ޢަދާލަތު ޕާޓީއަށް ކުރިޔަށް ދެވޭނީ ސެކިއުލާ ފިކުރާ ދެކޮޅަށް ފާޅުގައި ތެދުވެގެން!

ޢަދާލަތު ޕާޓީ އުފެދުނީ ދީނީ ފަލްސަފާއެއްގެ މައްޗަށެވެ. އިސްލާމްދީން ޙިމާޔަތް ކުރުމުގެ މަތިވެރި ނިޔަތުގައެވެ. އިސްލާމްދީނާއި، މިޤައުމުގައި މިއޮތް ދީނީ ވަޙުދަތު ގެއްލިގެން ނުދިޔުމަށް މަސައްކަތް ކުރާނެ ޕާޓީއެއްގެ ގޮތުގައެވެ. ޢަލްމާނީ، ލާދީނީ، ސެކިއުލާ، ދީނާ ދުރު ހުރިހާ ފިކުރުތަކަކާ ކެރިގެން ފާޅުގައި ކުރިމަތިލާނެ ޕާޓީއެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ދީން، މި މަންހަޖުގައެވެ.

އެހެންކަމުން، ޢަދާލަތު ޕާޓީއަށް ދިވެހި ރައްޔިތުންނަށް “ވިއްކެން” އޮތް ހަމައެކަނި އެއްޗަކީވެސް ދީނެވެ. “ދީން ވިއްކުމޭ” މިދެންނެވީ ގޯސް މާނައިގައެއް ނޫނެވެ. ރަނގަޅު މާނާގައެވެ. މުރާދަކީ، ދީނީ އުސޫލުތައް ހިފައިގެން، ދީނީ މަޞްލަޙަތަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައެވެ. ދީނާ ދެކޮޅުވާ ފިކުރުތަކާ ދެކޮޅަށް ކެރިގެން ނުކުމެ ވަކާލާތު ކުރާ ޕާޓީއެއްގެ ގޮތުގައެވެ. އަދި ދިވެހި ރައްޔިތުން ޢަދާލަތު ޕާޓީ ބަލައިގަތީވެސް އެ އުސޫލުގެ މަތިންނެވެ. ސިޔާސީ މަދަނީ ޕާޓީއަކަށްވުރެ ބޮޑަށް، ދީނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ.

ނަމަވެސް މިހާރު މައިދާނު ވަނީ ބަދަލުވެފައެވެ. ޢަދާލަތުންވެސް ކުޅެން ބޭނުންވެގެން އުޅެނީ، (ނުވަތަ ފެންނަ ފެނުމަށް ކުޅޭތަން ފެންނަނީ) ސިޔާސީ މަދަނީ ކުޅިއެކެވެ. ދީނީ ބައި މުޅިން ނެތިއްޖެއޭވެސް ބުނާ ވަރަށް ނެތިއްޖެއެވެ. ފެނުނަސް ފެންނަނީ ވަރަށް ނޫން ގޮތަކަށް، ދުރުދުރުންނެވެ. އަދި ޢަދާލަތުގެ ދެތިން ޝެއިޚުން ޓުވީޓާގައި ކުރައްވާ ޓުވީޓަކުންނެވެ.

ނަމަވެސް އެ ޢިލްމުވެރިންގެ މައުގިފާ، ޕާޓީގެ މައުގިފު ގިނަ ފަހަރު ފެންނަނީ ތަޢާރަޟުވެސް ވާ ތަނެވެ.

މިސާލަކަށް، މަޖިލިސް އިންތިޚާބާއި ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައަށް ބައްލަވާށެވެ. އެޖެންޑާ 19 ގެ ނުބައިކަމާއި، އެއީ ފޮރުވިފައިވާ ލާދީނީ އެޖެންޑާއެއްކަން ޓްވިޓާގައި ޢަދާލަތު ޢިލްމުވެރިން ހާމަކުރައްވަމުން ގެންދަވަނިކޮށް، ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް ޢިމްރާން އެޖެންޑާ 19 ގެ ސްޓޭޖަށް އަރަވަޑައިގެން އެއަށް ތާާއީދު ކުރެއްވީއެވެ. އަދި ދެ ޕާޓީން، އެއްޕާޓީން އަނެއް ޕާޓީއަށް މަޖިލިސް އިންތިޚާބުގައި އެއްބާރުލުން ދިނުމަށް އެއްބަސްވީއެވެ.

ހަމައެގޮތަށް، ޓްވިޓާގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިން ހާމަކުރައްވަމުން ގެންދެވީ، އަންހެނުން ޤާޟީކަމަށް އައްޔަން ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއްގެ ގޮތުގައެވެ. އެކަމުގައި ޚިލާފު މުޢުތަބަރު ކަމަށްވެސް ދެކިނުލައްވާގޮތަށް ވަކާލާތު ކުރައްވަމުން ގެންދެވިއެވެ. އެއީ ޝާއްޒު ރައުޔެއް ކަމަށް ވިދާޅުވެ، ހުއްދަކަމަށް ވިދާޅުވަމުން ދިޔަ ފަރާތްތަކުގެ ބަސްތަކަށް ދޫނުދެއްވާ ވަރުގަދައަށް ޙުއްޖަތާއި ބުރުހާނު ދައްކަވަމުން، ރައްދު ދެއްވަމުންވެސް ގެންދެވިއެވެ. ނަމަވެސް، އާޚިރުގައި ކަންތައްވީ ގޮތަށް ނިކަން ވިސްނަވާށެވެ. ޢަދާލަތު ޕާޓީން އެމައްސަލާގައި ނޫސް ބަޔާނެއް ނެރުނު އިރު، އޮތީ އަންހެނުން ޤާޟީކަން ކުރުމަކީ އިސްލާމީ އުންމަތުގެ ޢިލްމުވެރިން މެދުގައި ޚިލާފު އުފެދިފައިވާ ކަމެއްގެ ގޮތުގައެވެ. އަދި އެތަނުން ކޮންމެ ރައުޔެއްގައިވެސް ހިފިދާނޭ މުޢުތަބަރު މައްސަލައެއްގެ ގޮތުގައެވެ. މުޢުތަބަރު މައްސަލައެއް ނަމަ، ޓްވިޓާގައި އެހާ ބޮޑު ހައިޖާނެއް ހެއްދެވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މަބްދައީކޮށްވެސް، މުޢުތަބަރު ރައުޔުތަކުން ރައުޔެއްގައި ހިއްޕެވުމުގެ ފުރިހަމަ އިޚްތިޔާރު ޙާކިމު މީހާ ލިބިގެންވެއެވެ. އެކަމާ ރައްޔިތުންނަށް ދެކޮޅެއް ނެހެދޭނެއެވެ. އަދި ޢިލްމުވެރިއަކަށްވެސް ދެކޮޅެއް ނެހެއްދެވޭނެއެވެ. މިއީ ދީނީ އުސޫލުތަކެވެ. ދެކޮޅު ހެދޭނީ، އެއީ ޚިލާފު މުޢުތަބަރު ކަމެއް ކަމުގައި ނުވާނަމައެވެ. މިއިންވެސް އެނގިގެން ދަނީ، ޕާޓީގެ ނަމުގައި ނެރޭ ދީނީ މައުގިފާއި، ޓްވިޓާގައި ޢަދާލަތު ޢިލްމުވެރިން ނެރެމުންދާ މައުގިފު ތަފާތުކަމެވެ. މި ދެމެދުގައި، ތަރުތީބެއް ނެތް ކަން ހާމަވެގެންދެއެވެ.

ނަމަވެސް އެވާހަކަތައް ބާއްވާފައި، އެނބުރި މައުޟޫޢަށް ދަމާ ހިންގަވާށެވެ. ޢަދާލަތަށް އެންމެ ރަނގަޅު މައިދާނަކީ، ދީނީ މައިދާނެވެ. ޢަލްމާނިއްޔަތުގެ ލަޝްކަރާ ދެކޮޅަށް ނުކުމެ ވާޟިޙު މަންހަޖެއްގައި ތިބުމެވެ.

ނަމަވެސް، ޢަދާލަތުން މިހެދީ އެހެނެއް ނޫނެވެ. ޢަލްމާނީ މީހުންނާ “ޞުލްޙަ” ވެރިވެ އެބައިމީހުންނަށް ވެރިކަން ހޯދައިދޭން އަނެއްކާވެސް މަސައްކަތް ކުރީއެވެ. އޭރު ރާއްޖޭގެ ސިޔާސީ މައިދާން އޮތް ގޮތުން، ޢަލްމާނީ ޕާޓީ ވަކަވެ، ޙަރަކާތް ކެނޑިފައި އޮތްހިނދު، އޭތި ދިރުވައި، އަނެއްކާވެސް ކޮޅަށް ޖެއްސެވީ ޢަދާލަތު ޕާޓީގެ ރައީސުގެ ހިތްވަރުންނެވެ. އޭރުވެސް ދީނީ ފިކުރުގެ މީސްތަކުންގެ ތެރެއިން މީހުން، ޝެއިޚު ޢިމްރާނަށް ތިހައްދަވަނީ ގޯހެއް ކަމުގެ އިންޒާރު ކުރައްވާ ތިހެން ނެހެއްދެވުމަށް އާދޭސް ކުރިއެވެ. ނަމަވެސް، ޝެއިޚު ޢިމްރާނަށް މުހިއްމުވީ، ޝެއިޚުގެ ބަސްފުޅުން ނަމަ، “ގިލަންވެރިކަން” ނައްތާލައި، “ޤައުމުގެ މަޞްލަޙަތަށް” އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. އެވެސް، ވަރުގަދަ “ޑިމޮކްރަސީ ލެބް” އެވެ ކިޔުނު ޚިޔާލީ ލެބަކުން ދިން ފޯމިއުލާއެއްގެ އަވާގައި ޖެހިވަޑައިގެންނެވެ.

ނަމަވެސް އެކުގައި މަސައްކަތް ކުރަން މި ނުކުންނަނީ، އެބައެއްގެ ޣަދަރުވެރިކަމާއި މަކަރުވެރިކަން އެކި ފަހަރު މަތިން ސާބިތުވެފައިވާ، ކިހައި ވަރެއްގެ ބޭވަފާތެރި ބަޔަކާއެކު ކަމެއް ރިޢާޔަތެއް ނުކުރެއްވިއެވެ. ދީނާއި ޤައުމަށް އެތަކެއް ގޮންޖެހުންތަކެއް އެބައެއްގެ ފަރާތުން ކުރިމަތިވެ، ކިރިޔަ ކިރިޔާ ދީނާއި ޤައުމު އެބައެއްގެ ނުބައި ވަކިތަކުން، ސަލާމަތް ކުރެވުނު ބައެއްކަން ރިޢާޔަތް ކުރައްވަން ބޭނުންފުޅެއް ނުވިއެވެ.

ހިތާމައިގެ ކޮޅެއް ނެތެވެ. މިހާރު މައިދާން އޮތީ، ސެކިއުލާ މީހުން، ޢަލްމާނިއްޔަތާ ދިމާލަށް ޢަދާލަތު ޕާޓީ ކިހިލީގައި ޖަހައިގެން ރުހުމުގައި ވިޔަސް، ނުރުހުމުގައި ވިޔަސް ގެންދާ ފަދަ ގޮތަކަށެވެ. އެކަމާ ދެކޮޅަށް ހެދޭނެ ގޮތެއް، ކުރާނެ ކަމެއް ނޭނގޭހާ އެމީހުން ބާރުގަދަ ވެއްޖެއެވެ. ބާރު ދުވެއްޔެއްގައި މިއޮތްގެން އެމީހުންގެ ލަނޑުދަނޑިއަށް ވާސިލު ވަނީއެވެ. މިހާރުވެސް އެބައިމީހުން ބޭނުންވި ގިނަ ކަންތައްތަކެއް ހާސިލުކޮށްފިއެވެ. ތަފާތު ގިނަގުނަ ޢަލްމާނީ ސެކިއުލާ ޤާނޫނުތަކެއް ހަދައި ނިމިއްޖެއެވެ. ބާކީ ހުރި ޤާނޫނުތައް ވަނީ ޑްރާޕްޓުކުރެވި މަޖްލީހަށް ހުށަހަޅަން ތައްޔާރު ކުރެވިފައެވެ. އެކިއެކި މުއައްސަސާތަކަށް އެބައިމީހުންގެ ޢަލްމާނީ ސެކިއުލާ ފިކުރުގެ އެންމެ ކައްޓަރު މީހުން އައްޔަންކޮށް ނިމިއްޖެއެވެ. ސުޕުރީމް ކޯޓަށް ޝަރުޢީ ޢިލްމެއް ނެތް ސެކިއުލާ ބަޔަކު އައްޔަން ކުރެވިއްޖެއެވެ. ރައީސް އޮފީހުގެ ޕޮލިސީ ލެވެލްގައި މުޅިން އެބައިމީހުންނެވެ. ޚުޠުބާއަށް “ހޮޓްބާރ” ކިޔަމުން، އިސްލާމީ ޙުދޫދުތަކަށް ފާޅުގައި ދެކޮޅުހަދައި ޓްވިޓާގައި އަޑުގަދަކޮށް އުޅުނު ގުރޫޕެވެ. ދީނާއި، ރައްބާއި، ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރަމުންދާ ޖަމްޢިއްޔާގެ މުއައްސިސުން އެވަނީ ރައީސް އޮފީހާއި، ފުލުހާއި، ޖޫޑިޝަރީގެ އެންމެ މަތީ މަޤާމުތަކަށް އައްޔަން ކުރެވިފައެވެ. މިއީ ޚުދު ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ލިބިލައްވާ އިޚްތިޞާޞުގެ ދަށުން އައްޔަން ކުރެއްވި މީހުންގެ ވާހަކައެވެ.

ރައީސް އޮފީހުގައި ޢަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރު (އަލިޕީ) ޗީފް އޮފް ސްޓާފަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ކިތަންމެ އަރިހުގައި ހުއްޓަސް، އަދި ޢަދާލަތުގެ ބަހުންނަމަ، “އަލިޕީ އެއިގެ ދިހަ މީހުންނާ އެއްފަދަ” ވިޔަސް ބޭރަށް ފެންނަން އޮތީ، ތިޔަ ބުނާ ޢަލްމާނީ މީހުންގެ އެދުންތަކާ އެއްގޮތަށް ކަންކަން ނިމިގެންދާ ތަނެވެ. އެބައިމީހުންގެ ކޮޅަށް ތިލަފަތް ބަރުވެފައިވާ ތަނެވެ. އަޅުގަނޑު ހިތަށް އަރައެވެ. މިއީ އަލިޕީ ހުންނަވައިގެން ވާވަރެވެ. އަދި އަލިޕީ ނެތްނަމަ، ކިހާ ގޯސްކޮށް ކަންތައްތައް ދާނެ ބާވައެވެ؟ އަަޅުގަނޑުމެން ތިބައިގަނޑާ އެކު ދީނާއި ޤައުމަށް ވާނޭ ފައިދާއެއް ނޯންނާނެއޭ ބުނަމުން ދިޔައީ މިހެންވެއެވެ. އެއިގެ ބަދަލުގައި، މިހާރު މަންޒަރު ފެންނަމުން މިދަނީ އަޅުގަނޑުމެންގެ ތެރެއިން މީހަކު ހުވަފެނުންވެސް ނުދެކޭހާ ބިރުވެރިކޮށެވެ.

ޢަދާލަތު ޕާޓީން މާޒީގައި ޢަލްމާނިއްޔަތާ ދެކޮޅަށް ދެއްކި ފަދަ ސާބިތުކަމެއް މިހާރު ނުފެނެއެވެ. މޭޒުގެ އަނެއްފަޅީގައި ޢަލްމާނީ މީހުންނާއެކު، ސައިބޮއެ ކައި މަޖާކުރާ ޙާލަތަށް ކަންކަން ގޮއްސިއެވެ. ސީދާ ސީދަލަށް ޢަލްމާނީ މީހުންނާ ކުރިމަތި ލުމުގެ އެއްވެސް ހިތްވަރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ކުރިން ދެންނެވި ފަދައިން، އިހަކަށް ދުވަހު، ސްޕްރީމް ކޯޓަށް އައްޔަން ކުރެވުނު ދެ އަންހެން ފަނޑިޔާރުންގެ ކަންކަމުގައިވެސް ޢަދާލަތުން، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، ސިއްރިޔާތުގައި އެރުއްވި ލަފާވެސް އެމަނިކުފާނު ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ބަޔަކު ނިކަމެތި ވާނީ މިވަރަކަށް ނޫންތޯއެވެ؟ ކުރީގައި ނަމަ، މިކަހަލަ ކަންކަމުގައި ޢަދާލަތުން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅާނެއެވެ. އެކަމަކު، ޤައުމުުގެ މުޅި ޝަރުޢީ ދާއިރާ ޢަލްމާނީ މީހުންގެ އަތްމައްޗަށް އަރައި ނިމުނު އިރުވެސް، ޢަދާލަތަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. ޤައުމުގެ ޝަރުޢީ ދާއިރާ ސެކިއުލާވެ ނިމެނީއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުވެސް އެފެއްޓެވީ، ޢަދާލަތުގެ ލަފަޔަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއްކަން ޢަމަލީގޮތުން ދައްކަވާށެވެ.

ހަމައެހެންމެ، އެމްޑީއެން ގެ ލާދީނީ ރިޕޯޓާ ގުޅޭ ގޮތުން މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ގިނަ މެމްބަރުން ދެއްކެވި ވާހަކައަށް ނިކަން ވިސްނަވާށެވެ. އެބައިމީހުންގެ އަސްލު ސޫރަ އަނެއްކާވެސް މިއަދު ދައްކައިފިއެވެ. އެމްޑީޕީގެ ގިނަ މެމްބަރުން މަސައްކަތް ކުރެއްވީ، ކަމުގެ އަސްލަށް ވާހަކަ ދެއްކުމުގެ ބަދަލުގައި، އެކަމުގެ ހައްސާސަ ކަމާއި، ޚުޠޫރަތްތެރިކަން ހީނަރުކުރުމަށެވެ. މުޅި މައްސަލަ ސިޔާސީކޮށްލުމަށެވެ. އެހެންކަމުން، މިބައިމީހުންގެ ފަރާތުން ހެވެއް ލިބޭނެ ކަމަށް އަދިވެސް ދެކިގެން ތިބުން ބުއްދިވެރިތޯއެވެ؟ 

މިހިސާބަށް ދާއިރު، ޢަދާލަތު ޢިލްމުވެރިން ދަންނަން ޖެހިއްޖެ ކަމެއް އެބަ އޮތެވެ. ޢަދާލަތު ޕާޓީގައި މިހާރު ނުފޫޒުގައި އެތިއްބެވި ބޭފުޅުން، ޢަދާލަތު ޕާޓީ ގޮވައިގެން ފައިބާފައި އެތިބި މައިދާނަކީ ތިބޭފުޅުންނާ ގުޅޭ މައިދާނެއް ނޫން ކަމެވެ. އެ މައިދާނުގައި ކުޅެން ޖެހެނީ ބައިކޮޅަށް ކަން ދަނެގަންނަން އެބަޖެހެއެވެ. ގޯލެއް ވަނަސް، ވަންނާނީ ބައި ކޮޅަށްކަން ދަންނަން އެބަ ޖެހެއެވެ.

ސުވާލަކީ، ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނެވި ނަމަ، މިހާރު މިހިނގާ ކަންކަން ތަޙައްމަލު ކުރައްވައިގެން ތިބޭފުޅުން ތިއްބަވާނަންތޯއެވެ؟ ޙަޤީޤަތަކީ، “އިބޫ އަކީ އެންމެ ޝައްރު ކުޑަ ވެރިޔާ” ކަމަށް ތިބޭފުޅުން ދެކިލެއްވިޔަސް، ނަޝީދަށް 3 އަހަރުން ނުކުރެވުނު ކަންކަން، މިސަރުކާރުން އެއް އަހަރު ނުވަނީސް ކޮށް ނިންމާފައިވާ ކަމެވެ. ނަޝީދު ވެރިކަމުގައި ހުންނެވި ނަމަ، މިއިން އެއްވެސް ކަމެއް ތިބޭފުޅުން ތަޙައްމަލެއް ނުކުރައްވާނެއެވެ. އެކަންކަމާ ދެކޮޅަށް ޖެއްސުނު އެންމެ ވަރުގަދައަކަށް ޖައްސާނެއެވެ.

އެހެންކަމުން، އެއްގޮތަކުން ބަލާނަމަ، “ޝައްރު ކުޑަ ވެރިޔާ” ހުންނަވައިގެން، ދީނާއި ޤައުމަށް މި ކުރިމަތި ވަނީ، އެހެން އެއްވެސް ވެރިޔަކު ހުންނަވައިގެން ދިމާ ނުވާހާ ބޮޑު ޝައްރެވެ.

ޙަޤީޤަތަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް ތިބޭފުޅުންނަށް ވުރެ އިސްވެ ގާތް ވާނީ އެމްޑީއެންގެ މީހުންނެވެ. އެއީ އާއިލީވެސް މީހުންނެވެ. އެއީ ވަށައިގެންވެސް ތިބި މީހުންނެވެ. އެއީ ޒަމާންވީ އެކުވެރިންނެވެ. އެކަން ވީހާވެސް އަވަހަކަށް ތިބޭފުޅުން ޤަބޫލު ކުރައްވަން އެބަޖެހެއެވެ. ނިދިން ހޭލައްވަން އެބަޖެހެއެވެ. އަވާމެންދުރަކަށް ތަބާވެގެން ތިބޭފުޅުންނަށް ލައްކަ ދުވަހު ތިބެވިއްޖެއެވެ. އެމްޑީއެން ބޭފުޅުންނާ ދެކޮޅަށް އެޅުއްވޭނޭ ފިޔަވަޅެއްވެސް، އަދި އެބޭފުޅުން އައްޔަން ކުރެވިފައިވާ ސަރުކާރާއި ދައުލަތުގެ ބޮޑެތި މަޤާމުތަކުން ވަކި ކުރައްވާނެއެކޭވެސް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އަދި ކިއެއް، އެމްޑީއެން އުވައިލާނެއެކޭވެސް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.

ފަހަރެއްގައި އުވާލަފާނެއެވެ. އުވާލި ނަމަވެސް، އޭގެ ވެރިންނަށް ފިޔަވަޅު ނޭޅޭ ކަމަށް ވަނީނަމަ، އެކަމުގެ މާބޮޑު ފައިދާއެއް އެބައޮތްތޯއެވެ؟ އެމީހުން އެތިބީ ސަރުކާރާއި ދައުލަތުގެ ސިޔާސަތު ކަނޑައަޅާ މީހުންގެ ގޮތުގައެވެ. އަނެއްކާވެސް މާދަމާ އެހެން ނަމެއްގައި، ހަމަ އެފަދަ ޖަމްޢިއްޔާއެއް އެމީހުން ނަހަދާނެތޯއެވެ؟ ރައްޔިތުން މައިތިރި ކުރަން، އެބައިމީހުންގެ މެދުގައި ސައްލާ ކުރުމަށްފަހު، އެމްޑީއެން އުވާވެސް ލައިފާނެއެވެ. އަދި އެއަށްފަހު، މި ދެންނެވި ގޮތަށް އެހެން ޖަމްޢިއްޔާއެއް ހަދާވެސް ފާނެއެވެ.

ނަމަވެސް ތިބޭފުޅުން ނިކަން ހުޝިޔާރަށް ތިއްބަވާށެވެ. ބޭނުންވަނީ، އެބައިމީހުން ވަޒީފާތަކުން ވަކިކުރުމެވެ. އަދި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއްވެސް އެޅުވުމެވެ. އެއަށްފަހު، ޖަމްޢިއްޔާވެސް އުވާލުމެވެ. މިކަން ނުވަނީސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނައަޅައި ސާބިތުވާން ޖެހޭނެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަކީ، އެހައި ޞޯލިޙު ބޭފުޅަކަށްވެ، ތިބޭފުޅުންގެ ބަސް އަޑުއައްސަވާ ވެރިއެއްނަމަ، ހަމަ ޔަޤީނުންވެސް މިކަން ވާނެއެވެ. އެހެންނޫނީ، ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙަށް ޘަނާ ނުކިޔުއްވާށެވެ.

މިއަދުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު، އެ ރިޕޯޓު ތިމަން މަނިކުފާނު ކުށްވެރި ކުރައްވަމޭ އަދި މައްސަލަ ތަޙުޤީޤު ކުރަން ތަޙުޤީޤީ އިދާރާތަކަށް އަންގަވައިފީމޭ ވިދާޅުވުމުން، ތިބޭފުޅުންގެ ޓްވިޓާތައް “މާޝާ ﷲ، ތިޔައީ ނަމޫނާ ވެރިއެކެވެ. ޝުކުރިއްޔާ ރައީސް” މިފަދައިން ފުރާނުލާށެވެ.

އެހެނީ، ދަންނާށެވެ. ފުލުހުން ހިންގާ ޖިނާއީ އިޖުރާތާއި ތަޙުޤީޤަކީ މުޅިން ވަކި ކަމެކެވެ. އިދާރީގޮތުން، ޔޫތު މިނިސްޓްރީން އެ ޖަމްޢިއްޔާ އުވާލުމަކީ ވަކި ކަމެކެވެ. މިހާރުން މިހާރަށް އުވާލެވޭނެއެވެ. އެކަމަށް ޖަމްޢިއްޔާތަކުގެ ޤާނޫނުތަކުން ޖާގަވެސް ދެއެވެ. އެހެންކަމުން، ޔޫތު މިނިސްޓުރީންވެސް ފުލުހުން އެމައްސަލަ ބަލާތީ ތިމަންމެން މަޑުކޮށްގެން ތިބީ ކަމަކަށް ނުބުނެވޭނެއެވެ. ހަމައެފަދައިން، އިސްލާމިކް މިނިސްޓްރީވެސް ހިމެނެއެވެ. އިސްލާމިކް މިނިސްޓްރީއަށް ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން، އެބައިމީހުން މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރިހަމަ ބާރުވަނީ ދެވިފައެވެ. އެކަން ނުކުރަނީ ކީއްވެތޯއެވެ؟ ކާކުގެ ނުފޫޒަކާ ހެދީތޯއެވެ؟ މައްސަލަ އެއްބައެއް އަނެއްބައެއްގެ ބޮލަށް ޖަހައި، ދައްމާލައިގެން އޮއްބާލުމަށް ފުރުޞަތު ދީގެން ނުވާނެއެވެ.

ތިބޭފުޅުންނަކީ މިއަށްވުރެ ހިތްވަރުގަދަ ބޭފުޅުންނެވެ. ތިބޭފުޅުންނަކީ ކުރިޔަށް ކުޅުއްވާ ބޭފުޅުންނެވެ. ލާދީނިއްޔަތުގެ ގޯލު ފޫއަޅުވާލައި، އެބައިމީހުން ލަދުގަންނުވާލާ ވަރުގެ ބައްޔަކުން ބަލި ކުރެވޭނެހާ ހިތްވަރު ހުރި ބޭފުޅުންނެވެ. އަޅުގަނޑުމެންނަށް މާޒީގައި ވަނީ އެ މަންޒަރު ފެނިފައެވެ.

މިފަހަރު މިކަމުގައި ދޭތިން އެކައްޗަކަށް ޖައްސަވާށެވެ. ލާދީނީ ސެކިއުލާ ފިކުރާ ދެކޮޅަށް ފާޅުގައި ނުކުންނަވާށެވެ. ލާދީނީ ސެކިއުލާ ފިކުރާ ދެކޮޅަށް މިޤައުމުގައި ފިޔަވަޅު ނޭޅޭ ނަމަ، ތިބޭފުޅުން ކޯލިޝަނެއް ހަދައިގެން ސަރުކާރުގެ މަޤާމުތަކުގައި ތިބުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ.

ޚިޔާލު ފައުޅުކުރުން