އުތެމަގެ ތަޢާރަފް؛

އުތެމަ ޖަމްޢިއްޔާ އަކީ އަންހެނުން ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.

އުތެމަ ޖަމްޢިއްޔާގެ އަޑު ގިނަ ދިވެހިންގެ ކަންފަތުގައި ޖެހިފައި ވާނީ ، ދާދި އިހަކަށް ދުވަހު ކަމަށް ލަފާކުރެވެއެވެ. އެއީ އެ ޖަމްޢިއްޔާއިން އިސްލާމްދީނާ ދެކޮޅު ރިޕޯޓުތަކެއް ނެރެފިކަމަށް މީސްމީޑިއާގައި ފެތުރިގެން ދިޔަ ޚަބަރުތަކާ އެކުގައެވެ. އެއާ ގުޅިގެން، ގިނަ އަދަދެއްގެ ކައުންސިލްތަކާއި މަދަނީ ޖަމްޢިއްޔާތަކުން ވަނީ އުތެމަ އާ ދެކޮޅަށް ނޫސްބަޔާންތަކެއްވެސް ނެރެފައެވެ. މައިގަނޑުގޮތެއްގައި އެ ނޫސްބަޔާންތަކުގައި ގޮވައިލާފައިވަނީ އުތެމަގެ ރިޕޯޓުތައް ކުށްވެރި ކުރާކަމަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ ރިޕޯޓުތައް ތަޙްޤީޤުކޮށް އެ ޖަމްޢިއްޔާއާ ދެކޮޅަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދީ، އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ ދީނީ ވަޙުދަތު ދަމަހައްޓައި ދިނުމަށެވެ.

އުތެމަ ކަހަލަ ޖަމްޢިއްޔާތަކުގެ މަސައްކަތަކީ ކޮބާ؟

އުތެމަ ޖަމްޢިއްޔާ އާއި އެމްޑީއެން ފަދަ ޖަމްޢިއްޔާތަކަކީ އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި މަސައްކަތް ކުރާ ޖަމްޢިއްޔާތަކެކެވެ. ވަރަށް ރީތި ޝިޢާރުތައް ބޭނުންކޮށްގެންނެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ ނަމުގައެވެ. އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ނަމުގައެވެ. އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ ނަމުގައެވެ. ޒަމާނުއްސުރެ އަންހެނުންނާ މެދު ކުރެވެމުންދާ ބޭއިންޞާފާއި އަނިޔާ އާއި ނަހަމަކަން ނައްތައިލުމުގެ ނަމުގައެވެ.

ނަމަވެސް މިފަދަ ޖަމްޢިއްޔާތަކުގެ އަސްލު ޙަޤީޤަތަށް ބަލާއިރު، ޢާންމުކޮށް މިފަދަ ޖަމްޢިއްޔާތަކަކީ މުޖުތަމަޢުގައި މާ އަޑުގަދަ ބައެއް ނޫނެވެ. އެހެނީ ވުޖޫދުވުމުގައިވެސް މިފަދަ ޖަމްޢިއްޔާތައް ވުޖޫދުވަނީ ހުޅަނގުގެ ޢަލްމާނީ ފަލްސަފާތަކުގެ މައްޗަށް ހެދިފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ސަބް-އެންޖީއޯތަކުގެ ގޮތުގައެވެ. އެހެންކަމުން، މިބައިމީހުންގެ މައިގަނޑު މަސައްކަތަކީ ޔޫއެންގެ ތަފާތު މުޢާހަދާތަކާއި އެގްރީމަންޓުތަކާއި އަދި އެފަދަ ޢަލްމާނީ ފަލްސަފާތަކުގެ މައްޗަށް ބިނާވެފައިވާ މުޢާހަދާތަކުގައި ވާ ކަންކަން އެ ޤައުމެއްގައި ތަންފީޒު ކުރުމަށް ބާރުއަޅައި ޕްރެޝަރުކުރުމެވެ. ‘ސްޓޭކްހޯލްޑަރުންގެ’ ނަމުގައި ޔޫއެން ފަދަ ތަންތަނަށް ރާއްޖޭގައި “އިންސާނީ ޙައްޤުތައް” އޮތް ނެތް މިންވަރު ބަޔާންކޮށް ‘ޕީރިއޮޑިކް ރިވީވް’ ނުވަތަ މަރުޙަލީ ރިޕޯޓުތައް ހެދުމާއި، ރާއްޖެއިން ޔޫއެން ފަދަ ތަންތަނުން “ރަނގަޅުކޮށް އިޞްލާޙުކުރަން” ބުނާ ކަންކަން އިޞްލާޙުކޮށްފައިވާ މިންވަރާއި ނުކުރާ މިންވަރުގެ މައްޗަށް އަހަރީ ރިޕޯޓުތަކާއި މަރުޙަލީ ރިޕޯޓުތައް ހަދައި، މިވެނި އެވެނި ކަމެއް އަދިވެސް ޤާނޫނީގޮތުންނާއި ތަންފީޒީގޮތުން ރަނގަޅު ނުކުރާ ކަމަށް ބުނެ، އެކަންކަމަށް ރާއްޖެއަށް ބާރުއަޅައި ޕްރެޝަރު ކުރާށޭ ބުނެ ރިޕޯޓުތައް ހެދުމެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުތަކާއި، ބައިނަލްއަޤްވާމީ ކޮންފަރެންސްތަކުގައި، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ނެތް ކަމާއި، މިވެނި އެވެނި މުޢާހަދާއަކަށް ސަރުކާރުން ޢަމަލު ނުކުރާކަމުގެ ޝަކުވާކުރުމެވެ. އަދި، ސަރުކާރަށްވެސް އެކަމުގެ ޝަކުވާކޮށް، އެވެނި މިވެނި ކަމެއް ސަރުކާރުން ކުރަން ޖެހޭނެ ކަމާއި، ޤާނޫނީގޮތުން އެވެނި މިވެނި މާއްދާއެއް މިވެނި އެވެނި މުޢާހަދާއެއްގައިވާ ގޮތުގެ މަތިން ބަދަލުކޮށް، އިޞްލާޙުކުރަން ޖެހޭނެ ކަމަށް ސިޓީ ލިޔެ، ބަޔާންތައް ނެރުމެވެ. އޭގެ އިތުރުން، ތަފާތު ޕްރޮފަގަންޑާ ވީޑިއޯތަކާއި ޕޯސްޓަރުތައް ހެދުމާއި، ވޯކްޝޮޕްތައް ބޭއްވުމަކީވެސް މިބައިމީހުން ކުރަމުންދާ ކަމެކެވެ.

އެންމެ ފަހުން، ސަރުކާރުން ނެރުނު ‘ސްޓްރެޓެޖިކް އެކްޝަން ޕްލޭން’ ހެދުމުގައިވެސް އުތެމަ އިން ވަނީ ބައިވެރިކޮށްފައެވެ. އަދި ތަޢުލީމީ މުޤައްރަރު މުރާޖަޢާ ކުރުމާއި ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުގައި އުތެމަގެ ނަން ވަނީ އެ ‘އެކްޝަން ޕްލޭން’ގައި ހިމަނާފައިވެއެވެ.

އުތެމަ ތަޢުލީމީ މުޤައްރަރު މުރާޖަޢާ ކުރުމަށް

އުތެމަ އާއި ސީޑޯ ރިޕޯޓް

މިއަހަރު ޔޫއެންގެ ސީޑޯ ބައްދަލުވުމަށް، އުތެމަ އިން ހުށަހަޅާފައިވާ ހިޔަނި ރިޕޯޓަށް ބަލާއިރު، އިސްލާމީ ޝަރީޢަތުގެ ބައެއް ޙައްދުތަކާއި ޙުކުމްފުޅުތަކަށް ފާޅުގައި ދެކޮޅު ހަދާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ބައެއްފަހަރު ޝަރުޢީ ޙުކުމްތައް ކުރެވިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ރާއްޖޭގައި އާލާވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ދީނީ ޢިލްމުވެރިންނަކީ އެއްވެސް އެއްޗެއް ނޭނގޭ ބައެއް ކަމާއި، ޙައްދުފަހަނައަޅާފައިވާ ބައެއްކަމަށް ސިފަކޮށްފައިވެއެވެ. ދީނީ ޢިލްމުވެރިންނަކީ އަންހެނުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގުމަށް ބާރުއަޅާ އަދި އެކަމަށް ހިތްވަރު ދޭ ބައެއް ކަމުގައިވެސް ތުހުމަތުކޮށްފައިވެއެވެ. އަދި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޢިލްމުވެރިންނަށް ފުރުޞަތު ދެމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. ދިވެހިރާއްޖޭގައި އުފެދިފައިވާ ފިޤުހު ކޮމިޓީން އެކިއެކި ކަންކަމުގައި ފަތުވާތައް ނެރުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ދައުލަތުން ސީޑޯ މުޢާހަދާގެ 16 ވަނަ މާއްދާގެ ބައެއް ބައިތަކަށް ހުށަހަޅާފައިވާ ރިޒަވޭޝަންތައް ނެގުމަށް ހުށަހަޅާފައިވެއެވެ.

ސީޑޯ މުޢާހަދާގެ 16 ވަނަ މާއްދާގެ ބައެއް ބައިތަކަކީ އިސްލާމީ ޢާއިލީ ނިޒާމާ މުޅިން ފުށުއަރާ ބައިތަކެކެވެ. ނަމަވެސް އުތެމަ އިން ވަނީ ސަރުކާރުން އެ މާއްދާގެ ވަކިވަކި ބައިތަކަށް ނަގާފައިވާ ރިޒަވޭޝަންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މުޅި މާއްދާ ޤަބޫލުކުރުމަށް ހުށަހަޅާފައެވެ. މީގެ އިތުރުންވެސް، ދަރިވައްޓާލުމުގެ އޮޕަރޭޝަން ކުރުމުގެ ފުރުޞަތު އިތުރަށް ތަނަވަސްކުރުމަށް ވަނީ ގޮވާލާފައެވެ. އަދި، އެކަމުގައި ދީނީ ޢިލްމުވެރިންނާއި ފަތުވާ ކޮމިޓީގެ ފަތުވާތަކަށް ބަލަން ނުޖެހޭނެ ކަމަށާއި، އެގޮތަށް ރާއްޖޭގައި އެފަތުވާތަކަށް ރިއާޔަތް ކުރުމަށް ޑޮކްޓަރުންނަށް ނަޞޭޙަތް ދެވޭ ކަމަށާއި، އެއީ ތިމަންމެން ކަންބޮޑުވާ ކަމެއް ކަމުގައި ހިމަނާފައިވެއެވެ.

ޑރ. ޒާކިރު ނައިކާއި، ޑރ ބިލާލު ޕިލިޕްސް ފަދަ ބޭރުގެ ދީނީ ޢިލްމުވެރިން މިޤައުމަށް ގެނެސް އެބައިމީހުން ލައްވައި ދީނީ ދަރުސް ދީ، ޚުޠުބާ ދިނުމަށް ފުރުޞަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ބަޔާންކޮށް، އެފަދަ ޢިލްމުވެރިން ރާއްޖެއަށް ނުގެނެއުމަށް ގޮވާލާފައިވެއެވެ. އަދި އެބޭފުޅުންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމާއި، އަންހެނުންނަށް އަނިޔާވެރިވުމަށް ގޮވާލާ ބައެއްކަމަށް ސިފަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، އިސްލާމްދީނާއި، ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ތައުހީނުކޮށް ރިޕޯޓު ނެރެފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) އަކީ އިންސާނީ ޙައްޤުތަކުގެ ހިމާޔަތުގައި އުޅޭ ބައެއްކަމާއި، އެބައިމީހުންނާ މެދުގައި ރާއްޖެއިން ޢަމަލުކޮށްފައި ވަނީ ވަރަށް ނޭދެވޭ ގޮތެއްގައި ކަމަށާއި، މިފަދަ “އިންސާނީ ޙައްޤުތަކުގެ ހިމާޔަތްތެރިންނަށް” އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް ރާއްޖޭގައި ދެވިފައި ނުވާކަމަށް ލިޔެފައިވެއެވެ. އަދި އެމް.ޑީއެން ގެ ރިޕޯޓަކީ ޞައްޙަ މަޢުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް ކަމަށް ބުނެ، ސަރުކާރުން އެ ރިޕޯޓުގައިވާ ކަންކަން ޤަބޫލުކޮށް، އެމް.ޑީ.އެން އިން ހުށަހަޅާފައިވާ ގޮތަށް ކަންކަން އިޞްލާޙުކޮށް، އިސްލާމް މުޤަރައްރު ބަދަލުކުރަން ޖެހޭނެކަމަށް ވަކާލާތުކޮށްފައިވެއެވެ. އެމް.ޑީ.އެން އުވާލާފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އެމައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި، އެމްޑީއެން ގެ މުދަލާއި ފައިސާ ސަރުކާރުން ހިފަހައްޓާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހާއި އެންޓި-ކޮރަޕްޝަނުން އެ މައްސަލަ ބެލުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީއެން އުވާލުމުގެ ފަހަތުގައި ތިބީ ހައްދުފަހަނައަޅާފައިވާ ދީނީ ޢިލްމުވެރިން ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި އިސްލާމްދީނާ ޚިލާފުވެގެން އުވާލާފައިވާ ޖަމްޢިއްޔާއެއްގެ ދިފާޢުގައި އުތެމަ އިން ދައްކާފައިވާ ވާހަކަތަކެވެ. މިއީ އޭގެ ޒާތުގައިވެސް އުތެމަ އަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމްދީނަށްވެސް އެއްވެސް ވަރެއްގެ ޙުރުމަތެއް ނުބަހައްޓާ ބައެއްކަން ދޭހަވާ ކަމެކެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމުގެ އިލްޒާމު އަޅުވާފައިވާކަމެވެ. އިސްލާމްދީނާއި މާތް ނަބިއްޔާ صلى الله عليه وسلم އަށް ތައުހީނުކުރުމަކީ، އިންސާނީ ޙައްޤެއް ކަމާއި، އެފަދައިން ކަންކަން ކޮށްފައިވާ ބަޔަކީ، އިންސާނީ ޙައްޤުތަކުގެ ހިމާޔަތްތެރިން ކަމުގައި ބުނެ އެބައިމީހުންނަކީ ވަރަށް މާތް މުޤައްދަސް މަސައްކަތްތަކެއް ކުރާ ބަޔަކު ކަމުގައި ސިފަކޮށްފައިވެއެވެ. އަދި އެބައިމީހުންނަށް ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދީ، އެބައިމީހުންގެ މަސައްކަތަށް މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އުތެމަ އާއި އެމްޑީއެން ގެ ގުޅުން؛

ފަހަރެއްގައި މިހާ ބޮޑަށް އެމްޑީއެންގެ ދިފާޢުގައި އުތެމަ އިން އުޅުމުގެ ސިއްރަކީ މި ދެބައިމީހުންނަކީ ވެސް އެއް ލަނޑުދަނޑިއަކަށް ވާސިލުވާން ބޭނުންވާ ބައަކަށް ވުމެވެ. އެމް.ޑީ.އެން އަކީ އިންސާނީ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގެ މަތިވެރި ނިޒާމު ނައްތައިލަން އުޅޭ ބައެކެވެ. އުތެމަ އަކީ އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އިސްލާމްދީނުގެ މަތިވެރި ނިޒާމު ދިވެހިރާއްޖެއިން ގެއްލުވާލަން މަސައްކަތްކުރާ ބައެކެވެ.

އަދި މިފަދަ ޢަލްމާނީ ލިބަރަލް ފަލްސަފާތަކުގެ މައްޗަށް ރާއްޖޭގައި ހެދިފައިވާ ޖަމްޢިއްޔާތަކުގައި މުޅިންވެސް އުޅެމުން ދަނީ އެއްބަޔެކެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، މިދިޔަ އަހަރު، މި ދެބައިމީހުން ގުޅިގެން، ޔޫއެންއަށް ‘ޔުނިވާސަލް ޕީރިއޮޑިކް ރިވީވް’ (ޔޫ.ޕީ.އާރް) ރިޕޯޓެއް ހުށަހަޅާފައިވާ ކަމެވެ. އޭގައި ވަނީ، ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން ނުހުންނަކަމަށް ބުނެ، އެފަދަ ތަންތަން އެޅުމުގެ ހުއްދަ ދިނުމަށް ހުށަހަޅާފައެވެ. އަދި، ތަފާތު ޖިންސީ ގްރޫޕްތަކަށް އެބައިމީހުން ބޭނުންގޮތަކަށް ޖިންސީ ގުޅުން ހިންގުމަކީ ޤާނޫނީ ކުށެއްކަމަށް އޮތްއޮތުން ނައްތާލައި، އެބައިމީހުންނަކީ ތިބި ބައެއްކަމަށް ބަލައިގަނެ، އެބައިމީހުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދައުލަތުން ދިނުމަށް ހުށަހަޅާފައިވެއެވެ.

އަދި ހަމައެހެންމެ، އުތެމަގެ ރިޕޯޓަށްވެސް ފަންޑުކޮށްފައި ވަނީ އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓަށް ފަންޑު ކުރި، ކެނެޑާގެ ‘ކެނެޑާ ފަންޑު ފޯ ލޯކަލް އިނިޝިއޭޓިވްސް” އިންނެވެ.

އުތެމަ ރިޕޯޓުގެ މައްސަލަ މީސްމީޑިއާގައި ފެންމަތިވުމާއެކު، އެންމެ ފުރަތަމަވެސް އޭގެ ދިފާޢުގައި ނުކުމެ މީސްމީޑިއާގައި ވަކާލާތުކޮށްފައި ވަނީ ، އެމްޑީއެން ގެ މުއައްސިސުންނެވެ. އެމްޑީއެން އަށް ވީގޮތަށް ނުވުމަށްޓަކައި، އެބައިމީހުންގެ ފިކުރަށް ތަބާވާ ހުރިހާ ޖަމްޢިއްޔާތަކެއް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ. އެހެންކަމުން، މި ދެބައިމީހުންނަކީ ގުޅިލާމެހިފައިވާ ބައެއްކަން މިކަމުންވެސް ދޭހަކޮށްދެއެވެ. އެމްޑީއެން ނެތް ތަން މިހާރު ފޫބެއްދުމުގައި އުޅޭ ބަޔަކީ އުތެމަ ފަދަ ޖަމްޢިއްޔާކަން މިއިން ސާބިތުވެގެންދެއެވެ.

 

އުތަމަގެ މުއައްސިސުން ވަކާލާތު ކުރަނީ ކޮން ކަމަކަށް؟

އުތެމަ ގެ ބައެއް މުއައްސިސުން ވަނީ، އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކަމެއް ކަމަށް ބެލުމަށާއި ޅަދަރީންނަށް މަދަރުސާތަކުގައި އެކަމާ ބެހޭގޮތުން ކިޔަވައިދީ އެއީ މައްސަލައެއް ނޫންކަން އެކުދިންނަށް ބުނެދޭން ޖެހޭނެކަމަށް ލިޔެވިފައި ހުންނަ ހުޅަނގުގެ ބައެއް ލިޔުންތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އުތެމަ ޖަމްޢިއްޔާގެ އެއް މުއައްސިސު، މަރިޔަމް މުޙައްމަދު، ޓްވިޓާގައި ހިއްސާކޮށްފައިވާ ލިޔުމެއް!

މިއީ އެބައިމީހުން ދެކޭގޮތުގައި ޙައްޤެކެވެ. އަދި މި ޙައްޤު މި މުޖުތަމަޢުގައިވެސް ދެވެން ޖެހޭނެކަމަށް އެމީހުން ޤަބޫލު ކުރާކަން، އެމީހުންގެ ރިޕޯޓުތަކުން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. މީގެ އިތުރުން ބައެއް ފަހަރު، މިބައިމީހުން ރަށްރަށުގައި ޒުވާނުންނަށް ބާއްވާ ވޯކްޝޮޕްތަކުގައި ޒިނޭ އަކީ ރުހުމުގައި ކުރާ ކަމެއްނަމަ އެއީ މައްސަލައެއް ނޫން ކަމާއި، އެއީ ޒާތީ ދިރިއުޅުން ކަމާއި، އެކަމަކީ ޤާނޫނީ ކުށެއްކަމަށް އޮތް އޮތުމަކީ މައްސަލައެއް ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކާފައިވެއެވެ

އުތެމަ އާއި ‘ދަ ޖަޖް’

‘ދަ ޖަޖް’ ނަމުގައި ފަލަޞްޠީނުގައި ފުރަތަމަ ފަހަރަށް އައްޔަން ކުރެވުނު އަންހެން ޤާޟީގެ ޙަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިޔުމަންޓްރީ ފިލްމެއް އުތެމަ އިސްވެ މިނިސްޓްރީ އޮފް އާރޓްސް އެންޑް ހެރިޓޭޖާ ގުޅިގެން އޮލިންޕަހުގައި އަޅުވާފައި ވަނީ 17 ޖުލައި 2019 ގައެވެ. މި އިވެންޓްގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެޑައިގެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙެވެ.

މި އިވެންޓަކީ ބެލެވޭގޮތުގައި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް އަންހެން ޤާޟީންތަކެއް އައްޔަން ކުރުމުގެ ކުރިން ބޭއްވުނު ތަމްހީދީ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެނީ، މި އިވެންޓަށް ފަހު، އެއާ ޖެހިގެން އައި މަހު، 22 އޮގަސްޓް 2019 ގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށްޓަކައި ދެ އަންހެން ޤާޟީއެއްގެ ނަން ހުށަހަޅުއްވާފައެވެ.

މިއާއެކު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންވެސް މި ނިންމުމާ ދެކޮޅު ހެއްދެވި ތަން ފެނިގެން ދިޔައެވެ. ނަމަވެސް، އެ ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދެއްވައި، މި ދެންނެވި ދެ އަންހެން ޤާޟީންނަށް ސްޕްރީމް ކޯޓުގެ ޤާޟީ ކަމުގެ ފަތްކޮޅު 4 ސެޕްޓެމްބަރު 2019 ވަނަ ވީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ސެޕްޓެމްބަރު 2019 އަކީ އެމްޑީއެން ރިޕޯޓްގެ މައްސަލަ ފެންމަތިވެގެން އައި މަހެވެ. ޤާޟީއަކަށް އައްޔަން ކުރެވުނު ދެ އަންހެން ޤާޟީންގެ ތެރެއިން ޢާއިޝާ ޝުޖޫން މުޙައްމަދަކީ އެމްޑީއެން ގެ މުއައްސިސެކެވެ. އަދި، އެކަމާ ބެހޭ ކަންބޮޑުވުން ރާއްޖޭގެ ދީނީ ޢިލްމުވެރިން ވަނީ އެމްޑީއެން މައްސަލާގައި ރައީސުލްޖުމްހޫރިއްޔާއެކު ބޭއްވި ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

މިއިން އެނގިގެން ދަނީ، އުތެމަ އަދި އެމްޑީއެން އަކީ ހަމައެކަނި ކަރުދާސްކޮޅުގައި އޮތް ފިކުރުތަކެއް ނޫން ކަމެވެ. މި ފިކުރު ވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އެންމެ މަތީ މަޤާމުތަކާ ހަމައަށް ވާސިލުވެ، މިބައިމީހުންގެ ފިކުރު ސިޔާސަތު ކަނޑައެޅުމުގެ ތެރެއަށް ވައްދައި ދިވެހިރާއްޖޭގެ ދައުލަތަކީ ސެކިއުލާ ޢަލްމާނީ ދައުލަތަކަށް ހެދުމަށް ކުރެވުނު ހުރިހާ މަސައްކަތަކަށް މަގުކޮށައި ސާފުކޮށްފައި ކަމެވެ.

 

އުތެމަ-މުސާވާ ގެ ގުޅުން؛

އުތެމަ އަކީ “އަންހެނުންގެ ޙައްޤު”ތަކަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކާ އެކުގައިވެސް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. އެގޮތުން މިބައިމީހުންގެ އެންމެ ގާތްގުޅުމެއް އޮތީ، މެލޭޝިޔާގެ ޖަމްޢިއްޔާއެއް ކަމަށް ‘މުސާވާ’ އެވެ ކިޔުނު ޖަމްޢިއްޔާއަކާއެވެ. އުތެމައިން ނެރެފައިވާ ބައެއް ވީޑިއޯތަކަކީ ސީދާ މި މުސާވާ ޖަމްޢިއްޔާގެ ވީޑިއޯތަކުގެ ތަރުޖަމާއެވެ. ފިލިން ފިއްޔަށެވެ. ޓްވީޓާ އާއި މީސްމީޑިއާގައި މުސާވާއިން ކުރާ ގިނަ ޕޯސްޓުތަކެއް އުތެމައިން ޝެއާކޮށްފައިވެއެވެ.

މި ދަންނަވާ، މުސާވާ ގެ ޙަޤީޤަތަށް ބަލާއިރު، މިބައިމީހުންނަކީ ފާޅުގައި އިސްލާމްދީނުގެ ޙައްދުތަކާއި ޙުކުމްފުޅުތަކަށް ގޮންޖަހާ ބައެކެވެ. ވަރަށް މަކަރުވެރި ގޮތެއްގައެވެ. އެއީ، އިސްލާމްދީނުގެ ޙުކުމްފުޅުތައް ޒަމާން ބަދަލުވުމުން ބަދަލުކުރަން ޖެހޭ ކަމުގެ ޝިޢާރުގެ ދަށުންނެވެ. އަދި، އެއީ އިސްލާމްދީނާ ދެކޮޅުވުމެއް ނޫން ކަމުގައި ފާހަގަކުރަމުންނެވެ. ނަމަވެސް އެއީ އިސްލާމްދީން އެހެން ގޮތަކަށް ތަރުޖަމާ ކުރުން ކަމާއި، މިޒަމާނުގައި އެ ތަރުޖަމާއަށް ބޭނުން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، އިސްލާމްދީނުގައިވާ ޢާއިލީ ނިޒާމާއި، ތަރިކަ މުދަލުގެ ނިޒާމާއި، ހެކިބަސް ދިނުންފަދަ ހުރިހާ ނިޒާމެއްވެސް ބަދަލުކޮށް، އެހެން ތަރުޖަމާއެއް ކުރަން ޖެހޭނެކަމަށް ދަޢުވާ ކުރަމުން ދެއެވެ. މިގޮތަށް ދަޢުވާކޮށް، އޭގެ ބަދަލަކަށް ގެންނަ ތަރުޖަމާ އަކީ ސީޑޯ މުޢާހަދާއި ޔޫ.ޑީ.އެޗް.އާރް (ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މުޢާހަދާ) އެވެ. އެއާ ފުށުއަރާ ކޮންމެ ޤާނޫނެއް ކޮންމެ ނިޒާމަކީ ބާޠިލު އެއްޗެއް ކަމެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ޔޫ.ޑީ.އެޗް.އާރް އަކީ އެބައިމީހުންގެ ޙަޔާތުގެ ދުސްތޫރެވެ. މުސްލިމުންނަށް ޤުރުއާނާއި ސުންނަތަކީ ޙަޔާތުގެ ދުސްތޫރަށްވާގޮތަށް، މިބައިމީހުންނަށް ދުސްތޫރަކީ އެއީއެވެ. މުސްލިމުންނަށް ހުރިހާ ޤާނޫނާއި ޤަވާޢިދެއްގެ މަޞްދަރަކީ ޤުރުއާނާއި ސުންނަތަށް ވާ ގޮތަށް، މިބައިމީހުންގެ މަޞްދަރަކީ ސީޑޯ އާއި ޔޫ.ޑީ.އެޗް.އާރެވެ.

މުސާވާގެ ޓްވިޓާ އާއި އެހެނިގެން ލިޔެކިޔުންތަކުގައި އެބައިމީހުން ދަނީ ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމަކީ ހުއްދަ ކަމެއް ކަމުގައި ގޮވާލަމުންނެވެ. އަދި، އެފަދަ މީހުންނާއި ޖަމާޢަތްތަކަށް ފާޅުގައި އެއްބާރުލުންދީ އެބައިމީހުންގެ ޙައްޤުގައިވެސް ވަކާލާތު ކުރަމުންނެވެ.

ނިންމާލުން؛

ހިތާމައަކީ، އުތެމައާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުންނާއި، އެތަކެއް ކައުންސިލާއި، މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައި ނޫސްބަޔާން ނެރެމުން ދާތާ ތިން މަސް ދުވަސް ވާން ދާއިރުވެސް، ކަމާބެހޭ ފަރާތްތަކަށް ކަމެއް ވެގެން އުޅޭ ކަމުގެ ހިލަމެއްވެސް ވެފައިވާ ހެނެއް ހިއެއް ނުވެއެވެ. އެމްޑީއެން މައްސަލަގޮތަށް ސަރުކާރުން މި މައްސަލާގައިވެސް ފެންނަނީ ނެގިމަޑުވެފައިވާ ތަނެވެ. މިއީ ކުޑަކުޑަ، ނުވަތަ އާދައިގެ ކަމެއް ނޫނެވެ. އެހެނީ، ދައުލަތެއްގައި ނުވަތަ ޤައުމެއްގައި، އެ ދައުލަތެއް ނުވަތަ ޤައުމެއްގެ ދީނާއި، ސަގާފަތާއި، އަސާސީ ޤިޔަމްތަކާ ޚިލާފު، އަދި ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދިގެން ހިނގައިދާނެ ކަމެއް މެދުވެރި ވުމުން، އެކަމަކަށް ޙައްލު ހޯދައި، ޤާނޫނު ހިންގައި، އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރެއް އޮތުމުގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް ވާޖިބެވެ. އެހެންވީއިރު، މިފަދަ ބޮޑެތި ކަންތައްތަކެއް ހިނގައި، ރާއްޖޭގެ ރައްޔިތުންގެ ވިންދާ ގުޅިފައި ވާ އިސްލާމް ދީނާ މެދު މި ދަރަޖަޔަށް ބަޔަކު ޢަދާވާތްތެރި ވެގެން، ދީނީ ޙުކުމްތަކާއި އުޞޫލުތަކަށް މިވަރަށް އިދިކޮޅު ހަދަމުން އުޅޭ އިރު، އަދި ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު އެކި ގޮތްގޮތުން، މި ކަން ހުއްޓުވައިދޭށޭ، ފިޔަވަޅު އަޅާށޭ، ހެދިފައި ހުރި ޤާނޫނުތައް ތަންފީޛު ކުރާށޭ ގޮވަމުން ގެންދާ އިރު، ދިވެހި ސަރުކާރުން “ތަށަށް ކިޔަނީ މަރިޔަބުހޭ” ވެސް އަހައިނުލައި އޮންނަ އޮތުމުގެ މާނަޔަކީ ކޮބައިހެއްޔެވެ؟ މިއީ ސަރުކާރު ބައިވެރި ވެގެން، ސަރުކާރު ބޭނުން ވާ ގޮތަށް، ސަރުކާރުގައި ތިބި ބައެއްގެ ސިއްރު ރޭވުންތަކާ އެއްގޮތަށް ކުރެވެމުންދާ ކަންތައްތަކަކީ ބާވައެވެ!

އިސްލާމްދީނުގެ ވަޙުދަތާއި، ދީން ޙިމާޔަތް ކުރަން ހުވާކޮށްގެން ތިބި ބަޔަކު މިފައިން މިކަމަށް ބީރުކަންފަތަށް ދީގެން ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ދީނީގޮތުންނާއި ޤާނޫނީގޮތުންވެސް މިއީ ކުށެއް ކަމުގައި ބެލުމުގެ ފުރުޞަތުއޮތް ކަމެވެ. އެހެންކަމުން، މިކަމަށް މާތް ﷲ އަށް ބިރުވެތިވެ، ރައްޔިތުންނަށް ވަފާތެރި ވެ، އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރަމެވެ.

ނޯޓު: މިލިޔުމަކީ “ދާރިސް” މަޖައްލާގެ 1 ވަނަ ޢަދަދުގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

ޚިޔާލު ފައުޅުކުރުން