މަސްޖިދުލްއަޤްޞާ މަތިން ހަނދާން ނައްތައި ނުލާށެވެ!

މަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ ތިން ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެކެވެ. ކައު އިތުރު ނަބިއްޔާ صلى الله عليه وسلم އިސްލާމްދީނާއިގެން ވަޑައިގެން އެންމެ ފުރަތަމަ ކުރިމަތިލެއްވި ޤިބުލައަކީ ވެސް އެއީއެވެ. އެކަލޭގެފާނު އިސްރާއު ކުރެވުނީ އެތަނަށެވެ. އަދި މިޢުރާޖަށް އަރައިވަޑައިގަތީ ވެސް އެތަނުންނެވެ. މިހިރަ ސަބަބުތަކާ ހުރެ މަސްޖިދުލްއަޤްޞާއަށް މުސްލިމުންގެ ހިތުގައި ދެވިފައި ވަނީ އިންތިހާ ދަރަޖައިގެ މަތިވެރިކަމަކާއި ޤަދަރެއްކަން ކަށަވަރެވެ.

1917 ގައި އިނގިރޭސި ދައުލަތުން ޔަހޫދީންނަށް ފަލަސްޠީނު ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކޮށްދޭނެ ކަމަށް ވި ވަޢުދާއެކު، ދުނިޔޭގެ އެތަން މިތަނުން ޔަހޫދީން އެތަނަށް ގެނެވި ވަޒަންވެރި ކުރެވެން ފެށިއެވެ. އަދި 1948 ގައި އިޒްރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް ރަސްމީ ސިފައެއްގައި ޤާއިމު ކުރެވިގެން ދިޔައެވެ.  އެއިރުން ފެށިގެން މިއަދާ ހަމައަށް ވެސް އެބައިމީހުންގެ އެންމެ އިސް ކަމަކަށް ވެފައި ވަނީ ފަލަސްޠީނު ރައްޔިތުންގެ ބިމާއި ގެދޮރު ގަދަކަމުން ފޭރުމެވެ. މަސްޖިދުލްއަޤްޞާ ހުރި ތަނަކީ އެބައިމީހުންގެ މުޤައްދަސް ތަނެއްކަމަށް ދަޢުވާކޮށް، އެތަނުގައި އެބައިމީހުންގެ “ތިންވަނަ ޓެމްޕަލް” އެޅުމަށެވެ. މާޒީގެ ޞަފްޙާތަކަށް ބަލާއިރު މުޅިން ވެސް ފެނިގެން ގޮސްފައި ވަނީ ފަލަސްޠީނު ބިމުގައި އެބައިމީހުން ހިންގާފައިވާ ރަޙުމުކުޑަ އަނިޔާވެރިކަމާއި ޤަތުލުޢާންމެވެ.

މިހާރު ހިނގަމުން މި ދާ އަނިޔާވެރިކަމާއި ޢުދުވާނަކީ ވެސް އެއިގެ ސިލްސިލާ ބޮޅުތަކުގެ ތެރެއިން ބޮޅެކެވެ. ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް މަސްޖިދުލްއަޤްޞާގައި ނަމާދު ކުރާ މުޞައްލީންނަށް އަނިޔާވެރިވެ އެތަނުގެ ޙުރުމަތް ކަނޑައިލުމަކީ އެބައިމީހުންގެ ސުންނަތަކަށް ވަނީ ވެފައެވެ. ފަލަސްޠީނުގެ ޣައްޒާގެ އެތަންމިތަނަށް ބޮން އަޅައި މުޅި ރަށް ކުދިކުދިކޮށް ބިމާ ހަމަ ކުރުމަކީ އެބައިމީހުންނަށް ލިބޭ އުފަލެކެވެ.

ދިވެހި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ކަލާނގެ ޙަޟްރަތަށް ދެ އަތް އުފުލައި ދުޢާ ކުރާށެވެ. އަޅުގަނޑުމެންގެ އަނިޔާ ލިބެމުންދާ އަޚުންނާއި އުޚުތުންގެ ޙައްޤުގައި އަޅުގަނޑުމެންނަށް އެންމެ ކުޑަ މިނުން ކުރެވޭނެ ކަމަކީ އެއީ އެވެ. އިޒްރޭލުގެ ނުބައި ނުލަފާ ޖައްބާރު ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްޠީނުގެ މުސްލިމުން ރައްކައުތެރި ކުރެއްވުމަށް އެދި ދުޢާ ކުރާށެވެ. އެ ނުބައި ނުލަފާ ޔަހޫދީން ބަލިކަށި ކުރައްވުމަށް އެދި ދުޢާ ކުރާށެވެ. ފަލަސްޠީނުގެ ބިން މިނިވަންވުމަށް އެދި ދުޢާ ކުރާށެވެ. ދުޢާ އަކީ މުއުމިނުންގެ ހަތިޔާރުކަން ކަށަވަރެވެ.

ޔަހޫދީ ޞަހްޔޫނީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލާށެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިން ކައިރީގައި ފަލަސްޠީނުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާ ކުރާށެވެ. އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ނިރުބަވެރި ޢަމަލުތަކާ ދެކޮޅަށް ބަސްބުމަށް ސިޔާސީ ލީޑަރުންނަށް ގޮވައިލާށެވެ. އިސްލާމީ ޤައުމުތައް އެއްބައިވަންތަވެ ޞަހްޔޫނީންނާ ދެކޮޅަށް އެކީއެކަށް ތެދުވުމަށް ގޮވައިލާށެވެ. އިޒްރޭލުގެ އުފެއްދުންތައް ބޮއިކަޓް ކުރުމަށް ގޮވައިލާށެވެ.

ދުޢާ އަކީ، ފަލަސްޠީނު ރައްޔިތުންނަށް ނަޞްރު ދެއްވައި ޔަހޫދީ ޞަހްޔޫނީ ދައުލަތް ބަލިކަށި ކުރެއްވުމެވެ. އާމީން!

 

(ނޯޓު: މިއީ 21 މޭ 2021 ގައި ނެރުނު ދީނުގެމަގު މަޖައްލާ ޢަދަދު 20 އަށް ލިޔެފައިވާ މަޒުމޫނެކެވެ.)

ޚިޔާލު ފައުޅުކުރުން