ތަޤްވާވެރިކަމަކީ ހިތުގައިވާ އެއްޗެކެވެ!

ތަޤްވާވެރިކަމަކީ ހިތުގައިވާ އެއްޗެކެވެ. އޭގެ އަސަރުތައް ބޭރުފުށުގެ ޢަމަލުތަކުން ފެނުމީ ލާޒިމު ކަމެކެވެ.

މިސާލަކަށް، ތަޤްވާވެރި މީހެއް ނަމަ، ނަމާދު ކުރާނެއެވެ. މައިންބަފައިންނަށް ކިޔަމަންތެރިވާނެއެވެ. ޢައުރަ ނިވާކުރާނެއެވެ. އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާނެއެވެ. މާތް ﷲ އަމުރުކުރައްވާފައިވާ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރި ވެވޭތޯ ވަރަށް މަސައްކަތް ކުރާނެއެވެ. ނަހީތަކުން ދުރުވެ ހުންނަން މަސައްކަތް ކުރާނެއެވެ.

އެހެންކަމުން، ތިމަން ތަޤްވާވެރިއޭ ބުނެ، ބޭރު ފުށުގެ ޢަމަލުތައް އެއާ ދިމާ ނުވަންޏާމު އެއީ ތަޤްވާވެރިކަމެއް ނޫނެވެ. އެއީ ދުލުން ބުނެލާ ބަހެކެވެ. އަދި، އެއީ ޢަމަލުތަކުން ދުރުވެ ހުރުމަށް ދައްކާ ބަހަނާއެކެވެ.

ހަމަ މީގެ އިދިކޮޅުވެސް އެބައޮތެވެ. އެއީ ހިތުގައި ތަޤްވާވެރިކަމެއް ނެތި، ބޭރުފުށުގެ ޢަމަލުތައް ވަރަށް ރީތި ކުރާ މީހުންނެވެ. އެއީ ދެއްކުންތެރިކަމެވެ. އެފަދަ މީހުން އެކަނިވާ ދަނޑިވަޅުގައި، ބޮޑެތި ފާފަތަކަށް އަރައިގަތުމަށް އެއްވެސް ޖެހިލުމެއް ނުވާނެއެވެ. އެބައިމީހުންގެ ބޭރުފުށުގެ ޢަމަލުތައް ރީތި ކުރާނީ ހަމައެކަނި މީހުންނަށް ފެންނަ ހިސާބުގައެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކާއި އަމިއްލަ ނަފްސުތައް މުރާޖަޢާ ކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންނަކީ،

1- ހިތުގައި ތަޤްވާވެރިކަމެއް ނެތި، ބޭރުފުށުގެ ޢަމަލުތައް ގިރިޓީ ކުރާ ބައެއްތޯއެވެ.

2- ނުވަތަ، އަޅުގަނޑުމެންނަކީ، ޢަމަލުކުރުމެއްނެތި، އަހަންނަކީ ވަރަށް ތަޤްވާވެރިއެކޭ ބުނާ ބައެއްތޯއެވެ.

3- ނުވަތަ އަޅުގަނޑުމެންނަކީ، މާތް ﷲ އަށް ޙައްޤުގޮތުގައި ތަޤްވާވެރިވެ، ބޭރުފުށުގެ ޢަމަލުންވެސް އެކަމުގެ އަސަރު ފެންނަ ބައެއްތޯއެވެ.

މާތް ﷲ އަޅަމެންނަކީ މި ދެންނެވި، 3 ބައިގެ ތެރެއިން އެންމެ ފަހު ބައިގެ މީހުން ކަމުގައި ލައްވާށިއެވެ. އާމީން!

ޚިޔާލު ފައުޅުކުރުން