އަޅުގަނޑުމެން ބައިބައިވެ ނިމިއްޖެއެވެ!

ޒަމާނީ ޑިމޮކުރަސީގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް މަލްޓި-ޕާޓީ ނިޒާމް އައީ އުއްމީދުތަކެއްގެ ފޮނި ހުވަފެން ދައްކަމުންނެވެ. ނަމަވެސް، އެ އުއްމީދުތަކުގައި ޙަޤީޤީ ކުލަ ޖެހެމުންދާ ތަނެއް ނުފެނެއެވެ. އެއާ ޚިލާފަށް އަޅުގަނޑުމެން ބައިބައިވެ ނިމިއްޖެއެވެ. ކުލަތައް ވަކި ވަކި ވެއްޖެއެވެ.

އަޅުގަނޑުގެ އެބުނުމަށް ބައެއް މީހުން ޒުވާބު ދީފާނެއެވެ. އެއީ ނިޒާމުގެ މައްސަލައެއް ނޫނެވެ. އެއީ ދިވެހިންގެ މައްސަލައެކެވެ. ދިވެހިން އަދި މި ނިޒާމަށް ތަސައްރަފު ނުފުދެނީއެވެ. ދުނިޔޭގެ އެހެން ޑިމޮކުރަސީތަކުގައިވެސް މަލްޓި-ޕާޓީ ނިޒާމު އެބައޮތެވެ. އެކަމަކު، އެމީހުން ތަސައްރަފު ފުދެއެވެ. އެމީހުންގެ ނިޒާމަށް އެމީހުން ފަރިތައެވެ. މިކަހަލަ ގޮތަކަށް ބުނެ އަޅުގަނޑަށް ރައްދު ދީފާނެއެވެ.

މުޅިން ގޯސް ޒުވާބެއް ނޫނެވެ. ޒުވާބުގައިވާ ބައެއް ކަންތައް އަޅުގަނޑުވެސް ހެޔޮ ހިތުން ގަބޫލުކުރަމެވެ. ރަނގަޅެވެ. ދިވެހިން މި ނިޒާމަށް ތަސައްރަފު ނުފުދެނީއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ބޮލުގައި މި ބަދުނާމު އަޅުވާފައި ފުއްދާލުމީ އިންސާފެއްތޯއެވެ؟ ހުޅަނގުން ޑިމޮކުރަސީގެ “ކޭކު” ބައްލަވައިގެން ވަޑައިގެން ތިއްބެވި ވެރީން ކޮބައިތޯއެވެ؟ ޑިމޮކުރަސީގެ އަނދުން ދިވެހިންގެ ލޮލުގައި އެޅުވި ޗެމްޕިއަނުން ކޮބައިތޯއެވެ؟ އެބައިމީހުންގެ ތަސައްރަފު ފުދިފައިވާ މިންވަރު އަޅުގަނޑުމެންނަށް އެބަފެނެއެވެ. ޕޯޑިއަމްތަކުން އެބައިމީހުންގެ “ތަހުޒީބީ” ބަހުރުވަ އަޅުގަނޑުމެންނަށް އެބަ އިވެއެވެ.

ޑިމޮކުރަސީ ޗެމްޕިއަނުންގެ ޕޯޑިއަމްތަކުން ފިލާވަޅު ނަގައިގެން އަންނަ ދިވެހިންގެ އަޚްލާޤީ ފިޠުރަތު ކިލަނބުވެދެއެވެ. ކުލައިގެ ތައައްސަބު އުތުރި އަރައެވެ. ދިވެހި ޤައުމު ބައިބައި ކޮށްލީ އެ ޗެމްޕިއަނުންނެވެ. ކުލަތަކަކަށް ރައްޔިތުން ބަހައިގެންނެވެ. ގޭގޭގެ ފާރުތަކުން ފެށިގެން ފާހާނާ ތައްޓާ ހަމަޔަށް ވަކި ކުލައެއް ޖައްސުވާ ކުލައިގެ ތައައްސުބުގައި ޖެއްސީ އެބައިމީހުންނެވެ.

އެހެންކަމުން، އަނބިމީހާގެ ކުލަ ތަފާތުވެއްޖެނަމަ، އެހިސާބުން އަނބިމީހާއަކީ ހަތުރެކެވެ. ލޯބިން ހޭދަކުރި މަޒީ އެއީ ނެތް އެއްޗެކެވެ. ވަރިވެސް ކުރަންވީއެވެ. ޕޯޑިއަމް ދޮށުން، ގެއަށް އަންނަ އިރު، އެއްބަނޑު މީހާގެ ކުލަ ތަފާތުނަމަ، ރަޙިމުގެ ގުޅުން އެ ހިސާބުން ކެނޑުނީއެވެ. އެއް މައެއްގެ ބަނޑު ހިއްސާކުރިކަން އެއީ ކުށަކަށް ވެދެއެވެ. ޕޯޑިއަމް ދޮށުން އައިރު، މައިންބަފައިންގެ ކުލަ ތަފާތެވެ. އެ ހިސާބުން، އެބައިމީހުންނާ އަގައިން ބުނުން މަނާވީއެވެ. ބަނޑުއަޅާ ތިމާގެ މަންމަ އުފުލި ވޭން އެއީ އެއްވެސް އެއްޗެއް ނޫނެވެ. ބައްޕަ ލޯބޯ ފިއްސައިގެން ތިމާއަށް ކުރި ޚަރަދު ހަނދާން ނެތުނީއެވެ. ޑިމޮކުރަސީގެ މަތިފަޑީގައި ތިބި އުސްތާޛުންގެ ކައިރިން ދަރިވަރު ވުމުގެ ނަތީޖާ ކިހާ ރަނގަޅުތޯއެވެ؟

މިފަދަ ލިޔުމެއްގައި ރައްޔިތުންގެ މަޖިލިސްގެ ވާހަކަ ހިމަނައި ނުލައި ކުރިއަށް ދިއުމަކީ ނާއިންސާފެކެވެ. އެހެންކަމުން، މަޖިލިސް ދޮށަށް ޖެހިލަމާ ހިނގާށެވެ. ގިނަ ބަޔަކު އެތަން ސިފަކުރަނީ ދިވެހި ކަސޯޓީ ޝޫޓް ކުރާ ސްޓޫޑިއޯއެއްގެ ގޮތުގައެވެ. ހުރިހާ ވައްތަރެއްގެ މަންޒަރު އެތަނުން ފެނެއެވެ. ނަމަވެސް، މި ކަސޯޓީއަކީ 18 އަހަރުން މަތީ މީހުންގެ ޝޯއެކެވެ. އަދި މިއީ ޢާއިލީ މީހުން އެއް ތަނެއްގައި ތިބެގެން ބެލުން މަނާ ޑުރާމާއެކެވެ.

ކޮންމެއަކަސް ދިވެހި ސިޔާސީންގެ ޙާލަތު ހުރީ މިދެންނެވި ހިސާބުގައެވެ. ޒާތީ ތައައްސުބާއި ޕާޓީ ހަމިއްޔާ ވަނީ އޭގެ އެންމެ ކުއްނަށް އަރާފައެވެ. ސިޔާސީންގެ މުށުތެރޭ ތާށިވެ މުޅި ޤައުމު ލޫދެނީއެވެ. ޤައުމުގެ އަޚުލާޤިއްޔާތު ފުނޑުފުނޑުވެއްޖެއެވެ. ހިތްތައް ބައިބައި ވެއްޖެއެވެ. ގައުމުގެ ވަޙުދަތަށް ލޮޅުން އަރައިފިއެވެ. ޤައުމުގެ ލާބަޔާއި މަންފައަށްވުރެ ބޮޑަށް ގިނަ ރައްޔިތުން މިހާރު އިސްކަންދެނީ ތިމާމެން ނިސްބަތްވާ ކުލައަށެވެ. ޕާޓީ ވަކިގޮތަކަށް ކަނޑައެޅީމައި ދުވާލު ރޭގަނޑަށްވެދެއެވެ. އަދި ބާޠިލު ޙައްޤަށްވެދެއެވެ.

ޕާޓީތަކުގެ އަސާސީ ޤަވާއިދު ގޯހެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީވެސް ގޯހެއް ނޫނެވެ. މިއިން ކޮންމެ އެއްޗެއްގައި އިސްލާމްދީނުގެ ވާހަކަ އާދެއެވެ. އިސްލާމްދީނުގެ އަސާސަކީ ޕާޓީގެ އަސާސުކަމުގައި ލިޔެވިފައި އޮވެއެވެ. ގޯހީ ސިޔާސީންނެވެ. ހުރިހައި ކަމެއްގައި އެބައިމީހުންގެ ހިތަކީ ގޮތް ކަނޑައަޅާ ޙާކިމެވެ. ހުރިހާ ކަމެއްގައި އެބައިމީހުންގެ ފިކުރެވެ. އިސްލާމްދީނާ ފުށުއަރާ އަދި ޕާޓީގެ އަސާސީ ޤަވާއިދާ ފުށުއަރާ ކިތަންމެ ކަމެއް އެބައިމީހުންގެ ހަވާ ނަފުސަށް ނިންމައެވެ. އިސްލާމްދީނާއި ޤާނޫނު އަސާސީއާ ޚިލާފަށް އެތައް ޤާނޫނުތަކެއް ހަދައި ފާސްކުރެއެވެ.

ދެރަކަމަކީ ހަމައެކަނި މިއެއް ނޫނެވެ. ދެރަކަމަކީ، އަޅުގަނޑުމެން ރައްޔިތުން އެބައިމީހުންގެ މި ޢަމަލުތަކާއި ފިކުރުތަކަށް ތަރުހީބު ދޭ ކަމެވެ. ދެރަކަމަކީ، އެބައިމީހުން ބުނިހާ އެއްޗެއް، އަޅުގަނޑުމެން ގަބޫލުކުރާ ކަމެވެ. ދެރަކަމަކީ، ދީން މަތިން އަޅުގަނޑުމެންވެސް ހަނދާން ނެތޭ ކަމެވެ. ދެރަކަމަކީ އެބައިމީހުން ޖައްސާ ކުލައިގެ ތައައްސުބުގައި އަޅުގަނޑުމެން ޖެހޭކަމެވެ. ދެރަކަމަކީ، އެބައިމީހުންގެ އެދުމަށް އަޅުގަނޑުމެން ބައިބައިވެގަންނަ ކަމެވެ.

މިއީ އަޅުގަނޑުމެން ހިތާމަކުރަން ޖެހޭފަދަ ޙާލަތެކެވެ. އަޅުގަނޑުމެނަކީ ކުޑަ އާބާދީއެކެވެ. މުސްލިމް އާބާދީއެކެވެ. ގިނަ ސިޔާސީން، އެބައިމީހުންގެ ދީނެއްކަމުގައި ބަލާފައިވަނީ އެބައިމީހުންގެ ހަވާ ނަފްސެވެ. ވުމާއެކު، މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ އިލްތިމާސަކީ، ދީނާގެން އަޅުގަނޑުމެން އެންމެން ތެދުވުމެވެ. ފިކުރީ މި ހަނގުރާމައިގައި ދީން ހިމާޔަތް ކުރުމަށް އެއްބައިވަންތަވުމެވެ.

 

ޚިޔާލު ފައުޅުކުރުން