އުންމަތުގެ މައިބަދައަކީ ޒުވާނުން

އިންސާނަކު ދުނިޔެއަށް އުފަންވުމަށްފަހު އޭނާގެ ޙަޔާތަށް އެކިއެކި މަރުޙަލާތަކެއް އައުދެއެވެ. މި މަރުޙަލާތަކުގެ ތެރެއިން އެންމެ މުހިންމު މަރުޙަލާ އަކީ ޒުވާންކަމުގެ މަރުޙަލާއެވެ. ޒުވާންކަމުގެ ދުވަސްވަރެވެ.

މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކަށް ނަޒަރު ހިންގައިލުމުންވެސް މިކަން ވަރަށް ބޮޑަށް ސާފުވާނެއެވެ. އެގޮތުން، ޤިޔާމަތްދުވަހުން ޢަރްޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި މާތް ﷲ އަށް އަޅުކަން ކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާގެ ވާހަކަ ހިމެނިފައިވެއެވެ. ހަމައެހެންމެ، އިންސާނާ މަރުވުމަށްފަހު، ޤިޔާމަތްދުވަހުން އޭނާއާ ހަތަރު ސުވާލެއް ކުރެވި، އެ ސުވާލުތަކަށް އޭނާ ޖަވާބު ދީފުމަށްދާންދެން އޭނާގެ ފައި ހުރިތަނުން ގުޑުވައި ނުލެވޭކަމަށް އައިސްފައިވާ ޙަދީޘްފުޅުގައިވެސް ޒުވާންކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެ ކަމަށް ބަޔާންކުރައްވާފައިވެއެވެ. މި ޙަދީޘްފުޅުގައި އިތުރަށް ފާހަގަކުރެވޭ ކަމަކީ، އެ ހަތަރު ކަންތަކުގެ ތެރޭގައި ޢުމުރާ ބެހޭގޮތުން ސުވާލު ކުރެވެއެވެ. ޒުވާން ދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. ނަމަވެސް، ޢުމުރާ މެދު ސުވާލު ކުރެވި، އަދި ޒުވާންކަމާމެދު ވަކިން ސުވާލު ކުރެވުމުން އެއިން އެނގިގެން ދަނީ ޒުވާންކަމުގެ ދުވަސްވަރުގެ މުހިންމު ކަމެވެ. އެ ދުވަސްވަރުގެ ޒިންމާ ބޮޑު ކަމެވެ. ޒުވާނުންގެ މުހިންމު ކަމެވެ.

އިސްލާމީ އުންމަތުގެ މައިބަދައަކީ ޒުވާނުންނެވެ. އުންމަތް ނަގައި ކޮޅަށް ޖެހޭނީ ޒުވާނުންނަށެވެ. އުންމަތުގެ ކުރިމަގު އުޖާލާ ކުރެވޭނީ ޒުވާނުންނަށެވެ. ވުމާއެކު، ޒުވާނުންނަކީ ބޭކާރުގޮތުގައި ވަޤުތު ހޭދަކޮށް، ބޭކާރު ކަންކަމުގަޔާއި ކުޅިމަޖަލުގައި ސައުވީސް ގަޑި ހޭދަކުރާ ބަޔަކަށް ވެގެން ނުވާނެއެވެ.

މާތް ނަބިއްޔާ ﷺ އަށް އިސްލާމްދީނުގެ ރިސާލަތު ލިބިވަޑައިގަތުމާއެކު، އެކަލޭގެފާނަށް އެންމެ ބޮޑަށް އިޖާބަދެއްވި ބޭކަލުންނަކީ ޒުވާން ޞަޙާބީ ބޭކަލުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު، އުންމަތާއިގެން ތެދުވެ ވަޑައިގެން ދުނިޔޭގެ ހަ ބިތަށް އިސްލާމްދީނުގެ އަލިގަދަ ނޫރު ފެތުރުއްވެވީ އެބޭކަލުން ކުރެއްވި ފުތޫޙާތުތަކުންނެވެ. އެއިގެ ތެރޭގައި ހަތަރު ޚަލީފާއިންނާއި، ދުނިޔެ މަތީގައި ތިއްބަވަނިކޮށް ސުވަރުގޭގެ މަތިވެރި ނިޢުމަތުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށްވެސް ބޭނުން ވަނީ އެފަދަ ޒުވާނުންތަކެކެވެ. ދިވެހި އިސްލާމީ އުންމަތް އެބަޔެއްގެ ބުރަކަށި މަތީގައި ނަގައި ކޮޅަށްޖަހައި އުފުލާނެ ބަޔެކެވެ. ޤައުމުގައި ގެއްލިފައިވާ އިސްލާމީ ތަޢުލީމާއި، ތަރުބިއްޔަތާއި، އަޚްލާޤިއްޔާތު ހިފަހައްޓައި ދިރުވާނެ ޒުވާނުން ކޮޅެކެވެ. ޤައުމު ވަނީ ޒުވާނުންނަށް ބޭނުން ޖެހިފައެވެ. އުންމަތް ވަނީ ޒުވާނުންނަށް ބޭނުން ޖެހިފައެވެ. ވަޤުތު ބޭކާރު ކޮށް ނާޗަރަންގީ ކުޅެން ހަދައިގެން އަޅުގަނޑުމެންނަށް ދެ ދުނިޔެއިންވެސް ލިބުން އޮތީ ގެެއްލުމާއި ހަލާކެވެ.

ޚިޔާލު ފައުޅުކުރުން