‏ ސެކިއުލަރިޒަމް މައްސަލައެއް ނެތްތޯ؟

 

އެއްވެސް ފިކުރަކީ ހުއްދަ ފިކުރަކަށް ވާނީ ދީނީ ތަރަހައިން އެ އެއްޗެއް ކިރުމަށްފަހު، ދީނާ ފުށު ނާރާ ނަމައެވެ. އެއީ ތަނެއްގައި އޮތް ޢުރުފަށް ނުވަތަ ބަޔަކު ޤަބޫލުކުރާ ޤަބޫލުކުރުމަކަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ.

‏އޭގައި ބަލަން ޖެހޭނީ ދީނީ އަސާސުތަކާ ކިހައި ވަރަކަށް އެއާ ގުޅޭތޯ ނުވަތަ ފުށުއަރާތޯއެވެ. ދީނުގެ ޖައުހަރާއި މުޅި އަސާސާ ދެކޮޅު ފިކުރެއް ރަނގަޅު ވާނެ އެއްވެސް ގޮތެއް ނޯންނާއެވެ.

‏ޢަލްމާނިއްޔަތަށް/ ސެކިއުލަރިޒަމަށް ބަލާއިރު، އޭގެ އަސާސަކީ އެއްވެސް މުޢުތަޤަދެއް ނެތި އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުގެ ކަންކަން ނިންމުމެވެ. މިއީ ފަހަރެއްގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް މައްސަލައަކަށް ނުވެދާނެއެވެ.

‏ދީނެއްގެ ގޮތުގައި މާތް ﷲ ބާވައިލެއްވި ދީނަކީ އިސްލާމްދީނެވެ. އެ ދީން ބާވައިލެއްވީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށެވެ. އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ދީނެއް ނޫނެވެ. އެއީ މުޢާމަލާތުގެ ވެސް ދީނެކެވެ.

‏ވުމާއެކު ޝާމިލު ޝަރީޢަތެއް އޮތް ދީނެއް ލިބިފައި ތިބި މުސްލިމުންނަށް އެބައިމީހުންގެ ޙަޔާތުގެ ކަންކަން ދީނީ އަސާސުގެ ތެރެއަށް ނުވަންނަ ގޮތަކަށް ނުނިންމޭނެއެވެ. ޤުރުއާނާއި ސުންނަތަށް ބަލައިލީމައި ވެސް ފެންނަން އޮތީ މި ޙަޤީޤަތެވެ.

‏ޙަޤީޤީ ސެކިއުލަރިޒަމް ޤާއިމު ކުރަން ބޭނުން ނަމަ، ދީނުގެ އަޙްކާމުތަކާއި ޤަވާޢިދުތަކާއި އަސާސުތަކުގެ ބޮޑު ބައެއް ފުހެލަން ޖެހެއެވެ. އެހެނީ، އިސްލާމްދީނުގައި ހުރިހާ ދާއިރާއަކަށް ވެސް އުސޫލުތަކާއި އިރުޝާދުތަކެއް ދެއްވާފައިވެއެވެ.

‏އެބައި އުނިކޮށްފައި ހަމައެކަނި ޢިބާދާތުގެ ބަޔަށް ދީން ހަނިކުރާނީ ކިހިނެއްތޯއެވެ؟ އަދި އެބާރު އެއްވެސް އިންސާނަކަށް ލިބިގެން ވޭތޯއެވެ؟ މުސްލިމުންނަށް ދީނުން ބޭނުން ބައެއް ނަގާފައި، އަނެއްބައި ދޫކޮށްލަން އިޚްތިޔާރު ވޭތޯއެވެ؟

‏ސެކިއުލަރިޒަމުން، ދީނީގޮތުން މި ދެންނެވި އަސާސުތައް އުނިވާ ނަމަ ސެކިއުލަރިޒަމަށް ވަކާލާތު ކުރުން ވެސް ހުއްދައެއް ނުވާނެއެވެ. ދީނުގެ ގިނަގުނަ ޤަޠުޢީ އަޙްކާމުތަކާއި ޘަވާބިތުތައް އެއްލައިލަން މުސްލިމަކަށް ވަކާލާތު ކުރަން ކެރޭނެތޯއެވެ؟

‏އެނގިހުރެ އެފަދައިން ވަކާލާތު ކުރާނަމަ އެމީހަކީ މުސްލިމަކަށް ވާނެތޯއެވެ؟ މުސްލިމުންނަކީ މާތް ﷲ ދީނާއި އެދީނުގެ އަޙްކާމުތަކާ ރުހި ޤަބޫލުވެގެން ތިބި ބަޔެކެވެ.  އެއީ މުސްލިމަކަށް ވުމުގެ ޝަރުޠެކެވެ.

‏މި ވާހަކަ ވަރަށް ދިގުކޮށް ވެސް ދެއްކިދާނެއެވެ. ނަމަވެސް ކުރުކޮށްލަމެވެ. މި މައުޟޫޢުގައި ދިގު ލިޔުމެއް ލިޔުމުގެ އުންމީދުގައެވެ.  إن شاء ﷲ!

 

****************************

 

(ނޯޓު: މިއީ 5 ޖޫން 2021 ގައި އަޅުގަނޑުގެ ޓްވިޓާއަށް ލިޔުނު ތްރެޑް ޕޯސްޓެކެވެ.)

ޚިޔާލު ފައުޅުކުރުން