22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓުން ފާހަނގަވާ ބައެއް ނުކުތާތައް :

 

މުޤައްދިމާ ؛

 • އުތެމަ އަކީ އަންހެނުންގެ ޙައްްޤުތަކަށް ވަކާލާތުކުރަން ރާއްޖޭގައި ހެދި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ޖަމްޢިއްޔާއެކެވެ.
 • ސީޑޯ (The Convention on the Elimination of all Forms of Discrimination Against Women- CEDAW)  އަކީ އަންހެނުންނާ މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާ ބެހޭ އދ. ގެ ބައިނަލްއަޤުވާމީ މުޢާހަދާ އަށް ކިޔާ ނަމެވެ.
 • އުތެމައިން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ހިޔަނި ރިޕޯޓެކެވެ. އެއީ ދިވެހި ދައުލަތުން އެޕްރީލް 2019 ގައި ހުށަހަޅާފައިވާ 6 ވަނަ ޕީރިއޮޑިކް ރިޕޯޓާ ހަވާލާދީ ، ކުރިޔަށް އޮތް (22 ޖޫން އިން 10 ޖުލައި 2020 ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް) ހުޅަހެޅުމަށް ހަދާފައިވާ ހިޔަނި ނުވަތަ ‘ޝެޑޯ’ ރިޕޯޓެކެވެ.

އުތެމަގެ ޚުލާޞާ ރިޕޯޓުން ފާހަނގަވި ބައެއް ކަންކަން:

1- މި ރިޕޯޓުވެސް ހަދަން ފަންޑު ކޮށްފައިވަނީ ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ “ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް” އިން ކަން ފާހަނގަކުރެވޭ.

– އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.

2- ރިޕޯޓުގެ ދެވަނަ ޞަފްޙާގައި ( 5 މާއްދާގެ ދަށުން ) އެމްޑީއެން ރިޕޯޓުގެ ވާހަކަ ބަޔާން ކޮށްްފައިވުމާއި ، އެ ރިޕޯޓުގައިވާ ކަންކަން ބަލައިގަތުމަށް ދިވެހި ދައުލަތަށް ހުށަހަޅާފައިވުން.

– އޭގައިވާ ޢިބާރާތް ތިރީގައި މި ނަޤަލުކޮށްލަނީއެވެ.

” 2015 އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް (ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މިންވަރު ދެނެގަތުމުގެ އިބްތިދާއީ ދިރާސާ ) ގައި މަތީގައިވާ މައްސަލައިގެ ސަބަބުން ސްކޫލްތަކުގެ މަންހަޖަށާއި މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ އާޚިރު ނަތީޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތުތަކެއް އެކުލެވިފައިވެއެވެ. ދާދި ފަހުން ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެމްޑީއެން ގެ ރިޕޯޓު ކުށްވެރިކުރުމުގެ މަސައްކަތަކީ މި މައްސަލައިގެ ސީރިއަސްކަން ރަމްޒުކޮށްދޭ ކަމެކެވެ.

ހުށަހެޅުން :

ހ) އެމްޑީއެން ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާދިއުމުގެ މުހިންމުކަން ބަލައިގަނެ އެކަންކަމާއި ދޭތެރޭގައި ފިޔަވަޅު އެޅުން.”

ނަޤަލު ނިމުނީ

– މީގައިވާ ގޮތުން ، އެމްޑީއެން ރިޕޯޓުގައި އިސްލާމް މާއްދާގައިވާ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކަކީ ޞައްޙަ މަޢުލޫމާތު ތަކެކެވެ.

– ނަމަވެސް ، ފާހަނގަކޮށްލަން ޖެހޭ ނުކުތާ އަކީ، އިސްލާމް މާއްދާގައި ވާ ކަންކަން ބަޔާން ކުރުމުގައި ، ގިނަ ފަހަރަށް އިސްލާމްދީނަށާއި، މާތް ނަބިއްޔާ އަށް ތައުހީނުގެ ބަސްތައް އެ ރިޕޯޓުގައި ގެނެސްފައި ވަނީ… ހަމަ އެއާއެކު، ރަސޫލާ އަކީވެސް ހައްދުފަހަނައަޅާފައިވާ ބެއިކަލެއް ކަމަށް ކަނޑައެޅީ ހަމަ އެބައިގައެވެ. އަދި އިސްރާއި މިޢުރާޖަކީ ޚުރާފީ ކަމެއް ކަމުގައި ބަޔާން ކުރީ ވެސް އެ ބައިގައެވެ. ރަސޫލާ ދެކެ ލޯބިވުން މައްސަލައެއް ކަމަށް ބަޔާން ކުރީ އެބައިގައެވެ.

– އެހެންކަމަށް ވަންޏާމު، އެ ރިޕޯޓުގައި އެވަނީ ޞައްޙަ ނޫން މަޢުލޫމާތުތަކެއް ކަމަށް އަދި އިސްލާމްދީނާއި ރަސޫލާއަށް ތައުހީނު ކުރެވިފައިވާ ވާހަކަތަކެއް ކަމަށް، ރައީސުލް ޖުމްހޫރިއްޔާ އާއި، އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންވެސް ޤަބޫލުކޮށްފައިވާ އިރު، އެ ރިޕޯޓު ޤަބޫލުކުރުމަށް އުތެމާއިން ހުށަހެޅުމަކީ އެއިގެ ޒާތުގައި ކުށެކެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ތަޙްޤީޤުވެސް ކުރަން ޖެހޭ ކަމެކެވެ.

3- ރިޕޯޓުގެ 2 ވަނަ ޞަފްޙާގައި (މާއްދާ 6 ގެ ދަށުން ) ލިޔެފައިވެއެވެ :

” އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ ދީނީ ޢިލްމުވެރިންނަށް ދައުލަތުގެ މުއައްސަސާތަކުން ފަހި މާހައުލެއް އަދިވެސް ޤާއިމުކޮށްދެމުން ދާކަމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.”

4- ރިޕޯޓުގެ 7 ވަނަ ޞަފްޙާގައި ލިޔެފައިވެއެވެ :

” ސެޕްޓެމްބަރު 2019 ގައި ދެ އަންހެން ފަނޑިޔާރުން ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންވެގެން ދިޔަ ދިޔުމަކީ ތާރީޚީ އަދި ހީނުކުރެވޭ ފަދަ ކުރިއެރުމެކެވެ. “

5- ރިޕޯޓުގެ 8 ވަނަ ޞަފްޙާގައި (21 ވަނަ ނުކުތާގެ ދަށުން ) “ހޯޕް ވޯ މިވެން” ޖަމްޢިއްޔާއިން ހަދާފައިވާ ދިރާސާއަކަށް ހަވާލާ ދީފައި ބުނެފައިވެއެވެ.

” ދިވެހި ، އިނގިރޭސި ، އިސްލާމް އަދި ސޯޝަލް ސްޓަޑީސް ގެ ތައުލީމީ ޓެކްސްޓު ފޮތްތައް މުރާޖައާ ކުރި ދިރާސާއެއްގެ ހޯދުންތައް ދައްކާގޮތުގައި ” މިންތިއާއި ގުޅޭ މައުލޫމާތު ހުރީ ދިވެހި އަދި އިސްލާމް ޓެކްސްޓު ފޮތް ތަކުގައެވެ. މީގެ ތެރެއިން ސާނަވީ ތައުލީމުގެ ސްކޫލް ފޮތްތަކުގައި މިންތީގެ ސްޓެރިއޯޓައިޕް (ނުވަތަ ތަފާތުކުރުންތައް) ގިނައެވެ.” މި ދިރާސާގައި “ހަރުކަށި އިބާރާތުން އިލްތިމާސް ކޮށް އަދި އެޑިއުކޭޝަން މިނިސްޓްރީއިން އެމީހުނަށް އިންޒާރުވެސް ދިނުމަށް ހުށަހަޅަނީ ކިޔަވާދޭއިރު މުދައްރިސުންގެ އަމިއްލަފިކުރުގައިވާ މިންތީގެ ތަފާތުކުރުންތަށް ހާމަނުކުރުމަށާއި، ޚާއްސަ ގޮތެއްގައި މަންހަޖުން ބޭރުމައުލޫމާތުތައް (ކުލާހަށް) ގެނައުން މަނާ ކުރުމަށެވެ.””

6- އެބޯޝަން މައްސަލަތަކަށް ފަތުވާ ކޮމިޓީން ފަތުވާ ނެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަނގަކޮށްފައިވުން.

– 12 ވަނަ ޞަފްޙާގައި (30 ވަނަ ނުކުތާގެ ދަށުން ) ލިޔެފައިވެއެވެ؛

” ވަކި ހާލަތްތަކެއްގައި އެބޯޝަން (ނުޡުފާ ނައްތާލުމާއި ހައްޔަރުން ނެއްޓުވުން) އެއީ ހުއްދަ ކަމެއްކަމުގައިބުނާ ފަތުވާއެއް އޮތްނަމަވެސް މިކަން މިގޮތަށް ހިނގާކަން ދޭހަކޮށްދޭނޭ ތަފާސްހިސާބެއް ނެތެވެ. ސައްޙަ ބައެއް މައުލޫމާތުން އެނގިފައިވަނީ އެބޯޝަން އާއިގުޅޭ ހައްސާސް ބައެއް މައްސަލައިގާ ވަކީލުންގެ ފަރާތުން ޑޮކްޓަރުންނަށް ޤާނޫނީ ލަފާދީފައިވަނީ ޑޮކްޓަރީ ކަންކަމާ ނުބެހޭ އެ ފަތުވާ ކޮމިޓީއިން އެފަދަ މައްސަލައިގާ ލަފާހޯދުމަށެވެ. މިއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

7- އަންހެން ކުދިން ޚިތާނު ކުރުމުގެ މައްސަލާގައި ، އެއީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ކަމެއް ކަމަށް ފާހަނގަކޮށް، އެކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިތްވަރު ދީ އާލާ ކުރުމަށް ބާރުއަޅާ ކަމުގެ ތުހުމަތުކޮށް، އަންހެން ކުދިން ޚިތާނު ކުރުމަކީ އެފް.ޖީ.އެމް.ސީ ކަމަށް މާނަކޮށްފައިވުން.

– 12 ވަނަ ޞަފްޙާގައި (31 ނުކުތާގެ ދަށުން) ލިޔެފައިވެއެވެ؛

” މިހާރު ފެންމަތިވަމުންދާ މައްސަލައެއް ކަމުގައިވާ ، އެފް.ޖީ.އެމް.ސީ (ނުވަތަ އަންހެން ކުދިން ޚިތާނުކުރުން) ގެ މައްސަލަ ބަލަންޖެހެނީ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތުގެ ވާހަކަތަކުގެ ނަޒަރަކުންނެވެ. އަދި ދައުލަތުގެ މުއައްސާސާތަކާއި ގާތުން މަސައްކަތްކުރާ އެފަދަ އިލްމުވެރިން ދަނީ މިކަން އަލާކުރުމަށް ހިތްވަރުދީ ބާރުއަޅަމުންނެވެ.” ނަޤަލު ނިމުނީ.

މީގައި ފާހަނގަކޮށްލެވޭ ބައެއް ނުކުތާ ތަކަކީ ؛

 • އެފް.ޖީ.އެމް.ސީ އާ ދީނީގޮތުން ހުއްދަވެފައިވާ ޚިތާނުކުރުމާ އެއްފަދަކޮށްފައިވުން.
 • ނަމަވެސް މިއީ ވަރަށް ބޮޑަށް ތަފާތު ދެ މައްސަލައެކެވެ. އެހެނީ ފީމެއިލް ޖެނިޓަލް މިއުޓިލޭޝަނަކީ ތަފާތު ޘަޤާފަތްތަކުގައި ތަފާތު ގޮތްގޮތަށް ކުރެވޭ ކަމެކެވެ. ބައެއް ޘަޤާފަތްތަކުގައި އަންހެނާގެ އައުރަ ގުނަވަން ވަރަށް ބޮޑަށް ބަދަލުގެނެސް ކަފާލައެވެ. އަދި ތަފާތު ބޮޑެތި އަނިޔާތައް ލިބޭ ގޮތަށް އެކަންކަން ކުރެއެވެ. ނަމަވެސް، އިސްލާމްދީނުގައިވެސް މިދެންނެވި ގޮތަށް އެކަންތައް ކުރުން ވާނީ ބޮޑު ޖަރީމާއެއް ކަމުގައެވެ.
 • އިސްލާމްދީނުގައި އަންހެނުން ޚިތާނުކުރުމަކީ ސުންނަތް ކަމެއް ކަމުގައި ނުވަތަ މުޞްތަޙައްބުކަމެއް ކަމުގައި ދެކޭ ޢިލްމުވެރިންގެ މެދުގައިވެސް އެކަމަކީ އައުރަ ގުނަވަނަށް ގެއްލުމެއް ނުދީ ، ހަމައެކަނި ލެއި ދައްކާލުން ފަދަ ގޮތަކަށް އޮންނަ ، މިޒަމާނުގައި މިކިޔާ އެފްއެމްޖީ އާ ވަރަށް ބޮޑަށް ޚިލާފަށް އޮންނަ ކަމެކެވެ.
 • އަންހެނުން ޚިތާނު ކުރުމަކީވެސް ދީނީ ގޮތުން، ފިޤްހީގޮތުން ޚިލާފު އުފެދިފައި އޮތް ކަމެއް… ބައެއް ޢިލްމުވެރިން ސުންނަތް ކަމަށް ދެކިލެއްވާއިރު، އަނެއްބައި ޢިލްމުވެރިން އެއީ ސުންނަތެއް ނޫންކަމެއް ދެކިލައްވައެވެ…
 • އަންހެން ކުދިން ޚިތާނު ކުރުމަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި ނެތް ކަމެކޭވެސް ބުނެވިދާނެއެވެ.
 • ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ތެރެއިން އެކަން އާލާކުރަން ހިތްވަރުދޭ ކަމަށް ބުނެފައިވާ ވުމަކީ ދޮގު ތުހުމަތެކެވެ.

8- ދިވެހިރާއްޖޭގެ ޤާޟީންނަކީ ، އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤުވާމީ މިންގަޑުތަކާއި އިޖުރާއަތުތަކަށް އަހުލުވެރިވެފައި ނުވާ ބައެއް ކަމުގައި ބަޔާންކުރުން.

– 17 ވަނަ ޞަފްޙާގައި (44 ނުކުތާގެ ދަށުން) ލިޔެފައިވެއެވެ؛

” ދައުލަތުގެ ރިޕޯޓުގެ ޕެރެގްރާފް 123-136 : 2019 ގައި އދ ގެ ޓޯޗަރ ގެ މައްސަލަތަކާބެހޭ ޚާއްޞަ މަންދޫބޫ (ޔޫ.އެން ސްޕެޝަލް ރެޕޮޓަރ އޮން ޓޯޗަރ) ފާހަގަ ކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ” ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް ޒިންމާނަގަންޖެހޭ ޤާޒީންގެތެރޭގައި ހުންނަންޖެހޭ ޝަރުތުފުރިހަމަ ނުވުމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤުވާމީ މިންގަޑުތަކާއި އިޖުރާއަތު ތަކަށް އަހުލުވެރި ނުވުމާއި މައުލޫމާތު ނެތްކަމަށް ފެންނަކަން” ހިމެނެއެވެ.”

– މީގައި ފާހަނގަކޮށްލެވޭ ނުކުތާ؛

 • ޔުނިވާރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރް) ގައި ރާއްޖޭއިން ބައިވެރިވެފައިވަނީ ރެޒަވޭޝަންތަކެއް ނަގައިގެންނެވެ. އެހެންކަމުން، އެއަށް ޤާޟީން އަހުލުވެރިވުމަކީ ކޮންމެހެން ލާޒިމުކުރަން ޖެހޭ ކަމެއް ނޫނެވެ. ޤާޟީން އަހުލުވެރިން ވާން ޖެހެނީ، އިސްލާމީ ޝަރިޢަތާއި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ، ރާއްޖޭގައި ދެވިފައިވާ ޙައްޤުތަކަށެވެ.
 • ޔޫޑީއެޗްއާރު ގައި ، އެއް ޖިއްސުން ގުޅުން ހިންގުމަކީ އިންސާނީ ޙައްޤެކެވެ. މުރުތައްދުވުމަކީ ޙައްޤެކެވެ. ޒިނޭ ކުރުމަކީ -ޙައްޤެކެވެ. މިހެން ގޮސް އިސްލާމީ ޝަރީޢަތް މުލުން ލުހެލާ ފަދަ ކަންކަން ޙައްޤުތަކުގެ ނަމުގައި ހިމެނިފައިވެއެވެ. އެހެންކަމުން، އިސްލާމީ ޤައުމެއްގެ، އިސްލާމީ ޝަރީޢަތަކީ މަޞްދަރު ކަމަށް ބަލައިގެން ޤާނޫނު ހެދޭ ޤައުމެއްގެ، ޤާޟީން، ބައިނަލްއަޤުވާމީ ޙައްޤުތަކަށް އަހުލުވެރިވާން ލާޒިމުކުރުމަކީ ލާޒިމުނުވާ ކަމެއް ލާޒިމުކޮށް ، އިސްލާމީ ޝަރީޢަތުގެ މަޞްދަރިއްޔަތު އުވާލުމަށް ބުނެވޭ ހީލަތްތެރި ބުނުމެކެވެ.

9- ޙައްދުގެ ޙުކުމް ކުރަމުން ދިޔަޔަސް ، ޙައްދުގެ އަދަބުދިނުން ވަނީ 2017 ގައި ހުއްޓާލާފައިކަމަށް ހާމަކޮށްފައިވުން.

– 17 ވަނަ ޞަފްޙާގައި (45 ވަނަ ނުކުތާގެ ދަށުން) ލިޔެފައިވެއެވެ؛

” ހައްދުގެ އަދަބުދިނުމާއި ބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ތަފާސްހިސާބު ދައްކާގޮތުގައި ހައްދުގެ ހުކުމް ކުރަމުން ދިޔަނަމަވެސް ހައްދު ޖެހުން ވަނީ 2017 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައެވެ.”

10- ރަޖަމްގެ ޙުކުމް ރާއްޖޭގައި 2015 އަދި 2017 ކުރުމަށް ޙުކުމް ކުރި ކަމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި ބަޔާންކުރުން.

– 18 ވަނަ ޞަފްޙާގައި (46 ވަނަ ނުކުތާގެ ދަށުން) ލިޔެފައިވެއެވެ؛

” މިހާތަނަށް ދިމާވެފައިނުވާ އަދި ރާއްޖެއަށް މުޅިން ބީރައްޓެހި މަފްހޫމެއް ކަމުގައިވާ ރަޖަމްކުރުމުގެ މަރުގެ ހުކުމް 2015 އަދި 2019 ގައި ތައާރަފްވެގެން ދިއުމަކީ، ދެފަހަރު މަތިންވެސް ހުކުމް ފަހުން ބާތިލު ކޮށްފައިވާނަމަވެސް ، ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.”

– މީގައި ފާހަނގަކުރެވޭ ނުކުތަކަކީ ؛

 • ރަޖަމްގެ ޙައްދަކީ އިސްލާމްދީނުގައި ޘާބިތުވެފައިވާ ޙައްދެކެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم  ޤާއިމުކުރައްވާފައިވާ ޙައްދެކެވެ. އަދި ، އެކަލޭގެފާނުގެ މަތިވެރި ޚުލަފާއުއްރާޝިދީންވެސް ޤާއިމުކުރައްވާފައިވާ ޙައްދެކެވެ. އެއީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ. އެކަމާ ބެހޭގޮތުން އަޅުގަނޑު ވާނީ މީގެ ކުރިން ދެ ލިޔުމެއްވެސް ލިޔެފައެވެ.
https://shafeeu.info/61/
https://shafeeu.info/64/
 • އިސްލާމްދީނުގައި އޮތް ޙައްދެއް ޤާއިމުކުރުމަކީ ނުވަތަ އެ ޙައްދަށް ޙުކުމު ކުރުމަކީ “ކަންބޮޑުވާންޖެހޭ” ކަމެއް ކަމުގައި އިސްލާމްދީނަށް ނިސްބަތްވާ ބަޔަކު ބުނުމަކީ އެއީ ޙަޤީޤީ ކަންބޮޑުވުމެކެވެ. އިސްލާމްދީނުގައި މާތް ﷲ އާއި އެއިލާހު ރަސޫލާ ކަނޑައަޅުއްވާފައިވާ ޙުކުމްފުޅަކާ މެދު އެނގިހުރެ ، ފާޅުގައި މުސްލިމަކު ދެކޮޅު ހެދުމަކީ އެމީހަކު ދީނުންވެސް ބޭރުވެދާ ފަދަ ކަމެކެވެ.
 • އުތެމަ އަކީ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ބަޔަކު ކަމުގައި ވެފައި ، އެކަމާ އެއްވެސް ގޮތަކަށް ގުޅުން ނެތް ، އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ވެސް ޤާއިމުކުރެވޭ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙުކުމްފުޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރުމުގެ ފަހަތުގައިވާ މަޤްޞަދާމެދު ސުވާލު އުފެދެއެވެ.

(ނޯޓު : މިއީ ޚުލާޞާ ރިޕޯޓަށް އަވަސް ކަޅިއެއްގައި ފާހަނގަކުރެވުނު ބައެއް ކަންކަމެވެ. ދީނީ ނަޒަރަކުންނާއި ޤާނޫނީ ނަޒަރަކުން މި ރިޕޯޓަށް – ޚާއްޞަކޮށް ފުރިހަމަ އަޞްލު ރިޕޯޓަށް – ވިސްނުންތެރިކަމާއެކު ނަޒަރު ހިންގާލައިފިނަމަ، މިއަށްވުރެ ގިނަ ކަންކަން ފާހަނގަވެގެން ދާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.)

ލިންކްސް:

ޚިޔާލު ފައުޅުކުރުން