ވިތުރި ކުރާނީ ކޮންއިރަކު؟! ތަރާވީޙު ފަހުންތޯ ނުވަތަ ދަމު ނަމާދު ފަހުންތޯ؟!

އާދެ، މިއީ ވަރަށް ގިނައިން އަންނަ ސުވާލެކެވެ. ޢިޝާ ނަމާދުކޮށްގެން، ތަރާވީޙު ނަމާދުކޮށްގެން، އެއަށްފަހު ވިތުރިކޮށްގެން، ދެން ދަމު ނަމާދަށް ތެދުވެ، ވިތުރި ކުރެވިދާނެތޯ… އަދި ވިތުރި ކުރަން އެންމެ ރަނގަޅު ވަޤުތަކީ ކޮބައިތޯ؟

1- ރަމަޟާން މަހުގައި ކުރެވޭ ތަރާވީހާއި ދަމު ނަމާދާއި ވިތުރިއަކީ މުޅިންވެސް ރޭ އަޅުކަމުގެ ބައެކެވެ. އަދި ދަމު ނަމާދާއި ތަރާވީހަކީވެސް އެކައްޗެއް ކަމަށް ބުނެވިދާނެއެވެ. ދެ ނަމާދު ތަފާތު ވެފައި ވަނީ، ކުރެވޭ ގަޑި ތަފާތު ވުމުންނެވެ. ޢިޝާ ނަމާދަށް ފަހު ކުރެވެން ފެށީ މައިގަނޑު ގޮތެއްގައި ޢުމަރުގެފާނުގެ ޒަމާނުން ފެށިގެންނެވެ. އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޒަމާނުގައި މި ނަމާދު ޖަމާޢަތް ހައްދަވައިގެން ކުރައްވާފައި ވަނީ ތިން ފަހަރުއެވެ. އެކި ރޭ އެކި ވަޤުތުގައެވެ. ނަމަވެސް އެ ތިން ރޭ ކުރެއްވުމަށްފަހު، ހަތަރުވަނަ ރޭ އެކަލޭގެފާނު ގެކޮޅުގައި މަޑުކުރައްވައި ގެކޮޅުގައި ނަމާދު ކުރެއްވިއެވެ. ޞަޙާބީ ބޭކަލުން މިސްކިތުގައި އެކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވިއެވެ. ނަމަވެސް ނުކުމެވަޑައި ނުގަންނަވައެވެ. އެއަށްފަހު، ފަތިސް ނަމާދަށް ނުކުމެވަޑައިގެން ފަތިސް ނަމާދު ކުރެއްވުމަށް، ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުން ރޭ، ތިމަން ކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވި ކަން ތިމަން ކަލޭގެފާނަށް އެނގިލައްވައެވެ. ނަމަވެސް، ނުކުމެވަޑައި ނުގެންނެވީ، އުއްމަތުގެ މައްޗަށް ދަމު ނަމާދު ވާޖިބަކަށް ވެދާނެ ކަމުގައި ބިރުފުޅަށެވެ.

މި ޙަދީޘްފުޅަށް ބަލާއިރު، މިއިން ދަލާލަތު ކޮށްދެނީ، އެއީ ވަކި އަޅުކަމެއް ނުވަތަ ވަކި ނަމާދެއް ނޫން ކަމެވެ. އެއީ، ހަމަ ރޭ އަޅުކަމެވެ. ރޭ އަޅުކަން ކުރުމުގެ ވަޤުތަކީ، ޢިޝާ ނަމާދުން ފެށިގެން ފަތިސް ނަމާދާ ދެމެދުއެވެ. އެހެންކަމުން، ތަރާވީޙާއި ވިތުރި އާއި ދަމު ނަމާދަކީ މުޅިންވެސް ރޭ އަޅުކަމެވެ. ނަމަވެސް ރަމަޟާން މަހުގައި އެހެން މަސްތަކާ ޚިލާފަށް ރޭ އަޅުކަން ޖަމާޢަތުގައި ކުރުން، ކުރިން މިދެންނެވި ދަލީލުގެ މައްޗަށް ސުންނަތް ވެގެން ވަނީއެވެ. އަދި ސަލަފުންގެ ބޭކަލުން ، ޢުމަރުގެފާނުގެ ޒަމާނުގައި ޢިޝާ ނަމާދަށް ފަހު ، އެ ނަމާދު ކުރެއްވީ ، ގިނަ މީހުންނަށް އެ ނަމާދުގެ ޖަމާޢަތުގެ ބައިވެރިވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

2- ދެވަނަ ނުކުތާ އަކީ، ރެއެއްގައި ވަނީ އެއް ވިތުރިއެވެ.

ގިނަ ފަހަރު ސުވާލު ކުރައްވާ ބޭފުޅުން ސުވާލު ކުރައްވަނީ މި މަޢުލާމާތު އެނގިލައްވާތީއެވެ. އެއް ވިތުރު އޮންނަ ކަމަށް ވަންޏާމު، ދަމު ނަމާދު ކޮށްގެން ވިތުރު ކުރަން ޖެހޭނެ ތޯއޭ ސުވާލު ކުރައްވަނީ، އެހެން ޙަދީޘްފުޅެއްގައި ވިތުރިއަކީ އެންމެ ފަހު ނަމާދެއްގެ ގޮތުގައި ހަދާށޭ އިރުޝާދު ދެއްވާފައި ވާތީއެވެ.

އާދެ، ރަނގަޅެވެ. ރެއެއްގައި އޮންނަނީ އެއް ވިތުރިއެވެ. އެހެނީ މާތް ނަބިއްޔާ ޙަދީޘްފުޅު ކުރައްވާފައި ވަނީ ( لا وتران في ليلة ) އެއް ރެއެއްގައި ދެ ވިތުރިއެއް ނުވެއެވެ.

އަދި ހަމައެހެންމެ، އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައި ވަނީ (اجعلوا آخر صلاتكم بالليل وترا) ތިޔަބައިމީހުން ރޭގަނޑުގައި ކުރާ އެންމެ ފަހު ނަމާދެއްގެ ގޮތުގައި ވިތުރު ހަދާށެވެ.

އެހެންކަމުން، އެންމެ ފަހު ނަމާދެއްގެ ގޮތުގައި ވިތުރު ހަދަން ޖެހެއެވެ. އެއީ އެންމެ އައުލާ ވެގެންވާ ގޮތެވެ. އެއީ ލާޒިމު ނުވަތަ ވާޖިބު އަމުރުފުޅެއް ނޫނެވެ.

ނަމަވެސް ކުރިން ދެންނެވި ނުކުތާގައިވާ ފަދައިން، ތަރާވީހާއި ދަމުނަމާދަކީ މުޅިންވެސް ރޭ އަޅުކަމަށް ވުމާއެކު، އަދި އެއީ އެއް ނަމާދެއް ކަމަށް ވުމާއެކު، ތަރާވީސް ކުރެއްވުމަށްފަހު، ދަމު ނަމާދުވެސް ބަރާބަރަށް ކުރާ މީހުން ވިތުރި ނަމާދު ދަމު ނަމާދަށްފަހު ކުރުމަށް ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ނަމަވެސް، ތަރާވީސް ކުރުމަށްފަހު ދަމު ނަމާދު ނުކުރާ މީހުން އެނަމާދު ތަރާވީސް ފަހުން ކުރުން އެދެވިގެންވެއެވެ. އަދި ހަމައެހެންމެ، ދަމު ނަމާދު ކުރަން ބޭނުންވާ މީހެއް، އޭނައަށް ދަމު ނަމާދަށް ހޭލެވުމުގެ މާބޮޑު ޔަޤީންކަމެއް ނެތްނަމަ ވިތުރިކޮށްގެން ނިދަންވީއެވެ. ދެން ދަމު ނަމާދަށް ހޭލެވިއްޖެނަމަ، ދަމު ނަމާދު ކޮށްލީމައި ފުދޭނެއެވެ. އިތުރަށް ވިތުރި ކުރާކަށް ނުޖެހޭނެއެވެ.

އިސްވެ މިދެންނެވީ މިދުވަސްކޮޅު ވާހަކައެކެވެ. ގޭގައި ތިބެގެން ޖަމާޢަތް ހައްދަވާ ނުވަތަ ވަކިން ކުރައްވާ ބޭފުޅުންގެ ވާހަކައެވެ. މި އަހަރު މިސްކިތްތަކުގެ ޖަމާޢަތް ކޮރޯނާ ވައިރަހުގެ ސަބަބުން ބަންދުކޮށްފައި ވާތީއެވެ.

ނަމަވެސް ، މިސްކިތު ޖަމާޢަތުގައި ބައިވެރިވުމުގެ ފުރުޞަތު ކުރިޔަށް އޮތްތަނުގައި މިންވަރު ވެއްޖެނަމަ، އަދި ކުރިޔަށް އޮތް އަހަރުތަކުގައި މިސްކިތްތަކުގައި ކުރަން ފުރުޞަތު ލިބިއްޖެނަމަ، ތަރާވީޙުގައި އިމާމު ވިތުރިވެސް ކުރާނެއެވެ. އެހެންކަމަށް ވެއްޖެއްޔާމު، އެ ޖަމާޢަތުގައި ބައިވެރިވާ މީހުންނަށް އެންމެ އަޢުލާވެގެން ވަނީ، ވިތުރި ވެސް ކުރުމެވެ. އެއީ ޖަމާޢަތުގައި އިމާމު މީހާ އާ އެކު އޭނާ ނިމެންދެން ނަމާދުކޮށްފި މީހަކަށް މުޅި ރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ވާކަމުގެ ޙަދީޘްފުޅުގައި ވާތީއެވެ. އެ ދަރުމަ އާއި ޘަވާބު ޙާސިލުކުރުމުގެ ގޮތުންނެވެ. ދެން އެއަށްފަހު، ދަމު ނަމާދު ކުރަން ބޭނުން މީހެއް ނަމަ، އޭނާ ހަމައެކަނި ދަމު ނަމާދު ކުރުމުން ފުދޭނެއެވެ. ވިތުރި އެއަށްފަހު ކުރާކަށް ނުޖެހޭނެއެވެ.

އެހެންވީމާ، ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރެވޭތޯ އަޅުގަނޑުމެން ގަދަ އަޅައި މަސައްކަތް ކުރަންވީއެވެ. ޚާއްޞަކޮށް ފަހު ދިހައިގެ ރޭތަކެވެ. މުޅި ރޭ ރޭއަޅުކަމުގައި ވަރުބަލިކަމެއް ނެތި، ދުވާލު އަރާމުކުރުމަށްފަހު، މުޅި ރޭ ރޭ އަޅުކަމުގައި ހޭދަ ކުރެވޭނަމަ، އެގޮތް އަދި މާ އައުލާވެގެންވެއެވެ. ޤުރުއާންވެސް ކިޔަވަންވީއެވެ. ޒިކުރުވެސް ކުރަންވީއެވެ. އަދި، ތަރާވީޙާއި ދަމު ނަމާދުވެސް ކުރަންވީއެވެ. އެމީހަކަށް ކުރެވުނު މަސައްކަތެއް ކޮށްގެން މި ކުޑަ ދުވަސްކޮޅުގެ މާތް ކަމާއި މަތިވެރިކަން ޣަނީމާ ކުރަން މަސައްކަތް ކުރަންވީއެވެ.

ޚިޔާލު ފައުޅުކުރުން