އަލްމަސްޖިދުލްއަޤްޞާ، އަލްޤުދްސު، ފަލަސްޠީން

ނޯޓު:

މިއީ ނޮވެމްބަރު، 1980 މީލާދީ ވަނަ އަހަރު، އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު ދީދީ، “ފަތްތޫރަ”އިގެ 20 ވަނަ ޢަދަދަށް ލިޔުއްވައި ޝާއިޢުކުރައްވާފައިވާ މަޒުމޫނެކެވެ. އެ ޢަދަދަކީ “ހިޖްރީ 15 ވަނަ ޤަރްނުގެ ޚާއްޞަ ނަމްބަރު” ގެ ނަމުގައި ނެރެފައިވާ ޚާއްޞަ ޢަދަދެކެވެ.

މި މަޒުމޫނަކީ، ފަލަސްޠީނާ ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ޖަމީލު ދީދީ ލިޔުއްވާފައިވާ މަޒުމޫނެކެވެ. އެގޮތުން ތާރީޚީ ގޮތުން ފަލަސްޠީން ބިމަކީ ޔަހޫދީން ދަޢުވާކުރާ ފަދައިން އެމީހުންގެ ޙައްޤެއްތޯ ނުވަތަ ނޫންތޯ ވަރަށް ތަފްސީލުކޮށް ބައްލަވާފައިވެއެވެ.

މިއަދުގެ ތާރީޚަށްވެސް ބޭނުންތެރި އަދި ގިނަބަޔަކަށް ނޭނގޭ، ނާދިރު ގިނަގުނަ މަޢުލޫމާތުތަކެއް މި މަޒުމޫނުގައި ހިމެނިފައިވުމުން މި ވެބްސައިޓްގެ ކިޔުންތެރިންނާ މި މަޒުމޫނު ހިއްސާކޮށްލަމެވެ. ދުޢާ އަކީ، މާތް ﷲ، ޖަމީލު ދީދީ ގެ ފުރާނަފުޅަށް ސުވަރުގޭގެ މާތްމަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމެވެ. އަދި އަވަސް މުސްތަޤްބަލެއްގައި ފަލަސްޠީން ބިމަކީ މިނިވަން ބިމެއްގެ ގޮތުގައި ލެއްވުމެވެ. އާމީން!

– ޝަފީޢު ޢަބްދުﷲ-

 

***

 

އަލްމަސްޖިދުލްއަޤްޞާ، އަލްޤުދްސު، ފަލަސްޠީން

– އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު –

 

އިސްލާމީ ތާރީޚުން 14 ވަނަ ޤަރުނު ހުސްވެ، 15 ވަނަ ޤަރުނަށް އެޅުނުއިރު، އިސްލާމީ ދުނިޔެއާ ކުރިމަތިވެފައިވާ ބޮޑަތި މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތިން މައްސަލައޭ ދެންނެވިޔަސް އެންމެ ރަނގަޅު ވާނެ ތިން މައްސަލައެވެ. އަލްމަސްޖިދުލްއަޤްޞާގެ މައްސަލައާއި އަލްޤުދުސް ގެ މައްސަލައާއި ފަލަސްޠީނުގެ މައްސަލައެވެ.

ތިން މައްސަލައޭ ދެންނެވިޔަސް އެއީ އެއްމައްސަލައެކެެވެ. އެއީ ހަމައެކަނި ޢަރަބީންނާއި ބެހޭ ކަމެއްނޫނެވެ. ހުރިހައި މުސްލިމުންނާބެހޭ ކަމެކެވެ. ސަބަބު ދަންނަވައިލާނަމެވެ.

އެންމެ ފުރަތަމަ މަސްޖިދުލްއަޤްޞާއެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި އެއީ، މުސްލިމުންގެ ހިތްތަކުގައި އެންމެ މަތީ ދަރަޖައިގެ ޙުރުމަތްތެރިކަން ދެވިފައިވާ ތިން ޙަރަމްފުޅުން ޙަރަމްފުޅެކެވެ. އިސްލާމްދީން އާއިގެން ވަޑައިގަތް ކައުއިތުރު ރަސޫލާގެ އިސްރާ އޮތީ އެތަނަށެވެ. މިޢްރާޖު އަރައިވަޑައިގަތީ އެ ތަނުންނެވެ.

ސަލާމާއި ޞަލަވާތް ލެއްވިގެންވާ މުޙައްމަދު ނަބީޔާގެ ބަސްފުޅެއްގައި ވެއެވެ. ފޮށިވަށި ތަންމަތި ބަނދެގެން އަޅުކަން ކުރުމަށްޓަކައި ދަތުރު ފަތުރުކޮށް ދިޔުން އޮތީ ތިން މިސްކިތަކަށެވެ. އެއީ އަލްމަސްޖިދުލްޙަރާމް އާއި، އަލްމަސްޖިދުލްއަޤްޞާ އާއި، ތިމަން ރަސޫލާގެ މި މިސްކިތެވެ. މި ބަސްފުޅުގައި އޮތް އަލްމަސްޖިދުލްއަޤްޞާ މިނަމުގެ ބަދަލުގައި މަސްޖިދުލް އިބްލިޔާ މިހެން އޮވެއެވެ.

މި ބަސްފުޅު ޢިބާރާތުގެ ކުދިކުދި ތަފާތާއެކު، ޞައްޙާ ޙަދީޘް ރިވާކުރައްވާ ފަރާތްތަކުން ރިވާކުރައްވައިފައިވެއެވެ. މި ބަސްފުޅުން، އެއްވެސް އޮޅުމެއްނެތި ދޭހަވާގޮތުގައި އަލްމަސްޖިދުލްއަޤްޞާ އަކީ، އިސްލާމީ ހަމައިން މުޤައްދަސް ކަން ދެވިފައިވާ ތިން މިސްކިތުން މިސްކިތެކެވެ. ނަމަށް ބަލާއިރު އަލްމަސްޖިދުއްނަބަވީއަށް ވުރެން، އަލްމަސްޖިދުލްޙަރަމްއާ ދުރުގައި ހުންނާތީ އަލްމަސްޖިދުލް އަޤްޞާއޭ ކިއިފައި ވެއެވެ. މާނަައަކީ ދުރު މިސްކިތެވެ.

ކަމަށް ބަލާއިރު އެމިސްކިތާއި މިސްކިތް ހުރި ބިން، ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވައިފައިވާ ބިން، މިހާރު އޮތީ މުސްލިމުންގެ އަތްމައްޗަކު ނޫނެވެ. ޔަހޫދީންގެ އަތްމަތީގައެވެ. މުސްލިމުންނާ އެންމެ ދެކޮޅުވެރި ޔަހޫދީންގެ އަތްމަތީގައެވެ.

ވަރަށް އިތުބާރު ހުރި މަޢްލޫމާތު ގެ މައްޗަށް ބިނާކުރާއިރު، އަލްމަސްޖިދުލްއަޤްޞާއަކީ އިބްރާހީމް ޢަލައިހިއްސަލާމް ބިނާކުރެއްވި މިސްކިތެކެވެ. އަބޫޛަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ދެ އިމާމުން ރިވާކުރެއްވި ޞައްޙަ ޙަދީޘްއެއް ގައިވެއެވެ. ” ތިމަން ދެންނެވީމެވެ. މާތް ﷲ ގެ ރަސޫލާއެވެ. އެންމެ ފުރަތަމަ ބިމުގައި ލެއްވުނީ ކޮން މިސްކިތެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އަލްމަސްޖިދުލްޙަރަމްއެވެ. ދެން ކޮން މިސްކިތެއްތޯއެވެ؟ އަލްމަސްޖިދުލްއަޤްޞާ އެވެ. ދެންނެވީ މެވެ. އެދެމެދުގައި ކިހާ ދުވަހެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ސާޅީސް އަހަރެވެ.”

މިކަމާމެދު މިއީ އެއްވެސް ހަމައަކުން އޮޅުމެއް އޮވެގެން ވާނެ ކަމެއް ނޫނެވެ. އަލްމަސްޖިދުލްއަޤްޞާއަކީ ދާއޫދުގެފާނުންގެ ދަރިކަލުން ސުލައިމާނުގެފާނު ބިނާކުރެއްވި ތަނެކޭ ބުނެވޭކަށް ނޯންނާނެއެވެ. އެހެނީ ސުލައިމާނުގެފާނަކީ މާފަހުން އުޅުއްވި ބޭފުޅެކެވެ. އޭނާ ކުރެއްވި ކަމަކީ، ބަޔެއް ތަންތަން އައުކުރައްވައި އަލުން ހެއްދެވުމެވެ. އެހެންކަމުން އަލްމަސްޖިދުލްއަޤްޞާ އާއި ޔަހޫދީންނާއި އެއްވެސް ގުޅުމެއްނެތެވެ. ދޭތެރެ ދޭތެރެއިން ފޭރިގަތުން ފިޔަވައި، ޔަހޫދީން އެތަނާމެދު ކުޅަކަމެއް ނެތެވެ. އަލްމަސްޖިދުލްއަޤްޞާއަކީ އިސްލާމީ ތާރީޚުން ބަޔެކެވެ. ކައުއިތުރު ރަސޫލާގެ އިސްރާ އާއި މިޢްރާޖުގެ ރޭ، އެންމެހައި ނަބީންނާއި ރަސޫލުން ގޮވައިގެން އިމާމުވެ ނަމާދުފުޅު ކުރެއްވި ތަނަކީ އެއީ ނޫންތޯއެވެ!

އަލްމަސްޖިދުލްއަޤްޞާ އަކީ، އިސްލާމީ ޢިބާދަތު އާއި ގުޅުމެއް އޮތް ތަނެކެވެ. މުސްލިމުން ނަމާދު ކުރުމުގައި އެތައް ދުވަހެއް ވާންދެން ކުރިމަތިލަމުން އައި ޤިބްލައެވެ. ހިޖްރައިން ދެވަނަ އަހަރު ޝަޢުބާން މަހަށް ދާންދެން މުސްލިމުންގެ ޤިބްލައަކީ އަލްމަސްޖިދުލްއަޤްޞާއެވެ.

ސައްޔިދުނާ ޢުމަރު ބުނި ޚައްޠާބު ރަޟިޔަﷲ އަންހުގެ ދައުރުގައި މުސްލިމުން ޝާމްކަރަ ފަތަޙަކުރި ކުރުމުގެ ތެރޭގައި، ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު ބައިތުލްމަޤްދިސް އަށް ވަޑައިގަތެވެ. އެދުވަހު ޢުމަރު ރަޟިޔަﷲ ޢަންހު އެތާ ދެރަކްޢަތް ނަމާދުފުޅެއް ކުރެއްވިއެވެ. އަދި، އެތަން ކުނިކައްސަވައި، ކުނިތައް، އެކަލޭގެފާނުންގެ ރިދާކޮޅަށް އަޅުއްވައިގެން އުފުއްލަވައި އުއްކަވައިލެއްވި ކަމަށް ތާރީޚުގެ ލިޔުންތެރީން ލިޔުއްވައިފައިވެއެވެ. އިސްލާމީ ޚަލީފާއިންގެ ތެރެއިން އަމަވީ ޚަލީފާއަކު ކަމުގައިވާ ޢަބްދުލްމަލިކު ބުނި މަރުވާން، ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާ އާއި، މަސްޖިދުއްޞަޚްރާ އައުކުރައްވައި ރީތިކުރައްވައި، ޤުއްބަތުއްޞަޚްރާ އޭ ކިޔާ ރީތި ޤުއްބު ބިނާކުރެއްވިއެވެ. އައްޞަޚްރާ އޭ ކިޔެނީ، ކައުއިތުރު ރަސޫލާގެ މިޢްރާޖުގެ ތެރޭގައި އަރައިވަޑައިގަތް ހިލައެވެ.

އިސްލާމީ ވެރިކަމުގެ ފަރާތުން އެކި ދުވަސްވަރުގައި ތިއްބަވާ ވެރީން، އެތަންތަނަށް ވަރަށް ގިނަ ހޭދަތައް ކުރައްވައި، ވަރަށް ގިނަ މުދަލާއި ބިމާއި ތަކެތި އެ ތަނަށާއި އެ ތަން ބެލެހުއްޓުމަށް ޚާއްޞަކުރައްވައިފައިވެއެވެ. މުސްލިމުންގެ ހިތްތަކުގައި އެފަދަ ގަދަރުވެރި ކީރިތި މިސްކިތް މިހާރު ނަޖިސް ކުރަމުން އެގެންދަނީ ޔަހޫދީންގެ ފައިތިލަތަކެވެ. އެބައިމީހުންގެ ފައިން ޙަޤީޤަތުގައި އެ އަރަނީ އިސްލާމީ އުންމަތުގެ ބޮލަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ؟ ޝައްކެއްނެތެވެ. އަލްމަސްޖިދުލްއަޤްޞާ އާއި، އެތާގެ ބިން، ޔަހޫދީންގެ އަތުން އަތުލައި ސަލާމަތްކުރުމަށްޓަކައި ޖިހާދު ކުރުމަކީ ހުރިހައި މުސްލިމުންގެ ވާޖިބަކަށް ނުވާނެތޯއެވެ. ތެދެކެވެ. އަލްމަސްޖިދުލްއަޤްޞާ އަކީ މުސްލިމުންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެކެވެ. އެ ޙައްޤު ލިބިގަތުމަށްޓަކައި ޖިހާދު ކުރަމުންދާ ބައިގައިވުމުގެ އަޒުމް، ކުރިމަތިވަމުން މިއަންނަ ހިޖްރީ އައު ޤަރުނާ ދިމާކޮށް އައުކުރަމާ ހިންގަވާށެވެ!

ދެން، އަލްޤުދުސްއެވެ. އެއްވެސް އޮޅުމެއްނެތް ގޮތުގައި އަލްޤުދުސް އަކީ ޢަރަބީންގެ ތަނެކެވެ. މިއީ ކަށަވަރު ވެގެންވާ ކަމެކެވެ. ސާބިތުވެގެންވާ ތާރީޚު އެކަމުގެ  މައްޗަށް ހެކިވެއެވެ. މިކަމާމެދު ދެކޮޅު ހަދައި ޖަދަލު ކުރާން އުޅޭ މީހުންނަކީ، ތާރީޚު އޮޅުވައިލާން އުޅޭ މީހުންނެވެ. ތާރީޚުގެ ސިފަ ހުތުރު ކުރާން އުޅޭ މީހުންނެވެ.

އާދޭހެވެ! އަލްޤުދުސް އަކީ ޢަރަބި ތަނެކެވެ. އެތާގެ ބިމެވެ. އެތާގެ މީހުންނެވެ. އެތާގެ މާޟީ އާއި ތާރީޚެވެ. މިކަމާމެދު ޢަރަބީން ފައިވިދިފައި ހިފަހައްޓަމުން ގެންދިޔުމުގެ ސަބަބަކީވެސް މިއެވެ. ސާބިތުވެފައިވާ ތެދު ޙަޤީޤަތަކަށްވާތީއެވެ. ޢަރަބީން ޙައްޤެއް ކަމުގައި، އަލްޤުދުސް ވާތީއެވެ. އެ ސަބަބަށްޓަކައި، ޢަރަބީން، އެބައިމީހުންގެ ޙައްޤު ދޫނުކުރާން ފައިވިދިފައި ހިފަހައްޓައެވެ. އަލްޤުދުސް ބައިބައިކޮށް ފަޅިކުރާންވެގެން ކުރާ މަސައްކަތާ ދެކޮޅު ހަދައެވެ. އެއްވެސް ހަމައަކުން އެއްވެސް ޙައްޤެއް ނެތި، ޢަރަބީންގެ ބިމުން މި އިއްޒަތްތެރި ބައި ފޭރިގަތުމަށްޓަކައި ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅު ހަދައެވެ. ނަމަވެސް މިހާރު ޔަހޫދީން އެ އުޅެނީ ތިމާމެންގެ ވެރިކަން ހިންގާ ރަށަކީ އެއީކަމަށް ބަލައި ހަމަޖައްސައިގެންނެވެ. އ.ދ. މަޖިލިސް އާއި އަމާންކަމުގެ މަޖިލިސް އާއި މިފަދަ ފަރާތް ފަރާތުން ތިޔައީ ގޯހެކޭ، ތިޔަހެން ހަދައިގެން ނުވާނެޔޭ ބުނެބުނެ އޮއްވައެވެ.

އަލްޤުދުސް އަކީ، ޢަރަބީންގެ ޙައްޤެއްކަމުގައި ވާއިރު، ޔަހޫދީންގެ ޙައްޤެއް އެތާގައި ވާކަމަށް އެބައިމީހުން އެކުރާ ދަޢްވާ އަކީ ކޮންކަހަލަ ދަޢްވާއެއް ބާވައެވެ. މި ސުއާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ފުރަތަމަ ދާން ޖެހެނީ ފަލަސްޠީނުގެ އެވޭލާ ޒަމާނުގެ ދުރު ތާރީޚުގެ ތެރެއަށެވެ. ޙަޤީޤީ ތާރީޚީ ހެކިތަކެއްގެ މައްޗަށް ބިނާވެވިފައިވާ ޖަވާބެއް ލިބޭނީ އޭރުންނެވެ.

މިގޮތުގެ މަތީން ފަލަސްޠީން އާމެދު ތާރީޚީ ކަޅިޔެއް ހިންގައި ލަމާތޯއެވެ؟

ތާރީޚުގެ ލިޔުންތެރީން އެއްބަސްވާ ގޮތުގައި އިހުގެ ފަލަސްޠީން އަކީ، ކަންޢާނީންގެ ވަޠަންއެވެ. ކަންޢާނީންގެ ބިމޭ ނުވަތަ ކަންޢާނީންގެ ވަޠަންއޭވެސް އެތަނަށް ކިޔެއެވެ. އެބިމަށް ފަލަސްޠީންގެ ނަން ކިޔާން ފެށުނީ މާފަހުންނެވެ. އެހެން ކިޔުނީ، ޖަޒީރާކުރީތުން އެތަނަށް ހިޖްރަކުޅަ ޔޫނާނީ ޤަބީލާއެއްގެ ނަމާ ގުޅުވައިގެންނެވެ. އެ ޤަބީލާގެ ނަމަކީ، ފިލިސްޓިޔާ- (PHILISTIA) އެވެ. އެ ޖަޒީރާއިން، ކަންޢާންގެ ބިމަށް ފުރަތަމަ ހިޖްރަކުޅަ ޔޫނާނީ ޤަބީލާގެ ނަމަކީ ފިލިސްޓިޔާ އެވެ. އެބައިމީހުން އައިސް ކަންޢާންގެ ބިމުން، ގޮނޑުދޮށް ފަރާތުން ހަމަބިންތަނެއްގައި ވަޒަންވެރި ވެގެން އުޅޭން ފެށުމުން، އެތަނަށް ފަލަސްޠީން އޭ ކިޔާން ފެށުނީއެވެ. ފަހުން މުޅި ކަންޢާންގެ ބިމަށް އެނަން ކިޔުނީއެވެ. މިދެންނެވި ބިމަށް، މިދެންނެވި ޤަބީލާގެ މީހުން ހިޖުރަކުޅައީ މީލާދީ ތާރީޚުން ދެވަނަ ޤަރުނުގެ ތެރޭގައެވެ.

ދެން، ކަންޢާނީންނަކީ ކޮންބަޔެއްތޯ ބަލައިލަމާ ހިންގަވާށެވެ! އެއީ، ނޫޙް ޢަލައިހިއްސަލާމްގެ ދަރިކަލުން ސާމް އަށް ނިސްބަތްވެފައިވާ ސާމީ ނުވަތަ ސެމެޓިކް ދަރިކޮޅުން އައި ބައެކެވެ. ޢަރަބީންނާއި ޢިބްރާނީންނާއި ސުރިޔާނީންނާއި ކިލްވާނީންނާއި މިއީ ހައްތަހާވެސް އެ ދަރިކޮޅުން އައި މީހުންނެވެ. ބައެއް ލިޔުންތެރީންގެ ނަޒަރުގައި އެއީ ނޫޙް ޢަލައިހިއްސަލާމްގެ ދަރިކަލުން ޙާމުގެ ކަންޢާންގެ ދަރިކޮޅުން އައި ބަޔެކެވެ. ކަންޢާނީންނޭ ކިޔުނީ އެހެންވެގެންނެވެ. މިކަން ކޮންމެ ގޮތަކަށް އޮތަސް ކަންޢާނީންނަކީ އަލްޚަލީޖުލް ޢަރަބީގެ ފަހުން އަލްޤަޠީފް ނުވަތަ އަލްބަޙްރީން އޭ ކިޔުނު ހިސާބުގައި އުޅުނު ޢަރަބީންގެ ޤަބީލާތަކެކެވެ.

ޤުދްރަތީ ގޮތުން އެކި ތަންތަނަށް ކުރިމަތިވާ ބޮޑަތި ކަންތައްތަކެއް ހުރެއެވެ. ބޮޑަތި ޠޫފާނުތަކާއި ބިންހެލުންފަދަ ކަންތަކެވެ. ތަދުމަޑުކަމާއި ބަލިމަޑުކަމެވެ. ދެކޮޅުވެރީންގެ ހަނގުރާމަތަކާއި އަރައި ގަތުމެވެ. މިބާވަތުގެ ކަންތައް އައިސް ކުރިމަތިވާ ހިނދު، ތިމާމެން އުޅެމުން އައި ތަން ދޫކޮށް އެހެން ތަންތަނަށް ދިޔުމީ، އިންސާނުންގެ ތެރޭގައި އާދަވެފައި އޮންނަ ކަމެކެވެ. އެގޮތުގެ މަތިން ކަންޢާނީން ދަތުރުކޮށް ފަހުން ފަލަސްޠީން އެ ކިޔުނު ބިމަށް ދިޔައެވެ.

ކަންޢާނީން، އެބިމަށް ގޮސް ވަޒަންވެރިވީ، މީލާދުގެ އެތައްހާސް އަހަރެއްގެ ކުރިންނެވެ. ފިލިސްޓިޔާ އޭ ކިއުނު ޔޫނާނީ ޤަބީލާގެ މީހުން އެތަނަށް އައުމުގެ ވެސް އެތައްހާސް އަހަރެއްގެ ކުރިންނެވެ. އެެހެންކަމުން ކަންޢާނީންނަކީ، ސާފު ޢަރަބީންގެ ޤަބީލާތަކެވެ. ކަންޢާނީންގެ ބިމަކީ ޢަރަބީންގެ ބިމެވެ. ކަންޢާނީން، އެބައިމީހުންގެ ބިމުގައި ވެރިކަން ކޮށް އުޅޭތާ ދެހާސް ފަސްސަތޭކައެއްހައި އަހަރު ފަހުން ދެ ފަރާތަކުން އައި ދެ ޙަމަލާއަކާ ކުރިމަތިލާން ޖެހުނެވެ. ދާދި ގާތްގާތުގައި އައި ދެ ޙަމަލައެކެވެ. އެއް ޙަމަލަ އައީ ހުޅަނގުންނެވެ. އަނެއް ޙަމަލާ އަކީ އިރުމަތީ ފަރާތުން އައި ޙަމަލައެކެވެ. ހުޅަނގުން އައި ޙަމަލާއަކީ ޔޫނާނީންގެ ފިލިސްޓިޔާ އޭ ކިޔުނު ޤަބީލާތަކުގެ ފަރާތުން އައި ޙަމަލާއެކެވެ. އެބައިމީހުން އައިސް ކަންޢާނީން ބިމުން މެދުތެރޭ ކަނޑު ގެ ގޮނޑުދޮށް ފަރާތުން ބަޔެއް ހިފައި، އެތާ ވެރިކަމެއް އުފައްދައި އެތަނަަށް ފަލަސްތީން އޭ ކިޔައި ނަން ދިނެވެ.

ފަލަސްޠީނުގެ ތާރީޚަކީ ދިގު ތާރީޚަކަށް ވުމާއެކު، މަތިމަތީން، ކުރުގޮތަކަށް ފަލަސްޠީން އާމެދު ތާރީޚީ ކަޅިއެއް ހިންގައިލާއިރު އޮޅުމެއް ނެތް ގޮތުގައި، އަންނަނިވި ޙަޤީޤަތްތައް ފެނެއެވެ.

އޭގެ ތެރޭގައި އަލްޤުދުސް ވެސް ހިމެނޭ ގޮތުގައި، ފަލަސްޠީން އަކީ ޢަރަބީ ރަށެކެވެ. އެރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ބަޔަކީ ޢަަރަބީންގެ ޤަބީލާތަކެވެ. އެބައިމީހުން އެތާ ވަޒަންވެރިވެފައިވަނީ، މީލާދުގެ ދަހާސް ފަސްސަތޭކަ އަހަރު ކުރީންނެވެ.

އޭރުއްސުރެވެސް ފަލަސްޠީންގެ މީހުންނަކީ، އެބައިމީހުންގެ ޢަރަބީވަންތަ ކަމަށް ރައްކައުތެރިވާ ބައެކެވެ. އެކި ދިމަދިމާއިން އަންނަ ޙަމަލާތުގެ ތެރޭގައި އެބައިމީހުން ޢަރަބިވަންތަކަން ވިރިގެންނެއް ނުދެއެވެ.

ފަލަސްޠީން އަކީ، ތާރީޚުގެ ތެރެއިން އެއްވެސް ދުވަސްވަރެއްގައި ޔަހޫދީން ގެ ތަނެއް ނޫނެވެ. އެބައިމީހުންގެ ކާބަފައިންގެ ތަނެއްވެސް ނޫނެވެ. އެބައިމީހުންގެ އާދައަކަށްވެފައި އޮންނަ ގޮތުގެ މަތީން އަހުލުވެރީންގެ އަތުން، ގަދަކަމުން ތަން އަތުލައި ފޭރިގަތުމަށްފަހު ތިމަންމެންގެ ތަނެކޭ ކިޔައި އަތްގަދަކޮށްލައިގެން ތިބީއެވެ. ތަނަކީ ޢަރަބީންގެ ތަނެކެވެ. ޢަރަބީންގެ ބިމެކެވެ.

ދެން އަލްޤުދުސްއާއި ދިމާއަށް ބަލައިލަމާތޯއެވެ. ބަލައިލާއިރު ފެންނަނީ ވަރަށް ދިގު ތާރީޚެކެވެ. މިކަހަލަ ހައެއްކަ އަށެއްކަ ފަތްފުށުގެ ފޮޅުވަތްތަކުގެ ތެރެއަށް ގެނެސް ކުރުގަޅުވައިލެވޭ ވަރަށް (ވުރޭން) ދިގު ތާރީޚެކެވެ. ތެދުތެދަށް ދަންނަވާނަމަ އަލްޤުދުސް އަކީ، ކަމަށް އެކަށޭނަ ކަންލިބިގެންވާ ލިޔުންތެރިންނަށް އޮތް މައުޟޫޢް އެކެވެ. ވަކީން ފޮތެއް ނުވަތަ ފޮތްތަކެއް ލިޔެވޭފަދަ މައުޟޫޢް އެކެވެ. އެހެންކަމުން މިިފޮޅުވަތްތަކުގައި ލިޔެވޭތޯ މިއުޅެނީ އޭގެ ތެރެއިން މުހިންމު ދެތިން ނުގުތާއެވެ.

އަލްޤުދުސް އަކީ އޭގެ ނަން ދޭހަކޮށްދޭ ފަދައިން މާތް ރަށެކެވެ. ހުރިހައި ދީންތަކުގެ މީހުން މާތްކޮށް ހިތަމުން އަައި ރަށެކެވެ. މިހާރު ޔަހޫދީން އުޅެނީ، އެއީ ހަމައެކަނި ޔަހޫދީންގެ ތަނަކަށް ހަދައި، ވަކިވެ ގަތުމާއި ގޮތް ދޫނުކުރުމުގެ ފާރެއް އެތާގެ ވަށައިގެން ލައި، ޔަހޫދީންގެ ވެރިކަން ހިންގާ ރަށަކީ އެއީ ކަމުގައި ހަދާށެވެ. ނަމަވެސް އެހެން ހެދޭނީ ކިހިނަކުންތޯއެވެ؟ ތާރީޚީ ޙަޤީޤަތްތަކާއި ޤާނޫނީ އަދި ބުއްދީގެ ހަމަތަކަށް ފުރަގަސްދީ، އެހަމަތަކަށް ފައިން އަރައިގެން ނޫނީ އެއީ ވެވޭކަށް އޮތް ކަމެއް ނޫނެވެ.

އެއީ ރަށެކެވެ. ފަލަސްޠީންގެ ބިމުން ވަރަށް މުހިންމު ތަނެއްގައި ބިނާ ކުރެވުނު ރަށެކެވެ. ތަނަކީ، ކަނޑުގެ ލޮނުގަޑުން ފެށިގެން އަށްސަތޭކަ މީޓަރު އުހުގައިވާ ތަނެކެވެ. އެތަން މިލްކު ކުރާ ބަޔަކަށް ހަނގުރާމަވެރިކަމުގެ ގޮތުން މުޅި އެހިސާބަށް ބާރު ފެތުރުދާނެ ތަނެކެވެ. ސިޔާސީގޮތުންނާއި ހަނގުރާމަވެރިކަމުގެ ގޮތުންނެވެ. އަދި އެއީ ދީނީގޮތުންވެސް މުހިންމު ތަނެކެވެ. ބޮޑަތި ތިން ދީނުގެ އަހުލުވެރީންގެ ނަޒަރުގައިވެސް މުހިންމު ތަނެކެވެ. މި ދެންނެވި ތިން ދީނަކީ، އިސްލާމްދީނާއި މަސީޙީ ދީނާއި ޔަހޫދީ ދީނެވެ.

ތާރީޚީ ގޮތުން ބަލާއިރު އެރަށް ބިނާކޮށް ފުރަތަމަ ޢިމާރާތް ކުޅަކަމަށް ތާރީޚު ބުނާ ބަޔަކީ ޢަރަބީންގެ ތެރެއިން ކަންޢާނީންނެވެ. އެމީހުން ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ އެތައްހާސް އަހަރެއްގެ ކުރީން އެރަށް ބިނާކުރިކަމަށް ތާރީޚު ބުނެއެވެ.

އެރަށުގެ މިހާރުގެ ނަމަކީ އަލްޤުދުސް އެވެ. ނުވަތަ ޖެރޫސަލަމް އެވެ. މިނަން އުފެދިގެން އައީ ކިހިނަކުންތޯ ބަލާއިރު، އެންމެ އިހުގެ ނަމަކީ ޔޯރްދް ޝާލީމްއެވެ. މިނަމުގެ ދެ ބަޔަކީވެސް ކަންޢާނީންގެ އެވޭލާ މުސްކުޅި ބަހުގެ ދެނަމެވެ. ޔޯރްދް އަކީ ރަށެވެ. ޝާލީމް އަކީ، ބުދަށް އަޅުކަން ކޮށްއުޅުނު ކަންޢާނީންގެ (އި؟)ލާހެކެވެ.

މިސުރުގެ ތައްލުލް ޢަމާރިނާ އޭ ކިޔުނު ރަށުން ފެނުނު ލިޔުންތަކެއްގައި ވެސް އެނަން އޮވެއެވެ. އެލިޔުމަކީ މީލާދުގެ ކުރީގެ ސައުދަވަނަ ޤަރުނުގެ ލިޔުމެކެވެ. ތައްލުލް ޢަމާރިނާ އަކީ، މިޞްރުގެ ފިރްޢައުނުގެ ތެރެއިން މަޝްހޫރު އަޚްނާތޫން ބިނާ ކުރެއްވި ރަށެކެވެ. އެ ލިޔުމުގައި އޮންނަނީ ޔޯރދްސާލީމް މިހެންނެވެ. އެއީ އިސްރާއީލްގެ ދަރީން ދުނިޔެއަށް ފައުޅުވުމުގެ ދެހާސް އަހަރު ކުރިއެވެ. އަދި ވަރަށް ކުރީން އުޅުނު، އާޝޫރީންގެ ލިޔުންތަކުންވެސް އެނަން ފެނެއެވެ. ކުޑަ ތަފާތަކާ އެކުގައެވެ. ތައުރާތުގެ އަލްޢަހުދުލް ޤަދީމް (އޯލްޑް ޓެސްޓްމެންޓް) ގައި އޮންނަ ނަމަކީ، ހަމައެކަނި ޝާލީމް އެވެ.

ޢަބްރާނީންގެ ތެރެއިން، އިބްރާހީމް ޢަލައިހިއްސަލާމް، ކަންޢާނީ ބިމަށް ވަޑައިގަތްއިރު އެތަނަކީ ކަންޢާނީ ބިމެކެވެ. ޢަރަބީންގެ ރަސްކަލަކު އެތާ ހުންނަވައެވެ.

ޢަރަބާނީންނަށް، ޢަރަބާނީންނޭ ކިޔުނުގޮތާމެދު ލިޔުންތެރިޔަކު ލިޔުއްވައިފައިވާ ލިޔުމެއްގައި އޮވެއެވެ. އެހެން ކިޔުނީ ފުރާތުކޯރު  ކަޑައްތުކޮށް ހުޅަނގަށް ދަތުރުކޮށް އައި ބަޔަކަށް ވާތީއެވެ. އެހެނީ، ޢަރަބީ ބަހުން ޢަބަރަ މިބަހުގެ މާނައަކީ ކަޑައްތު ކޮށްފިޔޭ އެވެ.

ޢަބަރާނީން، ނުވަތަ ޢަބަރީ، މިބަސް ބަދަލުކޮށް، ހިބްރޯ މިހެން ކިއިފައިވެއެވެ. އެފަދަ ކިތަންމެ ބަހެއް ބަދަލުކުރާ ފަދައިންނެވެ. ޢަރަބީންގެ، ޠާރިޤް ބުނި ޒިޔާދުގެ ނަމަށް ނިސްބަތްވެގެންވާ ޖަބަލްޠާރިޤް ޖިބްރޯލްޓަރަށް ބަދަލުކުރި ފަދައިންނެވެ.

ކޮންމެއަކަސް މިއީ ބަހުގެ ހޯދުމެކެވެ. މި ވާހަކަ މިދަންނަވައިލީ، އަލްޤުދުސް އަށް ކިޔޭ މުސްކުޅި ނަން ދޭހަކޮށްދޭ ފަދައިން އެއީ ޢަރަބީންގެ ރަށެކޭ ދަންނަވަން ވެގެންނެވެ. އެ ރަށަށް ކިއުނު ފުރަތަމަ ނަމަކީ، އެރަށް ފުރަތަމަ ބިނާކުޅަ ކަންޢާނީ ޢަރަބީންގެ ބަހުން ކިޔައިފައިވާ ނެމެކެވެ.

ނަންކިޔުނު ގޮތާމެދު ލިޔުންތެރިންގެ ލިޔުންތަކުގައި ތަފާތު ގޮތްތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ އިސްކަން ދެވޭ ގޮތަކީ މިއެވެ. އެތައް ސަބަބަކަށްޓަކައެވެ. އައްދަކްތޫރު ޢިއްޒައްދީނު ފައުދާ ލިޔުއްވައިފައިވާ، އަލްޤުދުސް މަދީނަތުއްސަމާ މި ފޮތުގައި އޮންނަ ގޮތަކީވެސް މިއެވެ.

ކޮންމެއަކަސް ނަމާއި ތާރީޚާއި ތަނާއި މީހުންނާއި މިހުރިހައި ކަމެއް އުފެދިގެން އައި ގޮތުގެ މައްޗަށް ބަލާއިރުވެސް އަލްޤުދުސް އަކީ، ޢަރަބީންގެ ޙައްޤެކެވެ. ޢަރަބީންގެ ތަނެކެވެ. މުސްލިމުންގެ ޙައްޤެއް އެކުލެވިގެންވާ މުގައްދަސް ބިމެކެވެ. އެތަން އަތުލައިގަނެގެން ތިބުމުގެ ޙައްޤަކީ އެހެން އެއްވެސް ބަޔަކަށް އޮތް ޙައްޤެއް ނޫނެވެ.

ހިޖްރީ އައު ޤަރްނަކަށް އިސްލާމީ އުންމަތްތަކާއި ޢަރަބީ އުންމަތްތައް ކުރިމަތިލަމުންދާއިރު، އަލްޤުދުސް ގެންދަނީ ޔަހޫދީންގެ ވެރިރަށަކަށް ހަދަމުންނެވެ. އެތާގެ ވަށައިގެން ޔަހޫދީންގެ ގެދޮރު އަޅައި ކިއްލާ ހަދަމުންނެވެ. އ.ދ. މަޖިލިސްއިން ފާސްކުރާ އެއްވެސް ފާސްކުރުމަކަށް ނުބަލައެވެ. މިހާރު ތިބި ޔަހޫދީންނަކީ ކޮންބައެއްތޯއެވެ؟ ޤައުމުތަކުގެ ކުނި ބުންޏެވެ. ޔަހޫދީ އަކަށް ވުން ފިޔަވައި އެއްވެސް އަސްލެއް ފަސްލެއް ވަސްލެއް ހުރި ބައެއް ނޫނެވެ. އެކަހަލަ ބައަކަށް އެ ކަހަލަ ތާކަށް އަތްގަދަކޮށްލައިގެން ތިބެވެނީ ފަހެ ކީއްވެގެންތޯއެވެ؟ އޮތީ ހަމަ އެންމެ ސަބަބަކެވެ. އެތާގެ ޙައްޤުވެރިންނަށް ތިބި ޢަރަބީން އެއްގަލަށް ނާރާ ކަމެވެ. އެބައިމީހުން އެއްގަލަކަށް އަރައި އެއްބަސްވެ އެކަތިގަނޑަކަށްވެއްޖެނަމަ، މައްސަލަ އޮތީހީ ޙައްލުވެ ނިމިފައެވެ. މައްސަލައަކީ ވަކިހަމައަކުން ބަލާއިރު އިސްލާމީ އުންމަތްތަކާއި ޢަރަބީންގެ މައްސަލާއެކެވެ. މައްސަލަ ޙައްލުކުރުން އޮތީވެސް އެބައިމީހުންގެ އަތްމަތީގައެވެ. ޙައްލުކުރުމުގެ ބޭނުން ކުރާން އޮތް ހަތިޔާރު އޮތީވެސް އެބައިމީހުންގެ އަތްމަތީގައެވެ.

މިދެތިން ބަސް ނިންމައިލަމުން ދަންނަވައިލާ ހިތްވެއެވެ. އަލްޤުދުސް އާއި މަސްޖިދުލްއަޤްސާ އާއި ފަލަސްޠީންގެ މައްސަލައަކީ އަޅުގަޑުމެން ދިވެހީންނަށް ވަރަށް ބީރަށްޓެހި މައްސަލައެކެވެ. ހަމައެކަނި ކިޔައިލެވޭ ނަންތަކެއް ފިޔަވައި އެހެންކަމެއް ނޭނގެއެވެ. އެހެންކަމުން، އަޅުގަޑުމެންނަކީ މުސްލިމް އުންމަތެއްކަމަށް ވުމާއެކު، އަދި އެ މައްސަލައަކީ ހުރިހައި މުސްލިމުންނާބެހޭ މައްސަލައަކަށް ވުމާއެކު، އަދި އިސްލާމީ ހިޖްރީ ތާރީޚުން އައު ޤަރުނަކަށް ކުރިމަތިލަމުންދާ ދުވަސްވަރަކަށް ވުމާއެކު، އަލްޤުދުސްގެ ދުވަހޭ ކިޔައި ޚާއްޞަ ދުވަހެއް ގެނައުމުގެ ޚިޔާލްކުރަމާ ހިންގަވާށެވެ! ދިވެހި އުންމަތުގެ އެންމެހައި ދަރީންނަށް އެ މައްސަލަ އޮތްގޮތް އަންގައި ދީ ފައުޅުކުރާ ދުވަހެއް ގެނައުމާމެދު ވިސްނަމާ ތޯއެވެ! އެހެން ބައެއް ތަންތާގައިވެސް އެ ދުވަސް ފާހަގަކުރާ ފަދައިންނެވެ. ބޭނުމަކީ މައްސަލައިގެ ބޮޑުކަން ހިތްތަކަށް ގެނެސް ގަތުމެވެ. އެހެން ގޮތަކުން ބައިވެރިނުވެވުނަސް، ހިތްތަކުގެ ޝުޢޫރުން، މި އިސްލާމީ ކަންތަކުގައި ބައިވެރިވުމެވެ. އަލްޤުދުސް މިނިވަން ކުރުމަށް މަސައްކަތްކުރާ ބައިގައިވުމެވެ.

އަޅުގަޑުމެންގެ ދުޢާ އަކީ، ކުރިމަތިވެގެން އައި ހިޖްރީ އައު ޤަރްނުގެ ތެރޭގައި، މި މުހިންމު އިސްލާމީ މައްސަލަ ޙައްލުވެގެންދާ ތަން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަޑުމެންނަށް ދެއްކެވުމެވެ. އިސްލާމީ އުންމަތަށް ނަޞްރާއި ތައުފީޤް ދެއްވުމެވެ.    – އާމީން-

ޚިޔާލު ފައުޅުކުރުން