އިރުވަރަށް އީމާންނުވެ، މިންވަރަށް އީމާންވާށެވެ.

 

ނޯޓް:

މި ލިޔުމަކީ ‘ފަތްތޫރަ’އިގެ 23 ވަނަ ޢަދަދުގައި (ފެބްރުއަރީ 1981) ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. މޮޅު ލިޔުމެކެވެ. ޢިލްމީގޮތުން މޮޅު، ބަހުގެ ގޮތުން އަރައި ހުންނެވި ބޭފުޅެއްގެ ލިޔުއްވުމެކެވެ. އައްޝެއިޚް މަލިން މޫސާ މާފަތްކަލޭގެފާނުގެ ލިޔުއްވުމެކެވެ.

އައްޝެއިޚް މަލިން މޫސާ މާފަތްކަލޭގެފާނަކީ ދިވެހި ޤައުމަށް ތަފާތު ގޮތްގޮތަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެެކެވެ. މަދަރުސަތުއްސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ދީނީ ތަޢުލީމު ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދީބެކެވެ. މުޞައްނިފެކެވެ. ޝާޢިރެކެވެ.

އައްޝެއިޚް މަލިން މޫސާ މާފަތްކަލޭގެފާނު، ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވީ 18 ނޮވެމްބަރު 1970 މީލާދީ ވަނަ އަހަރުއެވެ. މާތް ﷲ ގެ ދީލަތި ރަޙުމަތާއި ފުއްސެވުން އެ މަރްޙޫމަށް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

މިލިޔުން ގެނެސްދިނުމުގެ ކުރިން، އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު ދީދީ، ‘ފަތްތޫރަ’އިގައި މި ލިޔުމަށް ދެއްވާފައިވާ ނޯޓު ހިމަނާލާނަމެވެ.

–ޝަފީޢު ޢަބްދުﷲ-

***

ނޯޓް:

ތިރީގައި މިހުރަހަޅާ ލިޔުމަކީ އަޅުގަޑުމެންގެ ތެރޭގައި އުޅުއްވި ވަރަށް މުސްކުޅި ނަމަވެސް ގަލަމާއި ދޫ ހިގާ ލިޔުންތެރިއެއްގެ ލިޔުމެކެވެ. ލިޔުންތެރިއަކީ އައްޝައިޚުލްމަރްޙޫމް މަލިން މޫސާ މާފަތްކަލޭގެފާނެވެ. މިލިއުމުގެ މައުޟޫޢަކީ ހިސާބަކަށް ދީނީ މައުޟޫޢެކޭ ބުނެވިދާނެއެވެ. ނަމަވެސް އަޅުގަޑު މިލިޔުން ތިލަފަށަށް ނެގީ ހަމައެކަނި އެފަދަ ލިޔުންތެރިއެއްގެ ލިޔުމުގެ ނަމޫނާއެއް ހުރަހަޅާލުމުގެ ގޮތުންނެވެ. މިލިޔުމުގައި ޖުމްލަތައް އެއްކުރައްވައި ބަންނަވަމުން ގެންނެވި ގޮތާއި، ބޭނުން ކުރައްވާފައިވާ ހަރުދަނާ ބަސްތަކާއި، މިއީ މިހާރުގެ ލިޔުންތެރިން ނަމޫނާ ލިބިވަޑައިގަތުމުގެ ގޮތުން ދެކެވަޑައިގަތުން އެންމެ ރަގަޅު ލިޔުމެކެވެ.

އަޅުގަޑު ޤަޞްދުކުރަނީ ފަތްތޫރައިގެ ސަފްޙާތަކުގައި މިބާވަތުގެ ބައެއްލިޔުން ހުރަހަޅަމުން ގެންދިޔުމެވެ. ބޭނުމަކީ އިހުގެ ހުރިހާ ލިޔުންތެރިންގެ ޢިބާރާތްތައް ހުރީ އެއްގޮތަކަށް ނޫނޭ ދެންނެވުމެވެ. އަނެއްބޭނުމަކީ އެކިލިޔުންތެރިންގެ ޢިބާރާތުގެތަފާތު ފާހަގަކުރާން ދަސްކުރުމެވެ.

– އެޑިޓަރު – (މުޙައްމަދު ޖަމީލު ދީދީ)

 

އިރުވަރަށް އީމާންނުވެ، މިންވަރަށް އީމާންވާށެވެ.

– އައްޝެއިޚް މަލިން މޫސާ މާފަތްކަލޭގެފާނު –

އިރުވަރަށް އީމާންވުމަކީ މިވެނި ވަގުތެއްގައި ނުވަތަ އެވެނި ދުވަހެއްގައި ކަމެއް ކޮށްފިނަމަ އެކަމުން އެތައް ފައިދާއަކާއި މަންފާތަކެއް ލިބޭނެކަމުގެ ޔަޤީނުގައި އިރުވަރު ބަލައިގެން ކަމެއް ކުރުމެވެ. މި ޔަޤީން ކަމާއި، މި އިޢުތިޤާދުގައި ކަމެއް ކުރުމީ މާތް އިސްލާމް ދީނުގައި ހެއުވާކަމެއްނޫނެވެ. ޝަރީޢަތާ ޚިލާފުކަމެކެވެ. نعوذ بالله منها

މިންވަރަށް އީމާންވުމަކީ މާތް ރަސްކަލާގެ ހެޔޮކަންތަކާއި ނުބައިކަންތައް މިންވަރު ކުރެއްވި ކަމާއި ވެދިޔަހައި ކަމަކާއި، ވޭވެ ހުރިހައި ކަމަކާއި ވާނޭހައި ކަމެއްވަނީ އެކަލޭގެ މިންވަރުފުޅުންނާއި އިރާދަފުޅުންކަމާއި، ހެޔޮކަންތަކީ ރުއްސެވުމުން ހިގާ ކަންތައްކަމާއި، ނުބައިކަންތައް ހިގަނީ ރުއްސެވުމުން ނޫންކަމާއި މިކަންކަން ހިތުގައި ކަށަވަރުކުރުމެވެ.

ކުޑައިރުކޮޅަކު ވިސްނާލައްވާށެވެ. ހުރިހައި ކަމެއް ހިގަނީ މާތް ރަސްކަލާގެ މިންވަރުފުޅާއި އިރާދަފުޅުން ކަމުގައި ޔަޤީންކޮށް މިންވަރަށް އީމާންވެގެން ހުރި މީހަކު މިވެނި އިރުވަރުގައި، ކަމެއް ކުރީމާ އެވެނި ގޮތެއް ވާނޭ ކަމުގެ ޔަޤީނުގައި، އެއިރުވަރު ބަލައިގެން، ކަންތައް ކުރުމީ ހެޔޮނުވާ ކަމަކަށް ނުވެ ދާނެތޯއެވެ.

އިރުވަރު ބެލުމަކީ، ތަރިތައް ހިގާމަގު ބަލައިގެން މިވެނި ނަކަތެއް މެދުޖެހޭ ވަޤުތު ނުވަތަ އެވެނި ނަކަތެއް ފެނުން އުދާއިރު ބެލުމެވެ. އިރުވަރަށް އީމާންވުމަކީ، ތަރިއަށް އީމާންވުމެވެ. ތަރިއަށް އީމާންވުމުގައި ހުރި ނުބައިކަން ބަޔާންކުރައްވައި އިތުރު ކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. مَنْ آمَنَ بِالنُّجومِ فَقدْ كَفَرَ (حديث كريم) މިމާތް ޙަދީޘްފުޅުގެ މަޢުނައީ “ތަރިއަށް އީމާންވެއްޖެ މީހާ ކާފިރުވެއްޖެއެވެ.” މިއެވެ.

ލައްބައެވެ! މިފަދަ ބާޠިލް އިޢުތިޤާދަކާއި، ފާސިދު ޔަޤީންކަމަކާއި ނުލައި މާތް ރަސްކަލާގެ މާތްކުރެއްވި ރަމްޟާންމަސް ފަދަ ރަބީޢުލްއައްވަލްމަސް ފަދަ ރަޖަބުމަސް ފަދަ މަހެއްގައި ނުވަތަ ހުކުރު ދުވަސް ހޯމަ ދުވަސް ފަދަ އިތުރު ދުވަހެއް ޤަޞްދުކޮށް ވަކި އިރުވަރެއް ނުބަލައި އެ ދުވަހަށް ނުވަތަ އެމަހަށް ޙުރްމަތްތެރިކޮށް  ހިތުމާއި، ބަރަކާތް ޙާޞިލްވުމުގެ ނިޔަތުގައި ކަމެއް ކުރުމީ ނުހަނު އެދެވޭ މޮޅު ގޮތެކެވެ.([1]) އަދި ހުއްދަ ކޮންމެ ކަމެއް ކުރާ ވަގުތު މާތް ރަސްކަލާގެ ކިބައަށް ޙަމްދުކޮށް ޞަލަވާތް ކިޔަވައި ބިސްމިކިއުމީ ދީނުގެ އަދަބުތަކުގެ ތެރެއިންވާ ރިވެތި ސުންނަތެކެވެ.

މިގޮތުގެ އިތުރަށް ވަކި އިރުވަރެއް ބަލައިގެން ތަނެއްގެ ބިންގާ އަޅާއިރު ނުވަތަ އޮޑިދޯނި ބަނުމަށް ކަމަޅި ވަޅުލާއިރު އެތަނަކަށް ދިރޭ ތަކެތި ކަތިލާފާ ލޭއަޅާ ރޯބޮލިއަޅާ، ކަޑިފެން އަޅާ، ކަށިޖަހާ ހެދުމީ ޢާންމުންގެ މީހުން ހެއްލުމަށް ޖާހިލް ނަކަތްތެރިން ކުރާ ޙަރާމް ކަންތައްތަކެވެ. ތަނަކުން ތަނަކު ނުޖެހޭ ބިދުޢަ ކަންތަކެވެ. އެފަދަ ކަންތަކަށް ތިޔަބައިމީހުން ނުހެއްލޭށެވެ. މާތް ރަސްކަލާގެ އަޅުގަޑަށާއި ތިޔަ ބޭކަލުންނަށް ހިދާޔަތުގެ ނޫރުން އަލިމަގު ދައްކަވާނެތެވެ.

ކުރާ ކަންތަކުން ކާމިޔާބު ލިބުމާއި، ރޯދިބަރަކާތް އިތުރުވުން ހުރީ މާތް ރަސްކަލާގެ ކިބައަށް އިޢުތިމާދު ބެހެއްޓުމާއި ހިތްނިޔަތް ޚަލާޞް ކުރުމުގައެވެ. ކީރިތި ޤުރްއާން ގެ އާޔަތްތަކުންނާއި ޞަލަޥާތުގެ ވަސީލަތުން ބަރަކާތް އެދެމުންނެވެ. ތަރިތަކަށް އީމާންވެ، އިރުވަރުގައި ކަންތައް ކުރުމަކުން ނޫނެވެ.

އިރުވަރަށް ހެއްލި ބާޠިލް އިޢުތިޤާދްގައި ނިދިފައިތިބި ޖާހިލްތަކުން ހޭލެއްވުމަށްޓަކައި ޢައްލާމާ އިބްނުލް ވަރުދީ އެކަލޭގެފާނުންގެ ލާމިއްޔަތެވެ ކިޔުނު ޤަޞީދާގައި ބުނުއްވިއެވެ.

صَدِّقِ الشَّرْعَ وَلَا تَرْكَنْ إِلى *** رَجْلٍ تُرْصِدُ بِاللَّيْلِ زُحَلْ

” صَدِّقِ الشَّرْعَ ކަލޭ ޝަރީޢަތް ތެދުކުރާށެވެ. وَلَا تَرْكَنْ އަދި ކަލޭ އިޢުތިމާދު ނުވާށެވެ. إِلى رَجْلٍ  މީހެއްގެ ކިބައަށް تُرْصِد އެމީހާ ފާރަވެރިވެ ބަލަބަލާ ހުންނަ بِاللَّيْلِ ރޭގަޑުގައި، زُحَلْ زُحَلْއެވެ ކިޔާ ތަރި”

މިބައިތުގެ މަޢުނައީ، ސަލާމާއި ޞަލަޥާތްލެއްވި އިތުރު رسول الله ގެ ފާނު މާތްކަލާގެ ޙަޟުރަތުން، އެކަންކަމާއިގެން ވަޑައިގަތްހައި ކަމެއް ތެދުކުރާށެވެ. މިހެނީ އެކަންތައް ތެދުކުޅައުން ކޮންމެ މީހަކު މައްޗަށް ވާޖިބުވާ ހުއްޓެވެ. އަދި ރޭގަޑުގައި ޒުޙަލެވެ ކިޔާ ތަރިޔާއި އެނޫން ތަރިތަކަށް ބަލައި ރަޞްދުކުރާ ނުޖޫމީންގެ ކިބައަށް އިޢުތިމާދުވެ އެމީހުންގެ ބަސް ތެދު ނުކުރާށެވެ.

މިޅެން ހެއްދެވި ކަލޭގެފާނު ޅެމުގެ ޤާފިޔާއަށްޓަކައި ޒުޙަލަށް ބަލާމީހާ އެވެ ވިދާޅުވީކަމަކު އެބަހުން އެކަލޭގެފާނުން ގެ މުރާދުފުޅަކީ ޒުޙަލާ އަދި އެނޫންވެސް ތަރިތައް ހިގާގޮތްބަލައި، އެކަމުން ޢާލަމްގައި، ޙާޞިލްވާނޭ ކަންތަކުގެ ޚަބަރު އަންގާ ނުޖޫމީ ޢިލްމުވެރީންނެވެ. ފަހެ އެމީހުން ގެ ބަސް ތެދުކުރުން ހެޔޮނުވާ ހުއްޓެވެ. އަދި ބުރަންމާނީންނާއި، ޢައްރާފުންނާއި، ރަމަލުވެރީންގެ ބަސްވެސް މިފަދަމެއަ، މިނަން ގެނެވުނު މީހުން ޣައިބުގެ ޚަބަރު ދަންނަކަމަށް ހީކޮށްފިމީހާ ކާފިރުވެދާ ހުއްޓެވެ. والعياذ بالله

އަޅުގަޑު މިބުނާ ކަންތަކާއިމެދު ވިސްނުމުގެ ނަޒަރެއް ހިންގާލާ ލެއްވުން އެދެމެވެ.

އެކަކު އެތައް ދުވަހަކުއްސުރެ، މޮޅު އިރުވަރެއް ބަލައިގެން ބެހެއްޓި މަސްދޯނި ދެތިން މަޑޫ ޖެހިތަނާ ބަދެވޭނެ ގޮތް ދަތިވެ މަސައްކަތް ހުއްޓިއްޖެއެވެ. ދެން ފެނުނީ އެހެންހުރެ ޖެހުނު ދެތިން މަޑުލާއި، ފަށަންކަޑޫ، ބޮއި ހަލާކުވާ ތަނެވެ. އެފަދަ މޮޅު އަނެއް އިރުވަރުގައި ބިންގާއެޅި ތިމާގެ ގެ  އުނަގަޑާއި ހަމައަށް ރޭނިތަނާ ތަކެތި ހުސްވެ ރޭނޭނޭ ގޮތެއްނެތި ހުއްޓާލާން ޖެހިއްޖެއެވެ. ދެން ފެންނަމުން ދަނީ، އެތާ ބެހެއްޓި ދޮރުތައް އަތްވާއި ވާރޭގެ ސަބަބުން ފީވެ ރޭނުނު ތަނުން ބައެއް ތަންތަން، ވެއްޓެމުން ދާތަނެވެ.

އަޅުގަޑު މިބުނަނީ އަވަހަށް ދޯނި ބެދުމުގެ ބާރު ހުންނަނީ މުޝްތަރީސާޢަތުގައި ބެހެއްޓީމާ ކަމުގައި ވަނީނަމަ، ނުވަތަ އަވަހަށް ގެ ނިމުމުގެ ބާރުވަނީ، ކެތި މެދުޖެހޭއިރު ބިންގާ އަޅައިގެން ކަމުގައި ވަނީނަމަ މުޝްތަރީސާޢަތުގައި ބެހެއްޓި ދޯންޏެއް ކެތިމެދު ޖެހުނުއިރު ބިންގާ އެޅި ގެއެއް ނުނިމި ހުންނާކަށް ނުޖެހުނީއެވެ. މިވީ ކަންތަކުން އެގުނު އެއްޗަކީ، ކޮބައިބާވައެވެ. އެގުނު އެއްޗަކީ އެދޯނި ބެހެއްޓި ނުވަތަ އެގޭގެ ބިންގާއެޅި މޮޅު އިރުވަރުގައި އެ ކަންތައް ނިންމައި ދިނުމަށް އެއްވެސް ބާރެއް ކުޑަވެސް އެހީތެރިކަމެއް ނުވާކަމެވެ. ބާރެއް އެހީތެރިކަމެއް ނުވާ އެއްޗެއްގައި ހިފައިގެން އުޅުމުގެ ބޭނުމެއް އެބައޮތްތޯއެވެ.

އަނެކަކު ދޯނި ބެހެއްޓީ، ދޯނި ބަންނާނޭ ލަކުޑިއާއި ރުކާއި، ކޮއްތާއި، ވަޑިން ތައްޔާރުކޮށްފައި އެއްވެސް އިރުވަރެއް ނުބަލައެވެ. ކަމަޅި ވަޅުވީ ޞަލަޥާތް ފާތިޙާ ކިޔަވާ ބިސްމި ކިޔާފައެވެ. މި މީހާގެ ދޯނި ހުއްޓުމެއް ނާރާ މަސްދުވަހުގެ ތެރޭގައި ބަދެ ނިމިއްޖެއެވެ. މިގޮތުގައި ބިންގާ އެޅި ގެވެސް އެކަމަށް އެކަށީގެންވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރާނާ ހިޔާކޮށް ނިމިއްޖެއެވެ. މިވީ ކީއްތޯއެވެ.

މިވީގޮތުން އެގުނު އެއްޗަކީ، ކުރާން ފެށި ކޮންމެ ކަމެއްވެސް ނިމުމުގެ އެންމެ ބޮޑު ބާރު ލިބެނީ، ކީރިތި ﷲގެ ކިބަފުޅުން ކަމެވެ. ކުރާކަމެއް ކުރިއަށް ގެންދިއުމާއި، އަވަސް ކުޅައުމުގެ އެހީތެރިކަން ވަނީ އެކަމެއް ކުރާނޭ ސާމާނާއި، ކުރާން ތިބި ބަޔަކުގެ އަތްމަތީގައި ކަމެވެ.

ސުއާލު :- ތިޔަ ބުނަނީ، ރަގަޅު އިރުވަރެއްގައި ބެހެއްޓި މަސްދޯންޏެއް، ނުވަތަ އިރުވަރުގައި އަޅަންފެށި ގެއެއް، ދުވަހަކުވެސް ނުނިމޭނޭ ކަމަށްހޭ؟ އެހެނެއް ނުވޭތާއޭ އަހަރެން މިބަންނަ ދޯނިތަކާއި މިއަޅާ ގެތައް މިއަޅަނީ، ހައްތާވެސް މޮޅު އިރުވަރު ބަލައިގެންނެވެ. އެ ދޯނިތައް ނިންމައިގެން މިމަހަށް ދަނީއެވެ. އެގޭގައި، އުޅެމުން މިދަނީއެވެ. . މިކަންކަން މިހެން ވަމުންދާއިރު ތިޔަ ބުނަނީ ކީކޭތޯއެވެ؟

ޖަވާބު :- މި ބުނަނީ އިރުވަރު ބަލައިގެން ބެހެއްޓި ދޯންޏެއް ނުވަތަ އަޅާން ފެށި ގެެއެއް ދުވަހަކުވެސް ނުނިމޭނެއެކޭ ނޫނެވެ. މި ބުނާ އެއްޗަކަށް ނުވިސްނެވިކަމީ ހިތާމަހުރި ކަމެކޭ.

މިބުނާ އެއްޗަކީ، ތިޔަ ބުނާ މޮޅު އިރުވަރުގައި ބެހެއްޓި ކިތައްމެ ދޯންޏަކަށް މަސް ނުބޭވިގެން ހުއްޓާނުލާ ފަންޑިތަ ހަދާ ނިއުޅުން ކޮށް ކާށިޖަހާތަން ފެންނަ ލެކެއް މަދެއް ނޫނޭ. އެފަދަ މޮޅު އަނެއް އިރުވަރުގައި އެޅި ގެއެއްގައި އުޅޭނޭ މީހުން، އަށަނުގަތުމާއި ދަތިޙާލުގައި އުޅޭންޖެހޭތީވެ އިރުވަރާއިމެދު ޝައްކުވެ ނަކަތްތެރިޔާއަށް އެއްޗެތި ގޮވަމުން އެގެ ރޫޅާލިތަނެއް ނުދެކެމުހޭ. މިގޮތަށް ކަންތައް ވަނީ ވިއްޔާ އިރުވަރަށް ނުހެއްލި، ތިޔަ ޖެހިގެން އުޅޭ ވަސްވާހުގެ ބައްޔަށް ބޭހެއް ކުރެވޭތޯ އުޅެ ބަލާށެވެ. ތިޔަ ބާޠިލް އިޢުތިޤާދު ހިތުން ފިލުވާލާފައި މިންވަރަށް އީމާންވާށެވެ.

ނަކަތްތެރިކަމާއި އިރުވަރުން ކަންތައް ކުރުމުގެ އެއްވެސް ބޭނުމެއް ފައިދާއެއް ނެތްކަން އެތައް ފަހަރަކު އެތައް ކަމަކުން ތަޖުރިބާ ލިބި އެގޭ އިރުވެސް ހޭނާރާ މީހުން ހޭއަރުވާން ހަދާނޭ ފަންޑިއަތައަކީ، ނުވަތަ ކުރާނޭ ބޭހަކީ ކޮބައިތޯއެވެ.

اللَّهُمَّ سَلِّمْنَا مِنْ آفَاتِ الدُّنْيَا وَأَهْوَالِ الْآخِرَةِ إِنَّكَ عَلى كُلِّ شَيْءٍ قَدِيْرُ * وَصَلَّى الله عَلى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّم.

(ނިމުނީ)

***

([1])– އެއްވެސް މައްސަރެއް، އެއްވެސް ދުވަހެއް، އެއްވެސް ސާޢަތެއް ޚާއްޞަކޮށްގެން އެ މައްސަރެއްގެ، އެ ދުވަހެއްގެ އެ ސާޢަތެއް ބަރަކާތަށް އެދިގެން ކަމެއް ކުރަން ވާނީ، އެމައްސަރަކަށް، އެދުވަހަކަށް، އެސާޢަތަކަށް، ޝަރުޢުގައި ކަނޑައެޅިފައިވާ ކަންކަމެވެ. މިސާލަކަށް، ރަމަޟާން މަހަށް ބައްލަވާށެވެ. އެމަހުގައި ރޯދަ ހިފުމާއި، ރޭ އަޅުކަން ކުރުމާއި، ޤުރުއާން ކިޔެވުމާއި، ދީލަތިވުމަކީ އެހެން މައްސަރުތަކަށްވުރެ އިތުރުވެގެންވާ ބަރަކާތްތެރިވެގެންވާ މައްސަރެކެވެ.

ހަމައެގޮތަށް، ހުކުރު ދުވަހަށް ބައްލަވާށެވެ. ހުކުރު ދުވަހުގައި، މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ގިނަ ކުރުން ވަނީ މޮޅު އިތުރުކަމެއްގެ ގޮތުގައި ޝަރުޢުގައި ބަޔާން ކުރައްވާފައެވެ. ކަހަފް ސޫރަތް ކިޔެވުންވެސްމެއެވެ. ދުޢާ އިޖާބަ ކުރެވޭ ވަޤުތެއް ވާތީ، އެ ވަޤުތު ދިމާވޭތޯ އެދުވަހުގައި ދުޢާކުރުން ގިނަކުރުން ސުންނަތް ވެގެންވެއެވެ. ނަމަވެސް، ހުކުރު، ހުކުރު ދުވަހަށް ވީތީއޭ ކިޔާފައި ރޯދަ ހިފުން ވަނީ މަނާ ކުރައްވާފައެވެ. މިއިން އެނގިގެން ދަނީ މައްސަރެއްވެސް އަދި ދުވަހެއްވެސް މަތިވެރިކުރުމާއި، އެދުވަހެއްގެ ބަރަކާތް ލިބިގަތުން ވަނީ، ޝަރުޢުގައި އެކަމަށް ދަލީލު ލިބޭ ކަންކަމުން ކަމެވެ.

އެގޮތަށް ބަލާއިރު، ހޯމަ ބުރާސްފަތީގައި ވަނީ ރޯދަ ހިފުން ސުންނަތް ކުރައްވާފައެވެ. އެހެންކަމުން، އެ ދެވަހުގެ ބަރަކާތް ޙާސިލުކުރަން އޮތީ ރޯދަ ހިފުމެވެ. އެއާ ޚިލާފަށް، މިއީ ހޯމަ ދުވަހޭ މިއަދު ތިމަންނަ ކިޔަވާނީ ޞަލަވާތް ފާތީޙާ އޭ ބުނެ އެކަން ކުރުން ރަނގަޅެއް ނުވާނެއެވެ. އެހެނީ، ހޯމައަށް ވީތީއޭ ކިޔާފައި އެކަން ކުރާކަށް ޝަރުޢު ކުރެވިފައި ނުވެއެވެ. ޝަރުޢު ކުރެވިފައި ވަނީ ރޯދަ ހިފުމަށެވެ.

ރަޖަބު މަހަށް ބަލާއިރު، ޖަރަބް މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކުގެ ތެރެއިން މަހެކެވެ. ނަމަވެސް، އެ މަހުގައި ވަކި އަޅުކަންތަކެއް ޚާއްޞަކޮށްގެން ކުރުން، ޞައްޙަ ގޮތުގައި ވާރިދުވެފައިއެއް ނުވެއެވެ. ވަކި ނަމާދެއް، ވަކި ރޯދައެއް ހިފުން ޚާއްޞަވެގެން ނުވެއެވެ.  ޙުރުމަތްތެރި މަސްތަކުގެ ޚާއްޞިއްޔަތަކީ، ޤުރުއާނުންވެސް އެނގޭގޮތުގައި، އެމަސްތަކުގައި، އިސްވެ ހަނގުރާމަ ފެށުން ހުއްދަވެގެން ނުވާކަމެވެ.

ހަމަ އެފަދައިން، ރަބީޢުލް އައްވަލު މަހުގައިވެސް ވަކި ޚާއްޞަ އަޅުކަމެއް، ވަކި ޚާއްޞަ ނަމާދެއް، ވަކި ޚާއްޞަ ރޯދައެއް ހިފާކަށް ވާރިދުވެފައިނުވެއެވެ.

އެހެންކަމުން، މިނުކުތާއަށް ވިސްނެވުން ހުއްޓެވެ.

(ޝަފީޢު ޢަބްދުﷲ)

ޚިޔާލު ފައުޅުކުރުން