަޅު ވާހަކަފުޅެކެވެ. އޮރިޔާން ކާޑު ގެންގުޅުން މަނާ ކުރުމަށް ވަރުގަދަ ޤާނޫނެއް ދިވެހިރާއްޖޭގައި ވަނީ ހަދާފައެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެކެވެ. ނަމަވެސް، އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތުގައި ބަރަހަނާ ސައިޓްތަކަށް ވަދެވެން އެހުރީއެވެ.

ކަމާ ބެހޭ ވުޒާރާތަކާއި، އިދާރާތަކުގެ ބޭފުޅުންގެ މައްޗަށް ޤާނޫނީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް މިފަދަ ފާހިޝްކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަކީ ވާޖިބެކެވެ. މިއަދު އެ ވާޖިބު އަދާ ނުކުރައްވާ ތިއްބެވިޔަސް، މާދަމާ އެކަމާމެދު މާތް ﷲ ގެ ޙަޟްރަތުގައި ސުވާލު ވެވޭނެ ކަމެއް ކަމާމެދު ޝައްކެއް ނެތެވެ.

ޓެލެ ކޮމިއުނިކޭޝަން ކުންފުނިތަކަށް ލިބޭ މަންފާއެއްގެ ސަބަބުން މިކަމަށް ފިޔަވަޅެއް އަޅަން ސަރުކާރަށް ނުކެރޭ ތަނުގައި، އެ ވާހަކަ ދައްކަންވެސް ނުކެރުމަކީ ދީނާއި ޤައުމަށް ވެވޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ. މާއްދީ މަންފާއަށްޓަކައި އިސްލާމީ އަޚްލާޤިއްޔާތާއި އިޖްތިމާޢީ ފޭރާން އެއްކޮށް ވީދި ކުދިކުދި ވެގެން ދާއިރުވެސް ފިޔަވަޅެއް އަޅަން ނުކެރި ތިބުމަކީ ވަރަށްވެސް ބޮޑު ޚިޔާނާތެކެވެ.

މި ފުރުޞަތުގައި ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުން ވަނީ، މާތް ﷲ އަށް ބިރުވެތި ވުމަށެވެ. އަދި މި މުންކަރާތް މަނާކުރައްވައި، ވާޖިބު އަދާކުރެއްވުމަށެވެ.

ޚިޔާލު ފައުޅުކުރުން