އިބޫ ގަދަވިޔަސް، އަންނި ގަދަވިޔަސް، އަހުރެމެންނަށް އޮތީ ގެއްލުން!

ދީން ޙިމާޔަތްކުރުމުގެ ނަމުގައި ސިޔާސީ މައިދާނުގައި ޕާޓީ ހައްދަވައިގެން ތިއްބެވި ބޭފުޅުން އެ ބޭފުޅުންގެ ސަޕޯޓަރުންނަށް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އެއޮތް ދަނީ ބައިބައިވަމުންނެވެ. އަދި އެމްޑީޕީ ބައިބައިވެ އިބޫއަށް އެމްޑީޕީ ލިބޭނޭކަމުގައެވެ. އޭރުން އަންނިގެ ލާދީނީ ކަމާއި އޭނަައަށް އެމްޑީޕީ އެތެރެއިން ތާއީދު ކުރާ މީހުންގެ އުދަނގުލުން ރާއްޖެ ސަލާމަތް ކުރެވޭނެ ކަމުގައެވެ. އަދި އެ ހިސާބުން އަންނިގެ ސިޔާސީ ކެރިއަރު ނިމެނޭ ކަމުގައެވެ.

 

އެބައިމީހުން އިބޫ އަށް އިތުބާރު ދަމަހައްޓަމުން ޓްވީޓުތަކުގައި ޘަނާ އޮއްސަމުން ދަނީ މި ސަބަބާ ހެދިކަމަށްވެސް ވެދާނެއެވެ. އެބައިމީހުން ދެކޭގޮތުގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގަމުން މިދާ ދީނާއި ޤައުމަށް ނުރައްކާ ހުރި އެއްވެސް ކަމަކީ އެއީ އިބޫ އާ ގުޅުމެއް ހުރި ކަމެއް ނޫނެވެ. އެއީ މުޅިން ވެސް އެހެން ބަޔަކު ކުރަމުން އަންނަ ކަންކަމެވެ. އަންނި އާއި އޭނަގެ އަޢުވާނުން ކުރަމުން އަންނަ ކަންކަމެވެ.

 

ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ނެތޭ ހިސާބަށް އިންޑިއާ އާ އެކު ސިއްރު އެއްބަސްވުންތަކުގައި ސޮއެ ކުރަމުން ދަނީ އިބޫ އެއް ނޫނެވެ. އެއީ މިނިސްޓަރު ޝާހިދު ކުރައްވަމުން ގެންދަވާ ކަމެކެވެ. މިނިސްޓަރު ޝާހިދަކީ އެބައިމީހުން ދެކޭގޮތުގައި އަދި މުޅިން ވަކި ސަރުކާރެކެވެ. މާރިޔާ އަކީ ވަކި ސަރުކާރެކެވެ. އިބޫ އާ މިއިން އެއްވެސް ކަމެއް ގުޅުވޭ ގޮތެއް ނެތެވެ. އިބޫ އަކީ މިކަންކަމުން ބަރީއަވެގެން ހުންނެވި ވަރަށް މަޢުޞޫމު ބޭފުޅެކެވެ.

 

އެހެންކަމުން، އެބައިމީހުން މަސައްކަތް ކުރަމުން އެ ދަނީ އިބޫ އަށް ފުރިހަމަ ބާރުވެރިކަން ހޯދައި ދިނުމަށެވެ. އިބޫ އަށް ފުރިހަމަ ބާރުވެރިކަން ލިބެން އަންނަނީ އެމްޑީޕީ ލިބިގެންނެވެ. ވުމާއެކު އެބައިމީހުންގެ ހުރިހާވެސް ލަޔާޤަތަކާއި ޠާޤަތެއް މިހާރު ފަނާކޮށް ހުސްކުރަމުން އެ ދަނީ އިބޫ އަށް އެމްޑީޕީ ހޯދައިދިނުމަށެވެ. އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަކީ އިބޫ ފެކްޝަނު މީހުންނެވެ. ދެން އޮތީ އަންނި ފެކްޝަނެވެ. އެއީ ޝައިޠާނީ ފެކްޝަނެވެ. އެއީ ލާދީނީ ފެކްޝަނެވެ. ނުބައި ހަދާ ބަޔަކީ އެއީއެވެ.

 

އެހެންކަމުން، އެބައިމީހުންގެ ވިސްނުން އެހެން ކަމަކަށް ނެތެވެ. އެބައިމީހުންގެ ވިސްނުން ހުރީ، އިބޫގެ ވަފާތެރިން ކަމުގައި ދެމި ތިބެ މި ދައުރު ނިމެންދެން އިބޫގެ ވާގިވެރިންގެ ގޮތުގައި ތިބުމެވެ. އަދި، އިބޫގެ ދިފާޢުގައި މަސައްކަތް ކުރުމެވެ. އެމްޑީޕީ އިބޫ އަށް ހޯދައި ދިނުމެވެ.

 

ނަމަވެސް ސުވާލަކީ، މި ފަސް އަހަރުވެސް އެބައިމީހުން އިބޫ އަށް އެމްޑީޕީ ހޯދައިދިނުމުގެ ހަނގުރާމާގައި އިބޫ ކޮޅުގެ ހަނގުރާމަވެރިންނަށް ވެތިބެ، ދީނާއި ޤައުމަށް ވަމުންދާ ކަންކަމަށް ލޯމަރާލައިގެން ތިބީމައި ދީނާއި ޤައުމަށް ވާ ފައިދާއެއް އެބަ އޮތްތޯއެވެ؟ އާޚިރުގައި އެމްޑީޕީ އިބޫ އަށް ލިބުނު ކަމުގައި ވިޔަސް، އަހުރެމެންނަށް ލިބޭނެ ފައިދާއެއް އެބަ އޮތްތޯއެވެ؟ އިބޫ އަކީ ތިބުނާ ފަދަ ދީނާއި ޤައުމަށް ފައިދާ ހުރި މީހެއްތޯއެވެ؟

 

ނިކަން އެމްޑީއެން މައްސަލައަށް ބަލައިލަމާތޯއެވެ. ސެކިއުލާ ފިކުރުގެ އެމްޑީއެންގެ މުއައްސިސުންނާއި އޭގެ އެންމެ މަތީ މަޤާމު އަދާކުރި މީހުން މިހާރު ކޮބައިތޯއެވެ؟

 

އެމީހުން އެތިބީ ދައުލަތުގެ ބޮޑެތި މަޤާމުތަކުގައެވެ. އެއިގެ މުއައްސިސެއް ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އެބަ އިނެވެ. އޭގެ ކޯޗެއާރއަކަށް އުޅުނު މީހާ، ޕޮލިސް ކަމިޝަނަރަކަށް އެބަ އުޅެއެވެ. އޭގެ ރައީސަކަށް އުޅުނު މީހާ، ޕްރޮސެކިއުޓާ ޖެނެރަލަށް އެބަ އުޅެއެވެ. އޭގެ ޗެއާރޕާސަނަކަށް އުޅުނު މީހާ ރައީސް އޮފީހުގައި ރައީސަށް ޓެރަރިޒަމް ކަންކަމުގައި މަޝްވަރާ އަރުވާ މުޝީރަކަށް އެބަ އުޅެއެވެ. މިއީ އެމްޑީއެން ފިކުރުގައި ތިބި، އެމްޑީއެން ހިންގުމުގެ އެންމެ އިސް މަޤާމުތައް މިހާތަނަށް އެކިއެކި ފަހަރު އަދާ ކުރި މީހުންނާއި އޭގެ ބައެއް މުއައްސިސުންނެވެ.

 

މި މީސްމީހުން ދައުލަތުގެ މިހައި ބޮޑެތި މަޤާމުތަކުގައި ތިބީ ރައީސް އިބޫގެ އެއްވެސް ބައިވެރިވުމެއް ނެތި ނަމަ ރައީސް އިބޫ އާ މެދު ކޮންމެވެސް ވަރަކަށް ހިތްނިޔަތް ސާފުކުރެވިދާނެއެވެ. އުޒުރު ހޯދައި ދެވިދާނެއެވެ. ނަމަވެސް ހިތި ޙަޤީޤަތަކީ މިއިން ކޮންމެ މީހަކީވެސް އިބޫ ޞޯލިޙަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިޚްތިޔާރެއްގެ ތެރޭގައި އެމަނިކުފާނު އަމިއްލަފުޅަށް ނަން ފޮނުއްވައިގެން އައްޔަަން ކުރައްވާފައި ތިބި މީހުންނެވެ.

 

މިއިން ދޭހަކޮށްދެނީ ކޮން ކަމެއްތޯއެވެ؟ މިއިން ވަރަށް ޞަރީޙަ ސާފުކޮށް ދޭހަކޮށްދެނީ އިބޫ ޞޯލިޙުގެ ވަށައިގެން ތިބީ އެމްޑީއެން ފިކުރުގެ މީހުން ކަމެވެ. އަދި، އިބޫ ޞޯލިޙުގެ އިޚްތިޔާރުގައިވާ ޕޮލިސީ ލެވެލްގެ ބޮޑެތި މަޤާމުތައް ދެއްވަމުން އެގެންދަވަނީ އެބައިމީހުންނަށް ކަމެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އިބޫ ޞޯލިޙުގެ ދިގު ސިޔާސީ ޙަޔާތުގައި އޭނާގެ އެންމެ ކައިރިން މަސައްކަތް ކޮށްފައިވާ މީހުންނަކީ އެއީއެވެ. އޭގައި ގިނައީ އޭނާގެ އެކުވެރިންނާއި ޢާއިލީ މީހުންވެސް މެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް އެއީ ކޮން ބައެއް ކަން އޮޅިގެން އުޅުނަސް އިބޫ ޞޯލިޙަކަށް އެބައިމީހުން އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އަދި އެބައިމީހުންގެ ފިކުރެއްވެސް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އެއީ ހުކުރު ޚުޠުބާއަށް “ހޮޓްބާރ” އޭ ކިޔައި ދީނީ ޝިޢާރުތަކަށް ފުރައްސާރަ ކުރި މީހުން ކަން އެމަނިކުފާނަށް މާ ރަނގަޅަށް އެނގިލައްވާނެއެވެ. އެއީ މަލާއިކަތްބޭކަލުންގެ ޤަދަރު ކުޑަކޮށް، ” ދެ ކޮނޑުގައި ދެ ގޮލާ ތިބޭނެ” އޭ ބުނެ މަލާކައިތުންނަށް ތައުހީނުކުރި ބައެއް ކަން އެނގިލައްވާނެއެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ޙުދޫދުތަކާ ދެކޮޅަށް ބަސްބުނާ ބައެއްކަން ވެސް އެމަނިކުފާނަށް ނިކަން ރަނގަޅަށް އެނގިލައްވާނެއެވެ.

 

ކޮންމެއަކަސް ބުނަން މި އުޅޭ އެއްޗަކީ، އިބޫ ޞޯލިޙު ހުއްޓަސް، އަންނި ހުއްޓަސް އަހުރެމެންނަށް ލިބޭނޭ ފައިދާއެއް ނެތެވެ. ލިބެމުން ދަނީ ގެއްލުމެވެ. މުޅި ދައުލަތް ސެކިއުލާ ދައުލަތަކަށް ބަދަލުވަމުން ދަނީއެވެ. ޤާނޫނީ ދާއިރާއިންވެސް އިސްލާމީ ޝަރީޢަތުގެ ވަސްވެސް ނެތިކޮށް ފިލުވާލަމުން ދަނީއެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ވީ ހިސާބެއްވެސް ނޭނގޭއެވެ. އެކަން ވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެތީ ސިއްރުކުރެވިފައެވެ.

 

އެއްގޮތަކުން ބަލާއިރު، އިބޫ ޞޯލިޙު ހުންނެވުމުން ލިބޭ ގެއްލުން މާ ބޮޑުކަމުގައި ބުނެވިދާނެއެވެ. އެހެނީ، އޭނައަށް ތިޔަބައިމީހުން ހައްދައިގެން އުޅުއްވަން އެނގިލައްވައެވެ. އެކަމުގައި ތިޔަބައިމީހުން ކަނުކޮށްގެން އެބައިމީހުން ބޭނުންވާ މަންޒިލް މަޤްޞޫދަށް ވާސިލުމަށް އެނގިލައްވައެވެ. އަންނި އަށް ތިޔަބައިމީހުން ހައްދައިގެން އުޅެން ނޭނގުނީއެވެ. މާބޮޑަށް ޞަރީޙަ މީހަކަށް ވީމައެވެ. ފާޅުގައި ޢަލްމާނިއްޔަތު ފަތުރަމުން ދާ މީހަކަށް ވާތީއެވެ. ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް ފެންފޮދެއް ދިރުވާލާހާ ފަސޭހައިން ކޮށް ނިންމަމުން އެ ދަނީއެވެ.

 

މިކަންކަމާ މެދު ހޭއަރައި ޤައުމާއި ދީނުގެ ޙައްޤުގައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޤައުމާއި ދީން ޚަރާބުވެ، ތިޔަބައިމީހުންނަކީވެސް ޚާއިނުންކަމުގައި މުއައްރިޚުން ލިޔާނެ ދުވަސް އައުން ކައިރި ވެގެންވެއެވެ.

ޚިޔާލު ފައުޅުކުރުން