ރިޔާސީ އިންތިޚާބު 2018 (9): އިބޫއަކީ އަންނިތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين ، أما بعد؛

ކުރީ ދެ ޢަދަދުގައި ވާނީ ޢަލްމާނިއްޔަތާ ބެހޭގޮތުން، ކޮންމެވެސް ވަރަކަށް، މަޢުލޫމާތު ހިއްސާކުރެވިފައެވެ. އެޢަދަދަށް އައިސްފައިވާ ޚިޔާލުތަކަށް ބަލާއިރު، ބައެއް ޚިޔާލުތަކުގައި ހުރީ، “އިބޫ އަކީ އަންނިއެއް ނޫނެވެ” ނުވަތަ “އިންތިޚާބަށް ކުރިމަތިލައިގެން އުޅެނީ އަންނިއެއް ނޫނެވެ” މިފަދަ ޚިޔާލުތަކެކެވެ.

ވަރަށް ރަނގަޅު ވާހަކައެކެވެ. ވަރަށް ތެދުވާހަކައެކެވެ. އިބޫ އަކީ ޅ. ހިންނަވަރު، ނޫރާނިއާގެއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ، އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އަދި އަންނިއަކީ، ކ. މާލެ، ކެނެރީގެއަށް ނިސްބަތްވެވަޑައިގަންވަނާ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ، މުޙައްމަދު ނަޝީދެވެ. މިވަރަށް މިދެންނެވީ، މިއީ ދެ އިންސާނެއްކަން ދެެ ޝަޚުޞެއްކަން އަޅުގަނޑުމެންނަށްވެސް އެނގޭކަން ހާމަކޮށްދިނުމަށެވެ. މިއުޅެނީ، އެޙަޤީޤަތް އޮޅިގެން ނޫންކަން ބުނެދިނުމުގެ ގޮތުންނެވެ. އަޅުގަނޑުމެން މިދަންނަވީ، މި ދެ ޝަޚުޞުންގެ ގުޅޭ ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ. ނަމަވެސް އޭގެ ކުރިން، އިބްރާހީމް މުޙައްމަދުގެ ކުރު ތަޢާރަފަކަށް ބަލައިލަމާތޯއެވެ.

އިބޫއަކީ ކާކު؟

އިބްރާހީމް މުޙައްމަދު ޞޯލިޙު މަޝްހޫރުވެފައިވަނީ އިބޫގެ ނަމުންނެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ޅ. ހިންނަވަރަށެވެ. އުމުރުފުޅަކީ 54 އަހަރެވެ. ކައިވެނި ބައްލަވައިގެން އުޅުއްވަނީ، ރައީސް މުޙައްމަދު ނަޝީދުގެ ބޮޑުބޭބެ ސިއްކަ އަޙްމަދު އިސްމާޢީލު މަނިކުގެދަރި، ފަޒްނާ އަޙްމަދާއެވެ.

އިބޫއާ ރައީސް ނަޝީދުގެ އެކުވެރިކަމަކީ އިބޫ ފާހަނގަކުރައްވާގޮތުން އަބަދުވެސް ވަރަށް ވަރުގަދަ އެކުވެރިކަމެކެވެ. 40 އަހަރުގެ ދުވަސްވީ އެކުވެރިކަމެކެވެ. އަދި އެ އެކުވެރިކަމަކީ ކުރިއަށް އޮތްތާގައިވެސް ދުވަހަކުވެސް ހީނަރުވެގެންނުދާނޭ އެކުވެރިކަމެއްކަމަށް އިބޫ ސިފަކުރައްވައެވެ. މިއީ އިބޫގެ ދޫފުޅުން ދެއްވާފައިވާ ޓީވީ އިންޓަވިއުތަކުގައި ހާމަކުރައްވާފައިވާ ޙަޤީޤަތްތަކެކެވެ.

އިބޫއާ އެމްޑީޕީއާ އޮތީ ކޮން ގުޅުމެއް؟

އިބްރާހީމް މުޙައްމަދު ޞޯލިޙު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ 1993 ގައެވެ. އެއީ އެބޭފުޅާގެ އުމުރުން 30 އަހަރުގައެވެ. ޅ. އަތޮޅު މެމްބަރެއްގެ ގޮތުގައެވެ. އެއަށްފަހު، މިއަދާހަމައަށް 25 އަހަރުވީއިރުވެސް އެހުންނެވީ މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ.

1996 ވަނަ އަހަރު އިބޫ ރައްޔިތުންގެ މަޖިލީހުގައި

އިބޫ އަކީ، އެމްޑީޕީ އުފެއްދުމުގައި އެންމެ އިހުއްސުރެން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން، 2001 ގައި 42 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ އުފައްދަން ކުރެވުނު މަސައްކަތުގައިވެސް އިބޫ ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު، ސްރީލަންކާގައި 2003 ވަނަ އަހަރު، އަމިއްލައަށް ސްރީލަންކާއަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދާއި އިބޫފަދަ ބޭފުޅުންގެ ބައިވެރިވަޑައިގަތުމާއެކު، އެމްޑީޕީ އުފެދިގެން ދިޔައެވެ. އަދި ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި އިބޫ ހަމަޖެހިގެން ދިޔައެވެ. އެއަށްފަހު، މަލްޓި-ޕާޓީ ނިޒާމަށް ވަކާލާތު ކުރުމުގައި މަޖިލިސް ތެރެއިންނާއި، 2004 ވަނަ އަހަރު މިނިވަން ބަހުސްގެ ނަމުގައި ބޭއްވުނު ޙަރަކާތްތަކުގެ އެމްޑީޕީގެ ފަރާތުން އިސް ދައުރެއް އިބޫ އަދާކުރައްވާފައިވެއެވެ. އޭގެ ދެ އަހަރު ފަހުން، މަލްޓި-ޕާޓީ ނިޒާމަށް ހުއްދަ ދެވިގެން ދިޔައިރު، ސްރީލަންކާގައި އަރުވާލެވިގެން އެމްޑީޕީގެ މައި ލީޑަރެއްގެ ގޮތުގައި ރައީސް ނަޝީދު ހުންނެވިއިރު، މާލޭގައި އިސް ލީޑަރެއްގެ ރޯލު އަދާކުރަމުން ދިޔައީ އިބޫއެވެ.

ފޮޓޯ: މިހާރު އޮންލައިން

މިހުރިހާ ކަމަކުން، އިބޫއާ އެމްޑީޕީއާ އޮންނަ ގުޅުން ހާމަވެގެންދެއެވެ. އިބޫއަކީ އެމްޑީޕީގެ ފައުންޑަރެކެވެ. އެއް މުއައްސިސެވެ. އަދި ހަމައެހެންމެ، ސިޔާސީ ގޮތުންނާއި އެކުވެރިކަމުގެ ގޮތުންނާއި، އަދި ޢާއިލީގޮތުން އަންނިއާ ދެމެދުގައި އޮތް ގުޅުންވެސް އެނގިހާމަވެގެންދެއެވެ. އިބޫއަކީ އަބަދުވެސް އަންނިގެ ހިޔަންޏެއްްފަދައިން އަންނިއާ އެންމެ ގާތުން މަސައްކަތްކުރައްވާ، އަންނިއަށް އެންމެ ބޮޑަށް އެހީތެރިވެވަޑައިގެން އުޅުއްވާ އެއްބޭފުޅާއެވެ.

އަޅުގަނޑުމެން ދެކޮޅު ހަދަނީ އެމްޑީޕީއާއެވެ!

އާދެ، އަޅުގަނޑުމެން ދެކޮޅު ހަދަނީ، އެމްޑީޕީގެ ސިޔާސަތާއެވެ. ސެކިއުލާ ޑިމޮކްރަސީއާއެވެ. ޢަލްމާނިއްޔަތާއެވެ. އެކަން މީގެ ކުރީ ޢަދަދު ކިޔުއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އެނގިލައްވާނެއެވެ. އެހެންކަމުން، އެވާހަކަތައް އިތުރަށް ތަކުރާރު ކުރުމުގެ ބޭނުމެއްނެތެވެ.

ތެދެކެވެ. އިބޫއަކީ އަންނިއެއް ނޫނެވެ. އިބޫއަކީ އަންނިގެ ސިޔާސަތަށް އެންމެ ބޮޑަށް ތައުރީފުކުރައްވާ އެއްބޭފުޅާއެވެ. އިބޫއަކީ އަންނިގެ ޚިޔާލާތާއި ފިކުރަކީ އެންމެ ރަނގަޅު ޚިޔާލާތާއި ފިކުރުކަމަށް ވިދާޅުވާ ބޭފުޅާއެވެ. ތިމަންނަގެ ވެރިކަމެއްގައި އަންނިގެ “ވިޝަން”އާ އެއްގޮތަށް ވެރިކަން ކޮށްދެއްވާނަމޭ ވިދާޅުވާ ބޭފުޅާއެވެ. ޙަޤީޤީ ޖަޒީރާ ރައީސަކީ އަންނި ކަމަށް ވިދާޅުވާ ބޭފުޅާއެވެ. އަންނިއަކީ ނޫ އިޤްތިޞާދުގެ ބާނީ ކަމަށް ވިދާޅުވާ ބޭފުޅާއެވެ. އިބޫއަކީ އަންނިގެ ޅިޔަނެކެވެ. އިބޫއަކީ، ރީނދޫކުލައިން ޖަރީވެފައި ހުންނެވި، އޭގެ އެންމެ އިސް އެއް ބާނީއެވެ. އެ ފިކުރުގެ އެންމެ އިސް އެއް މުއައްސިސެވެ. އިބޫ ޚުދު އަންނިއާއި އެމްޑީޕީއާ މެދު ފަޚުރުވެވަޑައިގަންނަވާކަމަށް ފާޅުގައި ވިދާޅުވެއެވެ.

މިހިސާބަށް ވާހަކަ ދިޔުމުން، ކުރިން، އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްކަމަށް ވިދާޅުވި ބޭފުޅުން ފަހަރެއްގައި ވިދާޅުވެފާނެއެވެ. ” އަނެއްކާވެސް، ޝަފީޢުއަށް ތިޔައޮތީ ވަރަށް ބޮޑަށް އޮޅިފައެވެ. އިބޫއަކީ ލާދީނީ ބޭފުޅެއް ނޫނެވެ. އިބޫއަކީ ވަރަށް މަޝްވަރާގެ މަތިން ކަންކަން ކުރައްވާ، ވަރަށް ޚުލްޤުފުޅު ހެޔޮ، ވަރަށް މަޑުމައިތިރި، ފަސްބާގައި އެއްވެސް ކިލަނބުކަމެއްނެތް ބޭފުޅެކެވެ. ބާރު އޮންނަނީ އިބޫ އަތުގައެވެ. އަދި އަންނިއާއި ޔާމިނު ސިޔާސީ މައިދާނުން ދުރުކުރެވޭނީވެސް އިބޫއަށެވެ. އޭރުން، އެމްޑީޕީ އޮންނާނީ އިބޫ އަތުގައެވެ. މިހާރުވެސް އިބޫ އަތަށް އެމްޑީޕީގެ ބާރު އަރައިފިއެވެ. އެހެނީ، އަންނި ބޭނުންވީ އިބޫ ނޫން އެހެން ކެނޑިޑޭޓެކެވެ. ނަމަވެސް، އަހަރުމެންގެ ބާރުން، އަހަރުމެން މަސައްކަތްކުރި ވަރުން، އިބޫއަށް އެއޮތީ ކެންޑިޑޭޓުކަންވެސް ލިބިފައެވެ. އަހަރެމެންނާ އިބޫއާ މިކަމުގައި ވަރަށް ބޮޑަށް މަޝްވަރާކުރެވިއްޖެއެވެ. ކޯލިޝަން ހެދުމަށްފަހު، އަދި އޭގެ ކުރިންވެސް އިބޫއާއެކު އަހަރެމެންނަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އިބޫ ވަރަށް ރަނގަޅެވެ. އެމްޑީޕީގެ ދެން ތިއްބެވި ބޭފުޅުން ގޮތެއް ނޫނެވެ. އެހެންވީމާ، ދިވެހިރާއްޖެއިން، ޢަލްމާނިއްޔަތާއި ލާދީނިއްޔަތުވެސް ނައްތާލަން މިއީ އެންމެ ރަނގަޅު ފުރުޞަތެވެ. އިބޫ ކަންކަން ނިންމަވާނީ މަޝްވަރާގެ އުސޫލުންނެވެ. އަހަރެމެން ބުނާގޮތަށް ހައްދަވާނެއެވެ.”

ދެންކޮމެއަކަސް، މިވާހަކަތަށް، ވަރަށް ކުރިޔަށް ގެންގޮސް، އިބޫ ކޮންމެހެން ހޮވަން ޖެހިއްޖެކަމުގެ “ޙުއްޖަތް” ދައްކަވާނެއެވެ. އަދި، މިއީ ޤައުމަށް މި ވަޤުތަށް އެންމެ ލާބަޔާއި މަންފާހުރި ގޮތްކަމަށްވެސް ވިދާޅުވާނެއެވެ.

ވަރަށް ރަނގަޅެވެ. ތިޔައީ ތިބޭފުޅުންގެ ވިސްނުންފުޅެވެ. ތިބޭފުޅުންގެ ތަޞައްވުރެވެ. ނަމަވެސް، ދެރަކަމަކީ، ވިސްނާ ވިސްނާ މިތަޞައްވުރު މަސައްކަތްކޮށްފާނެކަމަށް އަޅުގަނޑުގެ ވިސްނުމަކަން ނައިކަމެވެ. އާދޭހެވެ. ތިބޭފުޅުންގެ ހިތަށް ތިޔަ އެރީ ރަނގަޅު އެއްޗެއްކަމަށްވެސް ވެދާނެއެވެ. އަޅުގަނޑުގެ ވިސްނުން ކޮށީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު، ދަންނަވަންތޯއެވެ. އެވިސްނުން ނައިސްގެން އުޅޭ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރެއިން، އެއްބައި ވާހަކަ އިސްވެ ހިނގައްޖެވެސް މެއެވެ. އެއީ، އިބޫއާ އެމްޑީޕީއާ އޮތްގުޅުމާއި، އެޕާޓީގެ އިސްވެރިންނާ އޮތްގުޅުމާއި، ޚާއްޞަކޮށް އަންނިއާ އޮތްގުޅުމުގެ ވާހަކައެވެ. އަދިވެސް ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެއިން ބައެއް ވާހަކަތައް މިލިޔުމުގައި ހިމަނާލެވޭތޯ ބަލާނަމެވެ.

އެގޮތުން، އިބޫއަކީ އަންނިގެ ވެރިކަމުގައިވެސް، އަދި މިއަދާ ހަމައަށްވެސް އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރެވެ. ދަތްކުނޑިވިކާފައި އެމްޑީޕީ ދެކެ އަޅުގަނޑުމެން އެންމެ ގަދަޔަށް ރުޅިއައި ދުވަސްވަރުވެސް އެޕާޓީގެ އެންމެ ވަރުގަދަ އެއްގުނަނުގެ ލީޑަރެވެ. ތިޔަ ވިދާޅުވާ، ލާދީނީ އަންނިގެ ވެރިކަމުގައިވެސް، ދެގޮތެއްނުވެ ސާބިތުވެ ހުންނެވި އެއްލީޑަރެވެ. އެމްޑީޕީގެ ވެރިކަމުގައި ހުރިހާ ޖަރީމާތަކެއް ހިންގި ދުވަސްވަރުވެސް އޭގެ އެންމެ މަތީ އެއްމަޤާމު ފުރުއްވި ބޭފުޅެވެ. 23 ޑިސެމްބަރުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ކަހަލަގޮަތަކަށް އެމްޑީޕީ ސަރުކާރުގެ ލާދީނިއްޔަތާ ދެކޮޅަށް، އިސްލާމްދީނުގެ ހިމާޔަތުގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއަށް، ރައްދު ދިނުމުގެ ގޮތުން، އެމްޑީޕީން ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާގޮތަށް “މެދުމިނުގެ” ނަމުގައި ބޭއްވި މުޒަހާރާގައިވެސް އެންމެ ކުރީ ސަފުގައި ހުންނެވި އެއްބޭފުޅަކީ އިބޫއެވެ. އެމުޒާހަރާގައި އަންނި މާތް ނަބިއްޔާ صلى الله عليه وسلم އަށް ނުސީދާގޮތެއްގައި ހަޖޫޖެހިއިރު، ހިނިތުން މޫނަކާއެކު އަތްޕުޅު ޖައްސަވަން ހުންނެވި އެއްބޭފުޅަކީ އިބޫއެވެ. އަޅުގަނޑަށް ނުވިސްނިގެން އުޅެނީ މިހެންވެއެވެ. ތިބޭފުޅުން ތިޔަދައްކަވާ ވާހަކަފުޅާ މިހިރަމިހިރަ ކަންކަން ގުޅުވާނީ ކިހިނަކުންތޯއެވެ.

ތެދެކެވެ. އެ މުޒާހަރާގައިވެސް އިބޫ ހުންނެވީ، ވަރަށް މަޑުމައިތިރިކަމާއެކު ހިނިތުން މޫނެއްގައެވެ. އެހާ ޙަރާކާތް ގިނަ ނުކުރައްވައެވެ. ބައެއްފަހަރު، ދިދަ އުފުއްލަވާ އަތްޖައްސަވައެވެ.

ތެދެކެވެ. އޭރުވެސް، މިހާރުވެސް އެ މަޑުމައިތިރިކަމުގެ ސިފަ އެބަހުއްޓެވެ. އެކަމަށް އަޅުގަނޑުވެސް ދެކޮޅެއް ނަހަދާނަމެވެ. އެމްޑީޕީން ޖަރީމާތައް ހިންގިއިރުވެސް އިބޫ މަޑުމައިތިރިކޮށް ހުންނެވިއެވެ. މަޑުމައިތިރިކަމުގެ ސިފައަށް އަޅުގަނޑުވެސް ލޯބިކުރަމެވެ. އަޅުގަނޑުގެ ހިތަށްއަރައެވެ. އަޅުގަނޑަކީވެސް މަޑުމައިތިރި، ރުޅިމަޑު މީހަކަށްވިނަމަ، ކިހައި ރަނގަޅުވީސްހެވެ. އެހެންޏާމު، މިބޭކާރު ވާހަކަތައް ނުލިޔެ، ބަސްއަހާ މީހެއްފަދައިން ހުރެވުނީސް ނޫން ހެއްޔެވެ. އެކަމަކު، ނަމަނަމައިން ކުރާނޭ ފައިދާއެއްނެތެވެ. ޙަދީޘްފުޅުގައި އޮތީ، ނަމަނަމައިން ދޮރުހުޅުވިގެންދާނީ ޝައިޠާނީ ވަސްވާހަށެވެ.

ކޮންމެއަކަސް، މީހެއްގެ ގާގައި ރަނގަޅު ސިފައެއް ހުރެއްޖެނަމަ، އެކަން ފާހަނގަކޮށް، އެކަމަށް ތަޢުރީފު ކުރުމަކީ ނެތްކަމެއްނޫނެވެ. އެއީ ޢަދުލުވެރިވުމެވެ. އެހެންކަމުން، ކާފަރެއްގެ ކިބައިންވެސް ރަނގަޅު ސިފަތަކެއް ފެނިއްޖެނަމަ، އެކަންކަމަށް ތަޢުރީފުކުރުމަކީ ދީން މަނާކުރާކަމެއްނޫނެވެ. ބައެއްފަހަރު، އެކަމަށް ދީނުން ހިއްވަރުވެސް ދެއްވާކަމެކެވެ. މިކަން އެނގިގެންދަނީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުންނެވެ. ދެން އަނެއްކާ، އަޅުގަނޑު އިބޫއަކީ ކާފަރެކޭ ބުނެފިއޭ ވިދާޅުނުވާށެވެ. އިބޫއަކީ މުސްލިމެކެވެ. އަދި މުސްލިމެއްގެ ގާގައި އެފަދަ ރީތި ސިފަތަކެއް ހުރެއްޖެނަމަ، ތައުރީފުކުރުން މާބޮޑަށް އައުލާވެގެންވޭ ނޫންތޯއެވެ.

ކޯލިޝަން މަސައްކަތް ކުރާނެތަ؟

ދެން އޮތީ މިހަދައިގެން އުޅޭ ކޯލިޝަނުގެ ވާހަކައެވެ. އިބޫއަކީ އަންނިއެއް ނޫނެވެ. އަދި އިބޫއަކީ ޝެއިޚް އިމްރާނެއްވެސް ނޫނެވެ. އެވަރު އެންމެންނަށްވެސް އެނގެއެވެ.

ކޯލިޝަނަށް ބަލާއިރު މިއޮތީ، 4 ސިޔާސީ ފިކުރެކެވެ. އެމްޑީޕީ، ޢަދާލަތު، ޖޭޕީ އަދި މައުމޫނު ފެކްޝަނެވެ. އެމްޑީޕީ އަކީ ސެކިއުލާ ޑިމޮކްރަސީއަކަށް ވަކާލާތުކުރާ ފިކުރެކެވެ. ޢަދާލަތަކީ، އިސްލާމީ ފިކުރެކެވެ. ވެރިކަމުގެ ހުރިހާ ކަމެއްވެސް ދީނީ ތަރަހައިގެ ތެރެއިން ދިޔުމަށް ވަކާލާތުކުރާ ފިކުރެކެވެ. ނަމަވެސް، ތެދުތެދަށް ދަންނަވާނަމަ، ޖުމްހޫރީ ޕާޓީއަކީ ކޮންކަހަލަ ފިކުރެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެއީ ޤާޞިމުގެ އުފެއްދުމެއްކަމެވެ. ހަމަ ޔަޤީނުންވެސް، ލާދީނީއެއް ނުވާނެއެވެ. ދީނީ ޢިލްމުވެރިންނާ (ޚާއްޞަކޮށް، ޢަދާލަތު ޢިލްމުވެރިންނާ ޤާޞިމާ ގުޅުން ބޮޑެވެ. އެހެންކަމުން، ހުރިހާ ކަމެއް ފުރިހަމަ ނުވިޔަސް، ދީނީ ޢިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ބުނެވިދާނެއެވެ.) ދެންއޮތީ މައުމޫނު ފެކްޝަނެވެ. މައުމޫނު ފެކްޝަނަކީ، ވަޠަނީ ދީނީ ފިކުރެކެވެ.

ކޮންމެއަކަސް، ފިކުރުތަށް ބެހިފައިވަނީ މިގޮތަށެވެ. މިތަނުން، އެމްޑީޕީ ފިކުރަކީ، ޢަދާލަތާއި، ޖޭޕީއާއި މައުމޫނާ މުޅިން އިދިކޮޅު ފިކުރެކެވެ. ޢަދާލަތަކީ، އެމްޑީޕީއާއި މައުމޫނާ ކަނޑިއާކަނޑި ފިކުރެކެވެ. ޖޭޕީއަކީ އޭރަކު ދިމާވި ބަޔަކާވެސް ގުޅިދާނެ ފިކުރެއްކަމަށް ބަލަމާތޯއެވެ. އެހެނީ، ޤާސިމަށް އުދަނގޫ ނުކޮށް، ޤާސިމުގެ ވިޔަފާރިއަށް ގެއްލުން ނުދޭހާ ހިނދަކު، އެބޭފުޅާ އެބަޔަކާއެކު ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅެކެވެ. މިހެން ދެންނެވިޔަސް، ލާދީނިއްޔަތެއް ފައުޅުވެއްޖެނަމަ، އެބަޔަކާއެކު ކުރިޔަށް ވަޑައިގެންފާނޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ޤާސިމާމެދު އަޅުގަނޑުގެ އޮންނަނީ، ހެޔޮ ހިތެކެވެ. ޤާނޫނު އަސާސީގައި، އެހިމެނުއްވި އިސްލާމްކަމުގެ ނުކުތާގެ ސަބަބުންނެވެ. މާތް ﷲ ޤާޞިމަށް ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން!

މިވާހަކަތައް ލިޔަމުންދާއިރު، އަޅުގަނޑުގެ ހިތަށް އެރި އެއްޗެއް ވަރަށް ތެދުތެދަށް ދަންނަވަންތޯއެވެ. އަޅުގަނޑު ހިތަށްއެރީ، ހުދު މިބޭފުޅުންވެސް މިއީ “ވޯކު”ކޮށްފާނޭ ކޯލިޝަނެއްކަމަށް ހިތާހިތުން ޤަބޫލެއްނުކުރާނެއެވެ. މިއީ އެހާވެސް ސާފުކަމެކެވެ. އެހެންކަމުން، އަޅުގަނޑު ކީއްކުރަން ލިޔާ ބޭކާރު ވާހަކަތަކެއްތޯއެވެ. ނަމަވެސް، އެހެން ހިތަށް އެރި ނަމަވެސް، އެއާވިދިގެން އެހެން އެއްޗެއްވެސް ހިތަށް އަރައެވެ. އެއީ ދިވެހިރައްޔިތުންނަކީ ވަރަށް އަވަހަށް ކަންކަން ހަނދާންނެތޭ ބައެކެވެ. މިހެން ބުނުމުން، މިއީ އަނެއްކާ ދިވެހިރައްޔިތުން ނިކަމެތިކުރީ ކަމަށް ނުބަލާށެވެ. ބަދުބަސް ބުނީކަމަށް ނުބަލާށެވެ. އެހެނީ، މިއީ އަޅުގަނޑުވެސް ހިމެނޭގޮތުގައި، އަޅުގަނޑުމެންގެ ޙާލަތު ހުންނަގޮތެވެ. ސިޔާސީން، މިއަދު ވަކި އެއްޗެއް، މާދަމާ އެއާ މުޅިން އިދިކޮޅު އެއްޗެއް ކީމަވެސް އަޅުގަނޑުމެން ތިބޭނީ އަތްޖަހާށެވެ. އަދި، އެއީ އެންމެ ތެދުކަމަށް ބަލައިގެންނެވެ. ނަމަވެސް، ދިވެހިރައްޔިތުންގެ ތެރެއިން ޙައްޤަށް ލޯބިކުރާ މީހުންވެސް މަދެއްނޫނެވެ. ކަންކަން އޮޅުން ފިލުވަން ބޭނުންވާ މީހުންވެސް ވަރަށް ގިނައެވެ. އެހެންކަމުން، މިވާހަކަތަކުން ވަރަށް ގިނަމީހުންނަށް ކޮންމެވެސް ވަރެއްގެ މަޢުލޫމާތާއި ޚިޔާލާތެއް ލިބިގެންދާނެކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، ވާހަކައާއިގެން ކުރިޔަށްދާނަމެވެ.

އާދެ، އޮޅުންބޮޅުން މިފަދަ ކޯލިޝަނެއްގެ ކުރިމަގު ދިގެއް ނުވާނެއެވެ. އެހެނީ، މިއީ އަބަދުވެސް ފިކުރު ދިމާނުވާ ހަތުރުންނެވެ. އިބޫއަށް ވެރިކަން ލިބުމަށްފަހު، ސަރުކާރު ބަހާނެ ގޮތާމެދު މައްސަލަ ޖެހުމަކީ ނުވެނުދާނެ ކަމެކެވެ. އެއީ މިހާރު އަނގަބަހުންވިޔަސް، އަދި ކަރުދާހުގައިވިޔަސް އެއްބަސްވުމެއް އޮތަސް އެކަންވާނެ ގޮތެވެ. މާގިނަ ދުވަހެއްނުވެ، ދެން ނުކުންނާނީ، މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމުގައި ދާއިރާތައް ބަހާނެގޮތާމެދު ނުކުންނާނެ މައްސަލައެވެ. މިވެސް އެގްރީމެންޓުކުރެވި އެބަަސްވެވިފައި އޮވެދާނެއެވެ. އެކަމަކު، ދަންނާށެވެ. އެމްޑީޕީއަކީ އެމްޑީޕީއެވެ. ޕީޕީއެމް ކޯލިޝަނުގައި ޢަދާލަތަށް އޭރު ލިބުނު ލަނޑު އަދިވެސް ޢަދާލަތު ބޭފުޅުން ހަނދުމަހުންނާނެއެވެ. ދެން އޭގައި ބުނެވިދާނެއެވެ. ” ތިމަންނަމެން، އޭރު ދިޔައީ އެއްވެސް އެއްބަސްވުމެއްނެތި، އެއްވެސް ޝަރުޠެއްނެތިއެވެ. އެހެންކަމުން، އެމީހުންނަށް އޭރު އެހެން ހަދަން ފުރުޞަތު ލިބުނީއެވެ. މިފަހަރު މިދަނީ ވަރުގަދަ އެގްރީމަންޓުތަކެއް ހެދިގެންނެވެ. އެއްބަސްވުންތަކާއި، އެގްރީމަންޓުތައް ހެދިފައިވާނީ ވަރަށް ތަފްސީލުކޮށެވެ. އަދި އެ އެއްބަަސްވުންތަކަށް އިބޫ ވަރަށް ބޮޑަށް އިޙްތިރާމުކުރައްވާނެކަން ޔަޤީނެވެ.”

އާދޭހެވެ. އެގޮތަށް އެހެންވެއްޖެނަމަ، ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް، މި މޮޔަމީހާއަށް ހީވާ އެއްޗެއްވެސް ބުނެފާނަމެވެ. މިހެން ދެންނެވީމަ، އަބަދުވެސް ޝަފީޢުމެންނަށް އޮންނަނީ ކުށް ހީވެފައެވެ، ވިދާޅުނުވާށެވެ. އަޅުގަނޑުވެސް ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުޞަތުދެއްވާށެވެ. އެއަށްފަހު، މޮޔަމީހާ ބުނި އެއްޗެއްކަމަށް ބަލައި، އެކަމާ އަޅައިނުލައްވާ ދޫކޮށްލައްވާށެވެ.

އާދެ، ސިޔާސީ މައިދާނަށް ބަލާއިރު، އަޅުގަނޑަށް ފެންނަނީ، މީތި މަސައްކަތްނުކުރާނެ ތަނެވެ. އެހެނީ، މިއީ ފިކުރީގޮތުންނާއި ފަލްސަފީގޮތުން އަދުއްވުންކަމުގައިވުމުން، އެއްބަޔަކު އަނެއްބަޔަކަށް ލިބޭ ދާއިރާ މަދުވުމުން ބޮޑާ ހާކާނެކަމާމެދު ޝައްކެއްވެސް ނެތެވެ. މިހާތަނަށް ކޯލިޝަން ހެދުނު ކޮންމެ ފަހަރަކު އެކަންވެފައިވެސް އޮތީ އެހެންނެވެ. އެއީ މިޤައުމުގެ ސިޔާސީ ޙަޤީޤަތެކެވެ. އެމްޑިީޕީއަކީ، ބޮޑު ޕާޓީކަމަށްވުމުން، ރައީސުލްޖުމްހޫރިއްޔާއަކީ އެމީހުންގެ މީހަކަށްވުމުން، ޢަދާލަތާއި މައުމޫނާއި ޤާސިމަށް ސައްތައިންސައްތަ އިތުބާރުކުރެވެން ނެތުމުން، އެޕާޓީން ދޫދޭން ބޭނުމެއް ނުވާނެއެވެ. އެކަމުގެ ބަހަނާއަކަށް ވާނީ، ވެރިކަމެއް ހިންގުމުގައި، އެންމެ މުހިއްމު އެއްތަނަކީ މަޖިލީހެވެ. މަޖިލިސް ލިބުމަކީ، ހަމަޖެހިގެން ވެރިކަމެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ގެރެންޓީއެކެވެ. ސަރުކާރުން ބޭނުންވާ ބިލުތަކާއި، ބަޖެޓާއި، އަދިވެސް އެހެނިހެން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި، މިހެންގޮސް ވަރަށް ގިނަ މަޞްލަޙަތުތަކެއް ހިމެނޭ ތަނެވެ. އެތަނުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވާނެއެވެ. އެކަމުގައި، އެހެންބަޔަކަށް ގިނަ ޓިކެޓުތަކެއް ދޭން ބޭނުމެއްނުވާނެއެވެ.

ނަމަވެސް، އިބޫއަކީ މަޑުމައިތިރި، އެންމެނާ ގުޅޭ، މަޝްވަރާގެ އަހުލުވެރިބޭފުޅަކަށްވުމުން، މަޝްވަރާގެ މަތިން އެކަން ގޮސްދާނެކަމަށް ބައެއްމީހުންނަށް ހީވެފައި އޮވެދާނެއެވެ. އަދި މިހާރުވެސް އިބޫ އެގެންދަވަނީ ތަފާތު ފިކުރުތަކުގެ މީހުން ގޮވައިގެންކަމަށް ބުނެފާނެއެވެ. އެކަމަކު، ދަންނަވަންތޯއެވެ. އެކަން އެހެންވުމަށްވުރެ ނުވުން ގާތެވެ. މިހާރު، ބަޔަކު ބުނިހާ އެއްޗަކަށް ހާނ ހޫނއެވެ، ވިދާޅުވެގެން އިބޫއަށް ކުރިޔަށް ދެވިދާނެއެވެ. އަދި އެގެންދަވަނީވެސް ކުރިޔަށެވެ. ނަމަވެސް، ވެރިކަން ލިބުމުން، ކަންކަން ޢަމަލީ މައިދާނުގައި ތަންފީޒުކުރަންޖެހޭ ހިސާބަށް ދިޔުމުން، ޙަޤީޤީ ކޯޅުން ފެށޭނެއެވެ. އޭރުން، އެއްބަޔަކުވެސް ދުލެއްނުދޭނެއެވެ. މިހާރު ތަންފީޒުކުރަންޖެހޭ ކަމެއްނެތެވެ. މިހާރު އޮތީ، އެބަޔަކު ބޭނުން މާއްދާއެއް މެނިފެސްޓޯގައި ހިމެނުމާއި، ޖަލްސާގައި ދައްކާނެ ނުކުތާތަށް ބުނެދިނުމެވެ. އޭގައި، ކުދިކުދި އަރައިރުން ހުއްޓަސް މަޞްލަޙަތަށް އެބަޔަކު ބޭނުންގޮތަކަށް އެކަންވާނޭ ކަމަށް އެއްބަސްވެވިދާނެއެވެ. ކޮންމެގޮތެއް ހަދާފައިވެސް، މިހާރު ބޭނުންވަނީ ވެރިކަމެވެ. މިވެރިކަން ވެއްޓުމެވެ.

އާދެ، އިބޫގެ މަޑުމައިތިރިކަމަކީ، ބައެއްފަހަރު ހެވަކަށް ވިޔަސް، އެއީ ވަރަށް ބޮޑު ގެއްލުމެއްވެސް މެއެވެ. އެހެނީ، މިފަދަ ކަމެއްގައި، އެމްޑީޕީގެ އިސް ދެންތިބި ވެރިން އިބޫއަށް ދުލެއްނުކުރާނެއެވެ. ޢަދާލަތަށް އެމީހުންގެ ހިތުގައި އޮންނަނީ އަމަށަކު ރުޅިއެއްނޫންކަންވެސް މިދަނޑިވަޅު ހަނދާންނައްތާލައިގެން ނުވާނެއެވެ. މިއުޅެނީ، އައިޑިއޮލޮޖީގެ ތަފާތެވެ. ފެނާއި ތެލުގެ ތަފާތެވެ. އަދި އިބޫއަށް އެމީހުންނާ ދެކޮޅަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިގަންނަވާއެކޭވެސް ބުނެވޭކަށްނެތެވެ. މިއީ މާޒީ ބުނާގޮތެކެވެ. ޣައިބަށް ދައުވާކުރަނީއެއް ނޫނެވެ. އެހެނީ، މުސްތަޤުބަލަށް އިންސާނުންތައްޔާރުވަނީ މާޒީން ޢިބްރަތްލިބިގެންނެވެ. މާޒީގައި އިބޫގެ ލީޑާޝިޕްގެ ދަށުންމަޖިލިސް ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ. މީގެ އެއްމިސާލަކީ، ޤައުމުގެ ބިން ބޭރު މީހުންނަށް މިލްކުކުރެވޭގޮތަށް ފާސްކުރި ބިލުވެސް އެމްޑީޕީ ޕާލިމަންޓް މެމްބަރުންގެ ތެރެއިން ބަޔަކު ހަޅޭފަޅޭ ލަވައި، ފްރީލައިން ވިޕެއް ނެރުވާ، އެބިލު ޕީޕިއެމާ ގުޅިގެން، ވޯޓުލާ ފާސްކުރި އިރުވެސް، އެކަމާ ދެރަވެ ކަރުނަ އަޅުއްވައި، ނޫސްތަކަށް އިންޓަވިއު ދެއްވުން ނޫންކަމެއް އިބޫއަށް ކުރެއްވިފައެއް ނުވެއެވެ. މީގެ އެންމެ ހެއްވާ ތަންކޮޅަކީ، އެބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން، ޤައުމު ނުވިއްކާށޭ، ޤައުމަށް ޚިޔާނާތްތެރި ނުވާށޭ، ޤައުމަށް ޤައްދާރުވެރި ނުވާށޭ ބުނެ، މުޒާހަރާކޮށް، މަޖިލީހުގައި ހަޅުތާލުކޮށް ހެދީވެސް އެމްޑީޕީންނެވެ. ކިޔުންތެރިންނަށް ހަނދާން އައު ކޮށްލުމުގެ ގޮތުން ދަންނަވަމެވެ. މިއީ އެއްކަލަ، އެކިޔާ ގޯނިގޯންޏަށް ފައިސާ އަޅައިގެން، އިދިކޮޅު މަޖްލީސް މެމްބަރުން ރިޝްވަތުހިފިކަމަށް ދެކެވޭ ވާހަކައެވެ.

“ކްލެޝް އޮފް އައިޑިއޮލޮޖީސް” ނުވަތަ އެއްފިކުރު އަނެއްފިކުރާ ފުށުއަރާ ހިނދުވާނީ ކިހިނެއް؟!

ސަރުކާރު ހިންގުމުގެ ކަންކަމުގައި، މިފިކުރުތައް ފުށުއަރާ މައްސަލައެއްގައި ކަންތައްވެގެންދާނެ ގޮތަކާމެދު ވިސްނާލަމާ ހިނގާށެވެ. ކުރިން ދެންނެވި ފަދައިން މިއީ ތަފާތު އިދިކޮޅު ފުށުއަރާ ފިކުރުތަކެކެވެ. އެފަދަ ދަނޑިވަޅެއްގައި އިބޫ ކަންތައްކުރާނީ ކޮންގޮތަކަށްތޯއެވެ. ޝެއިޚް އިމްރާން ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ މައުމޫނު ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ ޤާސިމު ބޭނުންފުޅުވާ ގޮތަށްތޯއެވެ. ނުވަތަ އަންނި ބޭނުންފުޅުވާ ގޮތަށްތޯއެވެ. އަންނި ހުއްޓަސް ނެތަސް، އިބޫއަށް އިސްވާނީ އެމްޑީޕީ ފިކުރު ނޫންތޯއެވެ. އެހެނީ، އެއީ އަންނި ހުއްޓަސް ނެތަސް އިބޫގެ ޕާޓީއެވެ. އިބޫއަށް އިބޫގެ ޕާޓީ މުހިއްމުވާނެ ނޫންތޯއެވެ. އަދި ވެރިކަމުގައި ހުންނަވާ ދުވަސްވަރު، އެންމެ ބޮޑު އެހީއާއި ރުހުން އިބޫ ބޭނުންފުޅުވާނީވެސް އެމްޑީޕީގެ ނޫންތޯއެވެ. ޢަދާލަތުގެއެއް ނޫނެއްނޫންތޯއެވެ. މިއީ ހަމަބުއްދި ނޫންތޯއެވެ.

އަދި އެހެންނުވާންވީ ސަބަބެއްނެތެވެ. އެހެނީ، އެމްޑީޕީއަކީ އިބޫގެ އަމިއްލަ ޕާޓީއެވެ. އެންމެ ބޮޑު ޕާޓީއެވެ. މަޖިލީހުގެ ތެރޭގައި އެންމެ ގޮނޑިވެސް ގިނަވާނެ ޕާޓީކަމަށް ބަލަމާ ހިނގާށެވެ. ވުމާއެކު، އިބޫއަށް އެހެން ފިކުރެއް ކުރިޔަށް ނެރެވޭނެތޯއެވެ. އެ ހިސާބުން، އެފަދައިން އެއްފަހަރު ކަންތައްވެ، ދެވަނަ ފަހަރު ކަންތައްވެ، ތިންވަނަ ފަހަރު ކަންތައްވާއިރަށް ކޯލިޝަން ރޫޅެން ފަށާނެއެވެ. އެއްބަޔަކު، އެމްޑީޕީ މާ ޚުދުމުޚުތާރުކަމަށް ބުނެ ނުކުންނައިރު، އަނެއްބަޔަކު ނުކުންނާނީ، ލާދީނީއޭ ކިޔާފައިކަމަށްވުންވެސް އެކަށީގެންވެއެވެ. މިހެން އަޅުގަނޑު ދެންނެވުމުން، ޣައިބުގެ ވާހަކަދައްކާ ކަމަށްވެދާނެއެވެ. ޣައިބުގައިވާ ކަންކަން ނޭނގޭނެ ކަމަށް ބުނެފާނެއެވެ. އެހެންކަމުން، އަނެއްކާވެސް ހަނދާންކޮށްދެމެވެ. މިއީ ޣައިބަށް ދައުވާކުރުމެއް ނޫނެވެ. މިއަށް ކިޔަނީ، މާޒީން ޢިބުރަތް ނެގުމެވެ. މިކަން 2008 ގައި ނުވޭތޯއެވެ. މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރު ކަށްޓެއް ނުޖަހާނޭ ޙަދީޘްފުޅުގައި އޮންނަނީވެސް މިކަހަލަ ކަންކަމަށް ސަމާލުވެ ތިބުމަށެވެ.

މިހެން ބުނުމުން، ބައެއްމީހުން ބުނެފާނެއެވެ. ރަނގަޅެވެ. ތިހެން ވެދާނެއެވެ. އޭގެ މައްސަލައެއްނެތެވެ. އެކަމަކު، މިހާރު ބޭނުންވަނީ އަނިޔާވެރިކަން ނިންމުމަށެވެ. ވައްކަން ނިމުމަކަށް ގެނައުމަށެވެ. އެއީ ވާޖިބެކެވެ. ރަނގަޅެވެ. އެއީ ވާޖިބެކެވެ. އެކަމަކު، އެ ވާޖިބާއެކު، އެހެން ވާޖިބެއް އެބައާދެއެވެ. އެއީ، އެއަށްވުރެ، ޤައުމުގެ ޙަލާތު ގޯސް ނުވާނެކަމުގެ ޔާޤީންކަން އޮތުމެވެ. އެކަމަކު، ތިބޭފުޅުންނަށް އެ ޔަޤީންކަމެއްނެތެވެ. ތިބޭފުޅުންގެ ބަހަކަށްވެފައިވަނީ، އެފަދަ ދުވަހެއް ދިމާވެއްޖެނަމަ، ނުކުންނާނީއެވެ. އަދި ޙައްޤުބަސް ބުނާނީއެވެ. މިޖެހުނީ ކޮންތާކުތޯއެވެ؟!! މިއީ ކުޅޭކުޅޭ ކުޅިވަރެއްތޯއެވެ. މިހިރަ މިހިރަ ކަންކަމާހެދި، ތިބޭފުޅުންގެ އުޞޫލުތަކަކީ ކޮބައިކަން ރައްޔިތުންނަށް އޮޅިއްޖެއެވެ. އިއްޔެ، ލާދީނިއްޔަތު އެންމެ ނުރައްކާވެ، މިއަދު އެއީ ދެވަނަ ދަރަޖައިގެ ކަމަކަށް އެބަވެއެވެ. މާޒީގައި ދެކެވުނު ވާހަކަތައް، ރައްޔިތުންގެ ކަންފަތުން ފިލައިގެން ނުގޮސް ހަރުލާފައި އެބަހުއްޓެވެ. އެންމެ ކުޑަމިނުން، ޞަރީޙަކޮށް މިވާ ގޮތެއް ރައްޔިތުންނަށް ކިޔައި ދެއްވުމުން، ރައްޔިތުންނަށް ތިޔަބޭފުޅުންގެ ވެލިއުސްތަކާއި އުޞޫލުތައް އޮޅިގެން، ރައްޔިތުންނަށް ވާނުވާ ނޭނގިގެން އުޅޭކަށް ނުޖެހޭނެއެވެ. މިހެން ދެންނެވީމާ، ހީވެދާނެއެވެ. ” މިޝަފީޢު، އަނެއްކާ މިފެށީ ކޮންވާހަކައެއްހޭ؟ އެހެނީ، އަހަރެމެން ޕޯޑިއަމްތަކުގައި މިވެގެން އުޅޭގޮތް އެބަ ކިޔައިދެމެވެ. އެބަ ބުނަމެވެ. މިއުޅެނީ، އެންމެންވެގެން އަނިޔާވެރިކަން ނިމުމަކަށް ގެންނަންވެގެންނޭއެވެ. އަހަރެމެންގެ ފިކުރުތައް ތަފާތެވެ. ވިސްނުންވެސް ތަފާތެވެ. އެކަމަކު، މިއުޅެނީ، ވައްކަމާ ދެކޮޅަށް ތެދުވެގެންނެއެވެ. މިއުޅެނީ ކޮރަޕްޝަން ނައްތާލަންވެގެނެންނެވެ. މިއުޅެނީ، ހެޔޮ ވެރިއަކު އައްޔަން ކުރަންވެގެންނެވެ.”

އާދެ، ތިބޭފުޅުން އެކަން އެބަކުރައްވަމުއެވެ. މާބޮޑަށްވެސް އެބަކުރައްވައެވެ. ބައެއްފަހަރު، ތަންކޮޅެއް މައްޗަށް ދާހެން ހީވާ ވަރަށްވެސް އެބަކުރައްވައެވެ. އެކަމަކު، އަޅުގަނޑު މިދައްކަނީ އެ ވާހަކައެއް ނޫނެވެ. އަޅުގަނޑު މިދަންނަވަނީ، އިއްޔެ، ލާދީނީވި ބަޔަކު މިއަދު ދީނީ ވެއްޖެތޯއެވެ. އިއްޔެ ރާއްޖެއަށް އެންމެ ނުރައްކާތެރި ފަލްސަފާއެއް ގެންނަން އުޅުނު ބަޔަކު، އެފަލްސަފާ ދޫކޮށްލައިފިހެއްޔެވެ. ތިބޭފުޅުންނަށް ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ވައްކަމާއި، ޚިޔާނާތާ ދެކޮޅަށް މަސައްކަތް ކުރެވެންވަނީ ދިވެހިރާއްޖެއަށް އެންމެ ނާމާން ނުރައްކާތެރި މީހުންގެ ޕޯޑިއަމުގައިތޯއެވެ. އެއީ ކޮރަޕްޝަނާއި، ޚިޔާނާތާއި، އަނިޔާވެރިކަމާއި، ލާދީނިއްޔަތުން ފަސްބައި ސާފު ބައެއްތޯއެވެ؟! ތިބޭފުޅުންގެ އަމިއްލަ މިނިވަންކަން ކޮބައިތޯއެވެ؟ ތިބޭފުޅުންގެ އުޞޫލުތައް ކޮބައިތޯއެވެ؟ ރައްޔިތުންނަށް ނުވިސްނިގެން މިއުޅެނީ އެކަންކަމެވެ. ދެން ވިދާޅުވެފާނެއެވެ. އަނިޔާވެރިކަން މިހާރު މާބޮޑެވެ. ވައްކަން މާބޮޑެވެ. ބައްލަވާ، ތިބޭފުޅުންގެ ބަހުން، ” 30 އަހަރުގެ އަނިޔާވެރި ޑިކްޓޭޓަރު”، އިންނެވީ ކޮންކޮޅެއްގައިތޯއެވެ؟ އެ އަނިޔާވެރިކަމުގެ “ކަރުސަތުނާމާ” އަދިވެސް ރައްޔިތުން ހަނދާން އެބަހުއްޓެވެ. ހަމައެފަދައިން، ތިބޭފުޅުން “މރ. ލާދީނިއްޔަތު”ގެ ލަޤަބު އެރުއްވި ބޭފުޅާ އިންނެވީ ކޮންކޮޅެއްގައިތޯއެވެ؟ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަން މަދުތޯއެވެ؟ މުރާޖަޢާކުރައްވާށެވެ. ނުޙައްޤުން މީހުން ޖަލަށްލި ވަރު މަދުތޯއެވެ؟ ވެރިކަން ވެއްޓުނީވެސް އެހައިޖާނުގައި ނޫންތޯއެވެ؟ އެހެންވީމާ، ޤައުމަށް މިއީ އެންމެ ފައިދާ ހުރި ގޮތޭ ވިދާޅުވެފައި، ތިފަދަ ކޮޅަކަށް އެރުއްވުމުން ރައްޔިތުންނަށް ސުވާލުތަކެއް އުފެދޭނެއެވެ. މިނިވަންކަން މަތީގައި ތިއްބަވައިގެން ޙައްޤުބަސް ވިދާޅުވުމަށް، ތިބޭފުޅުންނަށް ބަޔަކު މަޖުބޫރު އެބަ ކުރުވާތޯއެވެ؟ ނޫނީ ތިކަމުގައި އޮތީ އަމިއްލަ މަޞްލަޙަތެއްތޯއެވެ؟ ޙައްޤު ބަސް ބުނެގެން ޖަލަށްލާފާނެކަމުގެ ބިރުތޯއެވެ؟ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުން، ޕާޓީ އުވާލާނެކަމުގެ ބިރުތޯއެވެ؟ ތިއީ، މުޅިންވެސް އަމިއްލަ މަޞްލަޙަތުތަކެކެވެ. ޤައުމީ މަޞްލަޙަތުތަކެއް ނޫނެވެ. ރައްޔިތުންގެ މަޞްލަޙަތުތަކެއް ނޫނެވެ. ޖަލަށްވެސް ލެވިދާނެއެވެ. ޕާޓީވެސް އުވާލެވިދާނެއެވެ. އެކަމަކު، ތިބޭފުޅުން ހިފެހެއްޓި އުޞޫލުތައް އޮޅުންބޮޅުންނުވެ، ހިފެހެއްޓުނީސްކަން ކަށަވަރެވެ. މާދަންވެސް، އެހެން ނަމެއްގައި އައުމުންވެސް، ރައްޔިތުންގެ އިތުބާރު އޮންނާނެއެވެ. އަދި ކިއެއްތޯއެވެ. ރާއްޖޭގެ އެންމެ ނުފޫޒުގަދަ ޕާޓީއަށް ވުމުގެ ފުރުޞަތު އެންމެ ބޮޑު ގޮތަކީވެސް އެއީއެވެ. މިއީ ތުރުކީ ވިލާތުންވެސް ލިބޭ ފިލާވަޅެއް ނޫންތޯއެވެ؟ އެކަންވެސް އެންމެ ރަނގަޅަށް އެނގިލައްވާނީ ތިބޭފުޅުންނަށެވެ.

ނިންމާލަން ބޭނުންވަނީ، ސުވާލުތަކަކުންނެވެ.

1-  އެމްޑީޕީއަށް މިޝަނަރީ ފަންޑުތައް (ކަނީސާތަކުން އަންނަ ފަންޑު) ހުއްޓި، އެމްޑީޕީ އެކަމަށް ތައުބާވެއްޖެތޯ؟

2-  އެމްޑީޕީގެ ލާދީނީ ސިޔާސަތު، ދީނީ ސިޔާސަތަކަށް ބަދަލުކޮށް، އެކަމުން އެމީހުން ތައުބާވެއްޖެތޯ؟

3-  މާތް ﷲ ގެ ދީނާއި، ރަސޫލާ (صلى الله عليه وسلم) އަށް ކުރި ފުރައްސާރައަށް ތައުބާވެއްޖެތޯ؟

4-  މަޖިލީހުގައި އިސްލާމްދީނުގެ ބައެއް ޙުކުމްތަކަށް ފާޅުގައި (އީވާ ޢަބްދުﷲ ފަދަ މެމްބަރުން) އިންކާރުކޮށް ދެއްކި ވާހަކަތަކަށް ތައުބާވެއްޖެތޯ؟

5-  އަތްކެނޑުމާއި ރަޖަމްކުރުމާއި މަރުގެ ޙުކުމްފަދަ ޙުކުމްތަކަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ކުރި މަސައްކަތަށް ތައުބާވެއްޖެތޯ؟ އެ ސިޔާސަތު ބަދަލުކޮށްފިތޯ؟

6-  ރާއްޖޭގައި ނަޞާރާދީން ފަތުރަން އުޅުނު ފާދިރީ ހާޑިންގުހަމާ އޮތް ގުޅުން ކަނޑާލައިފިތޯ؟ އޭނަ އެމްޑީޕީއަށް ކެމްޕޭނުކޮށްދެން ނުުއުޅޭތޯއެވެ؟

7-  ޢަދާލަތު ޕާޓީއާއި އެޕާޓީގެ ޢިލްމުވެރިންނަކީ ހައްދުފަހަނައަޅައިފައިވާ ޓެރަރިސްޓުންކަމަށް ބޭރު ދުނިޔެއަށް ދިން އިންޓަވިއުތަކަށް މާފަށް އެދި އެތަޞައްވަރު ބަދަލުކޮށްފިތޯއެވެ؟

8-  ދިވެހިރާއްޖޭގައި ތިބި، ސެކިއުލާ، މުލްޙިދު، އަދިވެސް ކިޔަން ލަދުގަންނަފަދަ ކަންކަމަށް ވަކާލާތުކުރާ މީހުންގެ ތާއީދު މިހާރު އެމްޑީޕީއަކަށް ނޯވޭތޯއެވެ؟ އެމްޑީޕީން އެމީހުންނާ ގުޅުން ކަނޑާލައިފިތޯއެވެ؟

މިސުވާލުތަކަށް އީޖާބީ ޖަވާބެއްދެއްވާފިންޏާމު، މިއަދުން މިއަދަށް ތިބޭފުޅުންނަށް ބައިޢަތު ހިފަން ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ. ވައްސަލާމު ޢަލައިކުމް!

(ނޯޓު: މިއީ 16 ސެޕްޓެމްބަރ 2018 ގައި އަޅުގަނޑުގެ ބްލޮގުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.)

ޚިޔާލު ފައުޅުކުރުން